ޔާމީންގެ ޝަރީއަތް ދައްކުވައިދޭ މަންޒަރެއް: ރައީސް ޔާމީންގެ ބޭންކު އެކައުންޓުތައް ފްރީޒް ނުކުރެވޭނެ ކަމަށް ބުނީ ސުޕްރީމް ކޯޓުން -- އާޓްވޯކް: އަބްދުﷲ ޝަފީއު / އަދަދު
ފަނޑިޔާރަކު ކަމަށް ބެލެވޭ މީހެއްގެ އަޑުއިވޭ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ލީކުކޮށްލީ ނިމިދިޔަ ހަފްތާގަ އެވެ. އެ އޯޑިއޯއާ ގުޅުވައި ތަފްސީލުވެގެން ދިޔަ ވަރަށް ގިނަ ހަބަރުތަކާއި އަޅައި ގަންނަ ޒާތުގެ ސުރުހީތަކުން ދައްކަން މަސައްކަތްކުރީ ޖުޑީޝަރީއަށް ސިޔާސީ ނުފޫޒު އޮތް މިންވަރެވެ.
ލީކުވި އޯޑިއޯގައި ވެސް ފަނޑިޔާރު ކަމަށް ބެލެވޭ މީހާ ދައްކާފައިނުވާ އެތައް ވާހަކައެއް އޭނާ ދެއްކި ކަމަށް ދޭހަވާ ގޮތަށް ބައެއް ކަހަލަ ސިޔާސީ ފަރާތްތަކުން ވާހަކަ ދައްކަމުންދެ އެވެ. އެ ބޭފުޅުން ވިދާޅުވަމުން އަންނަނީ ޝައްކެއް ނެތް މިންވަރަށް ފަނޑިޔާރުގެތަކަށް ސަރުކާރުގެ ނުފޫޒު ވަދެފައިވާ ކަމަށެވެ.
ފަނޑިޔާރުންގެ އޯޑިއޯ ލީކުކޮށްލުމާ ގުޅިގެން ޕީޕީއެމްއަށް ނިސްބަތްވާ ނުފޫޒު ހުރި ލީޑަރުން އަމަލު ކުރައްވާފައިވާ ގޮތްތަކަށް ބަލާއިރު މިކަމަކީ ފާޅުކަން ބޮޑު ގޮތުގައި އިންތިޒާމުކުރެވިގެން ހިނގާ ކަމެއްގެ ގޮތްފާޑުޖަހާ ކަމަށް ފާޑުކިޔާ މީހަކަށް ބުނެވިދާނެ އެވެ. އެއީ މައްސަލައެއް ވެސް ނޫނެވެ. ސިޔާސީ މީހުން ސިޔާސީ ކަންކަން ކުރުން އެންމެ މޮޅަށް ރާވައިގެން، އިންތިޒާމުކޮށްގެން، ކުރަހައިގެން އަދި ލިޔެގެންނެވެ.
ޑރ. ޖަމީލް ނައިބު ރައީސަކަށް ހުންނެވި ދުވަސްވަރުގެ ފޮޓޯއެއް: މިހާރު ޖަމީލަކީ ރައީސް ޔާމީންގެ ގާނޫނީ ވަކީލު -- ފޮޓޯ: ފައިލް
ހުކުރު ދުވަހު އިދިކޮޅުން "އައްޑަނަ" ނަމުގައި ބޭއްވި ޖަލްސާގައި، ސަރުކާރުގެ ނުފޫޒު ޖުޑިޝަރީއަށް ވަދެފައިވާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވަކީލު އަދި އެމަނިކުފާނުގެ ކުރީގެ ނައިބު ޑރ. ޖަމީލް ވަނީ "ހުކުމެއް" ވެސް ކުރައްވައިފަ އެވެ.
"މިރޭ ކުރާނީ ހުކުމެއް. ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް މިކަމުގެ ތެރޭގައި ހުރުމާއި ހެކި އުފެއްދުމާއި ހެކިންނަށް ނުފޫޒު ފޯރުވުމާއި ބިރުދެއްކުމާއި އަދި ފަހު ވަގުތުގައި ފަނޑިޔާރަށް ބިރު ދައްކާ ހުކުމް ފޭރިގަތުމާއި ހުކުމްކުރަން ހުރި ފަނޑިޔާރު ގަތުލު ކުރުމާއި އެއަށްފަހު އައި ފަނޑިޔާރަށް ބޮޑެތި ހަދިޔާ އާއި އިނާޔަތްތައް ދިނުމާއި މި ހުރިހާ ކަންތައްތަކެއް މި ގޮތުގެ މަތިން ސާބިތުވާތީ ހުރިހާ ބޭފުޅުންގެ އިންތިފާގާ އެކީގައި މިއަދު ފެށިގެން އެމްޑީޕީގެ އެއްވެސް މީހަކަށް އިންސާފުގެ މި ލަފުޒު ބުނުން މަނާވެއްޖެ،" ޖަމީލް ވިދާޅުވި އެވެ.
ކޮންމެއަކަސް ފަނޑިޔާރުންނާ ގުޅުވައި ދައްކާ ވާހަކަތަކުގެ ނަތީޖާއަކީ ނުވަތަ ހުލާސާއަކީ ޖުޑިޝަރީ އޮތީ ވަރަށް ބޮޑަށް ސަރުކާރުގެ ނުފޫޒުގެ ދަށުގައި ނުވަތަ ވެރިކަން ހިންގާ އެމްޑީޕީ ފިކުރުގެ ދަށުގައި ކަމެވެ. އެހެންވީމާ މިކަމަކީ ވިސްނާލުން މުހިންމު ކަމެކެވެ. ފަނޑިޔާރުގެ އޮތީ ސިޔާސީ ނުފޫޒުގެ ދަށުގައިތޯ ބެލުމަށް ސުޕްރީމް ކޯޓާއި ހައިކޯޓާއި ދަށު ކޯޓުތަކުގެ ދޮރޯށިތަކުން އެތެރެއަށް ވަދެލައި، ނަޒަރެއް ހިންގާލަންޖެހެ ވެ. ފަނޑިޔާރުގެތަކުގައި ހުރި އެއްޗެއް ފެންނާނީ އޮޅުވާލައިގެން ސިއްރުން ރެކޯޑުކޮށް، ލީކުކޮށްލާ އޯޑިއޯއަކުން ނޫނެވެ. އެތެރެއަށް ވަދެ ބަލައި ހޯދައި، ނިންމުންތަކުގެ ހަފަރާތަށް ނަޒަރުކޮށްގެންނެވެ.
ފަނޑިޔާރުގެތަކަށް ނުފޫޒެއް އޮތްތޯ ބެލުމަށް އެންމެ ފުރަތަމަ ބަލަން ޖެހެނީ އިދިކޮޅުގެ ތުހުމަތު ނިސްބަތްވާ، ރައީސް ޔާމީންގެ މައްޗަށް ހުކުމްކުރެއްވި ފަސްފަނޑިޔާރުންގެ ބެންޗަށެވެ. ބެންޗުގެ ރިޔާސަތުގައި އިންނެވީ މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދެވެ. ފަނޑިޔާރު އަލީ ރަޝީދު ކްރިމިނަލް ކޯޓަށް ބަދަލުކުރީ މިހާރުގެ ޖޭއެސްސީންނެވެ.
ރައީސް ޔާމީންގެ މައްސަލައާ ފަނޑިޔާރު އަލީ ރަޝީދު ހަވާލުވެވަޑައިގަތްއިރު މައްސަލައިގެ ހެކިބަސް ވެސް ވަނީ ނަގައި ނިމިފަ އެވެ. އަދި މައްސަލަ ކުރިން ބެއްލެވީ ބެންޗަކުން ނޫނެވެ. ކުރިން މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމެވެ. ހަމަ އެންމެ ފަނޑިޔާރެކެވެ. އޭރު އެ މައްސަލާގައި އެއް ދުވަހުން ހުކުމްކުރުމަކީ ނުކުރެވޭނެ ކަމަކީ ހެއްޔެވެ؟ އެހެނަސް އޭރުގެ އިސް ގާޒީ ހައިލަމް ވެސް އެގޮތަކަށް އަމަލެއް ނުކުރައްވަ އެވެ.
އެކަމަކު އަޅުގަނޑުމެންނަށް ފަހުން ފެނިގެންދިޔައީ ކްރިމިނަލް ކޯޓުން ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލި މަންޒަރެވެ. އެ ބެންޗްގައި ހިމެނިވަޑައިގެންނެވި އަނެއް ހަތަރު ފަނޑިޔާރުންނަކީ ކުރީގެ ޖޭއެސްސީގެ ފަރާތުން ކްރިމިނަލް ކޯޓަށް ނެންގެވި ފަނޑިޔާރުންނެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ ކްރިމިނަލް ކޯޓުން ފަސް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލެއްވިއިރު، އޭގެ ތެރެއިން ހަތަރު ބޭފުޅުންނަކީ މިހާރު މި އޮތް ޖޭއެސްސީއާ "އެ ވިދާޅުވާ ޒާތުގެ" ގުޅުން އޮތް ފަނޑިޔާރުންނެއް ނޫނެވެ.
ރައީސް ޔާމީންގެ މައްސަލަ ނިންމެވީ ބެންޗުގައި ހިމެނިވަޑައިގެންނެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
މި މައްސަލައިގައި ހައި ކޯޓަށް ބެލުމުން ޝައުގުވެރި ކަންތައްތަކެއް ފެނެ އެވެ. ކުރީގެ ޖުޑީޝަލް ސާވިސް ކޮމިޝަންގައި ރައީސްގެ މެންބަރެއްގެ ގޮތުގައި ރައީސް ޔާމީން އައްޔަންކުރެއްވި އަދި ރައީސް ޔާމީންގެ ޕީޕަލްސް އެލަޔަންސް ޕާޓީގައި ވެސް އިސް ދައުރެއް އޭރު އަދާކުރެއްވި، އެމަނިކުފާނާ ރަހުމަތްތެރިކަމުގެ ގޮތުން ވެސް ގާތް ގުޅުމެއް އެއިރު އޮތްކަމުގައި ފެނުނު ފަނޑިޔާރު މުހައްމަދު ފައިސަލްއާ މިހާރު ވެސް ހައި ކޯޓުން ބައްދަލުވެވަޑައިގަންނަވާނެ އެވެ. އެއީ ހައިކޯޓުގެ އިއްޒަތްތެރި ފަނޑިޔާރު މުހައްމަދު ފައިސަލްއެވެ.
ރައީސް ޔާމީންގެ މައްސަލަ ހައިކޯޓުން ނިންމެވިއިރު، ބެންޗްގައި ތިއްބެވި ފަނޑިޔާރު މުހައްމަދު ނިޔާޒު އާއި ފަނޑިޔާރު ހުސައިން ޝަހީދުއަކީ މިހާރުގެ ޖޭއެސްސީ އިން ހައި ކޯޓަށް އައްޔަންކުރެއްވި ބޭފުޅުންނެއް ނޫނެވެ. މައްސަލައިގައި ބެންޗް އެކުލަވާލެވުނުއިރު، މިހާރުގެ ޖޭއެސްސީން އައްޔަންކުރި ބޭފުޅުން އެކަނި ހިމެނޭ ގޮތަށް ތިން ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލެވޭ ވަރަށް މިހާރުގެ ކޮމިޝަނުން ހައިކޯޓަށް އާ ފަނޑިޔާރުން އެއިރު ތިބީ މީހުން އައްޔަންކޮށްފަ އެވެ.
މިހާރުގެ ޖޭއެސްސީއިން އައްޔަންކުރެއްވި ފަނޑިޔާރު ހުސައިން މަޒީދުގެ ރައުޔަށް އެކަނި ހައިކޯޓު ބެންޗްގެ މެޖޯރިޓީއެއް ނުލިބެ އެވެ. ފަނޑިޔާރު ހުސައިން ޝަހީދު ރައުޔު ދެއްވީ ރައީސް ޔާމީނާ އެއްކޮޅަށެވެ. ތަފާތު ރައުޔެއް ދެއްވުމަކުން ޖޭއެސްސީގެ ފަރާތުން ފަނޑިޔާރު ހުސައިން ޝަހީދު ފަހައި ދުވުނު ތަނެއް ނުފެނެ އެވެ. ފަނޑިޔާރު ހުސައިން ޝަހީދު ކްރިމިނަލް ކޯޓަށް އައްޔަންކުރެވުނީ ރައީސް ޔާމީންގެ ދައުރު ވަރަށް ބޮޑަށް ނިމެން ކައިރިވެފައި އޮއްވަ އެވެ. އަދި ވަރަށް އަވަހަށް ހައިކޯޓު ފަނޑިޔާރަކަށް އޭނާ ވެވަޑައިގެންނެވި އެވެ. އެކަމަކު އެކަމާ ގުޅުވައި އެފަދަ ޝައްކުތަކެއްގެ މައްޗަށް މިހާރުގެ ޖޭއެސްސީގެ ފަރާތުން ގަދަބާރު ދައްކައި ފަނޑިޔާރު ޝަހީދު ވަކިކުރަން އުޅޭ މަންޒަރެއް ވެސް ނުފެނެ އެވެ.
ސުޕްރީމް ކޯޓަށް ބަލާއިރު އެންމެ މަތީ ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުން ރައީސް ޔާމީނާ ގުޅޭ ގޮތުން ނިންމާފައިވަނީ އެންމެ މައްސަލައެކެވެ. އެއީ ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒްކުރި މައްސަލައެކެވެ. އޭގައި ހުކުމް އައިސްފައި އޮތީ ރައީސް ޔާމީންއާ އެއްކޮޅަށެވެ. އެހެންކަމުން ޖުޑިޝަރީގެ ބެލެނިވެރިފަރާތް އޮތީ ސިޔާސީ ނުފޫޒެއްގެ ދަށުވެފައިކަން ބުނަން ދައްޗެވެ.
ޖަލުގައި ހުންނެވި ގާސިމް ހިތުގެ ފަރުވާއަކަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަނީ -- ފޮޓޯ: ފައިލް
ސިޔާސީ ކުލަހުރި ކަމަށް ބެލެވިދާނެ ބައެއް އެހެން މައްސަލަތަކަށް ވެސް ނަޒަރެއް ދިނުމުން މައްސަލަ މިހާރަށްވުރެ ވެސް ސާފުވާނެ އެވެ. ދާދި މިދާކަށް ދުވަހު ކޯޓަށް ހާޒިރުނުވެގެން ޖަލު އަދަބެއް ކަނޑައަޅާފައިވަނީ ހިނގަމުންމިދާ ސަރުކާރުގެ އަދި އެމްޑީޕީގެ އެތެރެ ކޮއިލުގެ މަދާ ޖެހެންދެން ނުފޫޒު އޮތް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށެވެ. ސުޕްރީމް ކޯޓުން އެހުކުމް އެގޮތަށް ކުރައްވާފައިވާއިރު، ބޭސްފަރުވާ ކުރުމަށް ރައީސް ޔާމީން ސަރުކާރުގެ ނާއިބް ރައީސް ޖިހާދުގެ ޕާސްޕޯޓު ނުހިފެހެއްޓޭނެ ކަމަށް ހައިކޯޓުން ކުރެއްވި ހުކުމަށް ވެސް އެޕެކްސް ކޯޓުން ވަނީ ތާއީދުކުރައްވާފަ އެވެ.
ނައިބު ރައީސް ޖިހާދުގެ ޕާސްޕޯޓު ނުހިފެހެއްޓޭނެ ކަމަށް ކަނޑައެޅުއްވި ހައިކޯޓު ބެންޗުގައި މިހާރުގެ ޖޭއެސްސީގެ ދައުރުގައި ހައިކޯޓުގެ ފަނޑިޔާރުކަން ލިބިވަޑައިގެންނެވި ހައިކޯޓުގެ އިސްފަނޑިޔާރު ހާތިފް ހިލްމީ ވެސް ހިމެނިވަޑައިގަންނަވަ އެވެ. ފަނޑިޔާރު ހިލްމީ ވެސް ތަފާތު ރައުޔެއް ދެއްވާފައެއް ނުވެ އެވެ.
ރައީސް ޔާމީންގެ ވެރިކަން ނިމެންދިޔައިރު، ސިޔާސީ ގޮތުން ބަސްވިކޭ އެތައް ބަޔަކު ތިބީ ކުޑަ ގޮޅީގަ ހައްޔަރުކޮށްފަ އެވެ. އެއިރު އެ ބޭފުޅުން ހައިކޯޓަށް ހުށަހެޅުއްވި އެއްވެސް މައްސަލައެއް ބައްލަވައި ގޮތެއް ނިންމަވާކަށް ހައިކޯޓަށް ކެރިވަޑައެއް ނުގަތެވެ. ސަރުކާރު ހަމަ ބަދަލުވުމާއެކު ހައިކޯޓުން އިންސާފު އޮހިގަތީ، ވިއްސާރަ ވިލާގަނޑަކުން ފެންވެސް ނުވެހޭނޭ ބާރުމިނުގައި ކަމަށްވާތީ، ކުރިން އިންސާފުގެ ވާރޭ ވިލާ ވެހިގަންނަން ނުކެރި ބިރުން އޮތީ ކަމަށް ބެލުމުގެ ފުރުސަތު ލިބޭ ކަމަށް ފާޑުކިޔާ މީހުން ބުނެ އެވެ.
މިކަން މިހެން އޮތްއިރު، އެމްޑީޕީ ޕާލަމެންޓް މެންބަރުން ކަމަށްވާ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ އާއި މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ މައްޗަށް ކްރިމިނަލް ކޯޓުގައި ޖިނާއީ ޝަރީއަތްތައް ކުރިޔަށް އެބަގެންދެވެ އެވެ. އެއީ އެމްޑީޕީގެ ދުވަސްވީ މެންބަރުންނެވެ.
އިދިކޮޅު ސިޔާސީ ފިކުރަށް ބަލާއިރު، މިހާރުގެ މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މަގާމަށް ހޮވިވަޑައިގަތީ ވެސް އޭނާގެ ޖިނާއީ ތަހުގީގު ނިމިފައި އޮއްވަ އެވެ. މައްސަލަ އަވަސްވެ އެދާ ބާރު މިނުގައި ގެންގޮސް މުއިއްޒު ޖަލަށްލާން އުޅޭ މަންޒަރާ ގާތްކުރާ މަންޒަރެއް ވެސް ޖުޑިޝަރީ ތެރެއަކުން ނުފެނެ އެވެ. މުއިއްޒުއާ ވާދަކޮށްގެން ބަލިވި އަނަސް އަބްދުއްސައްތާރަކީ ޖޭއެސްސީގެ މެންބަރުންގެ ގާތް އަދި އެމްޑީޕީގައި އެތެރޭގެ އިންތިހާބުތަކުގައި އެފަދަ ދެވަނައެއް ނެތް ބޭފުޅެކެވެ.
ސިޔާސީ މީހުންގެ މައްސަލަތައް ކުރިއަށް ގެންދިޔަ ބާރުމިން މި ގައުމު ދެކެފި އެވެ. ރައީސް މައުމޫނާއި ގާސިމް އިބްރާހިމާއި މެންބަރުން އިލްހާމް އަހުމަދާއި ހުސެއިން ސިނާނާއި ފާރިޝް މައުމޫން އާއި އަދިވެސް މިލިސްޓުން ތިބިހާ ބަޔަކު ތިބީ ޝަރީއަތް ނިމެންދެން ބަންދުގަ އެވެ.
ރައީސް ޔާމީންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފުރަތަމަ ހިންގެވީ މިދެންނެވުނު މެންބަރުން ޝަރީއަތް ނިމެންދެން ބަންދު ކުރެއްވި ފަނޑިޔާރު އޭރުގެ އިސްގާޒީ އަހްމަދު ހައިލަމެވެ. ރައީސް ޔާމީން ހުކުމުގެ ކުރިޔަށް ޝަރީއަތް ނިމެންދެން ބަންދުކުރައްވާފައެއް ނުވެ އެވެ. އެހެނަސް އެކަމާ ގުޅުވައިގެން ޖޭއެސްސީން ތެޅިއެއް ނުގަނެ އެވެ. ކުށް ސާބިތުވެ ޖަލަށް ލުމަށް ހުކުމް ކުރުމާ ހަމައަށް ވެސް ރައީސް ޔާމީން ހުންނެވީ މިނިވަންކަމާ އެކުގަ އެވެ.
މިވާހަކަތައް ކުރުކޮށްލާނީ އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲގެ މައްސަލައާ ހިސާބުންނެވެ. އޭނާގެ މައްޗަށް މި ސަރުކާރުގައި، މިހާރުގެ ޖޭއެސްސީ އެކުލަވާލެވުނު ފަހުން، މިހާރު މިހުންނެވި ޕްރޮސިކިއުޓާ ޖެނެރަލް ޖިނާއީ ދައުވާއެއް ކުރައްވާފައިވެ އެވެ. ކްރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލީ އެވެ. މައްސަލަ ބޭރުކޮށްލަން ނިންމެވީ މިހާރުގެ ޖޭއެސްސީގެ ފަރާތުން އެ ކޯޓަށް ބަދަލުކުރެއްވި ގާޒީ ހަސަން ސައީދެވެ. ހަސަން ސައީދުގެ ސުލޫކީ މައްސަލައެއް އެކަމާ ގުޅިގެން ނުބަލަ އެވެ. އަދި ކްރިމިނަލް ކޯޓުގެ އެ ނިންމުން އިސްތިއުނާފު ވެސް ނުކުރުމަށް ޕީޖީ ނިންމެވި އެވެ. ސުޕްރީމް ކޯޓުން އަމިއްލަ އިސްނެގުމަށް ކަމަށް ވިދާޅުވެ، ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު މ. ނިޔަނދުރު، އަހްމަދު ނާޒިމު ޖަލަށްލީ ހަމަތަކާއި އުސޫލުތަކުގެ ދަށުން އަބްދުއްރަހީމް ޖަލަށްލާން ސުޕްރީމް ކޯޓުގެ އިސްނެގުމަށް މައްސަލައެއް ހިންގިނތަނެއް ނުފެނެ އެވެ. އެ ދުވަހު ނާޒިމްގެ ދިފާއީ ވަކީލު ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި އެބަ އިންނެވި އެވެ.
މިބުނެވުނު މަންޒަރުތައް މިހެން ފެންނައިރު، ރައީސް ޔާމީނާ އެއްކޮޅަށް ސުޕްރީމް ކޯޓުން ހުކުމްކުރެއްވުމަކީ ވެސް ވުމުގެ ފުރުސަތު އޮންނާނޭ ކަމެއްކަން ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމަށާއި، ޕީޕީއެމްގެ އިސްވެރިންނަށް އެނގިވަޑައިގަންނަވަ އެވެ. ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލުކުރުމަކީ، ގާނޫނީ ހަމަތަކުގެ މަތީން ބަލާއިރު، އިންސާފުވެރި ގޮތްކަމަށް ފެނިއްޖެ ނަމަ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އެކަން ކުރައްވާނެކަން އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އެވެ. ރައީސް ޔާމީންގެ މިލިޔަނުން ފައިސާހުރި އެކައުންޓްތައް ދޫކޮށްލުމަށް އެންގެވީ މިހާރުގެ ސުޕްރީމް ކޯޓުންނެވެ. ކުރީގެ ނާއިބު ރައީސް ޖިހާދުގެ ޕާސްޕޯޓު ނުހިފެހެއްޓޭނެ ކަމަށް ހައިކޯޓުން ކުރެއްވި ހުކުމް ދެމެހެއްޓީ ވެސް މިހާރުގެ ސުޕްރީމް ކޯޓުންނެވެ. އަބްދުއްރަހީމް އަބްދުﷲ ގެ މައްސަލަ ނާޒިމްގެ މައްސަލަ ބޭރުކޮށްލިހެން ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން ވެސް، އަބްދުއްރަހީމް ސަލާމަތްވެވަޑައިގެން އެހުންނެވީ މިހާރުގެ ޖުޑީޝަރީ މިހެން އޮއްވަ އެވެ.
ރާއްޖޭގެ ޖުޑީޝަރީއަކީ އިސްލާހު ކުރަންޖެހޭ އެއްވެސް ކަމެއް ނެތް، ބަރާބަރު އުސޫލަށް ހިނގާ، ކިލައެއް ހަޑިއެއް ނެތް އެއްޗެކޭ ނުދެންނެވޭނެ އެވެ. އެކަމަކު ޖުޑީޝަރީ ބޮޑުތަނުން އިސްލާހުވެއްޖެކަން އެއީ ދެކޮޅު ހެދޭނެ ކަމެއް ވެސް ނޫނެވެ. ޖުޑީޝަރީއަށް ސިޔާސީ ނުފޫޒު ފޯރުވުމަކީ ހައްދުން ނެއްޓިފައި އޮތް ކަމެކޭ އިންސާފުވެރި ދުލަކުން ބުނެވޭނޭ ޖާގައެއް ނެތެވެ.
ކޯޓުގެ ހުރުމަތް ކެނޑޭ ފަދަ ވާހަކަތަކުން ފަނޑިޔާރުގެތައް ސަލާމަތްވާންޖެހެ އެވެ. އަދި ބުރަދަނެއް ނެތި ކުރާ ތުހުމަތެއްގެ ސަބަބުން، ޝަރީއަތެއްގެ އިންސާފުވެރިކަމާމެދު ސުވާލު އުފައްދައިގެން ނުވާނެ އެވެ. ކޯޓުތަކަށް އިތުބޯރު ހޯދުމަކީ ސިޔާސީ ފަރާތްތަކުން ވެސް ނަންގަވަންޖެހޭ ޒިންމާއެކެވެ.
87.50%
0.00%
0.00%
12.50%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment