Advertisement

ކޮލަމް: ނިޒާމަކާ ބެހޭ ބަހުސެއް ނުވެސް ނެތް

4 ސެޕްޓެންބަރު 2021 - 11:37 2

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު

ބަރުލަމާނީ ނިޒާމެއްގައި ވެރިކަމުގެ ބާރުތައް ހިންގާ ރައްޔިތުންގެ މަޖިލިސް (ކ) އަދި ރިޔާސީ ނިޒާމެއްގައި ވެރިކަމުގެ ބާރުތައް ހިންގާ ރައީސް އޮފީސް ދައްކުވައިދޭ ގްރެފިކްސް އެއް. --އަދަދު އާޓްވޯކް: އަބްދުﷲ ޝަފީއު (އަބޯ)


ކޮލަމް: ނިޒާމަކާ ބެހޭ ބަހުސެއް ނުވެސް ނެތް

4 ސެޕްޓެންބަރު 2021 - 11:37 2

ދިވެހިރާއްޖޭގެ ވެރިކަމުގެ ވައްޓަފާޅި ބަދަލުކުރަންވެއްޖެކަމަށް އެއްބަސްވެވަޑައިގެން ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް "އިސްލާހީ އެޖެންޑާ" ގެ ނަމުގައި މަގުޗާޓެއް ހުށަހެޅުއްވީ 9 ޖޫން 2004 ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގަ އެވެ. ރައީސް މައުމޫން ހުށަހެޅުއްވި ތަސައްވުރުގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމުގައި ސަރުކާރުގެ އެންމެ އިސްފަރާތެއްގެ ގޮތުގައި ހުންނަނީ ބޮޑުވަޒީރެކެވެ.

ރައީސް މައުމޫން ވިދާޅުވި އެވެ.

"މިހާރު މިއޮންނަ ގޮތުން ހެޑް އޮފް ސްޓޭޓްއާއި ހެޑްއޮފް ގަވަމަންޓް އެއީ އެކެއް. މިހާރު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނަ މީހަކީ ދައުލަތުގެ އެންމެ އިސްވެރިޔާ އަދި ސަރުކާރުގެ އެންމެ އިސްވެރިޔާ. އެކަމަކު ދުނިޔޭގެ އެހެން ތަންތަނަށް ވިސްނާއިރު ވަރަށް ގިނަ ތަންތަނުގައި އެދެބައި އޮންނަނީ ވަކިކޮށްފަ. ދައުލަތް ހިންގާ އެންމެ އިސްވެރިޔާއަކީ ރަސްކަލަކަށްވިޔަސް ރައީސްއަކަށްވިޔަސް އެއީ ވަކި މަގާމެއް. އޭގެ ދަށަށް ބޮޑު ވަޒީރެއް އެބަހުންނަވާ. އިނގިރޭސި ވިލާތުގަ އެހެން. ފަރަންސޭސި ވިލާތުގަ އެހެން. އިންޑިއާގަ އެހެން. ޕާކިސްތާނުގަ އެހެން. ސްރީލަންކާގަ އެހެން. ސިންގަޕޫރުގަ އެހެން. މެލޭޝިއާ އަދި މިސްރުގައިވެސް އެހެން. ދެން ބަލާލެއްވި ކޮންމެ ދިމާއެއްގައި ވަރަށް ގިނައިން އޮންނަ ނިޒާމެއް އެއީ. އެހެންކަމުން އެއީ އެކެއްގެ އަތުގައި ވަރަށް ގިނަ ބާރު އޮންނަ އޮތުން ނިމުމަކަށް ގެންނަ ނިޒާމަކަށްވާތީ، ރާއްޖޭގައިވެސް ބޮޑުވަޒީރަކު ހުންނަ ގޮތަށް ނިޒާމު ބަދަލުކުރުމަށް ހުށަހެޅުމަށް އަޅުގަނޑު މި ނިންމީ."

ރައީސް މައުމޫން ވިދާޅުވި ގޮތުން، ރާއްޖޭގެ ވެރިކަމުގެ ނިޒާމުގައި ބޮޑުވަޒީރުގެ މަގާމަށް ހޮވޭނީ ރައްޔިތުންގެ މަޖިލީހުގެ އެންމެ ގިނަ ގޮނޑި ހޯދާ ޕާޓީއިން ކަނޑައަޅާ ލީޑަރެކެވެ. ހުންނަވާނީ ވަކި މުއްދަތަކަށްކަމަށާއި އެއީ ފަސް އަހަރުތޯ ހަތަރު އަހަރުތޯ ނުވަތަ ތިން އަހަރުތޯ ކަނޑައަޅާނީ ކަމަށެވެ. ވެރިކަމުގެ ނިޒާމުގެ މައްސަލައިގައި ރައީސް މައުމޫން އޭރު އިހުތިޔާރު ކުރެއްވީ ބަރުލަމާނީ ނިޒާމެކެވެ.

ދެން އައީ އެމް.ޑީ.ޕީ. ގެ ބަހެވެ. އެ ޕާޓީގެ އޭރުގެ ބަހަކަށްވީ ރާއްޖޭގައި އޮންނަންވާނީ ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމެއް ކަމަށެވެ. ރަށްރަށަށް ކުރެއްވި ދަތުރުތަކުގެ އެޖެންޑާގައި، ތިންބާރު ވަކިވެފައި އޮތުމުގެ މުހިންމުކަން ބުނެދިނުން އަބަދުވެސް ހިމެނިފައި އޮވެ އެވެ. އެއީ ރިޔާސީ ނިޒާމުގައި އެކަން އޮންނަ ގޮތެވެ. އޭރު އެމް.ޑީ.ޕީ ގެ ވިސްނުމުގައި ރާއްޖޭގައި އޮންނަންވާނީ ތިން ބާރުވަކިވެފައިވާ ފުރިހަމަ ރިޔާސީ ނިޒާމެކެވެ. އެމްޑީޕީ ގެ ހިންގުމުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން މިހާރު ވިދާޅުވާ ގޮތުން އެ ޕާޓީން އަބަދުވެސް ވަކާލާތު ކުރީ ތިން ބާރު ވަކިވެފައިވާ ނިޒާމަކަށެވެ. ނިޒާމީ ވޯޓުގައި ބަރުލަމާނީ ނިޒާމަށް ތާއީދުކުރީ ވެރިކަން ބަދަލުކުރުމަށް އެމްޑީޕީ އަށް ލިބޭނީ ކިހާ ތާއީދެއްތޯ ވަޒަންކޮށްލުމަށެވެ. ހުރިވަރު ބަލާލުމަށެވެ.

ރާއްޖޭގެ ވެރިކަން ހިންގާނޭ ނިޒާމަކާމެދު އާންމު ވޯޓަކަށް ދިއުމަށް ރައްޔިތުންގެ ހާއްސަ މަޖިލީހުގެ 93 ވަނަ ޖަލްސާއިން ފާސްކުރުމުން، ރައީސް މައުމޫން އިއުލާނުކުރެއްވީ އެމަނިކުފާނާއި އެމަނިކުފާނުގެ ޑީ.އާރު.ޕީ އިން ތާއީދު ކުރައްވަނީ ތިންބާރު ވަކިވެފައިވާ ފުރިހަމަ ރިޔާސީ ނިޒާމަކަށް ކަމަށެވެ. ބޮޑުވަޒީރަކު ހުންނަވާ ގޮތަށް ހުށަހެޅުއްވި ތަސައްވުރު ދޫކޮށްލެއްވި ސަބަބެއް ވިދާޅެއް ނުވެ އެވެ.

އެމް.ޑީ.ޕީން އޭރުވެސް ތިބީ ރިޔާސީ ނިޒާމުގެ މޮޅު ވާހަކައިގަ އެވެ. ރައީސް މައުމޫންގެ އިއުލާނާއެކު އެމް.ޑީ.ޕީ އިން އަނެއް ފަރާތަށް މޫނު އަނބުރާލައި، ރާއްޖޭގައި އޮންނަންވާނީ ބަރުލަމާނީ ނިޒާމެއްކަމަށް އިއުލާނުކުރި އެވެ. އޭރު ރައީސް ނަޝީދާއި ރައީސް މައުމޫންގެ ސަޕޯޓަރުން، ގެންދިޔައީ އެ ދެބޭފުޅުން ކުރިން ނިންމެވި ގޮތަށް ކެމްޕެއިން ހިންގަވަމުންނެވެ. ދެބޭފުޅުންވެސް ނިންމެވުން ބަދަލުކުރެއްވިކަން އިއުލާނު ކުރެވުމުން ވީ ގިބުލަ ބަދަލުވީމާ ވީ ގޮތެވެ. ހިފައިގެން ތިބި ދިދައާއި ބެނާތައް އެއްބަޔަކު އަނެއް ބަޔަކާ ބަދަލުކޮށްލައި، ލީޑަރުންގެ ފަހުގެ ވިސްނުންފުޅާ އެއްގޮތްކޮށްލީ އެވެ.

ވެރިކަމުގެ ނިޒާމެއް އެކަށައެޅުމަކީ ރައްޔިތުން ގޮތް ނިންމަންޖެހޭ ކަމެއްކަމުގައި ކަނޑައެޅުނީ 7 މެއި 2006 ދުވަހު ބޭއްވުނު ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ޖަލްސާއިން ނިންމި ނިންމުމާ ގުޅިގެންނެވެ. ގާނޫނު އަސާސީ އިސްލާހްކުރުމަށް އެކުލަވާލެވުނު ހާއްސަ މަޖިލީހުގެ ވަރަށް ގިނަ ވަގުތު ބަހުސްކުރީ ގާނޫނު އަސާސީ ބިނާކުރާނީ ކޮން ނިޒާމެއްގެ މައްޗަށްކަމާމެދުގަ އެވެ. އެ މައްސަލައިގެ ބަހުސް ފެށުނީ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ 83 ވަނަ ޖަލްސާގަ އެވެ. ގޮތެއް ނިންމުމަށްޓަކައި ވޯޓަށް އެހީ 87 ވަނަ ޖަލްސާގަ އެވެ. ދިވެހިރާއްޖޭގައި އޮންނާން ފެންނަ ނިޒާމަކާމެދު އެ ޖަލްސާގައި ވޯޓަށް އެހުމުން ރިޔާސީ ނިޒާމަށް ލިބުނީ 16 ވޯޓެވެ. ބަރުލަމާނީ ނިޒާމަށް ލިބުނީ، 39 ވޯޓެވެ. އެއީ މަޖިލީހުގެ ތަޅުމުން ކަމެއް ފާސްކުރެވިދާނޭ އަދަދަކަށް ނުވާތީ އަލުން ބަހުސްތައް ފެށުނެވެ.

ވެރިކަން ހިންގާނޭ ނިޒާމެއް ކަނޑައެޅުމުގެ ބަހުސްތައް ދިގުލައިގެން ގޮސް އެންމެ ފަހުން، ރ. އަތޮޅުގެ އިއްޒަތްތެރި މެންބަރު، ޝަހީދު ޒަކީގެ ހުށަހެޅުއްވުމަކާ އެއްގޮތަށް އަމަލުކުރުމަށް ފާސްވި އެވެ. އެގޮތަކީ ވެރިކަމުގެ ނިޒާމު ރައްޔިތުންގެ އާންމު ވޯޓަކުން ކަނޑައެޅުމެވެ. މިހުށަހެޅުން ފާސްވީއޭ ދެންނެވުމަށްވުރެ ފާސްކުރުވީ ކަމުގައި ދެންނެވުން ރަނގަޅެވެ. އިލެކްޓްރޯނިކް ސިސްޓަމުން ނަތީޖާ ދެއްކިއިރު މެންބަރުންގެ މޭޒުކޮޅުމަތީގައި ހުރި ސްކްރީނުން ފެންނަ ނަތީޖާއާ މަޖިލިސް ތަޅުމުގައި ހުރި ބޮޑު ސްކްރީނުން ފެންނަ ނަތީޖާއާވެސް ދިމާނުވެ އެވެ. އެހެންކަމުން ވޯޓު އޮޅުވާލީކަމަށް ތުހުމަތުކޮށް މެންބަރުންގެ ނިޒާމީ ނުކުތާތަކުން ތަޅުން ފުރާލައިފި އެވެ.

އެ ބަހުސް ހިނގަމުން ދަނިކޮށް، ނިޒާމީ ނުކުތާއެއް ނަންގަވައި، މާލޭގެ މެންބަރު މުހައްމަދު ޝިހާބު ހުށަހެޅުއްވުމެއް ހުށަހެޅުއްވި އެވެ. އެއީ އަތް އުފުލާލައިގެން ވޯޓު ލާ ގޮތަށް ހަމަޖެއްސުމަށެވެ. އެގޮތަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުން އޭރު އަމަލު ކުރަމުން ގެންދެވި ގަވާއިދުގެ 37 ވަނަ މާއްދާގެ ދަށުންނެވެ. ރިޔާސަތުން އެ ގޮތް ގަބޫލުކުރި އެވެ. އެހެން ނަމަވެސް ވޯޓުލައި ނަތީޖާ އިއުލާނުކުރެއްވިއިރު ވިދާޅުވީ އަދިވެސް 11 ވޯޓެއްގެ ހިސާބު ދިމާނުވާ ކަމަށެވެ. އެހެންކަމުން ރިޔާސަތުން ނިންމެވީ ރޯލްކޯލް ވޯޓަކަށް ދާށެވެ. އެ ހިސާބުން ކޮންމެ މެންބަރަކު ވަކިން ތެދުވެވަޑައިގެން "އާދެ" ނުވަތަ "ނޫން" ވިދާޅުވެ ވޯޓު ދެއްވި އެވެ. ވޯޓު ދިނުމަށް މެންބަރުންގެ ނަން އިއުލާނު ކުރާ އަޑާއި، ތަޅުމުގެ ނިޒާމީ ނުކުތާގެ ހަޅޭކުގެ އަޑާއި، ރިޔާސަތުން އިރުއިރުކޮޅާ ވިދާޅުވަމުން ގެންދެވި "އިއްޒަތްތެރި މެންބަރުން އިށީނދެވަޑައިން ތިއްބަވާ! ވޯޓެއްގެ މެދުތެރެއިން އަޅުގަނޑު ކިހިނެއްތޯ ނިޒާމީ ނުކުތާއެއް އަރުވާނީ؟" ފަދަ ހުރިހާ އަޑުތަކެއް އެކުވެ، އެ ހައިޖާނުގެ ތެރެއިން ރޯލްކޯލް ވޯޓު ނަގާ ނިންމި އެވެ. ރާއްޖޭގެ ވެރިކަން ހިންގާނޭ ނިޒާމަކާމެދު އާންމު ވޯޓަކަށް ދިއުމަށް 58 މެންބަރުންގެ ވޯޓާ އެކު ފާސްވެއްޖެ ކަމަށް ރިޔާސަތުން އިއުލާނުކުރި އެވެ. އެ ޖަލްސާގައި ހާޒިރުވެވަޑައިގެން ތިއްބެވީ 98 މެންބަރުންނެވެ.

އެ ޖަލްސާގައި އިތުރަށް ނިންމި ކަމަކީ، އަދި އެންމެ މުހިންމު ކަމަކީ، ނިޒާމީ ވޯޓަށް ދާނީ ވެރިކަމުގެ ނިޒާމާމެދު ރައްޔިތުން ހޭލުންތެރިކޮށް، އެކަށީގެންވާ ވަރަށް މައުލޫމާތު ދިނުމަށް ފަހުގައި ކަމެވެ. ބަރުލަމާނީ ނިޒާމާއި ރިޔާސީ ނިޒާމުގެ މައުލޫމާތު އެކަށީގެންވާ ގޮތެއްގައި ފެތުރުމަށް އެ ޖަލްސާގައި ފާސްކުރި އެވެ. ރައްޔިތުންގެ ހާއްސަ މަޖިލީހުން އެކަމަށް އެކުލަވާލީ ކޮމިޓީ އެކެވެ. އެކޮމިޓީން އެކި ގޮތްގޮތުން މައުލޫމާތު ފެތުރޭތޯ މަސައްކަތްކުރެއްވި އެވެ. އެހެންނަމަވެސް އެކަށީގެންވާ މިންވަރާ ގާތަށް ވެސް އެކަން ކުރެވުނު ކަމަށް ދަންނަވަން ދައްޗެވެ.

ކޮންމެ ގޮތެއް ވިޔަސް، މަޖިލީހުގެ ނިންމުމާއެކު، އެ ނެގުނު ވޯޓުގެ ނަތީޖާ ސާފެވެ. ރައްޔިތުން ތާއީދުކުރީ ރިޔާސީ ނިޒާމަކަށެވެ.

އެ ވޯޓުން ބަލިވީމާ އެމް.ޑީ.ޕީ އިން އެންމެ ފުރަތަމަ ކުރީ ވޯޓު އޮޅުވާލި ކަމުގެ ތުހުމަތެވެ. އޭގެ ފަހުން ބުނީ އެއީ އެމް.ޑީ.ޕީ. ގެ ހުރިވަރު ބަލާލުމަށް ކުޅަ ތަހުލީލެއް ކަމަށާއި، އެ ޕާޓީން ވެސް އެދެނީ ރިޔާސީ ނިޒާމަކަށް ކަމަށެވެ. އެ ނިޒާމުގެ ތެރެއިން ބޭއްވުނު ފުރަތަމަ ރިޔާސީ އިންތިހާބުގައި ވާދަކޮށް އެ ޕާޓީން އިންތިހާބު ކާމިޔާބުވެސް ކުރި އެވެ. މިއަދު މަންޒަރު ބަދަލުވެއްޖެ އެވެ. އެމް.ޑީ.ޕީ.ގެ ބައެއް މެންބަރުން އަނެއްކާވެސް ބޭނުންވަނީ ބަރުލަމާނީ ނިޒާމެވެ.

ދައުލަތެއްގެ ސަރުކާރެއް އެކުލަވާލަން ބަލާއިރު ބަރުލަމާނީ ނިޒާމުގައި ހަމަޖެހިފައި ހުންނަ އިންތިޒާމުގެ ތެރެއިން އެކަން ކުރުމަކީވެސް ކާމިޔާބު ގޮތެއްކަން އެތައް ގައުމަކުން އެ ދަނީ ދައްކަމުންނެވެ. ހަމަ އެގޮތަށް ރިޔާސީ ނިޒާމަށް ހިންގާ ކާމިޔާބު، އަދި މިސާލަކަށް ފުދޭ ގައުމުތައްވެސް އެހާ ގިނަ އެވެ.

އިންޑިއާ، އިނގިރޭސިވިލާތް، އޮސްޓްރޭލިއާ އަދި ނިއުޒިލޭންޑް، ކެނެޑާ ފަދަ ގައުމުތަކުގައި ކާމިޔާބު ކަމާއެކު އެ ހިންގަނީ، ކުދިކުދި ތަފާތުތަކެއް ހުއްޓަސް ބަރުލަމާނީ ނިޒާމަށެވެ. އެމެރިކާ، އާޖެންޓީނާ، ކޮސްޓަ ރިކާ ފަދަ ވަރަށް ގިނަ ގައުމުތަކުގައި ކާމިޔާބު ކަމާއެކު އެ ހިންގަނީ ރިޔާސީ ނިޒާމެވެ. ބެލަރޫސް، ކެމަރޫން، ޕޭރޫ ފަދަ ގައުމުތަކުގައި އެ ހިންގަނީ ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމުގެ މަސްހުނި ނިޒާމުތަކެވެ. ހަމަ ކާމިޔާބެވެ.

ގައުމެއްގެ ވެރިކަމުގެ ނިޒާމު އެކަށައަޅަނީ ފޮތެއްގައި އޮންނަ ގޮތަކަށް އަކުރުން އަކުރަށް ބަލައިގެނެއް ނޫނެވެ. އެ ގައުމަކަށް ކަމުދާނޭ ގޮތަށް އެކި ގައުމުތަކުގައި ތަފާތުތައް ގެނެ އެވެ. މިސާލަކަށް ސްރީ ލަންކާގައި އެ އޮންނަނީ ފުރިހަމަ ބަރުލަމާނީ ނިޒާމެއް ނޫނެވެ. ރިޔާސީ ނިޒާމެއް ވެސް ނޫނެވެ. ދެ ނިޒާމު މަސްހުނި ވެފައި އޮތް ވެރިކަމުގެ ނިޒާމެކެވެ. ބަރުލަމާނީ ނިޒާމު އޮންނަ ބައެއް ގައުމުތަކުގައި ހެޑް އޮފް ސްޓޭޓަކީ މަޖިލީހުން އައްޔަނުކުރާ މީހެކެވެ. ބައެއް ގައުމުތަކުގައި ރައްޔިތުންގެ ސީދާ ވޯޓުން ހެޑްއޮފް ސްޓޭޓް އިންތިހާބު ކުރަނީ އެވެ. ނިޒާމުގެ އަސާސީ ސިފަ ތަކުގައިވެސް އެކި ގައުމުތަކުގައި އެކި މިންވަރުން ތަފާތު އެބަ ހުއްޓެވެ.

މިހެން އޮތް ކަމެއްގައި، "މި ގައުމަށް ރަނގަޅީ ބަރުލަމާނީ އޭ" ނުވަތަ "މި ގައުމަށް ރަނގަޅީ ރިޔާސީއޭ" އެއީ ހަމަ ހުރެލާފައި ދެއްކޭ ވަރަށް ވުރެ ބޮޑު ވާހަކައެކެވެ. ވެރިކަމުގެ ނިޒާމު ބަދަލުކުރަން ވެއްޖެކަމަށް ވަކާލާތު ކުރުމުގެ ކުރިން އެކަށީގެންވާ މިންވަރަށް އެކަމުގެ މައުލޫމާތު ހޯއްދަވަންޖެހެ އެވެ. ގައުމެއްގެ ވެރިކަން ހިންގަމުން އަންނަ ނިޒާމު ބަދަލު ކުރަން ފެނެޔޭ ބުނެލާ ބުނެލުމަކީ އާދައިގެ ކުޑަ ވާހަކައެއް ނޫނެވެ. އެއީ ވަރަށް ބޮޑު ވާހަކަ އެކެވެ. އެ ވާހަކަ އެހެން ބުނެވޭނޭ މިންވަރަށް ދެ ނިޒާމުގެ މައުލޫމާތު ލިބި ހުރެގެން މެނުވީ ބުނެވޭނޭ ވާހަކައެއް ވެސް ނޫނެވެ.

ރާއްޖޭގައި އޮންނަންވީ ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ރައްޔިތުން ބަސް ބުނެފި އެވެ. އެ ބަހުގެ މައްޗަށް ގާނޫނު އަސާސީ އެކުލަވާލައިފި އެވެ. ގާނޫނުތައް ފާސްކޮށް އަމަލުކުރަން ފެށިއްޖެ އެވެ. އެއީ ގައުމުގެ މަގުޗާޓު ކަމުގައި ދެކި ގައުމުގެ ހުވަފެންތައްވެސް ހުރީ އެ މަގުގަ އެވެ. އެގޮތަށް ކަންކަން ތަރުތީބުވެފައި އޮއްވައި، މި ހިނގެނީ ނުބައި މަގަކުން ކަމަށްވެގެން، ދަތުރުގެ މިސްރާބު ބަދަލުކުރަން ވެއްޖެކަމަށް ބުނާ ބަޔަކު އެގޮތަށް ބުނަންވާނީ ފުރިހަމަ މައުލޫމާތާ އެކުގަ އެވެ. މި ދަތުރު ކުރެވެނީ ރަނގަޅު މަގުން ނޫންކަމަށް ބުނާނަމަ، މި މަގު ގޯހީ ކީއްވެގެންކަން ވެސް ބުނެދޭން ވާނެ އެވެ. އައު މިސްރާބު ރަނގަޅު ކަމަށް ތިޔަ ބުނަނީ ކީއްވެގެންކަންވެސް ހިކުމަތްތެރީން ބުނެދޭށެވެ.

ވެރިކަން ހިންގުމުގެ ނިޒާމާމެދު ގިނަ ރައްޔިތުންގެ މެދުގައި ހަގީގަތުގައި ރައުޔެއް ނުވެސް ނެތެވެ. އޮތީ އެ މީހަކު ތާއީދުކުރާ ސިޔާސީ ލީޑަރުންގެ ރައުޔެވެ. ލީޑަރު ވަކި ނިޒާމެއް ރަނގަޅޭ ބުނާނީ ދެން ރަނގަޅުވީމާތާ އެވެ. ބަރުލަމާނީ ނިޒާމަކަށް ދާންވެއްޖެ ކަމަށް ބުނާ ބަޔަކު އެގޮތަށް އެ ބުނަނީ އެބަޔަކު ލޯބިވާ ސިޔާސީ ލީޑަރަކު އެގޮތަށް ވިދާޅުވާތީ އެވެ. ނުވަތަ ވަކި ނިޒާމަކަށް ބަދަލުވެއްޖެނަމަ ވަކި މީހަކަށް ވެރިކަމަށް އައުމުގެ ފުރުސަތު ފަހިވެދާނޭކަމުގެ ހަގީގަތުގެ މައްޗަށް ބަލައިގެންނެވެ. ރިޔާސީ ނިޒާމު ދޫކޮށްލައިގެން ނުވާނޭކަމަށް ބުނާ މީހުން އެ ގޮތަށް ބުނަނީވެސް ހަމަ ސިޔާސީ ލީޑަރާއި ޕާޓީ ދެކެ ވާ ލޯބީގަ އެވެ. ނިޒާމެއްގެ މޮޅު ދެރަ ކަމުގެ ބަހުސެއް މިތަނަކު ނުވެސް ކުރެ އެވެ.

ވެރިކަމުގެ ނިޒާމުގެ ވާހަކަވެސް ފާޅުކަން ބޮޑުކޮށް ދައްކަންވީ އެވެ. ދައްކަންވީ ދެ ނިޒާމުގެ އަސާސީ ސިފަތަކުގެ ވާހަކަ ތަކެވެ. ދެ ނިޒާމުގައި ސަރުކާރު އުފެދޭ ގޮތުގެ ވާހަކަ އެވެ. ބަދަލުކުރެވޭ ގޮތުގެ ވާހަކަ އެވެ. ގައުމުތަކުން ކޮށްފައިހުރި ތަޖުރިބާތަކުގެ ވާހަކަ އެވެ. އެ ބަހުސް ކުރަންވީ އެކަށީގެންވާ މިންވަރަށް ރައްޔިތުންނަށް މައުލޫމާތު ލިބެންދެނެވެ. އެ މައުލޫމާތު ރައްޔިތުންނަށް ލިބުނީމާ އޭގެ ތެރެއިން ރަނގަޅު ގޮތް މިނެކިރައި ވަޒަންކޮށް، މި ތިބެވުނު ހާލަތަށްވުރެ ރަނގަޅު ހާލަތަކަށް ދެވިދާނޭކަމަށް ރައްޔިތުންނަށް ގަބޫލުކުރެވޭނަމަ، ވެރިކަމުގެ ނިޒާމު ބަދަލުކުރަންޖެހޭ ވާހަކަ ރައްޔިތުންގެ ގިނަ ބަޔަކު ބުނާނެ އެވެ. ސަރުކާރު އެކައަޅާނޭ ގޮތާމެދު ރައްޔިތުން ބުނާ ބަހަކީ ސިޔާސީ ލީޑަރުންގެ ރުހުމާއި ތާއީދު ހޯދުމަށް ވިސްނުމުގެ ބަދަލުގައި، ގައުމުގެ މުސްތަގުބަލަށް ވިސްނައިގެން، އަދި އެ ކަމުގެ ފުރިހަމަ މައުލޫމާތު ހުރެގެން ބުނާ ބަހަކަށް ވާންޖެހެ އެވެ.