Advertisement

މި ފަހަރުގެ ބެލޮންޑިއޯ ވެސް ލިބެން ޖެހޭނީ ޖޯޖީނިއޯ އަށް: މަންޗިނީ

31 އޮގަސްޓު 2021 - 08:56 0


މި ފަހަރުގެ ބެލޮންޑިއޯ ވެސް ލިބެން ޖެހޭނީ ޖޯޖީނިއޯ އަށް: މަންޗިނީ

31 އޮގަސްޓު 2021 - 08:56 0

މިލާން (އޮގަސްޓް 31) - ޔުއެފާ އިން ހޮވި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ދާދި ފަހުން ހޯދި ޗެލްސީގެ މިޑްފީލްޑަރު ޖޯޖީނިއޯ އަށް ފްރާްންސް ފުޓްބޯލް އިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ލިބެންޖެހޭނެ ކަމަށް އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނެފި އެވެ.

ބްރެޒިލަށް އުފަން ޖޯޖީނިއޯ، 29، އަށް ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނު އެންމެ ބޮޑު ސަބަބަކީ މިދިޔަ ސީޒަނުގައި ޗެލްސީއާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ އިތުރުން އިޓަލީއާ އެކު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތަށި އުފުލާލުމުންނެވެ.

އިޓަލީގެ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މަންޗިނީ ގާތުގައި ޖޯޖީނިއޯ އަށް ބެލޮންޑިއޯ އެވޯޑް ހައްގުވޭތޯ އެހުމުން މަންޗިނީ ބުނީ އެއީ ޝައްކެއް ވެސް ނެތް ކަމެއް ކަމަށެވެ.

"އޭނަ (ޖޯޖީނިއޯ) މިދިޔަ ހުރިހާ އަހަރުތަކުގައި މޮޅަށް ކުޅެ. މި ފަހަރު އޭނާ ވާދަކުރި ބޮޑު ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފި. އޭނާ އަށް މި މަގާމު ހައްގު. ބެލޮންޑިއޯ ވެސް ލިބެން ޖެހޭ،" މަންޗިނީ ބުންޏެވެ.

މަންޗިނީ ބުނީ ޔޫރޯގެ ކާމިޔާބީއާ ހަމައިން އިޓަލީގެ މަސައްކަތް ނިމުނީ ނޫން ކަަމަށާއި އާ ފެށުމަކާ އެކީ ވިޔަސް ކުރިއަށް ހުރި މެޗުތަކުން ރަނގަޅު ނަތީޖާއެއް ނެރެން ބޭނުންވާ ކަމަށެވެ. އަދި އިޓަލީގެ މި ދަތުުރުގައި ޖޯޖީނިއޯ އަށް އަދިވެސް ތަފާތު ދެއްކޭނެ ކަމަށް މަންޗިނީ ވަނީ ބުނެފަ އެވެ.

ޔުއެފާ އެވޯޑްގައި ޖޯޖީނިއޯއާ ވާދަކުރީ ޗެލްސީގެ ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކާންޓޭ އާއި ސިޓީގެ ބެލްޖިއަމް ތަރި ކެވިން ޑިބްރޭނާ އެވެ. ބެލޮންޑިއޯ އެވޯޑަށް ވެސް ޖޯޖީނިއޯ ނޮމިނޭޓްވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭއިރު، އޭނާ ވާދަކުރަން ޖެހޭނެ އެއް ކުޅުންތެރިއަކީ އާޖެންޓީނާއާ އެކު ކޮޕަ އެމެރިކާ ކާމިޔާބުކުރި ޕީއެސްޖީ އަށް މިހާރު ކުޅެމުން އަންނަ މިޑްފީލްޑަރު ލިއޮނަލް މެސީ އެވެ.

ފުޓްބޯޅައިގެ އެންމެ ދުވަސްވީ އަދި ޝަރަފްވެރި އެއް އެވޯޑް ކަމަށްވާ ބެލޮންޑިއޯ އަކީ 1956 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. މި އެވޯޑް 1995 ވަނަ އަހަރާ ހަމަޔަށް ދިނީ ހަމައެކަނި ޔޫރަޕް ކުޅުންތެރިންނަށެވެ. އެކަމަކު، އޭގެ ފަހުން ވަނީ ޔޫރަޕުގެ ކްލަބަކަށް ކުޅޭ ދުނިޔޭގެ ކޮންމެ ކުޅުންތެރިޔަކަށް ވެސް ލިބޭ ގޮތަށް ބަދަލުކޮށްފަ އެވެ. އަދި ފަހުން 2007 ގައި ވަނީ ދުނިޔޭގެ ކޮންމެ ގައުމެއްގައި ކުޅޭ ޕްރޮފެޝަނަލް ކުޅުންތެރިންނަށް ވެސް ހުޅުވާލައިފަ އެވެ.

ބެލޮންޑިއޯ އެވޯޑް 2010-2015 އަށް ދިނީ ފީފާ އެވޯޑާ އެއްކޮށްލައިގެން ފީފާ ބެލޮންޑިއޯގެ ގޮތުގަ އެވެ.

ކޮވިޑް-19 ގެ ސަބަބުން މިދިޔަ އަހަރު ބެލޮންޑިއޯ ހަފްލާ ނުބާއްވަ އެވެ. މި ފަހަރުގެ އެވޯޑް ހަފްލާ ޑިސެމްބަރުގެ ފުރަތަމަ ހަފްތާ ތެރޭގައި ބާއްވަން މަސައްކަތް ކުރާއިރު، ފްރާންސްގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި މިދިޔަ އަަހަރުގެ މޮޅު ކުޅުންތެރިޔާ ހޮވުުމުގެ ވިސްނުން ވެސް ފްރާންސް ފުޓްބޯލް އިން ގެންގުޅެ އެވެ. މިދިޔަ އަހަރުގެ އެވޯޑް ދޭނަމަ އެ އެވޯޑް އުފުލާލާނީ ބަޔާން މިއުނިކްގެ ރޮބަޓް ލެވަންޑޯސްކީ އެވެ.