Advertisement

ވޭމަންޑު އާއި ކިނބިދޫ ކޯޒްވޭއަކުން ގުޅާލަނީ

18 އޮގަސްޓު 2021 - 16:32 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތ. އަތޮޅު ކިނބިދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން: އެ ރަށުގެ ބިން ހިއްކުމަކީ ސަރުކާރުން ޕްލޭން ކޮށްފައިވާ ކަމެއް ކަމަށް ރައީސް ވިދާޅުވި--- ފޮޓޯ: ރައީސް އޮފީސް


ވޭމަންޑު އާއި ކިނބިދޫ ކޯޒްވޭއަކުން ގުޅާލަނީ

18 އޮގަސްޓު 2021 - 16:32 0

ތ. ވޭމަންޑު އާއި އެ އަތޮޅުގެ ކިނބިދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް ކުރިއަށް އެބަދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ތ. އަތޮޅުގެ ހަތް ރަށަކަށް ރައީސް ކުރައްވާ ދަތުރުފުޅުގައި ކިނބިދޫ ކައުންސިލްގެ މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ވަނީ ބައްދަލުކުރައްވައިފަ އެވެ. މީގެ އިތުރުން އެ ރަށުގެ މުއައްސަސާތަކަށް ވަޑައިގެން އެ ތަންތަނުގެ ހާލަތު ބައްލަވައި އެ ރަށުގެ ރައްޔިތުންނާ ވެސް ބައްދަލު ކުރެއްވި އެވެ.

ރައްޔިތުންގެ އެދުމުގެ މަތިން ކައުންސިލުން ރައީސަށް ހުށަހެޅި ކަންތައްތަކުގެ ތެރޭގައި ވޭމަންޑު އާއި ކިނބިދޫ ކޯޒްވޭއަކުން ގުޅާލުމުގެ އިތުރުން ކިނބިދޫގެ ގިރާ ސަރަހައްދާއި އެ ރަށުގެ އާސާރީ ތަނެއްކަމުގައިވާ ވޭރު ހިމާޔާތްކުރުމަށް ވަނީ އެދިފަ އެވެ. އަދި އެ ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް ބިން ހިއްކުމާއި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގައިދިނުމަށް ވެސް ވަނީ އެދިފަ އެވެ.

އެ ކަންކަމާ ގުޅިގެން ރައީސް ވިދާޅުވީ ވޭމަންޑު އާއި ކިނިބިދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ހަދަން ޖެހޭ ފީސިބިލިޓީ ސްޓަޑީ ހެދުމުގެ މަސައްކަތްތައް ކަމަށެވެ. ތަފްސީލެއް ނުދެއްވަ އެވެ.

އަދި އެ ރަށުގެ ބިން ހިއްކުމަކީ ސަރުކާރުން ޕްލޭން ކޮށްފައިވާ ކަމެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ބޯހިޔާވަހިކަމުގެ ސްކީމެއް އެ ރަށުގައި ކުރިޔަށް ގެންދިޔުމަށް ވިސްނަވާފައިވާ ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ކިނބިދޫގައި އިގްތިސާދީ ހަރާކާތް އިތުރުކުރުމަށް ބޭނުންވެ އެވެ. އެގޮތުން ފަތުރުވެރިކަމުގެ ފުރުސަތުތައް އިތުރުކުރުމާއި އިޖްތިމާއީގޮތުން ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ކައުންސިލުން ވަނީ ރައީސާ މަޝްވަރާ ކޮށްފަ އެވެ.