Advertisement

ރީޝްގެ ބަރުދަނާ އެކު ބަދަލުވި ހަޔާތް

17 އޮގަސްޓު 2021 - 08:54 0

އާއިޝަތު މިހުނާ ނާސިހް

އާއިޝަތު މިހުނާ ނާސިހް

ރީޝާ ނަސީމް (ރީޝް).


ރީޝްގެ ބަރުދަނާ އެކު ބަދަލުވި ހަޔާތް

17 އޮގަސްޓު 2021 - 08:54 0

މީގެ އަށެއްކަ އަހަރު ކުރިން ސްރީ ލަންކާގައި ހުރެ ރީޝާ ނަސީމް (ރީޝް) ފެށި އަމިއްލަ މަސައްކަތަކީ މޭކަޕް ކޮށްދިނުމެވެ. އޭނާގެ ފިހިތަކުގެ ޖާދުލުގައި ޖެހުނީ ހަމައެކަނި އަހަރެމެން ދިވެހިންނެއް ނޫނެވެ. ލަންކާގައި ވެސް އޭނާ ދެމުން ދިޔަ ހިދުމަތަށް ބޮޑު ތަރުހީބެއް ލިބެމުން ދިޔަ އެވެ. އެކަމަކު މިއަދު ރީޝްގެ ވާހަކަ ދެކެވެނީ ހަމައެކަނި މޭކަޕް އާޓިސްޓެއްގެ ގޮތުގައެއް ނޫނެވެ. އޭނާއަކީ ބަރުދަން ލުއިކުރަން ބޭނުންވާ އެތައް ބަޔަކަށް "އިންސްޕިރޭޝަން" އެކެވެ.

މީގެ ދެ އަހަރު ކުރިން، 2019 ވަނަ އަހަރުގެ ޖުލައި މަހު ރީޝްގެ ބަރުދަނުގައި 73 ކިލޯ ވަރު ހުއްޓެވެ. އެހެން ނަމަވެސް މެދު ކެނޑުމެއް ނެތި ކުރި ހިތްވަރާއިއެކު މިއަދު އޭނާ ވަނީ 18 ކިލޯ ލުއިކޮށްލާފަ އެވެ. މިއީ ހަމައެކަނި ނަންބަރުތަކުގެ ތަފާތެއް ނޫނެވެ. ގެއްލިގެން ދިޔަ ކިލޯތަކާއެކު، ލިބިގެން ދިޔައީ މުޅިން އާ އުފާވެރި ހަޔާތެކެވެ.

ބަރުދަނާއި މެދު ވިސްނާލެވުނުއިރު ހަޔާތް އެފުށްމިފުށަށް ޖެހިފައި

ދިރިއުޅުުމުގެ އެކި ކަންކަމުގައި ހޭލަމޭލަ ވެގެން އުޅުމަށްފަހު އަމިއްލަ ހަޔާތާއި ހަށިގަނޑާމެދު ވިސްނާލަން ރީޝް އަށް ފުރުސަތު ލިބުނީ ފަހަރެއްގައި ތަންކޮޅެއް ލަސްވި ފަހުންނޭ ބުނެވިދާނެ އެވެ. އޭރު ދިރިއުޅުން ހުރި ހިސާބުން، ސިއްހީ ގޮތުންވެސް ގިނަ މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ. ނަފުސާނީ ގޮތުންވެސް މީހާ ހުރީ ނިކަން ނާޒުކު ހާލަތެއްގަ އެވެ.

"ޕީސީއޯއެސް ހުންނާތީ އެކި ދުވަސްވަރު މަތިން ބަލިވޭ. އެ ދުވަސްކޮޅު އަލާމާތްތައް ވަރަށް ބޮޑަށް ފެންނަން ފެށި. މީހާ މާބޮޑަށް ފަލަވެ، ވަރަށް ބޮޑަށް ޑިޕްރެސްވެ، ރުޅިގަދަވެ، އަމިއްލަ ނަފްސު ދެކެ ފޫހިވެ ގެއްލުންދޭ ހިސާބަށްވެސް ދިޔަ. ބައެއް ދުވަސް ދުވަސް، މުޅި ދުވަސް އެއްކޮށް ހޭދަވާނީ ހަމަ އެއްވެސް ކަމެއް ނުކުރެވި އެނދުމަތީގައި. އެ ހިސާބުން އަސްލު އަމިއްލަ ހަށިގަނޑުގެ ކޮންޓްރޯލް ހޯދަން ބޭނުންވީ. އަލުން އެނބުރި އުފާވެރި މީހަކަށްވާން ބޭނުންވި،" ރީޝް އޭނާ ބަރުދަން ލުއިކުރަން މަސައްކަތް ކުރަން ފެށިގޮތުގެ ވާހަކަ ކިޔައިދެމުން ބުންޏެވެ.

މިއީ ފަސޭހަ ކަމެެއް ނޫންކަން އެންމެ ފުރަތަމަ ދުވަހު ވެސް ގަބޫލުކުރިން

ޕޮލިސިސްޓިކް އޯވަރީ ސިމްޑްރޯމް (ޕީސީއޯއެސް)ގެ އިތުރުން އިންސުލިން ރެސިސްޓަންސްގެ މައްސަލައަކީވެސް ރީޝް ކުރިމަތިލާން ޖެހުނު ކަމެކެވެ. އެހެން ކަމުން ބަރުދަން ލުއިކޮށް ވީހާވެސް ދުޅަހެޔޮކޮށް ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުމަކީ އޭނާއަށް އޮތް އިހުތިޔާރަކަށް ވުރެ ބޮޑަށް ކޮންމެހެންވެސް ކުރަންޖެހިފައި އޮތް ކަމެކެެވެ.

އެއާއެކު އެންމެ ފުރަތަމަ ވެސް ގޮސް ބޮންތީގައި ހިފުމުގެ ބަދަލުގައި ރީޝް މަސައްކަތްކުރީ ކުދިކުދި އަމާޒުތަކެއް ހިފައިގެން އެއަށް ވާސިލްވުމަށެވެ.

"އަބަދުވެސް ގަބޫލުކުރަން ކުރާ ކޮންމެކަމަކީ ވެސް ލޯބިން ކުރާ ހިތުން ކުރާ ކަމަކަށް ވާންޖެހޭނެ ކަމެއް ކަމަށް. އަދި އަމުދުން ރީޝް ހުރި ހާލަތުން މިއީ ވަގުތު ނަގާނެ ބޮޑު ކަމެއްކަން ގަބޫލުކުރިން. އެހެންވެ ފުރަތަމަ ބެލީ މީހާ ހެލިފެލިވެވޭތޯ،" ރީޝް ބުންޏެވެ.

ޑައެޓް ކުރުމަށްވުރެ ވެސް އުނދަގުލީ ވަކި ގަވާއިދަކުން ކަސްރަތުކުރުން ކަމުގައި ރީޝް ބުނާއިރު ބަރުދަން ލުއިކުރުމުގެ މި ހާއްސަ މަސައްކަތުގެ އެންމެ ފުރަަތަމަ ހަރުފަތަކަށްވީ ކޮންމެ ދުވަހަކުވެސް ބައިގަޑިއެއް ހާއިރު ހިނގާލުމެވެ. އެއް މަސްދުވަސް ފާއިތުވެ ކައްޓާއަކަށް އަރައި ބަލާލިއިރު އެއްކަލަ ނަންބަރުތަކަކަށް މާ ބޮޑު ބަދަލެއް ނާދެއެވެ. ނަމަވެސް ލޯގަނޑު ކުރިމައްޗަށް އަރާ ބަލައިލުުމުން ފެންނަން ފެށި ރީޝް ތަފާތުވި އެވެ. މާޔޫސްކަމާއި މޯޅިކަން، އުޖާލާކަމާއި އުފާވެރިކަމަށް ވަނީ ބަދަލުވެފަ އެވެ. ވަރުދެރަވެ، ބަލިވެފައި ހުރި ހަށިގަނޑުގައި އޭރު ހުރީ ވަރުޖެހި ބުންވަރު ވެސް ލިބިފަ އެވެ. އުންމީދު އާވެ މުޅި ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށްލަން މިސްރާބު ޖެހުނު ހިސާބަކީ މިއީ އެވެ.

މުޅީން ތަފާތު ދިރިއުޅުމެއް، ތަފާތު ރީޝްއެއް!

ލިބުނު ކާމިޔާބީއާއެކު ދެން ރީޝް ބެލީ ކަސްރަތުތަކާއެކު، އޭނާއަށް ކަމުދާ މީލް ޕްލޭނެއް ވެސް އެކުލަވާލެވޭތޯ އެވެ. ތަފާތު ލިޔުންތައް ކިޔައި އަމިއްލައަށް ކުރި ކުޑަ ދިރާސާއިން ރީޝްއަށް އެންމެ ކަމުދިޔައީ މިފަހަކުން، މިކަމަށް އެންމެ މަޝްހޫރު "އިންޓާ މީޑިއޭޓް ފާސްޓިން" އެވެ. ނިއުޓްރިޝަންގެ ދާއިރާއިން ހާއްސަ ޑރ. އެރިކް ބާގްގެ އިރުޝާދުތައް ބަލަމުން ދުވަހުގެ ތާވަލު އަތުރާލާއިރު، ބަދަލުކޮށްލަން ޖެހުނީ ކެއުމުގެ ގަޑިތަކާއި މިންވަރުތަކެެވެ. ދޭތެރެ ދޭތެރެއިން އޭތި މީތ' ކެއުން އެއްކޮށް ހުއްޓާލައި، ކޮންމެހެން ހަށިގަނޑުގެ އެތެރެއަށްދާ ކޮންމެ ކެލަރީއެއް ގުނަން ނުޖެހި، ނިކަން ފަސޭހައިން ބަރުދަން ލުއިވުމަށް މަގުފަހުކޮށްދިނެވެ.

"އެންމެ މުހިންމުވީ ކެއުމުގައި އެ ގެންގުޅެން ޖެހުނު އަހުލާގު. ވަކި ގަޑިތަކެއްގައި ކެއުމާއި، ވަކި އިރުތަކެއްގައި ނުކެއުން. ކާހިތްވި އަދި ބޭނުންވި އެއްޗެހި ކައިގެން ވެސް، އަސްލު ބޭނުންވި ޓާގެޓަށް ރީޗްވުން. އެކި މީހުންނަށް ފޮލޯކުރެވޭނީ އަސްލު އެކި އުސޫލުތައް. އެކި މީހުންނަށް ވޯކްކުރަނީ ވެސް އެކި އެއްޗެހި. އެގޮތަށް އަސްލު ރީޝްއާ އެންމެ ގުޅޭ މެތޮޑް އަސްލު މި ނެގުނީ،" އޭނާ ބުންޏެވެ.

ބޫސްޓާ ޖޫހާ ނުލައި މިކަން ނުވީސް

ފަހަރެއްގައި ރީޝްގެ މި ދަތުރުގައި އެންމެ ގިނަ ބަޔަކު އަޅައިގަތް އަދި އެންމެ މުހިންމުވި އެއްޗެއްގެ ވާހަކަ އެންމެ ފަހުން މި ހިމަނާލެވެނީ ވެސް އޭގެ ހާއްސަކަމުންނެވެ. އެއީ ރީޝްގެ "'ބޫސްޓާ" ޖޫހެވެ. ބަރުދަން ލުއިކުރުމުގެ މަސައްކަތް ފެށީއްސުރެ ވެސް އޭނާގެ އެންމެ ގާތް ރަހުމަތްތެރިއާ އެވެ. އަދި ކޮންމެ ދުވަހެއްގެ ވެސް ފެށުމެެވެ. ލޮނުމެދާއި، އިނގުރާއި އަދި ރީދޫ މައިގަނޑު ގޮތެއްގައި ބޭނުންކޮށް، އެއިރެއްގައި އެންމެ ފަސޭހައިން ލިބެން ހުރި މޭވާ ކޮޅަކާއި، ފެން ނުވަތަ ކިރު އެއްކޮށްލައިގެން ރީޝް މިނެރޭ ފޯމިއުލާ އޭނާގެ 15،000 ފޮލޯވަރުންގެ މެދުގައިވެސް އެހާމެ މަގުބޫލެވެ.

މީގެ އިތުރުން ބަރުދަން ލުއިކުރުމުގެ ކުރިން އޭނާއަށް ދިމާވި ސިސްޓިކް އެކްނޭގެ މައްސަލަތައް މުޅިންހެން ރަނގަޅުކޮށްދިން "މިރެކަލް ޖޫސް" އަކީ ވެސް ބޮޑެތި ފައިދާތަކެއް ހަށިގަނޑަށް ލިއްބައިިދޭ ބުއިމެކެވެ. އާފަލާއި ކެރެޓާއި ބީޓްރޫޓް މައިގަނޑު ގޮތެއްގައި ބޭނުންކުރާ މި ޖޫހަަށް އޭބީސީ ޖޫސްގެ ނަންވެސް ވަނީ ދެވިފަ އެވެ.

ރީޝްގެ މި ކުރު އެހެނަސް ކާމިޔާބު ދަތުރުގެ ކޮންމެ ދުވަހެއްހެން ސޯޝަލް މީޑީއާގައި އޭނާގެ ފޮލޯވަރުންނާ ހިއްސާކުރެ އެވެ. އަދި އަންހެނުންނަށް ދިމާވާ އެކި މައްސަލަތަކުގެ ވާހަކަ އެއްވެސް ޖެހިލުމެއް ނެތި ދައްކައި، ގިނަބަޔަަކަށް މައުލޫމާތު ދެ އެވެ.

ކޮންމެއަކަސް، ރީޝް މި ސާބިތުކޮށް ދިނީ ޕީސީއޯއެސް ފަދަ އުނދަގޫ ހާލަތެއްގައި ހުރެގެންވެސް ބަރުދަން ލުއިކުރުމަކީ ކުރެވޭނެ ކަމެއް ކަމެވެ. ކިތަންމެ ފުން ވަޅުގަނޑަަކަށް ތިމާ ވެއްޓުނަސް، ފަސްނުޖެހި ތެދުވެ ކުރިއަށް ބަލައިގެން ހިތްވަރާއެކު މަސައްކަތްކުރުމަކީ ކާމިޔާބީގެ ސިއްރު ކަމެވެ.