Advertisement

ހަމަލާއަށް ފަންޑުނުކުރާ ކަމަށް ބުނާ ވާހަކައިގައި ފުށުއެރުމެއް

11 އޮގަސްޓު 2021 - 11:27 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

އައްބާސް ފާއިޒު ރައީސް ސޯލިހާއެކު އެމަނިކުފާނުގެ އޮފީހުގައި: ވިދާޅުވީ ފުލުހުންގެ ތަހުގީގުގައި ދެން އޮތީ ފަންޑު ކުރި މީހުން ހޯދުން ކަމަށް -- ފޮޓޯ: ރައީސް އޮފީސް


ހަމަލާއަށް ފަންޑުނުކުރާ ކަމަށް ބުނާ ވާހަކައިގައި ފުށުއެރުމެއް

11 އޮގަސްޓު 2021 - 11:27 0

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މެއި 6، ގައި ބޮން ގޮއްވާފައިވަނީ ފަންޑު ލިބިގެން ނޫން ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައި އޮއްވާ އެ މައްސަލައިގައި ދެން އޮތީ ފަންޑު ކުރި މީހުން ހޯދުން ކަމަށް އެ ތަހުގީގަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރައްވާފައިވާ ބޭރުގެ މާހިރު އައްބާސް ފާއިޒު އިއްޔެ ވިދާޅުވުމުން އޮޅުންތަކެއް އަރައިފި އެވެ.

ނަޝީދު ދިރިއުޅުއްވާ ގެކޮޅު ކައިރިން ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް ސައިކަލެއްގެ ހަރުކޮށްގެން ބޮން ގޮއްވާފައި ވަނީ ބަޔަކު އަޑީ ތިބެގެން ބޮޑު ފަންޑެއްކޮށްގެން ކަމަށް އެމަނިކުފާނު އަބަދުވެސް ގެންދެވީ ތުހުމަތު ކުރައްވަމުންނެވެ.

އެކަމަކު މިދިޔަ ޖުލައި 24، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވެފައި ވަނީ މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓާއެކު ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތްތަކެއް ކުރިއިރު ވެސް އެ ހަމަލާ ދިނީ ބަޔަކު ފަންޑުކޮށްގެން މިހާތަނަށް ހޯދިފައިނުވާ ކަމަށެވެ.

"ތިން ސަތޭކަ ސަތާރަ ވަރަކަށް ބޭންކް އެކައުންޓްސްގެ ނުވަތަ ޓްރާންސެކްޝަންތައް އެނަލައިޒް ކުރެވިފައިވާއިރު އަދި މި މައްސަލައިގައި އެއްވެސް ވަރަކަށް ތުހުމަތު ކުރެވިފައިވާ ފަރާތްތަކުގެ އިމީޑިއަޓް ފެމިލީ ނުވަތަ އެކްސްޓެންޑެޑް ފެމިލީ އަދި ގާތް ރައްޓެހި ރަހުމަތްތެރިންނާއި އެ ފަރާތްތައް ވަޒީފާ އަދާ ކުރާ ތަންތަނުގެ ގޮތުން އެ ފަރާތްތަކާ ގުޅުން އޮންނަ ފަރާތްތަކުގެ މާލީ ކަންކަން އަދި އެ ފަރާތްތަކުގެ ވެލްތާއި ސޯސް އޮފް އިންކަމް އާއި މި އެއްޗެހި ބަލައިގެން ދިރާސާ ކުރެވިފައި ވަނީ. މިހާތަނަކަށް އަޅުގަނޑުމެންނަށް ފާހަގަ ކުރެވިފައެއް ނެތް މި ހަމަލާއާ ގުޅިގެންނެއް [ފަންޑު ކުރި ކަމަކަށް]،" ހަމީދު ވިދާޅުވި އެވެ.

އޭގެ އިތުރުން، އެ ބައްދަލުވުމުގައި ފުލުހުންގެ އެސިސްޓަންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒް ވިދާޅުވެފައި ވަނީ ބޮން ގޮއްވި ސައިކަލު ގަތުމަށް ހަރަދު ކުރި 18،000ރ. އާއި ހަމަލާ ދިނުމަށް ކޮންމެހެން ކުރަންޖެހުނު ހަރަދުތައް ފިޔަވައި، ބޮން ގޮއްވީ ހަމަލާ ދިން މީހުންނަށް ކޮންޓްރެކްޓް އުސޫލުން ފައިސާ ދީގެން ނޫން ކަމަށެވެ.

ނަމަވެސް ބޮމުގެ ހަމަލާ ތަހުގީގު ކުރާ ޓީމުގައި ބައިވެރިވުމަށް ރައީސް ސޯލިހު މެއި 19، ގައި އައްޔަން ކުރެއްވި އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ އައްބާސް ފާއިޒް ސޯޝަލް މީޑިއާގައި ވާހަކަ ދައްކަވާފައި ވަނީ އެ ހަމަލާގެ ފަންޑު ކުރި ފަރާތްތައް ހޯދުމަށް މިހާތަނަށް މަސައްކަތް ނުކުރާ ފަދަ މޭރުމަކުންނެވެ.

"ތަހުގީގުގެ ފުރަތަމަ ބައި މިހާރު ނިމުމާއެކު ދިވެހި ފުލުހުންގެ ހިދުމަތް އަދި ކޮމިޝަނަރު ހަމީދު ދެން ސަމާލުކަން ދޭނީ ތަހުގީގުގެ ދެ ވަނަ ބައި ކަމަށްވާ ހަމަލާއަށް ފަންޑު ކުރި މީހުންނާއި ލިންކުތައް ފުރިހަމައަށް ހަލުވިކޮށް ތަހުގީގު ކުރުމަށް،" އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެ އެވެ.

އައްބާސް ފާއިޒަކީ ދެކުނު އޭޝިޔާގައި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ. އަދި އެމްނެސްޓީ އިންޓަނޭޝަނަލްގައި ވަރަށް ގިނަ ދުވަހު އޭނާ ވަނީ މަސައްކަތް ކުރައްވައިފަ އެވެ. އަދި ރައީސް ސޯލިހުގެ މަންދޫބެއްގެ ގޮތުން ރާއްޖެ ވަޑައިގެންނެވުމުގެ ކުރިން މަސައްކަތް ކުރެއްވީ ލެކްޗަރާއެއްގެ ގޮތުގައި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް އެސެކްސްގަ އެވެ.

ނަޝީދު އަވަހާރަކޮށްލަން މިދިޔަ ރޯދަ މަހު ދިން ހަމަލާއަށްފަހު އެމަނިކުފާނުގެ ފުރާނަފުޅު ސަލާމަތް ކުރުމަށް އޭޑީކޭގެ ޑޮކްޓަރުން ނަޝީދުގެ ހަށިކޮޅުގައި ގާތްގަނޑަކަށް 16 ގަޑިއިރުގެ ސާޖަރީތަކެއް ހެދި އެވެ. ބޮމުގެ ތެރެއަށް އަޅާފައި ފުއްތަކުން 10 ފުއް އެމަނިކުފާނުގެ ހަށިކޮޅުން ނެގި އެވެ. އަދި ބޮން ހަރުކޮށްފައި ހުރި ސައިކަލުގެ ޕްލާސްޓިކު އެތިކޮޅެއް ވެސް ހަށިގަނޑުން ފެނުނެވެ.