Advertisement

ރިލްވާން ގެއްލުވާލި މީހުން ފިލުވި ފަރާތްތަކަށް އަދަބުދޭން އާއިލާއިން ގޮވާލައިފި

8 އޮގަސްޓު 2021 - 11:15 1

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ: ވަގަށްނެގިތާ ހަތް އަހަރު ފުރުނުއިރު މިހާތަނަށް ކުށްވެރިވި މީހަކު ނެތް -- ފޮޓޯ: އަދަދު ފައިލް


ރިލްވާން ގެއްލުވާލި މީހުން ފިލުވި ފަރާތްތަކަށް އަދަބުދޭން އާއިލާއިން ގޮވާލައިފި

8 އޮގަސްޓު 2021 - 11:15 1

ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ވަގަށް ނަގައި މަރާލުމުގައި ބައިވެރިވި ކުށްވެރިން ފިލުވުމަށް އެކި ގޮތްގޮތުން އެހީވި މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް ރިލްވާންގެ އާއިލާ އާއި މަދަނީ ޖަމިއްޔާތަކުން މިއަދު ގޮވާލައިފި އެވެ.

ރިލްވާން މައްސަލައިގައި ދައުވާ ކުރި މީހުންގެ މައްޗަށް ކުށް ސާބިތުނުވާކަމާއި އެ މައްސަލަ ތަހުގީގު ކުރުމުގަ އާއި ކޯޓަށް ހެކި ހުށަހެޅުމުގައި އިހުމާލުވެފައިވާ ކަމަށް ރިލްވާންގެ އާއިލާ އާއި އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން ދަ މޯލްޑިވްސް އަދި ރިލްވާން އެންޑް ޔާމީން ފައުންޑޭޝަންގެ ފަރާތުން މިއަދު ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވެ އެވެ.

އޭގެ އިތުރުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ގެއްލުވާލާފައިވާ މީހުންނަށް ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން މިހާތަނަށް އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރުމަށް ފޮނުވާފައިނުވާތީ އެކަމުގެ ކަންބޮޑުވުން ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ރިލްވާންގެ މައްސަލަ ތަހުގީގު ކުރުމަށް ހުރަސްއެޅި މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް އާއިލާއިން ގޮވާލިއިރު އެ މައްސަަލައިގެ ތަހުގީގަށް ހުރަސް އެޅުއްވި ކަމަށް ތުހުމަތުކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ކޮމިޝަނުން ވަނީ ސުވާލުކޮށްފަ އެވެ. އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު ހާޒިރުކޮށް އޭނާގެ ތަހުގީގު ވެސް ކޮމިޝަނުން ކުރިއަށް ގެންގޮސްފައިވެ އެވެ.

ރިލްވާންގެ އާއިލާ އާއި މަދަނީ ޖަމިއްޔާތަކުން ސަރުކާރަށް ގޮވާލާ ކަންކަން:

  1. ރިލްވާން ގެއްލުވާލި މައްސަލައިގެ ތަހުގީގު ނިންމާނެ ވަކި ތާރީހެއް ކަނޑައެޅުން.
  2. ރިލްވާން ވަގަށް ނެގުމުގެ މައްސަލަ އިސްތިއުނާފުކުރުމުގައި، މަރުކޮމިޝަނާއި ފުލުހުންގެ އިދާރާ އާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އިތުރުން އެހެނިހެން އިދާރާތަކުގެ މެދުގައި ހުރި ގޮންޖެހުންތައް ދެނެގަނެ އެމައްސަލަތައް ހައްލުކުރުން.
  3. ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން ކުރަމުންދާ މަސައްކަތަށް ހުރަސް އަޅާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުން.
  4. ރިލްވާން ގެއްލުވާލި މައްސަލަ ފޮރުވުމަށާއި އެކަމުގައި އޭނާ ވަގަށް ނެގުމުގައި ބައިވެރިވި ކުށްވެރިން ފިލުވުމަށް އެކި ގޮތްގޮތުން އެހީވިކަމަށް ބެލެވޭ މިހާރު އަދި މީގެ ކުރީގައި ދައުލަތުގެ ވަޒީފާތަކުގައި ތިބި މީހުންގެ މައްޗަށް ތަހުގީގު ހިންގައި ދައުވާ ކުރުން.
  5. ރިލްވާން ގެއްލުވާލުމުގެ މައްސަލަ ރޭވުމުގެ އަޑީގައި ތިބި މީހުންނާއި އެކަމަށް ފައިސާ ހަރަދު ކުރި މީހުންގެ މައްސަލަތައް ތަހުގީގުކޮށް ދައުވާ ކުރުން.

މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން ސެޕްޓެމްބަރު، 2019 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައި ވަނީ ޓެރަރިސްޓު ޖަމާއަތް އަލް-ގައިދާއާ ގުޅުން އޮންނަ ބަޔަކު ރިލްވާން ވަގަށް ނަގައި ކަނޑުމައްޗަށް ގެންގޮސް މަރާލުމަށްފަހު ކަނޑުފެއްތީ ކަމަށެވެ.

ރިލްވާން މަރާލީ އޭނާއަކީ މުރުތައްދެއް ކަމަށް ކަނޑައަޅައި އެ ޖަމާއަތް ތެރޭގައި ހުކުމް ކުރުމަށްފަހު ދީނުގެ ނަމުގައި ކަމަށް ވެސް މަރު ކޮމިޝަނުން ބުންޏެވެ. އަދި ރިލްވާން މަރާލީ ޝަހާދަތުގެ ދެކަލިމަ އޭނާ ކިޔައި ކިޔައި އޮއްވާ ކަމަށް ވެސް ކޮމިޝަނުން ހާމަ ކުރި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ ދުވަހު އުފެއްދެވި މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން ބުނެފައި ވަނީ ރިލްވާން މަރާލި މީހުންނަކީ ހަނގުރާމައަށް ދިޔުމަށް ރާއްޖެއިން މީހުން ރެކްރޫޓު ކުރުމުގެ އިތުރުން މަސްތުވާތަކެތި ވިއްކުމާއި މި ބާވަތުގެ ކުށްތަކަށް ވެސް އަރައިގަންނަ ބައެއް ކަމަށެވެ.