Advertisement

ރިލްވާންގެ މަރާ ގުޅިގެން ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިންއާ ގިނަ ސުވާލުތަކެއް ކޮށްފި

7 އޮގަސްޓު 2021 - 12:02 1

އަހުމަދު ސާއިލް އަލީ

އަހުމަދު ސާއިލް އަލީ

ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު: ރިލްވާންގެ މައްސަލާގައި އޭނާ މަރު ކޮމިޝަނަށް ހާޒިރުކޮށް ވަނީ ސުވާލު ކޮށްފައި-- ފޮޓޯ: ސަން


ރިލްވާންގެ މަރާ ގުޅިގެން ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިންއާ ގިނަ ސުވާލުތަކެއް ކޮށްފި

7 އޮގަސްޓު 2021 - 12:02 1

ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލައި މަރާލި ކަމަށް ތުހުމަތުކުރާ މައްސަލައިގައި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު މަރު ކޮމިޝަނަށް ތަކުރާރުކޮށް ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަން "އަދަދު"އަށް އެނގިއްޖެ އެވެ.

ރިލްވާން ގެއްލުވާލުމަކީ މި ވެރިކަމުގައި އުފެއްދި މަރު ކޮމިޝަނުން އެންމެ އިސްކަންދީގެން ބަލާ އެއް މައްސަލަ އެވެ. މި މައްސަލައިގެ ތަހުގީގަށް, މިދިޔަ ހަފުތާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ހާޒިރުކޮށްފައިވެ އެވެ. ތުހުމަތަށް އިއުތިޒާރްކުރައްވައި އެމަނިކުފާނު ހުންނެވީ ހަނު އެވެ.

އެނގިފައިވާ ގޮތުގައި ހުސައިން ވަހީދުގެ މައްޗަށް ތުހުމަތު ކުރަނީ މަގާމުގައި ހުންނަވައި ބާރާއި ނުފޫޒު ބޭނުން ކުރައްވައިގެން ރިލްވާންގެ ތަހުގީގަށް ހުރަސް އެޅުއްވި ކަމުގެ ތުހުމަތެވެ. މިނިވަން ނޫހުގައި އުޅެނިކޮށް ރިލްވާން ގެއްލުވާލުމުން އެކަށީގެންވާ ތަހުގީގެއް ފުލުހުން ނުހިންގި މައްސަލައިގައި އޭނާއާ ގިނަ ސުވާލުތަކެއް ކޮމިޝަނުން ކޮށްފައިވާ ކަން އެނގިފައިވެ އެވެ.

ހުސެއިން ހާޒިރުކުރުމާ ގުޅޭ ގޮތުން "އަދަދު"ން ސުވާލުކުރުމުން، މަރު ކޮމިޝަނުގެ މެމްބަރު މިސްބާހު އައްބާސް ވިދާޅުވީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކާ ގުޅިގެން ހާޒިރުކުރާ މީހުންގެ މައުލޫމާތު ހާމަ ނުކުރާ ކަމަށެވެ. އެހެންވެ އެ މައްސަލައާ ގުޅޭގޮތުން ގޮތުން ވެސް އެނާ އެއްޗެއް ވިދާޅެއް ނުވި އެވެ.

ކޮމިޝަނަށް ހުސެއިން ހާޒިރުކުރުމާ ގުޅޭ ގޮތުން އޭނާ އަށް ގުޅުމުން ފޯނު ނުނަންގަވާއިރު މެސެޖްކުރުމުން ވެސް ޖަވާބެއް އަދި ނުދެއްވަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ނައިބު ރައީސް އަހުމަދު އަދީބާއި ހުސައިން ވަހީދު ފޯނުން ފޮނުއްވި މެސެޖްތަކެއް ހާމަވެފައިވާއިރު އޭގެއިން އެނގޭ ގޮތުގައި ހުސައިން ވަހީދު ވަނީ އަދީބުގެ ރުހުން ހޯދަން ވެގެން ފުލުހުންގެ ތެރެއަށް ސިޔާސީ ނުފޫޒު ވަރަށް ބޮޑަށް ފޯރުވައިފަ އެވެ. އަދި ފުލުހުން ލައްވައި އެތައް ޖަރީމާއެއް ހިންގަން އޭނާގެ ބައިވެރިވުން އޮތް ކަން އެ މެސެޖްތަކުން އެނގެ އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އޭރުގެ ޕޮލިސް ކޮމިޝަނާ ހުސައިން ވަހީދު: އަދީބުގެ ނުފޫޒު ފުލުހުންގެ ތެރެއަށް ފޯރުވަން ހުސައިން ވަހީދު އެހީތެރިވި ކަމަށް ތުހުމަތު ކުރޭ-- ފޮޓޯ: ރައީސް އޮފީސް


ރިލްވާން މައްސަލާގައި ސިޔާސީ ގޮތުން ފައިދާ ނެގިދާނެ ގޮތުގެ ހިޔާލުތައް ހުސެއިން ވަހީދު އަދީބަށް ދެއްވާފައިވެ އެވެ. އެގޮތުން ރިލްވާނާ އެންމެ ފަހުން، ހުޅުމާލޭ ފެރީން ބައްދަލުވީ ދީން ގަބޫލުނުކުރާ މީހެއް ކަމަށާއި އެ ވާހަކަ އާއްމު ކުރުމަކީ އެ ވަގުތުގައި ސަރުކާރަށް ސިޔާސީ ގޮތުން މުހިއްމު ކަމަކަށް ވާނެ ކަމަށް ހުސެއިން ވަހީދު އަދީބަށް މެސެޖްކޮށްފައިވެ އެވެ.

ރިލްވާން ގެއްލުވާލާފައި ވަނީ އޯގަސްޓް 7، 2014 ގަ އެވެ. ޓެރަރިސްޓު ޖަމާއަތް އަލް-ގައިދާ އަށް ނިސްބަތްވާ ދިވެހި ބަޔަކު ރިލްވާން މަރާލުމަށްފަހު ކަނޑު ފެއްތި ކަމަށް މަރު ކޮމިޝަނުން ބުނެފައި ވަނީ ވެސް ސެޕްޓެމްބަރު، 2019، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ރިލްވާން މަރާލީ އޭނާއަކީ މުރުތައްދެއް ކަމަށް ކަނޑައަޅައި އެ ޖަމާއަތް ތެރޭގައި ހުކުމް ކުރުމަށްފަހު ދީނުގެ ނަމުގައި ކަމަށް ވެސް މަރު ކޮމިޝަނުން ބުންޏެވެ. އަދި ރިލްވާން މަރާލީ ޝަހާދަތުގެ ދެކަލިމަ އޭނާ ކިޔައި ކިޔައި އޮއްވާ ކަމަށް ވެސް ކޮމިޝަނުން ހާމަ ކުރި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ ދުވަހު އުފެއްދެވި މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން ބުނެފައި ވަނީ ރިލްވާން މަރާލި މީހުންނަކީ ހަނގުރާމައަށް ދިޔުމަށް ރާއްޖެއިން މީހުން ރެކްރޫޓު ކުރުމުގެ އިތުރުން މަސްތުވާތަކެތި ވިއްކުމާއި މި ބާވަތުގެ ކުށްތަކަށް ވެސް އަރައިގަންނަ ބައެއް ކަމަށެވެ.