Advertisement

ޗައިނާގައި ފެންބޮޑުވުމުން މަރުވި މީހުންގެ އަދަދު 302 އަށް އަރައިފި

3 އޮގަސްޓު 2021 - 05:56 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޗައިނާގައި ފެންބޮޑުވުމުން ހާލުގައި ޖެހުނު މީހުން ސަލާމަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ


ޗައިނާގައި ފެންބޮޑުވުމުން މަރުވި މީހުންގެ އަދަދު 302 އަށް އަރައިފި

3 އޮގަސްޓު 2021 - 05:56 0

ބެއިޖިން، ޗައިނާ (އޯގަސްޓު 2) - މިދިޔަ މަހު ޗައިނާގެ މެދު ތެރޭގައި ހިނގި ފެންބޮޑުވުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 302 އަށް އަރާފައިވާ ކަމަށާއި އަދިވެސް ގިނަ ބަޔަކު ގެއްލިގެން ހޯދަމުންދާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

މިދިޔަ މަހު ހިނާން ޕްރޮވިންސްގެ ވެރިރަށް ޝެންގްޝައުއަށް ތިން ދުވަސް ތެރޭ އެއް އަހަރުގެ ވާރޭ ވެހުނެވެ. ވިއްސާރައިގައި އެންމެ ބޮޑަށް ފެންބޮޑުވި އެ ސިޓީން އެކަނިވެސް 292 މީހުން މަރުވެފައި ވާއިރު، 47 މީހަކު އަދިވެސް ފެނިފައި ނުވެ އެވެ.

ފެންބޮޑުވުމުގެ ސަބަބުން ގިނަ އަދަދެއްގެ އާއްމުން ތިބީ ސަބްވޭ ކެރިއެޖް އާއި ބިމުއަޑީގައި ހަދާފައިވާ ކާރު ޕާކުތަކާއި ބިންގަރާސްތަކުގެ ތެރޭގައި ތާށިވެފަ އެވެ.

ސިޓީ ސަބްވޭގެ ލައިން ފަހެއްގައި ގިނަ އަދަދެއްގެ ޕަސެންޖަރުން ކޮނޑާ ހަމައަށް ފެން އަރާފައި ވަނިކޮށް ސަލާމަތް ވާން އުޅޭ މަންޒަރު ފެންނަ ފޮޓޯތައް ޗައިނާގެ ސޯޝަލް މީޑިއާގައި ދައުރުވެފައި ވެ އެވެ. އެ ތަނުން 14 މީހުން މަރުވި އެވެ. އޭގެ އިތުރުން ބިމުގެ އަޑީގައި ހަދާފައިވާ ޓަނެލެއް ތެރެއިން ދަތުރު ކުރަމުން ދިޔަ ކާރުތައް ވެސް އެ ފުށް މި ފުށަށް ޖެހި މީހުން މަރުވި އެވެ.

މޭޔަރު ހައު ހޮންގް ނޫސްވެރިންނަށް ވިދާޅުވީ ޝެންގްޝައުގައި އެންމެ ގިނަ މީހުން މަރުވީ ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުން ހިނގި ހާދިސާތަކުގައި ކަމަށެވެ. އޭނާ ވިދާޅުވީ 39 މީހެއްގެ ހަށިގަނޑު ނަގަން ޖެހުނީ ބިމު އަޑީގައި ހަދާފައިވާ ކާރު ޕާކުތަކާއި ޓަނަލް ފަދަ ތަންތަނުން ކަމަށެވެ.

މިއީ ފާއިތުވި 10 އަހަރު ތެރޭ ޗައިނާއަށް ކުރިމަތިވި އެންމެ ބޮޑު ފެންބޮޑުވުމުގެ ހާދިސާ އެވެ.

ހޯމަ ދުވަހު ޗައިނާގެ ކެބިނެޓް، ސްޓޭޓް ކައުންސިލުން ނިންމާފައި ވަނީ ފެންބޮޑުވުމުން އަމަލު ކުރި ގޮތް ބަލައި، އެފަދަ ކާރިސާތައް ހުއްޓުވުމަށް އެޅޭނެ ފިޔަވަޅުތައް ދެނެގަންނަން ތަހުގީގީ ޓީމެއް އުފެއްދުމަށެވެ.

ޖުލައި 17 ވަނަ ދުވަހުން ފެށިގެން ކުރި ވިއްސާރައިގެ އަސަރު 14 މިލިއަން މީހުންނަށް ކުރި އެވެ. ޝެންގްޝައުގައި ގިނަ ގެތަކަށް ގެއްލުން ލިބި ގާތްގަނޑަކަށް 8.2 ބިލިއަން ޑޮލަރުގެ އިގްތިސާދީ ގެއްލުން ލިބުނެވެ.

މުޅި ހިނާން ޕްރޮވިންސަށް ލިބުނު ގެއްލުމަށް ބަލައިފި ނަމަ އެ އަދަދު ދެ ގުނަ ވާނެ ކަމަށް ލަފާކުރެވެ އެވެ.

ތަޖުރިބާކާރުން ބުނެފައި ވަނީ ކުއްލިއަކަށް މޫސުން ގޯސްވުން ފަދަ ކަންކަން ދިމާވަނީ މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ކަމަށެވެ. އެގޮތުން ޗައިނާއަކީ އާއްމުކޮށް ފެންބޮޑުވާ ގައުމެއް ނަމަވެސް، މިހާރަކަށް އައިސް ފެންބޮޑުވުމުގެ ހާދިސާތައް އިތުރުވެ، ލިބޭ ގެއްލުން ބޮޑެވެ.

ކޮންމެ އަހަރަކު ވެސް މޫސުމީ ވިއްސާރައާ ދިމާކޮށް ޗައިނާގައި ފެންބޮޑުވެ އެވެ. އަދި ހަމަ އެ ދުވަސްވަރާ ދިމާކޮށް ތޫފާނު އެރުމަކީ ވެސް އާދައެކެވެ.

ނަމަވެސް ހިނާން ޕްރޮވިންސަށް ރިކޯޑް މިންވަރަށް ވާރޭ ވެހުމުން، މޫސުމީ ބަދަލުގެ ސަބަބުން ކުރާ އަސަރަށް ސިޓީތަކުން ތައްޔާރުވެފައި ނުވާ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ.