2 އޮގަސްޓު 2021 - 07:14 0
އަމަން ހަލީމް
ފިނޭންސް މިިނިސްޓްރީ ހުންނަ އިމާރާތް: މާލީ ހާމަކަން އިތުރު ކުރުމަށް ފިނޭންސުން އަންނަނީ ގިނަ މަސައްކަތަކެއް ކުރަމުން. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު
2 އޮގަސްޓު 2021 - 07:14 0
ވޭތުވެ ދިޔަ އަހަރުތަކުގައި ދިވެހި ދައުލަތުގެ މާލީ މައުލޫމާތު ހާމަކުރަން އެޅި ފިޔަވަޅުތަކާއެކު ސަރުކާރުގެ މާލީ ހާމަކަން އިތުރުވެއްޖެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިން ބުނެފި އެވެ.
އައިއެމްއެފްގެ ފިސްކަލް ޓްރާންސްޕޭރެންސީ އިވެލުއޭޝަން ރިޕޯޓުގައި ބުނާ ގޮތުގައި، ގިނަ ދާއިރާތަކަކަކުން މާލީ ހިސާބުތައް ހާމަކުރުމުގައި ސަރުކާރުން ރަނގަޅު ފިޔަވަޅުތަކެއް އަޅާފައި ވެ އެވެ.
މި ފިޔަވަޅުތަކާ ގުޅިގެން މާލީ ހިސާބުތަކުގެ ހާމަކަން މިނެކިރުމުގައި އައިއެމްއެފްއިން ބަލާ މިންގަނޑުތަކުގެ ތެރެއިން ފިސްކަލް ރިޕޯޓިން އަދި ފިސްކަލް ފޯކާސްޓިން އާއި ބަޖެޓިންއާ ގުޅޭ ގިނަ ކަންކަމުގައި ރާއްޖެއަށް ލިބުނީ "އެޑްވާންސްޑް" ރޭޓިން އެކެވެ.
އެޑްވާންސްޑް ރޭޓިންއަކީ މާލީ މައުލޫމާތު ހާމަކަކުރުމުގެ އެންމެ މަތީ ދަރަޖަ އެވެ.
ހާމަކަން އިތުރުވީ ނަމަވެސް، ބައެއް ދާއިރާތަކުން އަދިވެސް އިތުރަށް ކުރަން ޖެހޭ މަސައްކަތްތައް ހުރިކަން އައިއެމްއެފުން ފާހަގަކުރި އެވެ.
އެގޮތުން މާލީ ހިރާސް ކުޑަކުރުމާ ގުޅޭ ފިސްކަލް ރިސްކް އެނަލިސިސް އަދި މެނޭޖްމަންޓާ ގުޅޭ ކަންކަމުގައި ރާއްޖެއަށް ލިބުނީ "ބޭސިކް" އަދި "ބިލޯ ބޭސިކް" ރޭޓިން އެވެ.
މި ރިޕޯޓުގައި އައިއެމްއެފުން ބުނީ ރަނގަޅު ކުރަން ޖެހޭ ކަންކަން ހުރި ނަމަވެސް، މާލިއްޔަތު އިސްލާހުކުރަން މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ގިނަ ދާއިރާތަކާ ގުޅޭ ކަންކަން ފަސޭހައިން ރަނގަޅު ކުރެވޭނެ މަގުފަހި ކުރެވޭނެ ކަމަށެވެ. އެގޮތުން އިސްލާހުކުރުމުގައި އިސްކަން ދޭން ޖެހޭ ކަންކަމުގެ ރެކޮމެންޑޭޝަންތައް ރިޕޯޓުގައި ވަނީ ހިމަނައިފަ އެވެ.
މި ރެކޮމެންޑޭޝަންތަކުގެ ތެރޭގައި ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް އޮޑިޓް ރިޕޯޓްތައް ތައްޔާރު ކުރުމާއި، މެދު ރާސްތާގެ ފިސްކަލް ސްޓްރެޓަޖީ އާއި ބަޖެޓް ފްރޭމްވާކް އިތުރަށް ތަރައްގީކުރުމާއި، ޓެކްސް އާމްދަނީގެ ހަރަދުތައް ކުރާ ގޮތް އާންމުކުރުން ހިމެނެ އެވެ.
އަދި އެސްއޯއީތަކުގެ ހާމަކަން އިތުރުކުރުމަށާއި ދައުލަތުން ގެރެންޓީ ދިނުމުގެ އުސޫލާ އެއްގޮތަށް ގެރެންޓީތައް މެނޭޖްކުރުން ހިމެނެ އެވެ.
މިއީ ރާއްޖެއިން އައިއެމްއެފްގެ ފިސްކަލް ޓްރާންސްޕޭރެންސީ އިވެލުއޭޝަނެއް ހެދި ފުރަތަމަ ފަހަރެވެ. އަދި ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން މި ރިޕޯޓް ހެދި ފުރަތަމަ ގައުމަކީ ވެސް ރާއްޖެ އެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment