Advertisement

މިނިވަން ދުވަހުގެ ވޯލް އާޓަށް "ދިރުން" ގެންނާނީ ކިހިނެއް؟

29 ޖުލައި 2021 - 14:24 1

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް

މިނިވަން ދުވަހުގެ މިއުރަލް: މި މިއުރަލްގެ ފުރަތަމަ ފަސް ސީންގައި އޭއާރް އިފެކްޓް ވަނީ ހިމަނާފައި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު


މިނިވަން ދުވަހުގެ ވޯލް އާޓަށް "ދިރުން" ގެންނާނީ ކިހިނެއް؟

29 ޖުލައި 2021 - 14:24 1

ބޮޑުތަކުރުފާނު މަގުން އިރުން ހުޅަނގަށް ހިނގާލާފައި ދާއިރު ސްޓެލްކޯގެ ބޭރު ފަރާތު ފާރުން އެ ފެންނަނީ އިނގިރޭސިންގެ އަތްދަށުން މިނިވަންކަން ލިބުމާ ހަމައަށް ދިވެހިން ހޭދަކުރި ބައި ގަރުނަށްވުރެ ދިގު މުއްދަތާއި، މިނިވަންކަން ގައުމަށް ގެންނަން އެކަމުގެ ބާނީން ތިން އަހަރަށް ވުރެ ގިނަ ދުވަހު ކުރެއްވި ބުރަ ދަތުރުގެ ސިލްސިލާ އެވެ. އެއީ ހޯމަ ދުވަހު ފާހަގަކުރި 56 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހި އާޓިސްޓުންގެ ޖަމިއްޔާގެ 11 ފަންނުވެރިއެއް ކުލަ ފިހިން ތިލަކޮށްދިން ތާރީހީ މަންޒަރުތަކެކެވެ.

ތާރީހު ދިރާސާ ކުރައްވާ އަހުމަދު އަލާ ދީދީ އާއި މުހައްމަދު ނާޖިހު ދީދީގެ އިރުޝާދާ އެއްގޮތަށް ޖުމްލަ ބާރަ "ސީން" އަކަށް މިނިވަންކަމުގެ ދަތުރު ބަހާލައިގެން ގެނެސްދީފައިވާ އެ ވޯލް އާޓް ނުވަތަ "މިއުރަލް" ހާއްސަވާ އެހެން ސަބަބެއް އެބަ އޮތެވެ.

މިނިވަންދުވަހުގެ މިއުރަލް: މި މިއުރަލްގެ ފުރަތަމަ ފަސް ސީންގައި އޭއާރް އިފެކްޓް ހިމަނާފައިވޭ - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު


"ފުރަތަމަ ފަސް ސީން އަކީ އާގްމެންޓެޑް ރިއަލިޓީ އިފެކްޓް ލާފައިވާ ފަސް ސީން. އޭގެ މާނައަކީ ހާއްސަ އެޕެއްގެ ކެމެރާއިން އެ ތަސްވީރުތައް ބަލާއިރު އެނިމޭޓް ވެގެން އަންނާނެ. ނުވަތަ ދިރިގެން އަންނާނެ،" މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީގެ އެސްޖީ، ހުސައިން އިއްފާލް އަހުމަދު (އިއްފަ) ބުންޏެވެ.

ކުޅަދާނަ ކުރެހުންތެރިޔާ އަކީ ވެސް މިއުރަލްގެ އާޓް މަސައްކަތުގައި އުޅުނު 11 އާޓިސްޓުންގެ އެކެކެވެ.

"އެހެންވީމަ އެޕް އަޅާލައިގެން ފުރަތަމަ ފަސް ސީންގައި ވާ ކަންތައް އެނިމޭޝަން އެފެކްޓާ އެކު ބަލައިލެވޭނެ،" ރާއްޖޭގައި، ފާރެއްގައި ކުރެހި ފުރަތަމަ އޭއާރް ކުރެހުން މިހާރުގެ ކުދިންނަށް ޝައުގުވެރިވާނެ ސަބަބުތައް އިއްފަ ކިޔައިދިނެވެ.

ވޯލް އާޓުގައި ހިމަނާފައި ހުރި އަސްލު ލޮލަށް ނުފެންނަ އޭއާރް އިފެކްޓުގައި ސީން ތައް ބަލަން ބޭނުން ނަމަ ޖެހޭނީ Artivive ކިޔާ އެޕްލިކޭޝަނެއް ޑައުންލޯޑް ކުރާށެވެ. އޭރުން އެ އެޕްގެ ކެމެރާއިން އާޓް ވޯލްގެ ސީން ތައް ސްކޭން ކޮށްލުމުން އެނިމޭޝަން ތަކެއް ގޮތަށް ސީން ތައް ދިރިގެން ފޯނުގެ ސްކްރީނުން ފެންނާނެ އެވެ.

އެކަމަކު މި އެޕެއް އަޅައިގެން އެތަން ބަލަން ދާއިރު ފޯނުގައި ޑޭޓާ ހުރިކަން ޔަގީންކުރަން ވާނެ އެވެ.

"މިއީ ވަރަށް ކުރީގައި ހިނގާފައި ހުރި ހާދިސާތަކެއް. އެހެންވީމަ އޭއާރް ބޭނުންކޮށްގެން ކުރަހާފައި ހުރުމުން މި ޒަމާނުގެ ކުދިންނަށް މި ހާދިސާތައް އެމީހުން ޝައުގުވެރިވާ ގޮތަށް އެބަ ހުށަހަޅައިދެވޭ،" ގާތްގަނޑަކަށް އަށް ދުވަސް ވަންދެން ކުރި އާދަޔާ ހިލާފު މަސައްކަތާ ބެހޭގޮތުން އިއްފަ ބުންޏެވެ.

މިނިވަން ދުވަހުގެ މިއުރަލް: މި މިއުރަލްގެ ފުރަތަމަ ފަސް ސީންގައި އޭއާރް އިފެކްޓް ވަނީ ހިމަނާފައި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު


އޭއާރް އާޓް އަކީ މިހާރު ރާއްޖެއަށް މުޅިން އާ މީޑިއަމެއް ނޫނެވެ. މި އަހަރު އުރީދޫ އިން ނެރުނު ކަލަންޑަރުގައި ހިމަނާފައިވާ ތާރީހީ ކުރެހުންތަކަކީ ވެސް އޭއާރް އިފެކްޓް ލައިގެން ހިމެނި ކުރެހުންތަކެކެވެ.

ނަމަވެސް ފާރުތަކާއި މައިދާންތަކުގައި އޭއާރް އާޓް ކުރެހުމަކީ ކަރުދާހުގައި ކުރެހުމަށްވުރެ އުނދަގޫ އަދި ބުރަ މަސައްކަތެކެވެ. ބޭރު ގައުމު ތަކުގައި ވެސް މިއީ އާންމު ކަމެއް ނޫނެވެ. ރާއްޖޭގައި ވެސް ބޮޑު ފާރެއްގައި އޭއާރް އާޓްވޯކެއް މި ގެނެސްދިނީ އަލަށެވެ.