Advertisement

"ހޯދާދެއްވީ މިނިވަން ވި ޖައްވެކޭ": މިނިވަން އިހުސާސާއި ބައްޕަގެ ހަނދާންތައް

27 ޖުލައި 2021 - 08:27 0

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް


"ހޯދާދެއްވީ މިނިވަން ވި ޖައްވެކޭ": މިނިވަން އިހުސާސާއި ބައްޕަގެ ހަނދާންތައް

27 ޖުލައި 2021 - 08:27 0

"ހޯދާދެއްވީ މިނިވަން ވި ޖައްވެކޭ، ރޯޝަން ކުރުވީ އުޖާލާ ފަތިހެކޭ،

މިނިވަންކަން ހޯދާ ދެއްވާ، އަޅުވެތިކަން ނައްތާލައްވާ، ދިވެހިންނަށް ފާގަތި ދުވަހެއް މެޔޭ،"

މިނިވަންކަމުގެ ޖޯޝުން ފުރިގެންވާ މި ލަވަ އެންމެ ފުރަތަމަ ޓީވީއެމުން ދައްކަން ފެށީ 1996 ވަނަ އަހަރު އެވެ. އޭގެ ފަހުން އިހަށް ދުވަހާ ޖެހެންދެން ވެސް ޓީވީއެމުން އެ ލަވަ ގެނެސްދިނެވެ. ލަވައިގެ ވީޑިއޯގައި ފެންނަނީ އަށާރަ އަހަރުން ދަށުގެ 15 ވަރަކަށް ކުޑަކުދިންނެވެ. އެއީ އެ ލަވަ ތައްޔާރުކުރި ކުދިންނެވެ. ލަވަ ކިޔަނީ ވެސް މިއުޒިކު ކުޅެނީ ވެސް އެކުދިންނެވެ. ހުސް އެކެއްގެ ދަރިންނެވެ. ރާއްޖޭގައި އުފެދުނު އެންމެ މަޝްހޫރު ކްރިކެޓް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ، މަރުހޫމް އަހުމަދު ޖަލީލު (އިރުމަތީގޭ ޖަލީލު) ގެ ކުދިންނެވެ. އެއީ ނުވަދިހައިގެ ތެރޭގައި ދިވެހިން ހައިރާންކޮށްލި "އެމޭޒަނަސް ޖޫނިއާސް ބޭންޑް" އެވެ.

އެ ބޭންޑަކީ މަރްހޫމް އަހުމަދު ޖަލީލް އޭނާގެ ތިން ކައިވެންޏަކުން، ހަގަށް ލިބިވަޑައިގެންނެވި ބޭފުޅުން އެއްކޮށް ގެންގުޅުއްވުމުގައި ގެންގުޅުއްވި ވިސްނުންފުޅެއްގެ ތެރެއިން 1988 ވަނަ އަހަރު އުފެއްދެވި އޯލް-ކިޑްސް ބޭންޑެކެވެ. އޭނާ އަކީ ކުރީގެ މަޝްހޫރު މިއުޒިކް ގްރޫޕް، އެމޭޒަން ޖޭޑާއި ފްރީޒްގެ ވެރިޔާ މުހައްމަދު ހަބީބު (ބެންހާގޭ ހަބީބު) ގެ ބޭބެ އެވެ.

ބޭންޑް އުފަންވެ، ފުރިހަމަވެގެން، 1990 ވަނަ އަހަރު ސްޓޭޑިއަމްގައި ބޭއްވި މިނިވަން 25 ގެ ފަންނާނުންގެ މިއުޒިކީ އީދުގެ ބިޔަ ސްޓޭޖުން އާންމުންނަށް ފުރަތަމަ ފަހަރަށް ފެނިލި އިރު މެންބަރުންގެ ގޮތުގައި ތިބީ ޖަމީލުގެ 14 ބޭފުޅުންނާއި އޭނާ އަށް ކާފަ ކިޔާ ދެ ބޭފުޅުންނެވެ. އޭގެ ފަހުން ދެ އަހަރު ފަހުން އެކުދިން ގޮވައިގެން ޖަލީލް ކޮޅުނބަށް ދިރިއުޅުން ބަދަލުކުރެއްވުމާ ހަމައިން ބޭންޑު ތަރައްގީވަމުން އައީ އެކޮޅުގަ އެވެ. "ހޯދާ ދެއްވީ މިނިވަންވި ޖައްވެކޭ" އަކީ ކޮޅުނބުގައި ކުދިން ކިޔަވަމުން ދިޔަ އިރު، އޭރު ވަރަށް ބޮޑަށް މަޝްހޫރުވި ސިންހަޅަ ލަވައެއްގެ ރާގަކަށް، މިނިވަން ދުވަހަށް ހާއްސަކޮށްފައި ކުދިންނަށް ޖަލީލް ހައްދަވާފައި ދެއްވި ޅެމެކެވެ.

ލަވައިގެ މިއުޒިކް ކުޅެފައިވަނީ ކުދިން އަމިއްލަ އަށެވެ. ލީޑް ވޯކަލިސްޓަކީ ހަމަ އެބޭންޑްގެ ވޯކަލިސްޓް، އައިޝަތު ޖަލީލް (އައިސްތު) އެވެ. އޭރު އައިސްތު އަށް ވާނީ ތޭރަ އަހަރެވެ. ލަވަ ރިލީޒް ކުރީ 1996 ވަނަ އަހަރު ޓީވީ އެމްގެ ހޭޔަމްބޯ ޕްރޮގްރާމްގައި ޖަލީލުގެ އިންޓަވިއުއަކާ ވެސް އެކުގަ އެވެ.

އައިސްތު އޭނާގެ ބައްޕަ މަރުހޫމް އިރުމަތީގޭ އަހުމަދު ޖަލީލުއާ އެކު


މި ލަވަ އަކީ ޓީވީއެމުން އޭރު ގެނެސްދިން މިނިވަންދުވަހުގެ ޖޯޝު އެންމެ ބޮޑަށް ދިރުވައިދިން ދިވެހިންގެ އެންމެ ބޮޑަށް ގަޔާވި ލަވަތަކުގެ ތެރޭގައި ހިމެނުނު ލަވައެކެވެ. 1998 ވަނަ އަހަރު "އެމެޒަނަސް ޖޫނިއާސް" މިއުޒިކް ކުޅުން ހުއްޓާލި ފަހުން ވެސް މިއަދާ ހަމައަށް ވެސް އެ ބޭންޑްގެ ނަން މީހުންގެ ސިކުނޑީގައި ހަރުލާފައި ހުރި ހަމަ އެކަނި ސަބަބަކީ އެ ލަވަ ކަމަށް ބުނުމަކުން ވެސް ފަހަރުގައި ގޯހަކަށް ނުވެދާނެ އެވެ.

"އޭރު އަޅުގަނޑުމެން ލަވައިގެ ގޮތުގައި މުޅިން ވެސް ކުޅެ ހެދީ އެކި ގައުމުތަކުގެ މަޝްހޫރު ނުވަތަ ރީތި ލަވަތަކުގެ ރާގު ތަކަށް. އިނގިރޭސި އާއި ހިންދީ އާއި ސިންހަޅަ ރާގު ތަކަށް ވެސް ލަވަ ކުޅެ ހެދިން ލަންކާ އަށް ދިޔަ ފަހުން ވެސް. އަޅުގަނޑުމެންގެ ލަވަތަކަށް މުޅިން ވެސް ޅެން ހައްދަވައިދެއްވީ ބައްޕަ،" އެމޭޒަނަސް ބޭންޑްގެ އޭރުގެ ލީޑަރު، އަދި މިހާރު ވިޔަފާރި ދާއިރާގައި އުޅޭ އަޒްމީ ޖަލީލް (އައްމި) ކިޔައިދިނެވެ.

"މިނިވަން ކަމާއި މިނިވަންދުވަހާ ބެހޭގޮތުން ލަވައެއް ހައްދަވަން ފައްޓަވައިގެން އެންމެ ވިހި މިނިޓު ތެރޭގައި ބައްޕަ ހައްދަވައިދެއްވި ޅެމެއް "ހޯދައިދެއްވީ" އަކީ."

ޖަލީލް އަކީ ރަސްމީ ހައިސިއްޔަތަކުން ލެންވެރިކަމުގެ މަސައްކަތް ކޮށް، އަދަބިއްޔާތަށް އެއްވެސް ވަރަކަށް ހިދުމަތްކުރެއްވި ބޭފުޅެއް ނޫނެވެ. ނަމަވެސް އަޒްމީގެ ބަހުން، "ބައްޕަގެ ހުރިހާ ވެސް އެއްޗަކަށް ވީ އާއިލާ،" އެވެ. ދަރިންގެ މިއުޒިކަށާއި ތައުލީމަށް ބައްޕާ ނުކުރައްވާނެ ހަމަ އެއް ކަމެއް ވެސް ނޯންނާނެ ކަމަށް އޭނާ ބުންޏެވެ.

25 އަހަރު ފަހުން "ހޯދައިދެއްވީ"، ބައްޕަ އަށް ޓްރިބިއުޓެއް!

މަރުހޫމް ޖަލީލް ލިޔުއްވި ކުރު އެ ޅެމުގައި ފާޅުކޮށްފައިވަނީ މިނިވަންކަން ލިބުމުން އާންމު މީހެއްގެ ހިތުގައި ހިނގި ޝުއޫރުތަކެކެވެ. މިނިވަންކަން ލިބި އަމާން ފަތިހަކަށް ރޯޝަންވި ވާހަކަ އެވެ. ބޭރުގެ ބަޔަކަށް އަޅުވެތި ވެވިގެން ޖިޒީ ދައްކައިގެން ހިތްދަތި ކަމާއި ނިކަމެތިކަން ލިބި ހިތާމަކުރި ވާހަކަ އެވެ. އެހެންކަމުން މިނިވަން ބަޔަކަށް ވެ، ގައުމީ ދިދަ މިނިވަން ފަޒާއެއްގައި އަލުން ވިހުރިލާތަން ފެނުމުން އެކަމާ ފުރިހަމަ ލޯބިން ޝުކުރުކުރާ ވާހަކަ އެވެ.

މި ރީތި ޖުމްލަތަކުން ގެނެސްދިން މިނިވަންކަމުގެ އެ އިހުސާސްތަކަށް، އިއްޔެ ފާހަގަކުރި މިނިވަން ދުވަހު، 25 އަހަރު ފުރުނު އިރު އެ ހަނދާންތައް އަލުން ތާޒާކޮށްދީފި އެވެ. މިހާރު "ޖޫނިއާ" ނޫން "އެމޭޒަނަސް ޖޫނިއާސް" އިން ބައްޕަގެ ހަނދާނުގައި އެ މީހުންނާއި އެމީހުންގެ ކުދިންނާ އެކު ހެދި ލަވައިގެ ރީ-މޭކް އަކާ އެކު އެވެ.

ރީ-މޭކްގައި ލީޑް ވޯކަލްސްގެ ގޮތުގައި ލަވަ ކިޔާފައިވަނީ އޮރިޖިނަލް ލަވައަށް ވެސް ވޯކަލް ދިން އައިސްތު އެވެ. އައިސްތުގެ އަޑުގެ ފަހަތުން ދެން އިވެނީ އޭނާގެ އަށް އަހަރުގެ ދަރިފުޅު، ސޯފީގެ އަޑެވެ.

އައިސްތު އާއި އޭނާގެ ދަރިފުޅު ސޯފީ


އަޒްމީ ބުނީ، ރީ-މޭކް އެއް ހެދުމުގެ ވިސްނުން ގެންގުޅޭތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. ނަމަވެސް ސްކޫލް ދައުރުގެ ކިޔެވުން ނިމި، މަތީ ތައުލީމަށް މެންބަރުން ދާން ޖެހުނު ހިސާބުން ރޫޅުނު ބޭންޑު، އޭގެ ފަހުން އެއްތަން ނުވާތީ އެކަން ކުރަން ދަތިވެފައި ނުވެ އޮތީ ކަމަށެވެ.

ނަމަވެސް މި އަހަރަކީ ލަވަ އަށް 25 އަހަރު ފުރޭ ރިހިޔޫބީލަށް ވާތީ އަޒްމީ މެން ނިންމީ އެންމެން އެއްތަން ނުވިޔަސް، ކޮންމެވެސް ގޮތަކުން މިއަހަރުގެ މިނިވަން ދުވަހަށް ލަވަ އަލުން ކިޔާފައި ބައްޕަގެ ހަނދާނުގައި ބައްޕަ އަށް ދޭ ހަދިޔާއެއްގެ ގޮތުގައި ރިލީޒްކުރުމަށެވެ.

"އެންމެ އެއްކޮށް ދިމާނުވާތީ މިހާ ދުވަސްވީ. އައިސްތު ވެސް ދިރިއުޅެނީ އަޔަލެންޑްގައި. އޮސްޓްރޭލިއާ ގައިވެސް ދެ ކުއްޖަކު އެބަ ތިބި. ދެން ލަވަ އަލުން ހަދަން ބެލި އިރު، ކަން ދިމާކުރި ގޮތުން އައިސްތު އަށް ލިބުނު ދަރިފުޅު ސޯފީ އަކީ ވެސް ރީއްޗަށް ލަވަކިޔާ ކުއްޖެއް. އެހާ ހިސާބުން ބޭނުންވީ ދެން ލަވަ ކިޔާނަމަ މަންމަ އާއި ދަރިފުޅު ހިމަނައިގެން ކިޔަން،" އަޒްމީ ބުންޏެވެ.

ސޯފީ އާއި އެކު އިތުރު ފަސް ކުދިންގެ ބައިވެރިވުން މި ލަވައިގައި ހިމަނާފައިވެ އެވެ. އަޒްމީ ބުނީ އެކި ތަންތަނުގައި ތިބި މެންބަރުންނާއި އެމީހުންގެ ދަރިންގެ ބައިވެރިވުން ހިމަނައިގެން އޮންލައިންކޮށް ކޮމިއުނިކޭޓްކުރަމުން ލަވަ ނިންމަން ތިން ހަފްތާ ނެގި ކަމަށެވެ.

ރީމޭކްގެ އާ ބައިވެރިން

"އެމެޒަނަސް ޖޫނިއާސް"

ސޯފީ، 8 އަހަރު - ލީޑް ވޯކަލިސްޓް

ލޫކް، 5 އަހަރު - ބީޓް ބޮކްސިން، ބެކިން ވޯކަލް

ސާޝާ، 9 އަހަރު - ޕާކަޝަން، ބެކިން ވޯކަލް

ލާރާ، 9 އަހަރު - ކީބޯޑް، ބެކިން ވޯކަލް

އަޔާން، 9 އަހަރު - ކީބޯޑް، ބެކިން ވޯކަލް

ލިސާ، 10 އަހަރު - ކީބޯޑް، ބެކިން ވޯކަލް

"އެހެންވީމަ މިއީ ތިން ޖީލެއްގެ މަސައްކަތް. ބައްޕަ އަވަހާރަވިތާ 15 އަހަރު ފަހުން ބައްޕަގެ ހަނދާނުގައި ޓްރިބިއުޓެއްގެ ގޮތުގައި މި ލަވަ މިނިވަންދުވަހު ނެރެވޭ ގޮތްވުމަކީ އާއިލާއަށް ލިބުނު ބޮޑު އުފާވެރިކަމެއް،" އަޒްމީ ބުންޏެވެ.

އިއްޔެ ސައުންޑް ކްލައުޑަށް ރިލީޒްކުރި މި ލަވަ އަޑު އެހި މީހުން ވަނީ ލަވަ އަށް ތައުރީފުކޮށް އަހަރުތަކެއް ފަހުން އަޑު އިއްވާލި އާދަޔާ ހިލާފަށް ހުނަރުވެރި ކުޑަކުދިންތަކެއްގެ ގޮތުގައި ފެނިގެންދިޔަ އެ ބޭންޑުގެ މެންބަރުންނަށް މަރުހަބާ ކިޔާފަ އެވެ.

ދެން އޮތީ ލަވައިގެ ވީޑިއޯ ރިލީޒްކުރުމުގެ މަަސައްކަތެވެ. އަޒްމީ ބުނީ އެކަމަށް ވެސް ދެން މާގިނަ ދުވަހެއް ނުނަގާނެ ކަމަށެވެ. އެކަމަކު އާ ވީޑިއޯގައި "އެމެޒަނަސް ޖޫނިއާސް" ދެން ފެންނަ އިރު އާ މޫނު ތަކެއް އެކުވެގެން ދާނެ އެވެ.