Advertisement

މަޖިލިސް ރައީސާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅު އަޅަނީ

26 ޖުލައި 2021 - 11:32 2

އަހުމަދު ސާއިލް އަލީ

އަހުމަދު ސާއިލް އަލީ

މަޖިލީހުގެ ރައީސަށް ހާއްސަކޮށް ގެކޮޅު އަޅަން ނިންމާފައިވާ ދަންޑެހެލުގޭ: މިހާރު އެއީ ޕާކިން ޒޯނެއް-- ފޮޓޯ: އަހުމަދު ސާއިލް އަލީ/ އަދަދު


މަޖިލިސް ރައީސާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅު އަޅަނީ

26 ޖުލައި 2021 - 11:32 2

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން އުއްމަތަ ފަނޑިޔާރަށް ރަސްމީ ގެކޮޅު މާލޭގެ ދެ ސަރަހައްދެއްގައި އެޅުމަށް ސަރުކާރުން ނިންމައިފި އެވެ.

ދައުލަތުގެ ތިން ބާރުގެ ވެރިންގެ ތެރެއިން މީގެ ކުރިން ރަސްމީ ގެކޮޅު ހަމަޖައްސައި ދެނީ ރައީސުލްޖުމްހޫރިއްޔާއަށް އެކަންޏެވެ. އަނެއް ދެ ބާރުގެ ވެރިންނަށް ގެކޮޅު ހަމަޖައްސައި ދޭން ނިންމީ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ގާނޫނުތަކަށް ގެނައި ބަދަލަކުންނެވެ.

ސަރުކާރުގެ އޮފިޝަލަކު "އަދަދު" އަށް ވިދާޅުވި ގޮތުގައި މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު އެޅުމަށް ހަމަޖައްސާފައިވަނީ ތީމުގޭ ކުރިމަތީގައި އޮންނަ ދަންޑެހެލުގޭގަ އެވެ. މިހާރު އެއީ ޕާކިން ޒޯނެކެވެ.

އުއްތަމަފަނޑިޔާރަށް ހާއްސަ ގެކޮޅު އަޅަން ނިންމާފައިވާ ސަރަހައްދު: އެ ގޭގެ މަސައްކަތް މިއަހަރު ފަށާ-- ފޮޓޯ: އަހުމަދު ސާއިލް އަލީ/ އަދަދު


އުއްތަމަ ފަނޑިޔާރުގެ ރަސްމީ ގެކޮޅު އެޅުމަށް ނިންމާފައިވަނީ މަޖީދިއްޔާ ކުރިމަތީގައި އޮންނަ ކުރީގެ ސްކައުޓް އެސޯސިއޭޝަން ހިންގި އިމާރާތް ހުންނަ ބިމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ޑިޒައިން ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދަނީ. ދެ ބުރިއަށް ނޫނީ ތިންބުރިއަށް އިމާރާތް ކުރާނީ،" އޮފިޝަލް ވިދާޅުވި އެވެ.

އެ ދެ އިމާރާތް ކުރުމުގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ދައުލަތުން ފޯރުކޮށްދޭ ރަސްމީގެކޮޅުގެ ގޮތުގައި ނަޝީދަށް މުރައިދޫގެ އަދި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނަށް ރެހެންދި އެޕާޓްމަންޓް ކޮމްޕެލްކްސް އިން އެޕާޓްމަންޓެއް ވަގުތީ ގޮތުން ހަމަޖެއްސުމަށް ވަނީ ނިންމައިފަ އެވެ.

ގާނޫނަށް ގެނައި ބަދަލުން އެ ދެ ބާރުގެ ވެރިން ތިއްބަވާ ގޭގައި އާއިލާ ބޭފުޅުންނަށް ވެސް ތިބެވޭނެ އެވެ.

އާއިލާގެ ގޮތުގައި ބެލެވޭނީ އެ ބޭފުޅެއްގެ އަނބިކަނބަލުން ނޫނީ ފިރިކަލުންނާއި، މަންމަ އާއި ބައްޕަ އަދި 18 އަހަރު ނުފުރޭ ދަރިންނެވެ. އަށާރަ އަހަރުން މަތީގެ ދަރިންގެ ތެރެއިން ވެސް ކައިވެނިކޮށްގެން ނޫޅޭ ދަރިން އޭގެ ތެރޭގައި ހިމެނޭނެ ކަމަށް ގާނޫނުގައިވެ އެވެ.