Advertisement

ނަޝީދަށް މުރައިދޫގެ، އުއްތަމަ ފަނޑިޔާރަށް ރެހެންދި އެޕާޓްމަންޓެއް

24 ޖުލައި 2021 - 15:06 2

އަހުމަދު ސާއިލް އަލީ

އަހުމަދު ސާއިލް އަލީ

މުރައިދޫގެ: އެ ގެ ވަގުތީ ގޮތުން ދިނުމަށް ނިންމާފައިވަނީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް. -- ފޮޓޯ: އަހުމަދު ސާއިލް އަލީ/ އަދަދު


ނަޝީދަށް މުރައިދޫގެ، އުއްތަމަ ފަނޑިޔާރަށް ރެހެންދި އެޕާޓްމަންޓެއް

24 ޖުލައި 2021 - 15:06 2

ދައުލަތުން ފޯރުކޮށްދޭ ރަސްމީގެކޮޅުގެ ގޮތުގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މުރައިދޫގެ އަދި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނަށް ރެހެންދި އެޕާޓްމަންޓް ކޮމްޕެލްކްސް އިން އެޕާޓްމަންޓެއް ވަގުތީ ގޮތުން ހަމަޖެއްސުމަށް ނިންމައިފި އެވެ.

ތިން ބާރުގެ ވެރިންގެ ތެރެއިން މަޖިލީހުގެ ރައީސްއަށާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅު ހަމަޖައްސާ ގޮތަށް ގާނޫނަށް ބަދަލު ގެނައީ ނަޝީދު އަވަހާރަކޮށްލުމަށް ޓެރަރިސްޓް ހަމަލާއެއް ދިނުމާ ގުޅިގެންނެވެ. މިހާތަނަށް މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވަމުން ދިޔައި އަމިއްލަ ގެކޮޅުގަ އެވެ.

ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ މުރައިދޫގެ އާއި ރެހެންދި ފްލެޓްގެ އެޕާޓްމަންޓަށް އެ ދެބޭފުޅުން ބަދަލުވުމުގެ ކުރިން ކުރަން ޖެހޭ މަރާމާތުތައް މިހާރު ކުރަމުން އަންނަ ކަމަށެވެ.

މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ދާއިމީ ރަސްމީ ގެކޮޅުގެ ގޮތުގައި ދެ އިމާރާތެއް މާލޭގައި އެޅުމަށް ވަނީ ނިންމައިފަ އެވެ.

ރެހެންދި ފްލެޓް: އުއްތަމަ ފަނޑިޔާރަށް އެޕާޓްމަންޓް ހަމަޖައްސަނީ އެ ފްލެޓުން-- ފޮޓޯ: އަހުމަދު ސާއިލް އަލީ/ އަދަދު


މުރައިދޫގެ އެންމެ ފަހުން ބޭނުން ކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ އެންމެ ދޮށީ ދެބޭފުޅުން ދިރިއުޅުއްވުމަށެވެ. ރެހެންދި ފްލެޓުން އުއްތަމަ ފަނޑިޔާރަށް ހަމަޖައްސާ އެޕާޓްމަންޓަކީ ޔާމީންގެ ވެރިކަމުގައި އޭރުގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ ރަސްމީ ގެކޮޅުގެ ގޮތުގައި ބޭނުންކުރެއްވި ފްލެޓެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށް ފަހު ދައުލަތުން ސެކިއުރިޓީ ފޯރުކޮށްދެމުންދާ ދައުލަތުގެ އިސް ބޭފުޅުންގެ ސަލާމަތާ ރައްކާތެރިކަމާމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ނަޝީދު އަވަހާރަކޮށްލަން ހަމަލާދިނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުން ނުކުންނަވައިގެން ކާރަށް އަރައިވަޑައިގަންނަވަނިކޮށް ބާރުގަދަ އައިއީޑީއެއް ގޮއްވާލައިގެންނެވެ.