Advertisement

ޔުނައިޓެޑްގެ ސަޕޯޓަރުން ބޭނުންވާ ކާމިޔާބު ހޯދޭނެ: ސަންޗޯ

24 ޖުލައި 2021 - 09:52 0


ޔުނައިޓެޑްގެ ސަޕޯޓަރުން ބޭނުންވާ ކާމިޔާބު ހޯދޭނެ: ސަންޗޯ

24 ޖުލައި 2021 - 09:52 0

މެންޗެސްޓާ (ޖުލައި 24) - މެންޗެސްޓާ ޔުނައިޓެޑާ އެކު އެ ކްލަބްގެ ސަޕޯޓަރުން ބޭނުންވާ ކާމިޔާބު ހޯދޭނެ ކަމަށް އެ ޓީމާ ރަސްމީކޮށް އިއްޔެ ގުޅުނު އިނގިރޭސި ތަރި ޖޭޑަން ސަންޗޯ ބުނެފި އެވެ.

މީގެ 23 ދުވަސް ކުރިން ސަންޗޯ ޔުނައިޓެޑަށް ވިއްކާލަން އެއްބަސްވި ނަމަވެސް އޭނާ ރަސްމީކޮށް އެ ޓީމާ އެކު ސޮއިކުރުން ލަސްކޮށްލީ ޔޫރޯ އަށް ފަހު ޗުއްޓީ އަށް ދިއުމުންނެވެ. ސަންޗޯ އިއްޔެ ޔުނައިޓެޑާ އެކު ސޮއިކުރީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އަދި ޔުނައިޓެޑުން ބޭނުންނަމަ އިތުރު އެއް އަހަރަށް އެ ކޮންޓްރެކްޓް އާ ކުރެވޭނެ އެވެ.

ސަންޗޯ ޔުނައިޓެޑަށް ވިއްކާލީ 72 މިލިއަން ޕައުންޑް (100 މިލިއަން ޑޮލަރު) އަށެވެ. އަދި އެއްބަސްވުމުގެ މުއްދަތު ތެރޭގައި ވަކި ކަންތައްތަކެއް ފުރިހަމަވެއްޖެނަމަ އިތުރު 20 މިލިއަން ޑޮލަރު ދޭން ޔުނައިޓެޑުން އޮތީ އެއްބަސްވެފަ އެވެ.

ޔުނައިޓެޑްގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ސަންޗޯ ބުނީ ޑޯޓްމަންޑުން އޭނާ އަށް ދިން ފުރުސަތަށް އަބަދުވެސް ޝުކުރުވެރިވާނެ ކަމަށާއި ކޮންމެވެސް އެއް ދުވަހަކުން އެނބުރި އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅެން އަންނާނެކަން ކުރިން ވެސް އޮތީ ރޭވިފައި ކަމަށެވެ.

"ޔުނައިޓެޑަށް ބަދަލުވުމަކީ ހުވަފެނެއް ހަގީގަތަކަށް ވުން. ޔުނައިޓެޑްގައި ހުރެ ޕްރިމިއާ ލީގުގައި ކުޅެލަން މިހުރީ ކެތްމަދުވެފައި. މި ޓީމުގައި އޮތީ ޒުވާން ހުނަރުވެރި ޓީމެއް. މި ޓީމު އެއްކޮށް ޑިވެލޮޮޕް ވެގެން ސަޕޯޓަރުން ހިތްހަމަޖެހޭ އެ މީހުންނަށް ހައްގުވާ ވަރުގެ ކާމިޔާބީއެއް ހޯދޭނެ،" ސަންޗޯ ބުންޏެވެ.

ޑޯޓްމަންޑަށް ކުޅެދިން 137 މެޗުގައި ސަންޗޯ ވަނީ އެ ޓީމަށް 50 ގޯލު ޖަހައިދީފަ އެވެ. އަދި 64 ގޯލު ޖަހަން ވަނީ ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ސަންޗޯ ވަނީ އެ ޓީމާ އެކު ޖަރުމަނު ކަޕާއި ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ.


ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ ސަންޗޯ އަކީ އޭނާ ޔުނައިޓެޑްގައި ކުޅުވަން ބޭނުންވާ ފުޓްބޯޅަ ސްޓައިލަށް ބަލާއިރު ވަރަށް މުހިއްމު ކުޅުންތެރިއެއް ކަމަށެވެ. އަދި ކުރިއަށް އޮތް ސީޒަންތަކުގައި ސަންޗޯގެ ކެރިއަރުގެ އެންމެ މުހިއްމު އަހަރުތައް ޔުނައިޓެޑާ އެކު ހޭދަކުރުމަކީ ސަޕޯޓަރުންނަށް ވެސް ލިބޭނެ ހިތްހަމަޖެހުމެއް ކަމަށް ސޯލްޝެއާ ގަބޫލުކުރެ އެވެ.

އިންޑިއާގައި 2017 ވަނަ އަހަރު ބޭއްވި 17 އަހަރުން ދަށުގެ ވޯލްޑް ކަޕް ކާމިޔާބުކުރި އިންގްލެންޑް ޓީމުގައި ހިމެނޭ ސަންޗޯ ޑޯޓްމަންޑަށް ބަދަލުވީ އެ މުބާރާތަށް ފަހު އެވެ. ޖަރުމަނުގެ ގަދަބާރު ޑޯޓްމަންޑުން ސަންޗޯ ގަތީ 2017 ވަނަ އަހަރު މެންޗެސްޓާ ސިޓީން 10 މިލިއަން ޑޮލަރު ދައްކައިފަ އެވެ. މުޅި ޑީލް އެއްކޮށް ނިމުނުއިރު، ޑޯޓްމަންޑުން ދެއްކި ފީ ވަނީ 14 މިލިއަން ޑޮލަރަށް އަރައިފަ އެވެ.

އެ ފަހަރު ޑޯޓްމަންޑަށް ސަންޗޯ ވިއްކާލިއިރު، ސިޓީން ވަނީ އެ އެއްބަސްވުމުގައި ހާއްސަ މާއްދާއެއް ހިމަނައިފަ އެވެ. އެއީ ޑޯޓްމަންޑުން މުސްތަގުބަލުގައި ސަންޗޯ އެހެން ކްލަބަކަށް ވިއްކާލައިގެން ލިބޭ ޓްރާންސްފާ ފީގެ ތެރެއިން ވަކި ޕަސެންޓެއް ސިޓީ އަށް ދޭން ޖެހޭ ގޮތަށެވެ. އެ ގޮތުން ޔުނައިޓެޑާ އެކު ސަންޗޯގެ ޑީލް ނިމުމުން ސިޓީ އަށް 13 މިިލިއަން ޑޮލަރު ލިބޭނެ އެވެ.