މިލާން (ޖުލައި 21) - މި ފަަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުުގައި ޖަރުމަނުން ކުޅުނު ހުރިހާ މެޗެއްގައި ދެެއްކި ކުޅުމަށް ބަލާއިރު، އެ ޓީމު ކެޓީ މާ އަވަހަށް ކަމަށް އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނެފި އެވެ.
ޔޫރޯގައި ޖަރުމަނު ލައްވާލީ މަރުގެ ގްރޫޕްގަ އެވެ. އެ ގްރޫޕްގެ ފުރަތަމަ މެޗުން ޖަރުމަނު ވަނީ 1-0 އިން ފްރާންސް އަތުން ބަލިވެފަ އެވެ. އެ މެޗުގެ ފަރަގަކީ ޖަރުމަނުގެ ޑިފެންޑަރު މެޓް ހަމެލްސް އަތުން ބައިކޮޅަށް ވަން ގޯލެވެ. ދެ ވަނަ މެޗުގައި ޖަރުމަނު ވަނީ 4-2 އިން ވަރުގަދަ ޕޯޗުގަލް ބަލިކޮށްފަ އެވެ. ތިން ވަނަ މެޗުގައި ފަހު ވަގުތު 2-2 އިން ހަންގޭރީއާ އެއްވަރުކޮށް ޖަރުމަނު ދެ ވަނަ ބުރުން ފުރުސަތު ހޯދީ ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. ދެ ވަނަ ބުރުގައި އިންގްލެންޑާ ވާދަކޮށް ޖަރުމަނު ބަލިވީ 2-0 އިންނެވެ.
މިއީ ފާއިތުވި 20 ވަރަކަށް އަހަރު ތެރޭ ޖެހިޖެހިގެން ބޮޑު ދެ މުބާރާތެއްގައި ޖަރުމަނުގެ ނަތީޖާ އެންމެ ދަށްވި ދެ ފަހަރެވެ. ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ޖަރުމަނު ކެޓިއިރު، މި ފަހަރުގެ މުބާރާތާ ވަކިވާން ޖެހުނީ ކުއާޓާ ފައިނަލުން ވެސް ފުރުސަތު ނުލިބި އެވެ.
މަންޗިނީ ބުނީ އެންމެ ފަހުން ވޯލްޑް ކަޕާއި މި ފަަހަރުގެ ޔޫރޯގައި ޖަރުމަނަށް މުބާރާތުގެ ފަހު ބުރުތަކުން ފުރުސަތު ނުލިބުނު ކަމުގައި ވިޔަސް އެ ޓީމަކީ އަދިވެސް ފުޓްބޯޅައިގެ ވަރުގަދަ ބާރެއް ކަމަށެވެ.
"ޖަރުމަނު ކުޅުންތެރިން ވަރަށް ހުނަރުވެރި. ޖަރުމަނުގެ ކޯޗުން ވެސް ވަރަށް ތަފާތު. މި ފަހަރުގެ ޔޫރޯގައި ޖަރުމަނު އޮތީ އުނދަގޫ ގްރޫޕެއްގައި. އަހަރެން ދެކޭ ގޮތުގައި ޖަރުމަނު މުބާރާތުން ކެޓީ މާ އަވަހަށް. އިންގްލެންޑާ ދެކޮޅަށް ޖަރުމަނު ކުޅުނު މެޗަށް ބަލާއިރު. އަހަރެންގެ ނަޒަރުގައި އެ މެޗުން މޮޅެއް ހައްގީ ޖަރުމަނަށް. އެ މީހުން މޮޅަށް ކުޅުނު،" މަންޗިނީ ބުންޏެވެ.
"ކުރިއަށް ހުރި މުބާރާތްތަކުގައި ޖަރުމަނު ވަރުގަދަވާނެ،"
އިޓަލީން މި ފަހަރުގެ ޔޫރޯގެ ޗެމްޕިއަންކަން ހޯދީ ކޮލިފައިންގެ ހުރިހާ މެޗަކުން މޮޅުވުމުގެ އިތުރުން މުބާރާތުގެ ހުރިހާ މެޗެއް ވެސް ކާމިޔާބު ކޮށްގެންނެވެ. އިޓަލީ އެންމެ ފަހުން ކުޅުނު 34 މެޗުގައި ވެސް ބަލިނުވެ އެވެ.
މަންޗިނީ ބުނީ ޔޫރަޕްގެ ޗެމްޕިއަންކަން ހޯދުމަކީ އިޓަލީގެ މިހާރު އޮތް ސްކޮޑު ކޮންފިޑެންސާ އެކު ކުރިއަށްދާން އެޅުނު ފިޔަވަޅެއް ކަމަށެވެ. އަދި ޒުވާން ކުޅުންތެރިންތަކަކަށް ގައުމީ ޓީމުން ފުރުސަތު ދޭން ބޭނުންވާ ކަމަށާއި ކުރިއަށް އޮތްތަނުގައި ޓީމު އިތުރަށް ވަރުގަދަ ކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް މަންޗިނީ ބުންޏެވެ.
އަންނަ އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕަށްދާއިރު، އިޓަލީ ކުޅުންތެރިންގެ ފެންވަރު މިހާރަށް ވުރެ ރަނގަޅުވާނެ ކަމަށް މަންޗިނީ ގަބޫލުކުރެ އެވެ. އިޓަލީގެ ކޯޗުކަމަަށް މަންޗިނީ ގެނައީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އެ ޓީމު ކޮލިފައިނުވުމުން އެ ގައުމުގެ ފުޓްބޯޅަ ރަނގަޅު ލެވަލަކަށް އަލުން ގެނައުމަށެވެ. މަންޗިނީ މިހާތަނަށް ވަނީ ރަނގަޅު މަސައްކަތްތަކެއް ކޮށްފަ އެވެ.
Comment