Advertisement

"މިނިވަން ފިހި" ގެ ކަވާ އާޓުން ދައްކުވައިދެނީ ކޮން މަންޒަރެއް؟

15 ޖުލައި 2021 - 19:29 0

"މިނިވަން ފިހި 2021" ގެ ކަވާ އާޓިސްޓް އިހުސާން، ކަވާ އާޓް ކުރަހަނީ.


"މިނިވަން ފިހި" ގެ ކަވާ އާޓުން ދައްކުވައިދެނީ ކޮން މަންޒަރެއް؟

15 ޖުލައި 2021 - 19:29 0

މިނިވަން ދުވަހޭ ބުނެފި ނަމަ ގިނަ ބަޔެއްގެ ހިތަށް ވަންނަނީ މިނިވަންކަމާ އެކު ވިހުރޭ ދިދައެކެވެ. އެކަމަކު އެއީ އެތައް މާނައެއް ދޭހަވާ، އެތައް މަންޒަރެއް ކުރަހައިދޭ އަދި އެތައް ވާހަކައެއް ކިޔައިދޭ ދުވަހެކެވެ. މިނިވަންކަން ގެއްލުނު ގޮތެވެ. މިނިވަންކަން ހޯދަން ކުރި ޖިހާދެވެ. އަދި މިނިވަންކަން ދަމަހައްޓަން ކުރަން ޖެހޭ މަސައްކަތެވެ.

ދިވެހިރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރަން، މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ (މެކް) އާ ގުޅިގެން "މިނިވަން ފިހި 2021" ގެ ނަމުގައި "އަދަދު" އިން ކުރެހުމުގެ މުބާރާތެއް ބޭއްވުމުގެ މަގުސަދަކީ ވެސް އެފަދަ އެތައް ވާހަކަތަކެއް ކިޔައިދޭން ޒުވާންނަށް ފުރުސަތު ހޯދައިދިނުމެވެ. މޯލްޑިވްސް ގޭސް އިން ސްޕޮންސާކޮށްފައިވާ މި މުބާރާތުގެ ކަވާ އާޓުގެ ގޮތުގައި "އަދަދު" ގެ އިން-ހައުސް އާޓިސްޓް އަހުމަދު އިހުސާން (އަރަކަ އާޓްސް) ކުރަހާފައިވާ އާޓް ޕީސް އަކީ ވެސް އެފަދަ އާ ވާހަކަ އެކެވެ. އެ އާޓް ޕީސްގެ ކޮންސެޕްޓް ފަރުމާކުރި "އަދަދު" ގެ ވިޝުއަލް އެޑިޓަރު އަބްދުﷲ ޝަފީއު (އަބޯ) ބޭނުންވީ، ރާއްޖޭގެ މިނިވަންކަމާ ގުޅޭ ގޮތުން އާއްމުކޮށް ވިސްނިފައިނުވާ ދިމާލެއް ދައްކާލުމެވެ. މުބާރާތަށް ތައްޔާރުވާ ކުރެހުންތެރިންނަށް ތާޒާ ހިޔާލެއް ދިނުމެވެ.

އަބޯ ފަރުމާކޮށް، އިހުސާންގެ ފިހިން ފުރާނަ އަޅުވައިދިން ކަވާ އާޓަކީ، ޖުލައި 26، 1965 ގައި އިނގިރޭސި ދައުލަތުގެ ހިމާޔަތުގެ ކަސްތޮޅުން ރާއްޖެ ނައްޓުވައިދިން އެއްބަސްވުމުގައި މި ރާއްޖޭގެ އޭރުގެ ވަޒީރުލްއައުޒަމް އިބްރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނު ސޮއިކުރައްވާ މަންޒަރުގެ އަނެއް ފަރާތެވެ. ނާސިރުގެ އިތުރުން އެ މަންޒަރުން ފެންނަނީ މިނިވަންކަން ހޯދުމުގެ މަޝްވަރާތަކުގައި އިސް ދައުރެއް އަދާކުރެއްވި އަބްދުއްސައްތާރު މޫސާ ދީދީ އާއި ކަނޑި އަހުމަދު އިސްމާއީލް މަނިކު އަދި ކޮލިގޭ އަލީ އުމަރު މަނިކު (ކޮލި އަލި މަނިކު) އެވެ. އެ ފޮޓޯ އިން ފެންނަ މަންޒަރު ދިވެހިންގެ ސިކުނޑިތަކުގައި ރައްކާކުރެވިފައިވެ އެވެ. އަދި އެ ފޮޓޯ އިން ފެންނަ ބޭބޭފުޅުންނާ މެދު، ދިވެހިން ދެކެނީ މިނިވަންކަން ހޯދައިދިދެއްވި ބަތަލުންގެ ގޮތުގަ އެވެ.

1965 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހު މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރާ މަންޒަރު.


އެކަމަކު އެ ފޮޓޯ އިން ނުފެންނަ ވަރަށް މުހިއްމު ބޭފުޅެއްވެ އެވެ. އެއީ އޭރު ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔާ، ކީރިތި މަހާރަދުން ޖަލާލަތުލް މަލިކު މުހައްމަދު ފަރީދުލް އައްވަލް އެވެ. ސަރުކާރުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން މިނިވަންކަން ހޯދުމުގެ ސިޔާސީ އަދި ހާރިޖީ މަސައްކަތްތައް ނާސިރު ކުރެއްވި ނަމަވެސް، މިނިވަންކަން ލިބުނުއިރު ދިވެހި ރަސްކަމުގެ ތަހުތުގައި ރެދަލި ކުރެއްވި މަހާރަދުން ކަމަށްވާތީ މުހައްމަދު ފަރީދުގެ ނަންފުޅު ވެސް ރީތި ދެއްޔަކުން ފެވެން ޖެހެ އެވެ. އެމަނިކުފާނުންގެ ނަންފުޅު ވެސް ތާރީހު ކިޔައިދޭއިރު ގެންނަން ޖެހެ އެވެ.

ކަވާ އާޓުން ދައްކުވައިދެނީ އެ މަންޒަރެވެ. މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރިއިރު ވަފުދުގެ ފަހަތަށް ވާގޮތަށް، ހައި ކޮމިޝަނުގެ ޖަލްސާކުރާ މާލަމުގައި ބަހައްޓާފައިވާ ފޮޓޯ ފްރޭމުގެ ނަޒަރުންނެވެ. އެ ފޮޓޯ ފްރޭމުގެ ކުރިމަތިން ފަނޑުކޮށް އެ ފެންނަނީ ސޮއިކުރާ މަންޒަރެވެ. ފްރޭމުގެ ފަހަތުން އެ ފެންނަ ތަނބުން ދައްކުވައިދެނީ ދިވެހި ރަސްކަމުގެ ހައިބަތެވެ. އެ ތަނބުގައި އަޅާފައިވާ ކުރެހުމުން ދައްކުވައިދެނީ ދިވެހިންގެ ފަންނުވެރި ސަގާފަތެވެ. އެ ތަނބުގެ މަތީގައި ރަތްކުލައިގެ މަލްމަލް ފޮތިގަނޑުގެ މަތީގައި ބާއްވާލެވިފައި އެއޮތީ ކީރިތި މަހާރަދުންގެ ތާކިހާކޮޅެވެ. އެ ތާކިހާކޮޅުގައި، އަލިމަސް ހަރުކުރެވި ރަނުން ޖަރީކޮށްފައިވީތީ އެ ފެންނަނީ ރަސްކަމުގެ ނިޝާނެވެ.

ދިވެހިރާއްޖޭގެ އެންމެ ފަހުގެ ރަދުން މުހައްމަދު ފަރީދުލް އައްވަލް.


"ޝައްކެއް ނެތް މިނިވަންކަން ހޯއްދަވައި ދެއްވި ބަތަލަކީ އިބްރާހިމް ނާސިރު. އެކަމަކު ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔަކު އޭރު ހުންނެވިކަން މިއަދު ގިނަ ބަޔަކަށް ނޭގޭ. އެހެންކަމުން ކަވާ އާޓުން ދައްކުވައިދޭން ބޭނުންވީ މިނިވަންކަން ލިބުނުއިރު، އެ ކަންކަމުގެ ފަހަތުގައި އެހެން ބޭފުޅަކު ވެސް ހުންނެވިކަން. އެކަމަކު އެއީ ހަމަ އެންމެ މަންޒަރެއް. އެފަދަ އެތައް މަންޒަރެއް މިނިވަންކަމާ ގުޅިގެން ކުރެހިދާނެ. އަޅުގަނޑުމެން ޒުވާން އާޓިސްޓުންނަށް މި ހުޅުވާލަނީ އެ މަންޒަރުތައް ކުރެހުމުގެ ފުރުސަތު،" އަބޯ ބުންޏެވެ.

އުމުރުން 15 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާން ކުރެހުންތެރިންނަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނުލިބޭނެ އެ އުމުފުރާގެ ހަމައެކަނި އާޓިސްޓަކީ، ކަވާ އާޓް ކުރެހި އިހުސާނެވެ. އެއީ އޭނާ އަކީ، "އަދަދު" ގެ މުވައްޒަކަށް ވާތީ އެވެ. އެކަމަކު އޭނާ ކުރެހި ކަވާ އާޓުން ހިތްވަރު ލިބި ޒުވާން އެތައް ކުރެހުންތެރިންތަކެއް މުބާރާތުގައި ފެންވަރު ދައްކާލާނެ އެވެ

ކަވާ އާޓިސްޓް އިހުސާން.


"މިނިވަން ފިހި 2021" ގެ ކަވާ އާޓިސްޓް


އަހުމަދު އިހުސާން (އަރަކަ) އަކީ 2018 އާއި 2020 ގެ "އަންވީލިއަން ވިޝަން އެގްޒިބިޝަން" އާއި 2019 ވަނަ އަހަރުގެ ސާކް އާޓް ކޭމްޕާއި "ފަންނުގެ ދަރީން" އެގްޒިބިޝަނުގައި ފަންނުވެރިކަން ސާބިތުކޮށްދީފައިވާ ކުރެހުންތެރިއެކެވެ. ރާއްޖޭގައި ފަހަކަށް އައިސް ބޭއްވި އާޓުގެ އެންމެ ބޮޑު އެއް ހަރަކާތް ކަމަށްވާ، ދ. ރިބިނދޫ ސަގާފީ މަގު ގްރޫޕް ޕްރޮޖެކްޓުގައި ވެސް އޭނާ ހިއްސާވި އެވެ. އޭނާގެ އެންމެ ފާހަގަކޮށްލެވޭ މަސައްކަތަކީ 2018 ވަނަ އަހަރު ލެކިއުޓުގައި ބޭއްވި އޭނާގެ ސޯލޯ އެގްޒިބިޝަން (ބިލާހުގެ ވަތަން) އެވެ.