Advertisement

އާ ސީޒަންގެ ފުރަތަމަ ދެ މަހު ރެޝްފޯޑް ނުފެންނާނެ

15 ޖުލައި 2021 - 07:43 1


އާ ސީޒަންގެ ފުރަތަމަ ދެ މަހު ރެޝްފޯޑް ނުފެންނާނެ

15 ޖުލައި 2021 - 07:43 1

މެންޗެސްޓާ (ޖުލައި 15) - އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑްގެ އިނގިރޭސި ފޯވާޑް މާކަސް ރެޝްފޯޑަށް އަންނަ ސީޒަނުގެ ފުރަތަމަ ދެ މަހެއްހާ ދުވަހު ނުކުޅެވުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.

އުމުރުން 23 އަހަރުގެ ރެޝްފޯޑް މިދިޔަ ސީޒަން ފަހުކޮޅުން ފެށިގެން ކޮނޑުގައި މައްސަލަ ހުރިކަން ވަނީ ފާހަގަވެފަ އެވެ. އެކަމަކު، އޭނާ އޮޕަރޭޝަނެއް ކުރަން ބޭނުންވީ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު އެވެ. ޔޫރޯގައި އިންގްލެންޑް ކުޅުނު އެއްވެސް މެޗެއްގެ ފުރަތަމަ އެގާރައިން ރެޝްފޯޑަށް ފުރުސަތު ނުލިބުނުއިރު، ފައިނަލުގައި އިޓަލީއާ ދެކޮޅަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ރެޝްފޯޑް ޖެހި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ.

ރެޝްފޯޑްގެ އިތުރުން ޕެނަލްޓީ ނާކާމިޔާބުވީ ޖޭޑަން ސަންޗޯ އާއި ބުކާޔޯ ސަކާ އަތުންނެވެ. މި ކުޅުންތެރިންނާ ނަސްލީ ގޮތުން ދިމާކުރުމުގެ މައްސަލަތައް ގިނަވެފައިވާއިރު، ޔުނައިޓެޑްގެ ސަޕޯޓަރުން ވަނީ ރެޝްފޯޑަށް އޮތް ސަޕޯޓް ހާމަކުރުމުގެ ގޮތުން ހަރަކާތްތަކެއް ބާއްވައިފަ އެވެ.

މިދިޔަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގައި 11 ގޯލު ޖެހި ރެޝްފޯޑް ކޮނޑުގެ އޮޕަރޭޝަނަށް ފަހު ގާތްގަނޑަކަށް ފަސް ހަފްތާއެއްހާ ދުވަސް ތެރޭ ޕްރެކްޓިހުގައި ބައިވެރިވެވޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެކަމަކު، ޕްރީ ސީޒަނުގައި ބައިވެރިނުވާތީ އޭނާ އަށް މެޗެއް ކުޅެވޭވޭވަރުވާނީ އިތުރު ދޭއް ނޫނީ ތިން ހަފްތާ އަށް ފަހު ކަމަށްވާތީ އެންމެ އަވަހަށް ވެސް ކުޅުމަށް އެނބުރި އާދެވޭނީ އޮކްޓޫބަރުގަ އެވެ.

އިނގިރޭސި ފުޓްބޯޅަ ސީޒަން ފަށާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހު އެވެ. އެއީ މެންޗެސްޓާ ސިޓީ އާއި ލެސްޓާ ސިޓީ ކުޅޭ ޗެރިޓީ ޝީލްޑް މެޗުންނެވެ. އޭގެ ހަފްތާއެއް ފަހުން ޕްރިމިއާ ލީގުގެ އާ ސީޒަން ފަށާނެ އެވެ. އަންނަ ސީޒަނުގައި ދަނޑުތަކަށް ސަޕޯޓަރުން ވަންދަން ވަނީ ހުއްދަދީފަ އެވެ.