8 ޖުލައި 2021 - 13:59 0
ފާތިމަތު އަޖްފާން
ޑޮކްޓަރުންގެ ޓީމެއް އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަނީ: ކަނޑިތީމުގައި ރޭ ހިނގި ހާދިސާގައި ޒަހަމުވި މީހާ މިހާރު ވަނީ އިތުރު ފަރުވާއަށް އިންޑިއާއަށް ގެންގޮސްފަ-- ފޮޓޯ: އައިޖީއެމްއެޗް
8 ޖުލައި 2021 - 13:59 0
ތަށިމުށި ކަފަނިކޮށް، ގްރައިންޑަރެއްގެ ބުރު ފަޅައިގެން ގޮސް ދަގަނޑުކޮޅެއް ހަށިގަނޑުތެރެއަށް ވަދެ ސީރިއަސް ޒަހަމެއް ލިބުނު މީހަކު ފަރުވާއަށް މިއަދު ރާއްޖެ އިން ބޭރަށް ފޮނުވާލައިފި އެވެ.
ށ. ކަނޑިތީމުގައި ރޭ ހިނގި މި ހާދިސާގައި ޒަހަމްވީ ރަތްވިލާގެ، އަހްމަދު އަސްލަމް، 47، އެވެ.
އޭނާ މިއަދު އިންޑިއާ އަށް ފުރުވާލީ ހދ. ކުޅުދުއްފުށީ ހޮސްޕިޓަލާއި އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށް ފަހު އޮޕަރޭޝަން ރާއްޖެ އިން ކުރެވެން ނެތިގެންނެވެ.
ކަނޑިތީމުން "އަދަދު"އަށް ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އައިޖީއެމްއެޗަށް ގެންގޮސް ހެދި ޓެސްޓުތަކުން އެނގުނު ގޮތުގައި ގްރައިންޑަރުގެ ތިލައިގެ އެތިކޮޅެއް ހަށިގަނޑަށް ވަނީ ވަދެފަ އެވެ. އެ ދަގަނޑުކޮޅު ގޮހޮރުގެ ތިރިއަށް ގޮސްފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާ ބުންޏެވެ.
އަނިޔާވި މީހާ ގެންގުޅުނު ގްރޭންޑަރުގެ ތިލަ ބިންދައިގެން ގޮސްފައި--
އޭނާގެ ކަރުން ދެ އިންޗިއެއްހާ ތަން ކަފައިގެން ދިއުމުގެ އިތުރަށް އަޑުފޮށި ވެސް ވަނީ ހަލާކުވެފަ އެވެ. ކަރަށް ވަދެފައިވާ އެތިކޮޅު ނެގުމުގެ އޮޕަރޭޝަން އައިޖީއެމްއެޗުގައި ވެސް ކުރެވޭކަށް ނެތެވެ.
ތަށިމުއްޓާއި ދަގަނޑު ކަފަން ބޭނުންކުރާ ގްރައިންޑަރަކީ ކަރަންޓުގެ އެހީގައި ބާރުސްޕީޑުގައި އެނބުރޭ އެއްޗެއް ކަމުން އޭތި ބޭނުންކުރާ މީހުންނަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިކުރަން، ރައްކާތެރިކަމުގެ ސޭފްޓީއެއް ހަރުކޮށްފައި ހުރެ އެވެ.
ނަމަވެސް ރާއްޖޭގައި އާއްމުކޮށް ގްރޭންޑަރު ބޭނުންކުރާ މީހުން ސޭފްޓީގެ ބޭނުމަށް އިންނަ އެތި ނައްޓާލައިގެން ބޭނުން ކުރަނީ އުނދަގޫވާތީ ކަމަށް އެ މަސައްކަތުގައި އުޅޭ ބައެއް މީހުން ބުނެ އެވެ.
ކަނޑިތީމުން "އަދަދު"އާ ވާހަކަ ދެއްކި މީހާ ބުނީ ގްރައިންޑަރުގައި ހަރުކޮށްފައިވާ ދަގަނޑު ބުރު ފަޅައިގެން ގޮސް އެތިކޮޅެއް ހަށިގަނޑު ތެރެއަށް ވަނުމާ އެކު ފަރުވާއަށް އޭނާ ފުރަތަމަ ގެންދިޔައީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ކަމަށެވެ. އޭނާ އައިޖީއެމްއެޗަށް ގެނައީ މިއަދެވެ.
"ހާޓް ރޭޓްއާ އެއްޗެހި ވަރަށް ބޮޑަށް ދަށްވެ ވަރަށް ސީރިއަސް ހާލުގަ އޮތީ،" އަދަދުު އަށް ވާހަކަ ދެއްކި މީހާ ބުންޏެވެ.
އިންޑިއާއަށް ފުރުވާލިއިރު ވެސް އޭނާ އަށް ފަރުވާ ދެމުން ދިޔައީ ވެންޓިލޭޓަރުގަ އެވެ.
Comment