23 ޖޫން 2021 - 18:38 0
މުހައްމަދު ވިޝާމް
ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށް ދަނީ: ބިލާ މެދު ކޮމިޓީ މެމްބަރުންގެ ވެސް ހިޔާލު ތަފާތުވުން އެބަހުރި. -- ފޮޓޯ/ މަޖިލިސް
23 ޖޫން 2021 - 18:38 0
އާއްމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތު އިސްލާހުކުރަން ސަރުކާރުން ފަރާތުން ހުށަހަޅާފައިވާ ބިލު ދިރާސާ ކުރަމުންދާ މަޖިލީހުގެ ކޮމިޓީގެ މެމްބަރުންގެ މެދުގައި ވެސް ހިޔާލުތަފާތުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި އިސްލާހުގައި ވަނީ ގާނޫނުލްއުގޫބާތަށް ނަފްރަތުގެ އަމަލު ހިންގުމުގެ ކުށުގެ މާއްދާއެއް އިތުރުކުރަން ހުށަހަޅައިފަ އެވެ.
އެ ބިލާ މެދު ދީނީ އިލްމުވެރިންގެ އިތުރުން އާއްމުންގެ މެދުގައި ވެސް އުފެދިފައިވާ ހިޔާލުތަފާތުވުންތައް ބޮޑެވެ. އިލްމުވެރިން ބުނަނީ އެ ބިލް އޮތްގޮތުން ދީނާދެކޮޅު ކަންތައްތަކަށް ފުރުސަތު ލިބޭ ކަމަށެވެ.
އެ ބިލު ދިރާސާކުރަމުންދާ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިރޭ ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ތިން މުއައްސަސާއެއްގެ އިތުރުން އާއްމު އެކި ފަރާތްތަކުން ގިނަ ކޮމެންޓުތަކެއް އެ ބިލަށް ލިބިފައިވާ ކަމަށެވެ.
އެގޮތުން، އިސްލާމިކް މިނިސްޓްރީ އާއި ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހުގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނުގެ ހިޔާލު ހޯދަން ކޮމިޓީން އެދުމުން، އެ ތިން މުއައްސަސާއިން ވެސް ވަރަށް ތަފްސީލީ ހިޔާލުތަކެއް ދީފައިވާ ކަމަށެވެ.
އޭގެ އިތުރުން، މި ބިލު އާއްމުންގެ ހިޔާލަށް ހުޅުވާލުމުން، ވަރަށް ގިނަ ހިޔާލުތައް ލިބިފައިވާ ކަމަށް އިންތި ވިދާޅުވި އެވެ.
މިއަދުގެ ނިޔަލަށް މި ބިލު ދިރާސާކޮށް ނިންމަން މީގެ ކުރިން ސުންގަނޑި ކަނޑައަޅާފައިވީ ނަމަވެސް، މަޖިލީހުގެ މި ހިނގާ ދެ ވަނަ ދައުރު އަންނަ މަހުގެ އަށް ވަނަ ދުވަހަށް އިތުރުކޮށްފައިވާތީ، ބިލުގެ މަސައްކަތް ނިންމާ ސުންގަނޑި އިތުރުކުރަން އިންތި ހުށަހެޅުއްވި އެވެ.
"އަޅުގަނޑުމެންނަށް އިތުރު ވަގުތުކޮޅެއް ލިބޭތީއާއެކު ވަގުތުގެ ބޭނުން ހިފައިގެން ބިލުގެ މަސައްކަތް ފުރިހަމަ ކުރަން އަޅުގަނޑު ހުށަހަޅަން،" އިންތި ވިދާޅުވި އެވެ.
އެއާއެކު އިންތި ހުށަހެޅުއްވީ ކޮމިޓީގެ މަސައްކަތް އަންނަ މަހުގެ އެއް ވަނަ ދުވަހަށް ނިންމައި، މަޖިލީހުގެ ތަޅުމަށް ފޮނުވުމަށެވެ.
އިންތިގެ ހުށަހެޅުމާ ވިދިގެން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ ކޮމިޓީގައި މުހިއްމު އެހެން މަސައްކަތްތަކެއް ހުރިއިރު، މި ބިލު އެޖެންޑާގެ އެންމެ ކުރިއަށް ލައިގެން، އަވަސް އަރުވާލައިގެން ފާސް ކުރަން އުޅުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
އެގޮތުން، އާއްމުންގެ އިތުރުން ގިނަ ކައުންސިލުތަކުން ބިލާ ދެކޮޅަށް ބަޔާންތައް ނެރެ ކަންބޮޑުވުންފާޅު ކުރަމުންދާއިރު، އަވަސް އަރުވާލައިގެން މި ބިލު ފާސްކުރަންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ.
"ކުރުގަޅުވާލައިފައި ފާސްކުރަންޖެހޭ ބިލެއް ކަމަށް އަޅުގަނޑަށް އެއްވެސް ގޮތަކަށް ގަބޫލެއް ނުކުރެވޭ،" ގާނޫނީ ވަކީލުކަން ވެސް ކުރައްވައި އަލީ ހުސެއިން ވިދާޅުވި އެވެ.
އަލީ ހުސެއިންގެ ވާހަކަތަކަށް ރައްދު ދެއްވަމުން ކޮމިޓީގެ ނައިބު މުގައްރިރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ ޖުޑީޝަރީ ކޮމިޓީން އަބަދުވެސް މަސައްކަތް ކުރަނީ ފުޅާކޮށް ހިޔާލު ހޯދައިގެން، ވީ އެންމެ އަވަހަކަށް ހުށަހެޅޭ މަސައްކަތްތައް ނިންމުމަށް ކަމަށެވެ.
އެހެންކަމުން، މި ބިލުގެ މަސައްކަތް ވަކި ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދާކަމަށް ގަބޫލުކުރައްވަން އޭނާ ދެކޮޅު ހެއްދެވި އެވެ.
ނަމަވެސް، މިފަދަ ހިޔާލުތަފާތުވުން ބޮޑު ބިލެއްގެ މަސައްކަތް އޮންލައިންކޮށް ކުރުމުގެ ބަދަލުގައި، މަޖިލީހަށް ހާޒިރުވެގެން ކުރެވޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމަށް މޫސާ ސިރާޖު އެދިވަޑައިގެންނެވި އެވެ.
އެކަމާ ގުޅޭގޮތުން އިންތި ވިދާޅުވީ ކޮވިޑާ ގުޅިގެން މަޖިލީހުގެ ޖަލްސާތައް ވެސް މިހާރު އޮންލައިންކޮށް ކުރިއަށް ގެންދާއިރު، ކޮމިޓީގެ މަސައްކަތް މަޖިލީހަށް ހާޒިރުވެގެން ކުރެވޭނެ ގޮތެއް އޮތްތޯ ބެއްލެވި ކަމަށެވެ.
ނަމަވެސް، މިހާތަނަށް އެކަމުގެ ހުއްދަ މަޖިލީހުގެ އިދާރާއިން ލިބިފައިނުވާ ކަމަށް ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ގުރައިދޫ ދާއިރާގެ އިދިކޮޅު މެމްބަރު އިބްރާހިމް ރިޒާ ވިދާޅުވީ ބިލު ހުށަހެޅުމާއެކު ގިނަ ދީނީ އިލްމުވެރިންނާއި އާއްމުންގެ އިތުރުން މަދަނީ ޖަމިއްޔާތަކުން އެ ބިލާ މެދު ކަންބޮޑުވުންފާޅުކޮށްފައިވާ ކަމަށެވެ.
އެހެންކަމުން، އޭނާ ހުށަހެޅުއްވީ މި ބިލު ފާސްކުރަން ނުފެންނަ ކަމަށް ކޮމިޓީން ނިންމައި، އަނބުރާ ފޮނުވާލުމަށެވެ.
ރިޒާގެ ހުށަހެޅުމާ ގުޅިގެން ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ޝަހީމް އަބްދުއްހަކީމް ވިދާޅުވީ، އާއްމުންގެ ތެރެއިން ގިނަ ބަޔަކު އެ ބިލަށް ހިޔާލު ހުށަހަޅާފައިވަނިކޮށް، އެ ހިޔާލުތައް ދިރާސާނުކޮށް އެ ބިލު އަނބުރާ ފޮނުވާލަން ތާއީދު ނުކުރައްވާ ކަމަށެވެ.
އެކަމާ ގުޅިގެން ކޮމިޓީގެ މުގައްރިރު އިންތި ވެސް ވިދާޅުވީ ހިޔާލު ހޯދި ކަމާގުޅޭ މުއައްސަސާތަކުން އެ ބިލުގެ ބައެއް މާއްދާތައް އިސްލާހުކުރަން ހުށަހަޅާފައިވީ ނަމަވެސް، އެ ބިލު ބޭރުކޮށްލަން އެއްވެސް ތަނަކުން ހިޔާލު ދީފައި ނުވާ ކަމަށެވެ.
އެ ބިލު ބަލައި ނުގަތުމަށް އެ ތިން މުއައްސަސާއަކުން ވެސް ހިޔާލެއް ދެއްވާފައެއް ނުވޭ،" އިންތި ވިދާޅުވި އެވެ.
އެއާއެކު، ޖުލައި 1 އަށް ކޮމިޓީގެ މަސައްކަތުގެ ސުންގަޑި އިތުރުކުރަން ހުށަހެޅި ހުށަހެޅުން އޭނާ ތަކުރާރުކުރެއްވި އެވެ.
ނަމަވެސް، އެކަމަށް އިއުތިރާޒު ކުރައްވައި، ރިޒާގެ ހުށަހެޅުމަށް އަލީ ހުސެއިން ތާއީދު ކުރެއްވި އެވެ.
އަލީ ހުސެއިން ވިދާޅުވި ގޮތުގައި އެޗްއާރުސީއެމުން ދިން ލަފާގައި އެ ބިލުގެ 126 ވަނަ މާއްދާގައި ހުރި ހުރިހާ އަކުރެއް އުނިކުރަންޖެހޭ ކަމަށް ފާހަގަކޮށްފައިވާ ކަމަށެވެ.
އެހެންކަމުން މުޅި ބިލު ބިނާކޮށްފައިވާ މައިގަނޑު އަސާސް ގޯސްކަމަށް ފާހަގަކުރެވޭތީ، އެ ބިލު އަނބުރާ ފޮނުވާލަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށް ގާނޫނުއަސާސީގައި އޮވޭ. އެކަމަކު މި ބިލުގައި މިއޮތީ އިސްލާމް ދީނާ ދެކޮޅު މީހަކާ ދިމާއަށް އެހެން ވެސް ނުބުނެވޭކަމަށް. އެހެންވީމާ ފަންޑަމެންޓަލީ ފުށުއަރާ ކަންތައްތަކެއް މިހުރީ. ފަންޑަމެންޓަލީ ގޯސްތަކެއް ހުރީމަ މި ބިލު އަނބުރާ ފޮނުވާލަންޖެހޭ ކަމަށް ގަބޫލުކުރަން،" ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ އަލީ ހުސެއިން ވިދާޅުވި އެވެ.
އޭގެ އިތުރުން، މި ބިލު ފޮނުވާފައިވަނީ އެއްވެސް ފަރާތަކާ މަޝްވަރާނުކޮށް ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
އޭގެ ރައްދުގައި މޫސާ ސިރާޖު ވިދާޅުވީ، އެ ބިލުގައި ހިމެނޭ ބައެއް މާއްދާތަކުގެ ބަސްމަގު ބަދަލުކުރަންޖެހޭ ކަމަށް އޭނާ ވެސް ގަބޫލުކުރައްވާ ކަމަށެވެ.
ނަމަވެސް، އެ ބިލަށް ލިބިފައިވާ ހިޔާލުތައް ދިރާސާ ކުރަން ކޮމިޓީން އެއްވެސް މަސައްކަތެއް ނުކޮށް އެ ބިލު ބޭރުކޮށްލުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ.
"އަޅުގަނޑުމެން މި ބިލު ދިރާސާކުރާއިރު، އާހިރުގައި ވެދާނެ މި ބިލު ބޭރުކުރަންޖެހޭ ކަމަށް ފެންނަ ކަމަށް. އެކަމަކު އެއްވެސް މަސައްކަތެއްނުކޮށް ބިލު ބޭރުކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއްގެ ގޮތުގައި އަޅުގަނޑަށް ގަބޫލުކުރެވެނީ،" މޫސާ ސިރާޖު ވިދާޅުވި އެވެ.
ސިރާޖު އެހެން ވިދާޅުވުމުން އެ ބައްދަލުވުން ކުޑަކޮށް ހޫނުވި އެވެ. ސިރާޖަށް ރައްދު ދެއްވަމުން ރިޒާ ވިދާޅުވީ ކޮމިޓީގެ ކޮންމެ މެމްބަރަކަށް ވެސް އެ މެމްބަރެއްގެ ހިޔާލު ފާޅު ކުރެވޭނެ ކަމަށާއި، އެފަދަ ހިޔާލަކީ ޒިންމާދާރުކަން ކުޑަ ކަމެއްގެ ގޮތުގައި ސިފަ ކުރުން ބަލައިނުގަނެވޭނެ ކަމަށެވެ.
އިތުރު ފުރުސަތެއް ހޯއްދަވައިގެން، އަލީ ހުސެއިން ވިދާޅުވީ އެ ބިލާ މެދު އޮތް ކަންބޮޑުވުންތައް އިތުރުވުމާއެކު، އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ ކަނޑައެޅިގެން ކުށެއްކަން ސާފުވާ ގޮތަށް ލިޔުމަށް ބަންޑާރަ ނައިބުގެ އޮފީހުން މަސައްކަތް ފެށުމަކީ މިކަމުގައި ސަރުކާރުން އެއްވެސް ވަރަކަށް ވިސްނާފައިނެތް ކަން ހާމަވާ ކަމެއް ކަމަށެވެ.
އެއްވެސް މަޝްވަރާއެއް އަދި ވިސްނުމެއް ނެތި ސަރުކާރުން އަމަލުކޮށްފައިވާތީ، އެންމެ މަސްލަހަތު އޮތް ގޮތަކީ މި ބިލު އަނބުރާ ފޮނުވާލުންކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.
މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވުން ބޮޑުވުމުން، އިންތި ވަނީ މިރޭގެ ބައްދަލުވުމުގައި ހުށަހެޅުނު ދެ ހުށަހެޅުމަށް ވަކިވަކިން ވޯޓަށް އަހައިފަ އެވެ.
އެގޮތުން، އަންނަ މަހުގެ އެއް ވަނަ ދުވަހަށް މި ބިލުގެ ސުންގަޑި އިތުރުކުރަން ފާސްވީ ހަތް މެމްބަރުންގެ ވޯޓާއެކު އެވެ.
އެ ބިލު ބޭރުކޮށްލުމަށް ރިޒާ ހުށަހެޅުއްވި ހުށަހެޅުމާ ދެކޮޅަށް ހަތް މެމްބަރުން ވޯޓު ދެއްވުމުން އެ ހުށަހެޅުން ފާހެއް ނުވި އެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލުގައި އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް ނޫނީ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި، މީހެއްގެ އިސްލާމީ އަގީދާއާ ގުޅުވައި އެ މީހަކާމެދު ނަފްރަތު އުފެއްދުމުގެ އިތުރުން، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި އެކަމުގައި ބައިވެރިވުމަކީ ކުށެއްގެ ގޮތުގައި އެ އިސްލާހުގައި ވަނީ ކަނޑައަޅައިފަ އެވެ.
އެއީ ޖުނަހުގެ އެއް ވަނަ ދަރަޖައިގެ ކުށެއް ކަމަށް އެ އިސްލާހުގައި ބުނެފައިވާއިރު، ގާނޫނުލްއުގޫބާތުގެ ދަށުން އެ ދަރަޖައިގެ ކުށަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ އެއް އަހަރުގެ ދުވަހުގެ ޖަލު ހުކުމެކެވެ.
އަދި އެފަދަ އަމަލެއް ހިންގުމާއެކު މީހަކާ ދެކޮޅަށް އަނިޔާވެރިވާން ގޮވާލުމާއި، ހިތްވަރު ދިނުމުގެ އިތުރުން ބައިވެރިވުމަކީ ވެސް ކުށެކެވެ.
މީގެ އިތުރުން، މީހެއްގެ ސިޔާސީ ފިކުރަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި ބައިވެރިވުމާއި އެފަދަ ކަމެއް ރޭވުން ވެސް ވަނީ ކުށަކަށް ހަދަން ހުށަހަޅާފަ އެވެ.
އެ ކުށުގެ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޖިނާޔަތުގެ ހަތަރެއް އަދި ފަސް ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގަ އެވެ. އޭގެ މާނައަކީ އެފަދަ ކުށެއް ސާބިތުވާ މީހަކަށް ދެ އަހަރާއި ހަތަރު އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
މީގެ އިތުރުން، މީހެއްގެ ނަސްލަށާއި، އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި، ބައިވެރިވުމާއި ރޭވުމަކީ ވެސް ކުށެއް ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.
އެފަދަ އަމަލެއް ހިންގައިގެން މީހެއްގެ ފުރާނަ ގެއްލިއްޖެނަމަ، އެ މީހަކަށް މަރުގެ އަދަބު ނޫނީ އުމުރަށް ޖަލަށް ލުމުގެ އަދަބު އެ އިސްލާހުގައި ވަނީ ކަނޑައަޅައިފަ އެވެ.
އަދި، އޭގެ ތެރެއިން ކުށެއް ކުރީ މީހަކު ރަހީނުކޮށްގެން، ޖިންސީ އަނިޔާ ދީގެން ނޫނީ މަރާލާނެ ކަމުގެ އިންޒާރު ދީގެން ނަމަ، އަދަބެއްގެ ގޮތުގައި 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ނަފްރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހަދަން ހުށަހަޅާފައިވަނީ، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ޓެރަރިސްޓު ހަމަލާ ދިނުމަކީ އެމަނިކުފާނާ މެދު ނަފްރަތު އުފައްދަން ކުރާ މަސައްކަތުގެ ނަތީޖާ ކަމަށް މަޖިލީހުގައި އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން ވިދާޅުވަމުންދާ ދަނޑިވަޅެއްގަ އެވެ.
0.00%
0.00%
66.67%
33.33%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment