Advertisement

ހަމަލާގެ އިންކުއަރީއަށް މަރުކަޒީ ބޭންކުން ވެސް މައުލޫމާތު ހޯދައިފި

17 ޖޫން 2021 - 14:05 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުން ހިންގާ ތަހުގީގަށް ގަވަރުނަރު އަލީ ހާޝިމް މައުލޫމާތު ދެއްވަނީ. -ފޮޓޯ: މަޖިލިސް


ހަމަލާގެ އިންކުއަރީއަށް މަރުކަޒީ ބޭންކުން ވެސް މައުލޫމާތު ހޯދައިފި

17 ޖޫން 2021 - 14:05 0

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން މަޖިލީހުން ހިންގަމުންދާ ޕާލިމަންޓަރީ އިންކުއަރީއަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އިސްވެރިން ހާޒިރުކޮށް މިއަދު ސުވާލުކޮށްފި އެވެ.

ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުން ބަލަމުން ދަނީ އެކަން ހިނގައިދިޔަ ގޮތާއި، އެކުމުގައި އިހުމާލުތަކެއްވެފައިވޭތޯ އާއި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުންނެވެ.

އެ އިންކުއަރީ ހިންގަމުންދާ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީއަށް ހާޒިރުކޮށްފައިވަނީ އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމާއި ޑެޕިޔުޓީ ގަވަރުނަރު އަހުމަދު އިމާދުގެ އިތުރުން އެތަނުގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ހެޑު އިބްރާހިމް އަހުމަދު ނާސިރު އެވެ.

ކޮމިޓީގެ ބައްދަލުވުންތައް ސިއްރުން ކުރިއަށް ގެންދާއިރު، ހާޒިރުކުރާ ފަރާތްތަކުން ދޭ މައުލޫމާތުތައް ސާފު ނުވި ނަމަވެސް، ބެލެވޭ ގޮތުގައި މަރުކަޒީ ބޭންކުން މައުލޫމާތު ހޯދާފައިވަނީ އެ ހަމަލާއަށް ފަންޑު ކުރިތޯ ބެލުމަށް ކޮމިޓީން ކުރާ މަސައްކަތްތަކުގެ ތެރެއިންނެވެ.

ރާއްޖޭގެ ތާރީހުގައި މުޅި މަޖިލިސް އިގުރާރުވެގެން ހިންގާ ފުރަތަމަ ޕާލިމަންޓަރީ އިންކުޔަރީއަށް ސިފައިންނާއި ފުލުހުންގެ އިތުރުން ކަމާގުޅޭ ގިނަ މުއައްސަސާތަކެއްގެ ބޭފުޅުން ވަނީ ހާޒިރުކޮށް މައުލޫމާތު ހޯދައިފަ އެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވަނީ ނަޝީދަށް ސެކިޔުރިޓީ ފޯރުކޮށްދިނުމަށް ފެއިލްވި ކަމަށް ބުނެ އެމްއެންޑީއެފް އަށެވެ.

ވަކިވަކި ސިފައިން ހާޒިރުކުރަން ކޮމިޓީން ބޭނުންވަނީ ދިފާއީ ބާރުގެ ތެރެއިން ކަންކަން ހިނގާފައިވާގޮތް އޮޅުންފިލުވުމަށެވެ. ނަމަވެސް، ކޮމިޓީއަށް ހާޒިރުކުރަން ލިސްޓު އެކުލަވާލަމުން ދިޔަ ދަނޑިވަޅުގައި އެމްއެންޑީއެފުން ވަނީ އެކަން ނުކުރެވޭނެ ކަމަށް ބުނެ ވަރުގަދަ ބަޔާނެއް ނެރެފަ އެވެ.

އެކަމަކު މަޖިލީހުން ހިންގަނީ ތަހުގީގެއް ނޫން ކަމަށް ބުނުމުން ސިފައިން ފަހުން ވަނީ އެކަމުގައި ދޫދީފަ އެވެ.

އަދި އޭގެ ފަހުން ވަކިވަކި ސިފައިން ވެސް ކޮމިޓީއަށް ހާޒިރުވެ ކޮމިޓީއާ މައުލޫމާތު ހިއްސާކޮށްފައިވެ އެވެ.

މިމަހުގެ ނިޔަލަށް އެ ރިޕޯޓު ނިންމަން ކޮމިޓީން އަމާޒު ހިފާފައިވާއިރު، އަދި މިހާތަނަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހާޒިރުކޮށްފައެއް ނުވެ އެވެ.