Advertisement

ސިމާނާގެ ތަޖުރިބާއިން މައެއްގެ ދިރިއުޅުމުގެ ނުދައްކާ ވާހަކަތައް

15 ޖޫން 2021 - 12:37 3

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް


ސިމާނާގެ ތަޖުރިބާއިން މައެއްގެ ދިރިއުޅުމުގެ ނުދައްކާ ވާހަކަތައް

15 ޖޫން 2021 - 12:37 3

އުފަލާއި ކަރުނަ އަދި މާޔޫސްކަން، ރުޅި އާއި އެކަނިވެރިކަމާއި ހިތްނުތަނަވަސް ކަން އަދި ކަމަކާ ނުލައި ނަފްސު ކުށްވެރިކުރާ ކުރުން: މަޔަކަށް ވާ ހިސާބުން ނުވަތަ މަޔަކަށް ވުމުގެ މަރުހަލާގައި މި އިހުސާސްތައް ތަޖުރިބާ ނުކުރާ އަންހެނަކު މަދުވާނެ އެވެ. ގިނަ ފަހަރަށް މިހެން ވަނީ މަޔަކަށް ވާހިސާބުން ކިތަންމެ ކުޑަ ކަމެއް ދިމާވިޔަސް އޭގައި އަމިއްލަ ކުށް ނުވަތަ އަމިއްލަ މީހާގެ އުންޏެއްވާކަމުގެ އިހުސާސުގެ މަތީގައި ތިބެވޭތީ އެވެ.

މެލޭޝިއާ އިން ހޮސްޕިޓަލިޓީ ކިޔަވައިގެން މާލެއަށް ބަދަލުވެ، ބަނޑޮހާއި މީޑިއާނެޓް ފަދަ ތަންތަނުގައި މެނޭޖަރު ލެވެލްގެ ވަޒީފާ އަދާކުރި ސިމާނާ އިސްމާއިލްފުޅު މި ސިފަކޮށްދެނީ އެކަމެވެ. ކުންފުންޏެއްގެ މެނޭޖަރެއްގެ ވަޒީފާ އާއި މައެއްގެ ޒިންމާގެ ހުރި ބޮޑު ފަރަގެވެ. އޮފީސް ވަޒީފާ އަކާއި އަޅައި ކިޔައި ނުލެވޭވަރަށް މައެއްގެ ޒިންމާ އާއި ތަކުލީފުތައް ގިނަވެފައި އުނދަގޫ ކަމަށް އޭނާ ގަބޫލުކުރެ އެވެ.

"ފުރަތަމަ ދަރިފުޅު ވިހައިގެން އުޅުނު ދުވަސްކޮޅު ވަރަށް ގިނަ މީހުން ހާލު ބަލަން ގުޅައި، ގެއަށް ވެސް އަންނާނެ. އެކަމަކު ދުވަސްކޮޅަކުން ދަރިފުޅާއެކު ހުރިހާ ކަމެއް އެކަނި ކުރަން ޖެހުނު ހިސާބުން ގިލްޓާއި އެކަނިވެރިކަން އިހުސާސްކުރެވެން ފެށުނު. ކަންކަން ބޭނުންވާ ގޮތާ ގާތަށް ވެސް ހެންޑްލް ނުކުރެވޭތީ، ގޭތެރެ ހަޑިކޮށް ހުންނާތީ ހިތަށް އަރަނީ އެއް ކަމެއް ވެސް ކުރަން ނޭނގެއޭ. ފެއިލިއާ އެކޭ. އާދައިގެ ޒިންމާތަކެއް ރަނގަޅަށް ނަގަން ނޭނގެ އޭ،" ފިރިމީހާ ނޫން އެހީތެރިއަކު ނެތި އަލަތު ދަރިފުޅާއެކު ހޭދަކުރި ފުރަތަމަ ދުވަސްކޮޅުގެ ވާހަކަތައް ސިމާނާ ހިއްސާކުރި އެވެ.

މިއީ މުޅިން ތަފާތު ދެކަމެކެވެ. ތަފާތު ޒިންމާތަކެކެވެ. އެކަމަކު ގިނަ ފަހަރަށް އެއް ތިލަފަތަކުން ކިރަން މީހުން މަސައްކަތް ކުރާ ދެކަމެކެވެ.

"ކުރީގަ މީޑިއާނެޓްގައި އުޅުނު އިރު އައި ވޯޒް ހެންޑްލިންގް ފަސް ދޮޅަް ވަރަކަށް ސްޓާފުން. މިހާރު ހެންޑްލް ކުރަން ޖެހެނީ ކުޑަކުޑަ އެންމެ ދެ ކުދިން އެކަމަކު އަޅުގަނޑު ގަބޫލުކުރަނީ ފަސްދޮޅަސް ސްޓާފުން ގެންގުޅުމަށް ވުރެ މާ ސްޓްރެސްފުލް ކަމެކޭ ކުދިން ހެންޑްލް ކުރުމަކީ،" ސިމާނާ ބުންޏެވެ.

ސިމާނާގެ އާއިލާ


ކެރިއަރުގެ އެންމެ މަތީ ހަރުފަތުގައި ހުރެފައި ފުރަތަމަ ދަރިފުޅު ލިބުނު ހިސާބުން ވަޒީފާއިން ފެއަށް ޖެހިލައި، އާއިލީ ޒިންމާތަކަށް ހުސްވެގެން ހުރި ސިމާނާއަށް އޭނާގެ ނަފްސަށް ފުރިހަމަ އިތުބާރު އޮތެވެ. އޭނާ އާއި ދަރިފުޅަށްޓަކައި ފިރިމީހާ ބުރަކޮށް، ވެވުނު އެންމެ ފުރިހަމައަށް މަސައްކަތް ކުރާއިރު ދެން ހުރި ހުރިހާ ކަމެއް އޭނާއަށް ފުރިހަމަ އަށް ކުރެވެންޖެހޭނެ ކަމަށް ގަބޫލުކުރި އެވެ.

"މި އަންނަނީ އާންމުކޮށް މީހުން ނުދައްކާ ވާހަކަތަކަކީ. އަންހެނުންނަށް ގަބޫލުކުރެވިފައި މި އޮންނަނީ އޭނާ އަށް ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ކުރެވެން ވާނެ އޭ. ސަބަބަކީ ފިރި މީހާ ވެސް އޭނާގެ ކަންކަން އެންމެ ފުރިހަމައަށް އެބަ ކުރެއޭ،" ސިމާނާ ބުންޏެވެ.

"އެކަމަކު ހަގީގަތަކީ އެއީ ވާނެ ކަމެއް ނޫނޭ. ހަމަ އެކަނި އަލަތު މަންމައިންނަށް އެކަންޏެއް ނޫން އުނދަގޫ ވާނީ ވެސް. ދެ ދަރިން ތިން ދަރިން ލިބުނަސް ހުރިހާ ކަމެއް މެނޭޖް ކުރަން ނޭނގި ހާސް ވެދާނެ. ޑިޕްރެސް ވެދާނެ. އަމުދުން އެހީތެރިވާނެ މީހަކު ނެތް ނަމަ މޮޔަވާ ވަރަށް ވެސް އެކަނި ވެރިކަން އިހުސާސް ކުރެވިދާނެ."

ޒަމާނުއްސުރެ ގެއާއި ދަރިންގެ ކަންކަން އެންމެ ފުރިހަމައަށް ކުރުމަކީ އަންހެންމީހާގެ ޒިންމާއެއް ކަމަށް ވިސްނައި ދެވި، އަންހެން މީހާގެ އަތް މައްޗަށް އެކަން މުޅިން ވީއްލިފައި އޮންނަ އޮތުމާއި އެކު ޒަމާނަށް އައި ބަދަލާ އެކު ވެސް ދަރިންނާއި އާއިލާގެ ޒިންމާތައް ދެމަފިރިން އެއް ވަރަކަށް ހިއްސާކުރުމުގެ އާދަ އަދި އޮތީ ރަނގަޅަށް ކިޔައި ނުދެވި އެވެ. ކައިވެނި ކުރުމާއި، ވަކިން ހާއްސަކޮށް ދަރިން ލިބޭ ހިސާބުން އަންހެނުންނަށް ނަފްސާނީ ގޮތުން ކުރާ އަސަރު ތަކުގެ ވާހަކަތައް މަދުން ދެކެވުނަސް، އަދިވެސް އެކަމަށް މުޖުތަމައު ހޭލުންތެރިވާން ޖެހޭ ވަރާ ގާތަށް ވެސް ނުވެ އެވެ.

ފުރަތަމަ ދަރިފުޅު އައިޒަކް އާއި އެކު ސިމާނާ ބީޗުގައި ވަގުތުކޮޅެއް ހޭދަކުރަނީ


ޕޯސްޓްޕާޓަމް ޑިޕްރެޝަން އަކީ ވެސް މީގެ ތެރެއިން އެއް މައުލޫ އެވެ. މިދިޔަ އަހަރުގެ ލޮކްޑައުން ތެރޭގައި ސިންގަޕޫރުގައި މަންމަ އަކު އޭނާގެ ފަސް މަހުގެ ދަރިފުޅާއެކު އަމިއްލަ އަށް މަރުވެފައި އޮއްވާ ފެނުނީ، ވިހެއުމަށް ފަހު އެ އަންހެންމީހާ ވަރަށް ބޮޑަށް ޑިޕްރެސްވެ، ޕޯސްޓްޕާޓަމް ޑިޕްރެޝަން އަށް ޑައިގްނޯސްވިތާ މާ ގިނަ ދުވަހެއް ނުވެ އެވެ.

ސިމާނާގެ ފުރަތަމަ ދަރިފުޅަށް ކިރިޔާ އަހަރެއް ވީތަނާ ދެވަނަ ދިރިފުޅަށް ބަލިވެ އިނދެ އޭނާ ވިހެއީ މިދިޔަ އަހަރުގެ ތިން މަސްދުވަހުގެ ދިގު ލޮކްޑައުންގައި މާލެ ބަންދުކޮށްފައި އޮއްވަ އެވެ. ލޮކްޑައުން އާއެކު އެއްގޮތަކަށް ވެސް ބޭރަށް ނުދެވި، ދެކުދިންގެ ކަންކަން މެނޭޖް ނުކުރެވި، މީހާގެ ސިކުނޑި ސުމަކަށް ދާން ފެށުމުން ދެން ބަދަލުވީ ދުވަސްކޮޅަކަށް ފިރިމީހާގެ ރަށަށެވެ. ރަށުގައި ފިރިމީހާގެ އާއިލާ އާއި އެކުވެރިން އެހީތެރި ވެ އެވެ. ކުދިންގެ ފަރާތުން އަވަދިވެ އަމިއްލަ މީހާއަށް ވަގުތު ލިބެން ފެށުމުން ވަމުންދިޔަ ކަންތައްތަކަކީ އޭނާގެ ކުށެއް އޮވެގެން ވި ކަންތައްތަކެއް ނޫންކަން ގަބޫލުކުރެވުނެވެ.

ސޮފިއާ އާއި އައިޒަކް: ލޮކްޑައުން އާއި އެކު މާލޭގައި އެކަނި ދެކުދިން ގޮވައިގެން އުޅެން އުނދަގޫވާތީ ސިމާނާ މިހާރު އުޅެނީ ކުދިނާއެކު ފިރިމީހާގެ ރަށް ގއ ކޮލަމާފުށީގައި


"ވަރަށް ގިނަ މީހުންގެ ފަރާތުން ވަރަށް ގިނަ އެކްސްޕެކްޓޭޝަންތަކެއް ހުރީމަ މަސައްކަތް ކުރެވުނީ ގައިގަ ނެތް ވަރުން ހުރިހާ ކަމެއް ފުރިހަމަ ކުރަން. އެކަންކަން ނުކުރެވުނީމަ، ނޫނީ އެހެން މީހުން ގޮތަށް މެނޭޖް ކުރަން ނޭނގުނީމަ ދެން އަންނާނީ ގިލްޓް. ފެއިލިއާ އެކޭ ހީކުރެވޭނެ. ފްރަސްޓްރޭޝަން އަންނާނެ،" ސިމާނާ ބުންޏެވެ.

މިހާރު ސިމާނާގެ ފުރަތަމަ ދަރިފުޅަށް ތިން އަހަރެވެ. ދެ ވަނަ ދަރިފުޅަށް ދެ އަހަރު ވަނީ އެވެ. ލޮކްޑައުން ލުއިތައް ލިބުމުން ރޯދަމަހަށް ރަށަށް ދިޔަ ގޮތަށް އަދި ވެސް އޭނާ ހުރީ ފިރިމީހާގެ ރަށުގަ އެވެ. ކުދިންގެ ކަންކަމުގައި އާއިލާގެ އެހީތެރިކަން ހޯދައިގެން އަމިއްލަ މީހާއަށް އެކަން ވެވުނު އެންމެ ފުރިހަމައަކަށް ކުރަން އޭނާ މަސައްކަތްކުރެ އެވެ. އެގޮތުގައި އޭނާއަށް އުފާ ލިބެ އެވެ.

ސިމާނާގެ ދެ ކުދިން އައިޒަކް އާއި ސޮފިއާ


ހުރިހާ ކަމެއް "ޕާފެކްޓް" އެއް ނޫނެވެ. އެކަމަކު އެގޮތުގައި އާއިލާގެ އިތުރުން އޭނާގެ އަމިއްލަ ހިތްހަމަޖެހުން ފުދޭވަރަކަށް ހޯދެ އެވެ.

"ދަރިން ބަލާނެ ޕާފެކްޓް ފޯމިއުލާއެއް ނޯންނާނެ. ކޮންމެ މަންމައަކު ވެސް އެމީހަކަށް ވީ ވަރަކުން އެންމެ ފުރިހަމައަށް އެކަން ކުރަން މަސައްކަތް ކުރީމަ ރަނގަޅުވާނެ. މީހުން ކިޔާ އެއްޗަކަށް، މީހުންގެ އެކްސްޕެކްޓޭޝަނަކަށް ބަލައިގެން ހިތްހަމަޖެހުމެއް، މެންޓަލް ސްޓެބިލިޓީ އެއް ނާންނާނެ،" ކަންބޮޑުވެ ހާސްވެފައި ތިބި މައިންނާއި އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކުޑަވެ މާޔޫސްވެފައި ތިބި މައިންނާއި އަލަށް މަޔަކަށް ވާން ގަސްދުކުރާ މަންމައިންނަށް ސިމާނާ ދޭން އޮތީ މުހިއްމު މެސެޖެކެވެ.