Advertisement

އަދާވާތްތެރިވާންވީ ޝައިތާނާއާ އެވެ


އަދާވާތްތެރިވާންވީ ޝައިތާނާއާ އެވެ

ޝައިޠާނާގެ ބޭނުމަކީ އިންސާނުން މަގުފުރެއްދުމެވެ. އިންސާނުންގެ ތެރެއިން ގިނަ ބަޔަކަށް ސުވަރުގެ މަހުރޫމުވާނެ ގޮތް ހެދުމެވެ. އެހެންކަމާއެކު އިންސާނުން މަގުފުރައްދާނެ އެކި ގޮތްތަކާއި ވަސީލަތްތައް އިބްލީހާއި އޭނާގެ ބައިވެރިން ރާވައެވެ. ހުރިހާ އިންސާނުން ލައްވައި ޒިނޭކުރުވުން ނުވަތަ ކޮންމެ އިންސާނަކީ ވަގެއްކަމުގައި ހެދުމަކީ ޝައިޠާނާއަށް މުހިންމުވާނެ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި ޝައިޠާނާއަށް މުހިންމުވަނީ އިސްލާމްދީނުގެ ހަމަ މަގާއި އިންތަކާއި މިންތަކުން މީހާ ކަސިޔާރުކޮށްލުވުމެވެ.

ޝައިޠާނާގެ މަސައްކަތް އޭނާ ކުރަމުންދަނީ ރޭވުންތެރިކަމާއި ފަންނުވެރިކަމާއެކު އެވެ. ތަފާތު އުކުޅުތައް ޝައިޠާނާ ބޭނުންކުރެ އެވެ. ކީރިތި ޤުރުއާނުގައި ޝައިޠާނާގެ ވާހަކަ އައިސްފައިވާ ބައެއް އާޔަތްތަކަށް ވިސްނާ ފިކުރު ހިންގާލުމުން މިކަން ކަށަވަރުވެގެންދެ އެވެ.

އަލްބަޤަރާ ސޫރަތުގެ 208 ވަނަ އާޔަތުގައި ޝައިޠާނާގެ ފިޔަވަޅުތަކަށް ތަބާނުވުމަށް މާތް ﷲ އަންގަވާފައިވެ އެވެ. އެބަސްފުޅުގައި ޝައިޠާނާއަށް ތަބާވުން ނަހީކުރެއްވުމުގެ ބަދަލުގައި ޝައިޠާނާގެ ފިޔަވަޅުތަކުގެ ވާހަކަ ބަޔާންކުރެވިފައިވަނީ ވަކި މަޤުޞަދަކަށްޓަކަ އެވެ. ޝައިޠާނާ، އިންސާނުން ވާވައްދަނީ ކުއްލިއަކަށް ނޫންކަމާއި މަޑުމަޑުން ލަވަމުން ގެންގޮސްކަން އިންސާނުންނަށް އަންގަވައިދިނުމަށްޓަކަ އެވެ. އަދި ޝައިޠާނާއަކީ ސީދަލަށް ނުބައިކަންތަކަށް ގޮވުމުގެ ބަދަލުގައި ރޭވުންތެރިކަމާއެކު މަގުފުރެއްދުމުގެ ވަޒީފާއެއް އަދާކުރާ އެއްޗެއްކަން ދޭހަކޮށްދިނުމަށްޓަކަ އެވެ.

މާތް ﷲ އާ ޗެލެންޖްކޮށް، އިބުލީސް ބުނި އިބާރާތެއް ޞާދު ސޫރަތުގެ 82 ވަނަ އާޔަތުގައި ބަޔާންވެފައިވެ އެވެ. މާތް ﷲ ގެ އިއްޒަތް ގަންދީ ހުވާކޮށްފައި އޭނާ ބުނިކަމަށްވަނީ އިޚްލާޞްތެރިވެއްޖެ އަޅުން ފިޔަވައި އެހެން އެންމެން މަގުފުރައްދާނެކަމަށެވެ. މިތަނުގައި ވެސް ބޭނުންކޮށްފައި އޮންނަ ލަފުޒު މުހިންމެވެ. މަގުފުރެއްދުމުގެ ލަފުޒެވެ. މަގުފުރެދޭއިރު މަގުފުރެދޭ މީހާއަށް މިދެވެނީ ނުބައި މަގަކުންކަން ދެނެއެއް ނުގަނެވޭނެ އެވެ. އަޢުރާފު ސޫރަތުގެ 20 ވަނަ އާޔަތުގައި ޝައިޠާނާ އާދަމްގެފާނުގެ ދެކަނބަލުންނަށް ވަސްވާސްދިންކަމަށް ބަޔާންކޮށްފައި ވެއެވެ. ވަސްވާހުގެ ލަފުޒަށް ވިސްނާށެވެ. އެއީކީ ވަކިކަމެއް ކުރުމަށް ފާޅުގައި ބުނުމަށްވުރެ މާނަފުޅާ ލަފުޒެކެވެ. ކަންކަން ޒީނަތްތެރިކުރުމެވެ. ކަންކަމަށް ހެއްލުންތެރިކުރުމެވެ. ވަކި ކަމެއް ކުރާއިރު އެކަމަކީ ދެ ދުނިޔޭގައި ވެސް ފައިދާހުރި ކަމެއްކަން ވިސްނައިދިނުމެވެ. ނުބައިކަންކަން ރަނގަޅު ކަންކަމުގެ ގޮތުގައި ދައްކައި ހެދުމަކީ ޝައިޠާނާގެ ވަސްވާހުގެ މުހިންމު އުކުޅެއްކަން އަންޢާމް ސޫރަތުގެ 43 ވަނަ އާޔަތާއި އަންފާލް ސޫރަތުގެ 48 ވަނަ އާޔަތުގެ ސާފު މާނައިން އެނގެ އެވެ.

ޝައިޠާނާ އިންސާނުން މަގުފުރެއްދުމަށް ބޭނުންކުރަނީ އެމީހަކާ އެކަށީގެންވާ އެމީހަކު އެންމެ ފަސޭހައިން މަގުފުރެއްދޭނެ ގޮތަކާއި ވަސީލަތެކެވެ. ދުނިޔެއަށް މާބޮޑަށް ލޯހުޅުވިފައި ނުވާ މީހުންގެ ގާތުގައި ޢަޤީދާއާމެދު ޝައްކު އުފެއްދުމުގެ ވަސްވާސްތައް ދިނުމަކީ ޝައިޠާނާ ކުރާނެ ކަމެއްނޫނެވެ. އެކަމަކު ވިސްނާފިކުރުކުރުމާއި ދުނިޔެވީ ފަލްސަފާތަކުގެ ތެރެއަށް ވަދެ ސިކުނޑި ތަނަވަސްވެފައިވާ މުސްލިމުންނާ ޝައިޠާނާ ބައްދަލުކުރާނީ ޢަޤީދާއާ ދިމާއިންނެވެ. ﷲ ވޮޑިގެންވާކަމާމެދު ޝައްކާއި ވަސްވާސް އުފައްދަ އެވެ. ބުއްދީގެ މޮޅުކަމާމެދު ހިތުގައި ބޮޑާވެރިކަން އުފައްދަ އެވެ. އިސާހިތަކު ޢަޤީދާއަށް ގުޑުންއެރުމުގެ މާހައުލެއް އޭނާ އުފައްދަ އެވެ.

އެހެން މިސާލެކެވެ. ފަރުޟު ފަސްވަގުތު ނަމާދުކޮށް ގަވާއިދުން ޤުރުއާން ކިޔަވައި ހެޔޮ ޒިކުރުތަކުގައި އުޅޭ މީހުން މަގުފުރެއްދުމަށްޓަކައި ޒިނޭކުރުމަށް ވަސްވާސްދިނުމަކީ ޝައިޠާނާ އެންމެ ފުރަތަމައަށް ކުރާނެ ކަމެއް ނޫނެވެ. ނުވަތަ ޢަޤީދާއާމެދު ޝައްކު އުފެއްދުމަކީ ވެސް އެފަދަ މީހުން މަގުން ކަސިޔާރުކުރުމަށް ފުރަތަމަ އަޅާފާނެ ފިޔަވަޅެއް ނޫނެވެ. އެކަމަކު ތިމާގެ ދީންވެރިކަމާމެދު ހިތުގައި ބޮޑާވެރިކަން އުފެއްދުމެވެ. އެބޮޑާވެރިކަމުގެ ނަތީޖާއިން ތިމާ ބުނާ ބަސްތަކާއި ކުރާ އަމަލުތަކަކީ ޒީނަތްތެރި ރީތި އަމަލުތަކެއްކަމުގައި ވިސްނައިދިނުމެވެ. މާތް ﷲ އަޅަމެން އެންމެން ސަލާމަތްކުރައްވާށި އެވެ.

މާތް ﷲ އަންގަވަނީ ޝައިޠާނާއަކީ ތިޔަބައިމީހުންނަށް ފާޅުވެގެންހުރި އަދާވާތްތެރިއެއްކަމަށެވެ. އަދި އޭނާއަކީ އަދާވާތްތެރިއެއްކަމުގައި ހިފުމަށް ވެސް އަންގަވާފައި ވެއެވެ. އެއިރުޝާދާ ދުރަށްދެވި، އަހަރެމެން އެއްބަނޑުއެއްބަފާ އެއްބަޔަކު އަނެއް ބަޔަކަށް އަދާވާތްތެރީންކަމުގައި ވެގަނެވޭކަމަކީ ހާދަ ހިތާމަހުރި ކަމެކެވެ.