Advertisement

މުހައްމަދު އަމީނުގެ "މަރުގެ ދަތުރު": ބޭވަފާ އާއި ލާއިންސާނީ އަނިޔާ

10 ޖޫން 2021 - 08:41 23

މުހައްމަދު ހަމްދޫން

މުހައްމަދު ހަމްދޫން

އަދަދު އާޓްވޯކް: އަބްދުﷲ ޝަފީއު (އަބޯ)


މުހައްމަދު އަމީނުގެ "މަރުގެ ދަތުރު": ބޭވަފާ އާއި ލާއިންސާނީ އަނިޔާ

10 ޖޫން 2021 - 08:41 23

ދިވެހިރާއްޖޭގެ ފުރަތަމަ ރައީސް އަލްއަމީރު މުހައްމަދު އަމީނުގެ ވެރިކަން ވައްޓާލީ، އެ މަނިކުފާނުގެ ނާއިބް ރައީސް ވެލާނާގޭ އިބްރާހިމް މުހައްމަދު ދީދީ އިސްކޮށް ހުންނަވައިގެން ގެންނެވި އިންގިލާބެއްގައި، އޮގަސްޓް 21، 1953 ވީ ހުކުރު ދުވަހު އެވެ. އޭރު އަމީން ހުންނެވީ ބޭސްކޮޅަކަށް އިންޑިއާގެ މެޑްރާހަށް ކުރެއްވި ދަތުރުފުޅަކަށް ފަހު އެނބުރި ރާއްޖެ ވަޑައިގަތުމުގެ މަގުމަތީގައި ކޮޅުނބުގަ އެވެ. މާލޭގައި ކަމެއް ހިނގައިގެން އުޅޭ ކަމުގެ ހަބަރު އެމަނިކުފާނަށް ލިބިވަޑައިގަތީ އިންގިލާބުގެ ފަސް ދުވަސް ފަހުން އިބްރާހިމް ދީދީ ފޮނުއްވި ވަޔަރުލެސް މެސެޖަކުންނެވެ. އިންގިލާބުގެ ލީޑަރު، އަމީނަށް އެންގެވީ މާލޭގައި ހަމަނުޖެހުމެއް ހިނގައިގެން އުޅޭ ކަމަށާއި އަވަހަށް ރާއްޖެ ވަޑައިގަތުމަށެވެ.

އެ މެސެޖުގެ ހަބަރު އަމީން، އެމަނިކުފާނުގެ ގާތް އެކުވެރިޔާ އައްނަބީލާ އާމިނަތު ހުސެއިންއާ ހިއްސާކުރެއްވުމުން ވިދާޅުވީ، ގޯހެއް އުޅޭ ކަމަށް ލަފާކުރެވޭ ކަމަށާއި ތިޔަ މެސެޖަށް އިތުބާރުކުރައްވައިގެން، މާލެ ވަޑައިގަތުމަށް ނުފެންނަ ކަމަށެވެ. އެކަމަކު އަމީންގެ ވިސްނުންފުޅުގައި އޮތީ "އޭގެ ފަހަތުގައި ކިތަންމެ ބޮޑު ނުރައްކަލެއް އޮތް ކަމަށްވިޔަސް ގައުމަށް ބޮޑު ކަމެއް ދިމާވެގެން އެންގީމާ ގައުމުގެ ރައީސް ދާން ޖެހޭނެ" ކަމަށެވެ.

"އަލިފް ހާ (އާމިނަތު ހުސެއިން އަށް އަމީން ކުރުކޮށް މުހާތަބުކުރައްވާ ގޮތް) އެވެ. އަޅުގަނޑަކީ ފިލައިގެން އުޅޭ މީހަކީމެއް ނޫނެވެ. އަޅުގަނޑަކީ ގައުމުގެ ވެރިޔާ އެވެ. މާލެ ދިއުމުގެ ނަތީޖާއަކީ މަރުކަމަށް ވިޔަސް އަޅުގަނޑު ބޭނުން ވަނީ އެނބުރި ގައުމަށް ދާށެވެ!" އެ ވާހަކަތައް ދެކެވުނުއިރު ކޮޅުނބުގެ ފެހިގޭގައި ހުންނެވި ހަބީބާ ހުސެއިން ހަބީބުއާ ހަވާލާދެއްވައި އިބްރާހިމް ހުސެއިން މަނިކު ލިޔުއްވާފައިވެ އެވެ.

މުހައްމަދު އަމީން (މ) އަދި އާމިނަތު ހުސެއިން (ވ-3).


އަމީން މާލެ ވަޑައިގަތުމަށް ނިންމެވުމުން، އާމިނަތު ހުސެއިން އިސްތަށިފުޅު ދެއަތައް ހޫރުއްވަމުން އެ ތަނުން ދުރަށް ވަޑައިގަތީ ވަރަށް ބޮޑަށް ދެރަވެ މާޔޫސްވެވަޑައިގެން ހުންނަވައި ކަމަށް ވެސް މަނިކު ލިޔުއްވާފައިވެ އެވެ. އެ މެސެޖް އަމީނުގެ އަތްޕުޅަށް އެރުވި ހަބީބާ "އަދަދު" އަށް ވިދާޅުވީ އަމީނުގެ ޖަވާބުގެ މަހްފޫމަކީ، އެމަނިކުފާނު އަވަހާރަވާނީ ރާއްޖޭގައި ކަމަށާއި އެހެންވެ، ހާލަތު އެހެން އޮތަސް ވަޑައިގަންނަވަން ބޭނުންފުޅުވުން ކަމަށެވެ.

އިނގިރޭސިންގެ ރޯޔަލް އެއާފޯސް (އާރްއޭއެފް) ގެ ކަނޑަށް ޖައްސާބޯޓެއްގައި އަމީނު މާލެ ވަޑައިގެންނެވި އިރު، މާލޭ އުތުރުފަރާތު އަތިރިމަތި އޮތީ މީހުންނައިގެން ފުރިބާރުވެފަ އެވެ. އެކަމަކު، އެ ދުވަހުގެ މަންޒަރުތައް ލޮލުން ދެކެވަޑައިގެންނެވި އަބްދުﷲ ސޯދިގު (ސޯދުބެ) ލިޔުއްވާފައިވާ ފަދައިގެން އެމަނިކުފާނު ލޯބިފުޅުވާ ރައްޔިތުން، ދުވަހަކު އެއްނުވާފަދަ ގިނަ އަދަދަކަށް ބަނދަރުމައްޗަށް އެއްވެ އެތިބީ މަރުހަބާ ދެންނެވުމަށްޓަކައެއް ނޫނެވެ.

"އަދި ކީއްތޯ އެވެ. އެއްގޮތަކަށްވެއްޖިއްޔާ އޭނާގެ ހަށިކޮޅު ފުނޑުފުނޑުވެގެން ދާއިރު އެކަންކުރުމުގައި ބައިވެރިވެވޭތޯ އެވެ. ދުނިޔޭގެ ބޭގަރާރުކަމެވެ. ދުނިޔަވީ ގާނޫނުގެ ސާބިތުކަންކުޑަކަމެވެ...........އާހް،" ސޯދިގު ޑައިރީގައި ލިޔުއްވާފައިވެ އެވެ.

އަމީން ދޫނިދޫގައި ބަންދުކުރުމަށްޓަކައި ގެންދެވުމަށް، އެމަނިކުފާނު ބަލާ ސީޕްލޭން ދޮށަށް ދޯނީގައި ވަޑައިގެންނެވި ވަފުދުގައި އިސްކޮށް ހުންނެވީ އިބްރާހިމް ދީދީ އެވެ. ދޯނީގައި ދިޔަ މީހުންގެ ތެރޭ ހިމެނޭ ފިއްލަދޫ ތުއްތުއާ ހަވާލާދީ ކަށިމާ އަހުމަދު ޝާކިރު ލިޔުއްވާފައިވާ ގޮތުގައި، ތުއްތު އަށް އިބްރާހިމް މުހައްމަދު ދީދީ އަންގަވާފައި އޮތީ އަމީން ބޯޓުން ދޯންޏަށް ފައިބާވަޑައިގަތުމަށް ފަހު ދަބަސްކޮޅު ދެއްވުމުން އަވަހަށް ދިރުނބާކޮޅަށް ދިއުމަށާއި ދެން ކިތަންމެ ވަރަކަށް ވިދާޅުވި ނަމަވެސް އޭނާގެ އަތްޕުޅަށް ދަބަސް ނޭރުވުމަށެވެ.

"މިގޮތަށް މި ހަމަޖެއްސެވީ މުހައްމަދު އަމީން ފިސްތޯލައެއް ގެންގުޅުއްވި ނަމަވެސް އޮންނާނީ އެ ދަބަސްކޮޅުގެ ތެރޭގައިކަން އިބްރާހިމް މުހައްމަދު ދީދީ އަށް އެނގިވަޑައިގަންނަވާތީ އެވެ. އަދި ދޯނީގެ ހުންގާނުގައި ހުރި ބިލާލު ތުއްތުމަނިކަށް އަންގަވައިފައި އޮތީ މުހައްމަދު އަމީން ކޯފާވިޔަސް ދޯނި މާލެއާ ދިމާއަށް އަނބުރައިނުލައި ދޫނިދޫ އަށް ދިއުމަށެވެ،" ޝާކިރު ލިޔުއްވާފައިވެ އެވެ.

އެ ދޯނި، ދޫނިދޫއާ ދިމާއަށް މިސްރާބު ޖެހުމުން މާލެއާ ދިމާލަށް މިސްރާބު ބަދަލުކުރަން އަމީން އެންގެވި އެވެ. އެކަމަކު އިބްރާހިމް ދީދީ ވިދާޅުވީ ރައްޔިތުން ތިބީ ރުޅިގަދަވެފައި ކަމަށާއި އެހެންވެ ދޫނިދޫ އަށް ގެންދަނީ ކަމަށެވެ. ޖަވާބު އަމީން އެދިވަޑައިގަތި އޭނާ މާލޭގެ ފަސްގަނޑަށް ބާލައިދެއްވުމަށެވެ. އެހެން ހައްދަވައިފި ނަމަ ފަސް މިނެޓުގެ ތެރޭ ރައްޔިތުން ހަމަޖައްސާނެ ކަމަށާއި އެ މީހުން އެދޭ ކަމަކީ ކޮބައިތޯ ބަލައި އެކަމެއް ހަމަޖައްސައި ދެއްވާނެ ކަމަށެވެ.

މުހައްމަދު އަމީން (ކ) ޖުމްހޫރީ ދަރުބާާރުގައި، ލިޔެކިޔުމެއްގައި ސޮއިކުރައްވަނީ. --ފޮޓޯ ކުލަކުރީ: އަހުމަދު ސައްފާހު (ސައްފު)


އެކަމަކު ހަގީގަތަކީ، މާލޭގެ މަސްރަހު އޮތީ އަމީނުއާ ބީރަށްޓެހިކޮށެވެ. ދެ ވަނަ ބޮޑުހަނގުރާމައާ ގުޅިގެން ކުރިމަތިވި ބޮޑުތަދުގައި އާއްމުންގެ ބަނޑުހައިހޫނުކަން ބޮޑުވެ ރައްޔިތުން ތިބީ އަމީނުގެ ސަރުކާރާ ނުރުހިފަ އެވެ. ހުވަދު އަތޮޅު އަތޮޅުވެރިޔާ މަރަން ސިހުރުހެދިކަން ސާބިތުވެ ގއ. ވިލިނގިލީ ހަކީމް ދީދީ ގަޔަށް ބަޑިޖަހައި މަރާލުމާއި ވައްކަމުގެ ތުހުމަތުގައި ގޮމާގޭ ސީދީގެ އަތްކެނޑުމުން، އަމީން ލޭބަލްވެފައި އޮތީ އަނިޔާވެރިއެއްގެ ގޮތުގަ އެވެ. އެމަނިކުފާނަކީ ދުނިޔެވީ އުފަލަށް ގޮސް ހެއްލިފައިވާ، ދީނާ ދުރު ބޭފުޅެއްގެ ސޫރަ އޮތީ ކުރެހިފަ އެވެ. އަދި ހޭލުންތެރިކަމެއް ނެތް ދުވަސްވަރެއްގައި ދުންފަތް މަނާކުރުމުން ރައްޔިތުންގެ ރުޅި ހައްދުން ނެއްޓީ އެވެ.

އެކަމަކު އެއް ބަޔަކު ދެކޭ ގޮތުގައި، ދިވެހިރާއްޖޭގެ ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލައި، ތައުލީމު ފަތުރައި، އަންހެނުންގެ ހައްގުތައް ހޯދައިދީ، ބޭރަށް ކުދިން ކިޔަވަން ފޮނުވައި، އަދަބިއްޔާތު ދިރުވައި ކުޅިވަރުގެ ފޯރި އާލާކުރެއްވި އަމީނާ ދެކޮޅަށް ގެނައި އިންގިލާބަކީ ހާލަތުގެ ފައިދާ ނަގައި ސިޔާސީ ވާދަވެރިން ކުރި ކަމެވެ. އެކަމުގައި އެމަނިކުފާނުގެ ނާއިބް ރައީސް އިބްރާހިމް ދީދީ ބައިވެރިވުމަކީ، އޭގެ ހެއްކެއް ކަމަށް ދައްކަ އެވެ. ހަގީގަތުގައި އިބްރާހިމް ދީދީ އެކަމުގައި ބައިވެރިވުމަކީ އަމީނަށް ލިބިވަޑައިގެންނެވި ބޮޑު ހައިރާންކަމެއް ވެސް މެ އެވެ. ބޭސްކޮޅަށް ރާއްޖޭން ބޭރަށް ވަޑައިގަތީ އިބްރާހިމް ދީދީ އަށް ބޮޑު އިތުބާރެއް ކުރައްވައި އެކަން ރައްޔިތުންނަށް ހާމަވެސް ކޮށްދެއްވާފަ އެވެ. ދޫނިދޫގައި އަމީން ބަންދުކުރައްވާފައި ހުންނެވިއިރު ދަރިކަނބަލުން އަމީނާ އަށް ލިޔުއްވި ސިޓީގައި ވަނީ، އިތުބާރުކުރެއްވި ވެރިން ވެވަޑައިގެންނެވި ބޭވަފާގެ ވާހަކަ އަސަރާ އެކު ދައްކަވައިފަ އެވެ.

އެ ސިޓީގައި އަމީން ލިޔުއްވާފައިވާ ގޮތުގައި ދިމާވާ މުސީބާތަކުން ތިމާ އަށް ރައްޓެހިންނާއި ރަހުމަތްތެރީންނާއި ހެޔޮއެދޭ މީހުންނާއި ބޭވަފާތެރީން ދަސްވަމުންދާ ކަމުގައި ވަނީ ނަމަ ޖެހޭ މުސީބާތަކީ ގެއްލިދާ އެއްޗެއް ނޫންކަން ކަށަވަރު ކަމަށެވެ.

"އާއެކެވެ. ދުނިޔެއަކީ ވަރަށް ގިނަ ފަހަރަށް ބޭވަފާތެރި އެއްޗެކެވެ. ނަސީބާއި ކާމިޔާބުގެ ސިޑީން މީހަކު އަރަމުންދާއިރު، ދުނިޔެ އޮންނަނީ އެމީހެއްގެ މައްޗަށް ހިނިތުންވެފަ އެވެ. ނަސީބުގެ ތުން ފިއްތާލުމުން، ދުނިޔެ ތުންފިއްތާން ފަށަނީ، ވަރަށް ވެސް އަވަހަށެވެ. އިންސާފެކޭ ކިޔާ އެއްޗެއް ހަނދާން ހުންނަނީ، ދުނިޔެ އިން ވަރަށް ވެސް މަދު ބައެކެވެ،" ސިޓީގައިވެ އެވެ.

އަމީން ވަނީ ލޮބުވެތި ދަރިކަނބަލުންނާއި ވަފާތެރި ރަހުމަތްތެރިންކޮޅަށްޓަކައި ނިހާޔަތުގެ ދަރަޖައަށް ފަހުރުވެރިވާ ކަމަށާއި އެއީ ތެދުވެރިކަމާއި ވަފާތެރި ކަމުގެ ފުރިހަމަ ނަމޫނާތަކެއްކަން ފާހަގަކުރައްވައިފަ އެވެ. އަދި އިއްޔެ އޭނާގެ ރަހުމަތްތެރިން ކަމަށް ހެދިގެން އުޅުނު މީހުންގެ މިއަދު ހަގީގީ ކުލަވަރު ދައްކާލުމުން، އެކަމުގައި އެމަނިކުފާނަށް ކުޑަވެސް އަސަރެއް ނުކުރާ ކަމަށް ލިޔުއްވައި ވިދާޅުވީ މުނާފިގު ކަމަކީ ދެދުނިޔެއިން މީހާ ނެތިކޮށްލާ ކަމެއް ކަމާއިމެދަކު ކުޑަވެސް ޝައްކެއް ނެތް ކަމަށެވެ.

"އެމީހަކު ކުރި ކަމެއް އެމީހަކަށް ނޫން ހެއްޔެވެ؟ ... ބައެއް މީހުންގެ ހަދާންތައް ހިތަށް ގެނެވުމުން، އެ މީހުންގެ އިއްޔެ އަމަލާއި، މިއަދުގެ އަމަލު ހިތުތެރޭގައި އަޅާލެވުމުން، ބައްޕަ ގާތަށް އަންނަނީ ހިންޏެވެ. ލަވަ ހޮޅިތަކަކޭ އެމީހުންކޭ އެއްވެސް ތަފާތެއް ވޭ ހެއްޔެވެ؟ އިވެމުން ދަނީ އަޅައިދީފައިވާ އެއްޗެކެވެ. ގަލަމާއި، ދުލުގެ ބޭނުން ކުރަނީ، އެފަހަރަކު ތިބި ވެރިންގެ ބަޔަކު އުފާވާނެހާ ވާހަކައެކެވެ. އިއްޔެ ބައްޕައަކީ، ދިވެހިރާއްޖޭގެ ތަރައްގީ އާއި ތަހުޒީބުގެ އިލްމާއި، ހުނަރުގެ ލާމަސީލު ބަފައެވެ. މިއަދު ބައްޕައަކީ ... އެ މީހުންގެ އިބާރާތްތައް ބަޔާން ކުރެވޭ ވަރަށްވުރެ "މަތިވެރި" އެވެ،" އަމީން ސިޓީ ފޮނުއްވިތާ 30 އަހަރު ފަހުން އަމީނާ އަށް ލިބިވަޑައިގެންނެވި އެ ސިޓީގައިވެ އެވެ.

މުހައްމަދު އަމީން (ކ) ދަރިކަނބަލުން އަމީނާއާ އެކު.


ދޫނިދޫގައި ހުންނަވަނިކޮށް އަމީނަށް ދެން ކުރިމަތިވެވަޑައިގަތީ ވެސް އިބުރަތަކަށް ފުދޭނެ ކަމެކެވެ. ދަނބިދަރިކަލުން ކަކާގޭ ޝަމްސުއްދީން ހިލްމީ އާއި އެގޭ އިބްރާހިމް ހިލްމީއާ ބަދަލުކުރެއްވި ސިޓީތަކެއްގެ ތެރެއިން، ހިލްމީ އެދިވަޑައިގަތީ ރައްޔިތުން ތިބީ އަމީނާ އެއްކޮޅަށް ކަމަށާއި ވެރިކަން ހޯއްދެވުމަށް އަވަހަށް ވަޑައިގަތުމަށެވެ. އަމީން އެ ވާހަކަ ގަބޫލުފުޅުކުރެއްވި އެވެ. އަދި ސިއްރިއްޔާތުގައި އެއް ރެޔެއްގެ ދަންވަރު ސިފައިންގެ ފަށްއެޅި ގަމީސްކޮޅެއް ތުރުކުރައްވައިގެން މާލެ ވަޑައިގަން ބަނޑޭރިކޮށްޓަށް ވަޑައިގެން ސިފައިންގެ ތާއީދު ހޯއްދަވަން މަސައްކަތްކުރެއްވި އެވެ. އެމަނިކުފާނުގެ ނަސީބު ދެރަ އެވެ. އެންމެ އިތުބާރުކުރައްވާ ކޮމާންޑަރު ޓިނު އަލިފުޅު ހޯދަން ބެލިއިރު އޭނާ އެރޭ އޮތީ ގޭގަ އެވެ. ދެން ވަޑައިގަތީ ދައްޕަރު މޫސާ މަނިކުގެ ގާތަށެވެ. އެކަމަކު އޭނާ އަމީނުގެ އޯޑަރަށް ބޮލެއް ނުލެނބި އެވެ.

އޭރު އިބްރާހިމް ހިލްމީ ހުންނެވީ، އިބްރާހިމް ދީދީ ހައްޔަރުކުރަން ގ. މާޖެހިގެޔަށް ގޮހެވެ. އެކަމަކު އެ ހަބަރު ލިބި އިބްރާހިމް ދީދީ ފާރުމަތިން ފުންމާލައްވައިގެން ވަޑައިގަތީ އަމީނުއާ ދެކޮޅަށް މީހުން އެއްކުރުމަށެވެ. ކަންވާނީ އެހެން ނޫން ހެއްޔެވެ؟ އިބްރާހިމް ހިލްމީ ރާއްވަވާފައިވާ ގޮތަށް އޭނާ ރަސްކަމަށް ވެރިވެ އަމީނު ބޮޑުވަޒީރަކަށް އައްޔަންކޮށްފި ނަމަ، އިބްރާހިމް ދީދީ އާއި އިންގިލާބުގެ ބައިވެރިންގެ ދުވަސް ދާނެ އެވެ. އަދި ސިޔާސީ ގޮތުން އަތިރީގެ އާއި ކަކާގެ އަށް ބޮޑެތި ބާރުތަކެއް ލިބި ވެލާނާގޭ ބާރުކެނޑޭނެ އެވެ.

"އިރުކޮޅަކުން ރައްޔިތުން ގުޅަކުޅޭ ފަސްގަނޑަށް ނުކުތުމަށް ރަށުތެރޭގައި ގޮވަންފަށައިފި އެވެ. ދެނަކާދެނެއްނެތެވެ...ދެންމެ އާ ޖެހެންދެން ހިމޭންވެފައި އޮތް މާލެ ހަނގުރާމައިގެ މައިދާނަކަށް ވުމަށް ތައްޔާރުވެއްޖެ ކަހަލަ އެވެ،" ސޯދިގު ލިޔުއްވާފައިވެ އެވެ.

ފަސްގަނޑަށް ހަވަރު އެއްވެ ފުރަތަމަ ވެސް ދުއްވައިގަތީ އަމީނު އަތުލައިގަތުމަށް ސިފައިންގޭގެ ތެރެއަށެވެ. އެ މީހުންގެ ކިބައިން އަމީން ސަލާމަތްކުރެވޭތޯ އިބްރާހިމް ދީދީ އާއި އިބްރާހިމް ނާސިރު މަސައްކަތްކުރެއްވި އެވެ. އެކަމަކު ކާމިޔާބެއް ނުވި އެވެ. ރުޅިގަދަވެފައި ތިބި މީހުންގަނޑު ވަދެ، ބަނޑޭރިގޭ އަނބުގަސްދޮށުގައި ބިޑި އަޅާފައި ހުރި އަމީނު އެތަނުން ނެރެ ލާއިންސާނީ އަނިޔާތައް ދޭން ފެށި އެވެ. ބިޑި އަޅުވާފައި ހުރުމުން މޫނުމައްޗާއި ބޮލަށް އަރަމުން ދިޔަ ހަމަލާތަކުން ދިފާއުވެވޭނެ ގޮތެއް އަމީނަކަށް ނެތެވެ. މީހުންގަނޑު އަމީނަށް އަނިޔާކުރަމުން އޭނާ ދަމާ ކޫއްތާފައި ގެންދިޔަ އެވެ.

މުހައްމަދު އަމީން ސިފައިންގޭގެ ޔުނިފޯމުގައި.


"އެ މީހުން ވައްޓާލި ގޮތަށް ވާތް ފަރާތަށް އަރިޔަކަށް ބޮޑުއިސްޓޯރުގެ އެތެރެއަށް މޫނުފުޅުވާގޮތަށް ދެފައިންޕުޅުކޮށް ކުރުގެޅުއްވި އަދި ބިޑިއަޅާފައިވާ ދެ އަތްޕުޅުން ކުރިމަތިފަރާތްޕުޅުން އައުރަ ނިވާވާކަހަލަ ގޮތަކަށް މުހައްމަދު އަމީން އޮންނެވި އެވެ. ލޯފުޅު ހުޅުއްވައިގެން އޮންނެވި ނަމަވެސް އެއްވެސް މީހަކަށް ނުބައްލަވަ އެވެ. ބެއްލެވިޔަސް އެހީއަކަށް އެދިވަޑައިގަންނަވާނެ މީހަކު ނެތެވެ. އެއީ ހައްތާވެސް ފުރާނަފުޅަށް ފެންބޮވައިގެންވެފައި ތިބި މީހުންނެވެ،" ނޫސްވެރިޔާ މުހައްމަދު ޖަމީލް "އޯކިޑް" ގައި ލިޔުއްވާފައިވެ އެވެ.

އެތަނުގައި ބާއްވައިގެން ވެސް އަނިޔާކުރުމަށް އެ މީހުން އަމީން ގެންގޮސް ފަޅުތެރޭގައި އޮތް ބައްތެއްޔަކަށް އެއްލާލިއިރު، އޮންނެވީ އޮރިޔާންހާލުކޮޅުގަ އެވެ. މީހުންގަނޑު މައިތިރިވުމުން ބައްތެލީގައި ހުރި މީހަކު މުންޑެއް ހިފައިގެން ގޮސް އޮރިޔާން ނިވާކުރަން އެ އަޅަން އުޅުމުން މަނާކުރެއްވި އެވެ. ގައިކޮޅުގައި މުންޑު އަޅައިފި ނަމަ މީހުން އައިސް އެ މީހާ އަށް އަނިޔާކޮށްފާނެ ކަމަށާއި ގޯންޏެއް އޮތް ނަމަ އަޅާލަދޭން އެދުމުން އެމީހާ އެކަންކުރި އެވެ. އެއާ އެކު އެ މީހާ އަށް އަމީން ޝުކުރުއަދާކުރެއްވި އެވެ. އިރު އަރައިގެން އައި އިރު، އަމީނުގެ ގައިކޮޅުން ފޭބި ލޭ ހުރީ ބައްތެލީގައި ކޯރުހެދިފަ އެވެ. މޫނާއި ބުރަކަށީގައި އަދި ބޮލުގެ ފުއްކިބައިގައި ބޮޑު ޒަހަމެއް ހުއްޓެވެ. ހަށިކޮޅުގައި ހިކިފައި ލޭތަކަށް މެހި ޖައްސައި ހެދި ނަމަވެސް ފައްސާލުމަށް އަތްހޫރާލާނެހާ ހިތްވަރު ވެސް ނެތް ކަހަލަ އެވެ. ގަދައަވިން އަމީން ފިހެމުން ދިޔައިރު ފެންފޮދެއް ދޭނެ މީހަކު ވެސް ނެތެވެ.

އެ އަނިޔާތައް ސިފަކުރައްވަމުން ޑޭޒީމާގޭ އައިމިނަތު ފާއިޒާ ލިޔުއްވާފައިވާ ގޮތުގައި، ރަހުމެއްނުވާ އަނިޔާތަކުން އަމީނުގެ ހަށިކޮޅު ޒަހަމްކޮށްލި ގޮތުން ހީވީ މަހުޝަރުގެ ބިރު އައިސް ކުރިމަތީ ތަމްސީލުވީހެން ކަމަށެވެ. އަމީނަށް އެ ދިން ވަރުގެ އަނިޔާއެއް، ދިވެހި ތާރީހުގައި ހަވަރަކުން މީހަކަށް ދިން ކަމެއް އެނގިފައެއް ނެތެވެ.

އިރު އެރުމާ އެކު، އިބްރާހިމް ދީދީ އަންގަވައިގެން ދިވެހި ބޭސްވެރިޔާ އައްޑޫ ހުސެއިން މަނިކުފާނު، ސިފައިންގެ ބޭކަލުންތަކާ އެކު ބައްތެއްޔަށް ވަޑައިގެން އަމީނުގެ ގައިކޮޅުގައި ބޭސްއެޅުއްވި އެވެ. ސިފައިން ގާތު އަމީން އެއްސެވީ އޭނާއާ ވާހަކަދެއްކުމުގެ އަމުރު އެބައޮތްތޯ އެވެ. އެބައޮތް ކަމަށް ސިފައިން ބުނުމުން އަމީން އެދިވަޑައިގަތީ ފެންފޮދެއް ދެއްވުމަށެވެ. އެއަށް ފަހު ސިފައިން، އަމީނުގެ ގައިކޮޅުގައި ހުރި ޒަހަމްތައް ސާފުކުރަން ފެށި އެވެ.

"ބުރަކަށިފުޅުގައި ޓިންޗަރު އައިޑިން ޖެހުމާ އެކު ނެގި ދިލައިންނާއި ވީތަދުފުޅުން ގުދުވަޑައިގެންނެވުނު ގޮތަށް ކުރިފުޅުމަތީގައި އިން ސިފައިންގެ މީހާގެ ކަކުލުގައި އިސްތަށިފުޅު ޖައްސަވައިގެން އިރުކޮޅެއް ވަންދެން އޮންނެވުނެވެ،" ޖަމީލް ލިޔުއްވާފައިވެ އެވެ.

ބޭސް އަޅައި ނިމުމުން، ބޮޑުބަނޑޭރިގޭ ގައި ހެނދުނު 11 ޖެހިއިރު ތަހުގީގު ފެށުނެވެ. ތަހުގީގަށް އަމީން ގެނެވުނީ އެނދެއްގައި ބާއްވައިގެންނެވެ. އޮށޯވެ އޮންނަވައި ސުވާލުތަކަށް ޖަވާބުދެއްވިޔަސް ރަނގަޅު ކަމަށް ތަހުގީގު ކޮމިޓީގެ މެމްބަރުން ބުނި ނަމަވެސް އިހުތިރާމް އަދާކުރުމުގެ ގޮތުން އަމީން ޖަވާބުދެއްވީ ތެދުވެވަޑައިގެން އިށީނދެ ހުންނަވަ އެވެ. އަމީނު ވިދާޅުވީ އޭނާ މާލެ ވަޑައިގަތީ ރައްޔިތުން ތިބީ އޭނާއާ އެއްކޮޅަށް ކަމަށް އިބްރާހިމް ހިލްމީގެ ވާހަކަތަކުން އެނގިގެން ކަމަށެވެ. އެކަމަކު މިކަމުގައި ދެ ހިލްމީގެ ކުށެއް ނެތް ކަމަށް ވިދާޅުވެ އެ މީހުން ދޫކޮށްލަން އެދިވަޑައިގެން އަމީނު ކުށަށް އިއުތިރާފްވެވަޑައިގަތެވެ.

ތަހުގީގު ނިންމައި އެ ދުވަހުގެ ހަވީރު މަޚުކަމަތުލް ޝަރުއިއްޔާގައި، އަމީނުގެ ޝަރީއަތް ބޭއްވި އެވެ. ޝަރީއަތް ކުރި ކޮމިޓީގެ ނިޔާ އިއްވަވަމުން ފަނޑިޔާރު އަބްދުލްގައްޔޫމް ސީދީ ވިދާޅުވީ ލިބިފައިވާ ހެކިތަކާއި ޝަރީއަތުގައި ވެފައިވާ ސާފު އިއުތިރާފުން ދައުލަތާއި ދެކޮޅަށް ބަގާވާތްކުރިކަމުގެ ކުށް މުހައްމަދު އަމީން އާއި އިބްރާހިމް ހިލްމީ އާއި ޝަމްސުއްދީން ހިލްމީގެ މައްޗަށް ސާބިތުވާ ކަމަށެވެ. އަދި 39 އެތިފަހަރުން ތައުޒީރުކޮށް އުމުރަށް އަރުވާލަން ހުކުމްކުރި އެވެ. އަމީނު އަރުވާލީ ކ. ގާފަރަށެވެ.

މުހައްމަދު އަމީން (ކ) ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ.


އެ ރަށުގައި ހުންނެވިއިރު އަމީނުގެ ހާލުކޮޅު ދިޔައީ ގޯސްވަމުންނެވެ. ފަރިއްނުކުޅުއްވެ އެވެ. ފާހަނާކުރައްވަން ދަތިވެ ގަދަ އަޑުން ކީރިތި ކުރައްވާ ކަމަށްވެ އެވެ. އެ އަޑު އެހެން ބަޔަކަށް ނީއްވުމަށްޓަކައި ފާހަނަކުރެއްވުމަށް ވަޑައިގަންނަވަނީ، ދެފައިގައިވާ ހިލިހިލާތައް ދަމަމުން ވަލުތެރެއިން އޮންނަ ހަނިމަގަކުން އަތިރިމައްޗަށެވެ.

"އެ ހިމޭން މާހައުލުން އިވޭނީ ހިލިހިލާތައް އެކަތި އަނެއްކާއި ޖެހިތެޅޭ އަޑެވެ. ތަންކޮޅަކަށް ވަޑައިގެންފައި ވަރުބަލިފުޅުވެގެން މަޑުކުރައްވަ އެވެ. ދެން އަނެއްކާ ވެސް މަޑުމަޑުން ހިންގަވަން ފަށްޓަވަ އެވެ،" ޖަމީލް ލިޔުއްވާފައިވެ އެވެ.

ހަކުރުބަލީގެ އާލާސްކަންފުޅު ވެސް ހުންނަވާ އަމީނުގެ ހާލުކޮޅު ގޯސްވި ނަމަވެސް ބޭސްކުރައްވަން ހުންނެވި ހުސެއިން މަނިކުފާނަށް ދެވޭނެ އިތުރު ފަރުވާއެއް ނެތެވެ. އެންމެ ފަހުން ހާލުކޮޅު ބޮޑުވެ ވިހަމާނުފުށްޓަށް ގެންދެވުނެވެ. އަދި އަމީނު އެދިވަޑައިގަތުމުން ދައުލަތުން ހިލިހިލާ ނައްޓާލަދިނެވެ. ސަރުކާރުގެ ހޮސްޕިޓަލުގައި ހުރި ބިދޭސީ ޑޮކްޓަރު ގެންދިޔައީ ވެސް އެ ހިސާބަށް ކަންތައް ދިއުމުންނެވެ. އެކަމަކު ހާލުކޮޅަށް ބަދަލެއް ނައިސް އޮންނަވައި، ޖެނުއަރީ 15، 1954 ގައި އުމުރުފުޅުން 43 އަހަރުގައި މި ދުނިޔެ ދޫކުރެއްވި އެވެ.

މާލެން ލިބުނު މެސެޖާ އެކު، އަމީން މާލެ ވަޑައިގަންނަވާއިރު އަރިހުގައި ދިއުމަށް އެމަނިކުފާނުގެ ކާތިބު އަބްދުއްރަހީމް އަބްދުލްމަޖީދު ވަޑައިގަތުމަށް އެދުމުން ވިދާޅުވީ އަހަރެން މަރުވަން ދާ ދަތުރުގައި ކޮންމެހެން ދާނެ ކަމެއް ނެތް ކަމަށެވެ. ތެދެކެވެ. އެ ދަތުރުފުޅު ވެގެންދިޔައީ، ބޭވަފާތެރިކަމާއި ލާއިންސާނީ އަނިޔާތައް އަމީނަށް ތަޖުރިބާކުރައްވަން ޖެހިވަޑައިގެންނެވި، "މަރުގެ ދަތުރަ"ށެވެ.