Advertisement

ދީނުގައި ކޮންމެ ކަމަކަށް ވެސް ވަނީ ހައްދެއް ކަނޑައަޅާފައި

އިސްލާމީ މަރުކަޒުގައި ހުތުބާ އަޑުއަހަނީ: އަޑެއް ނުވަތަ ވަހެއް ނުދުވާ ހާ ހިނދަކު ނަމާދު ދޫކޮށް ނުލާން ނުވަތަ ނަމާދު މެދު ނުކަނޑާން ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވޭ.


ދީނުގައި ކޮންމެ ކަމަކަށް ވެސް ވަނީ ހައްދެއް ކަނޑައަޅާފައި

ދީނުގައި ކޮންމެ ކަމަކަށް ވެސް ޙައްދެއް ކަނޑައަޅާފައި ވެ އެވެ. އަދި ޙުކުމްތަކުގައި މުސްލިމުންނާއި ޣައިރު މުސްލިމުން ތަފާތުކޮށްފައިވެ އެވެ. މާތް الله ގެ އާޔަތްތައް އެމީހަކާއި ހަމަޔަށް ފޯރުމަށްފަހު އީމާން ނުވި މީސްމީހުންނަށް ވެސް ވަކި ޙުކުމެއް ވެ އެވެ. މިސާލަކަށް ފިރުޢައުނާއި، ހާމަނާއި، ނަމްރޫދާއި، ޤާރޫނާއި، ނޫޙުގެފާނުގެ އަނބިކަނބަލުންނާއި، ލޫޠުގެފާނުގެ އަނބިކަނބަލުންނާއި، ނޫޙުގެފާނުގެ ދަރިކަލުންނާއި އިބުރާހީމުގެފާނުގެ ބައްޕާފުޅު ފަދަ މީސްމީހުން ގެ ޙުކުމް އެނުން މީސްމީހުންނާއި ތަފާތު ކުރައްވާފައި ވެ އެވެ. މި ބައި މީހުންނާކީ އެކަލާނގެ آية ތައް އެމީހުންނާ ހަމަޔަށް ފޯރުމުން، އީމާންނުވެ އެ އާޔަތްތަކަށް ފުރަގަސް ދިން މީހުންނެވެ. ނުވަތަ ދެކޮޅު ހަދައި ވަކިވެގަތް މީހުންނެވެ. ނުވަތަ ކާފަރުކަން އިޚްތިޔާރު ކުރި މީހުނެވެ.

އެހެން ނަމަވެސް އިސްލާމްދީން ޤަބޫލު ކުރުމަށް ފަހު، މުސްލިމަކު މީގެ ތެރެއަށް ވެއްޓިގެން ހިނގައްޖެނަމަ އެމީހާ އަކީ މުރުތައްދު ވެފައިވާ މީހެކެވެ. މިކަމުން ތަރުތީބު ވެގެން އަންނަނީ އެހެން ޙުކުމްތަކެކެވެ. އެއީ މުރުތައްދު ވުމުގެ ސަބަބުން ޤަތުލު ކުރުމުގެ ޙުކުމުގެ އިތުރުން އޭނާ އާއި އަނބިމީހާ ވަކިކުރުމާއި، މަރުވެއްޖެނަމަ ކަށުނަމާދު ނުކުރުމާއި، މުސްލިމުން ވަޅުލާ ޤަބުރުސްތާނެއް ގައި ވަޅު ނުލުމެވެ. އަދި މީގެ އިތުރުން މިފަދަ މީހަކަށް، ވާރުތަ ކުރުމެއް ވާރުތަ ވުމެއް ނުވެ އެވެ. ދާއިމަށް ތާއަބަދަށް އެމީހާ ދެމިގެންދާނީ ނަރަކައިގަ އެވެ. މިކަމާއި ބެހޭ ގޮތުން މާތް الله ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެ އެވެ

"ތިޔަބައިމީހުންގެ ތެރެއިން مرتدّ ވެ، كافر އަކު ކަމުގައިވާ حال، މަރުވާ މީހުންނީ، ދުނިޔެއާއި آخرة ގައި އެއުރެންގެ عمل ތައް އުވިގޮސްފައިވާ ބަޔެކެވެ. އަދި އެއުރެންނީ، ނަރަކައިގެ أهل ވެރިންނެވެ. އެއުރެން ދެމިތިބޭނީ، އެތާނގަ އެވެ."

كفر ގެ ޢަމަލެއް ހިންގާ މީހަކަށް ޙުކުމެއް ކަނޑައެޅުމުގައި ދަރަޖަ ތަކެއް ވެ އެވެ. އެކަން ޘާބިތު ކުރުމަށްޓަކައި ޘާބިތު ދަލީލެއް ބޭނުންވެ އެވެ. ވަކި ކަންތައްތަކެއް ޢައްޔަން ކުރަން ޖެހޭނެ އެވެ. އެއީ ދުރާލާ ރައްކާތެރި ވުމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. މީގެ ތެރެއިން އެންމެ މުހިންމު ކަމަކީ އަންނަނިވި ދެ ޤާޢިދާއަށް ޢަމަލު ކުރުމެވެ.

"ޝައްކުގެ ސަބަބުން ޔަޤީންކަން ފިލައިގެން ނުދާނެ އެވެ،" އަދި "އެތެރެފުށާއި ބޭރުފުށް ވަނި ގުޅިލާމެހިގެންނެވެ،" މި ދެ ޤާޢިދާގައި މިވަނީ ތަކްފީރު ކުރުމުގެ ޢަމަލު ضبط ކޮށްފަ އެވެ.

"ޝައްކުގެ ސަބަބުން ޔަޤީންކަން ފިލައިގެން ނުދާނެ އެވެ،" މިއީ އިސްލާމްދީނުގެ އެންމެ ބޮޑު އެއް ޤަވާޢިދެވެ. ވަރަށް ގިނަ މައްސަލަތަކުގައި ފައިދާ ކުރާ ޤަވާޢިދެކެވެ. މިސާލަކަށް، ޢިބާދާތާއި، މުޢާމަލާތާއި، ޙުކުމްތަކުގަ އެވެ. ކޮންމެ ކަމެއް ވެސް އިސްތިޤްރާރުވެ ޘާބިތުވަނީ ޔަޤީންވެގެންވާ ޙުކުމަކާއި ދަލީލަކުންނެވެ. އަދި ހަމައެފަދައިން އެކަން ނަފީވެގެންދާނީ ވެސް އެފަދަ ޔަޤީންވެގެންވާ ޙުކުމަކާއި ދަލީލަކުންނެވެ. މިސާލަކަށް ދެމަފިރިން ވަރިވެގެން ދަނީ ޔަޤީންވެގެންވާ ޞަރީޙަ ޢިބާރާތަކުންނެވެ. ޝައްކެއްގެ މައްޗަށް ވަރިއެއް ބިނައެއް ނުކުރެވޭނެވެ. މީގެ އިތުރުން ވަސްވާސްތެރިކަމަކުން، ޠާހިރުކަމާ މެދު އޮންނަ ޔަޤީން ކަން ފިލައިގެން ނުދާނެ އެވެ.

އިސްލާމްކަން ޘާބިތުވާނީ ޝާދަތް ކިޔުމުންނާއި ރުކުންތައް ޤާއިމު ކުރުމުންނެވެ. ބުނާ ބަހަކުން ނުވަތަ ކުރާ ކަމަކުން އެކަން ގެއްލިގެން ނުދާނެ އެވެ. މުސްލިމެއްގެ ކިބައިން އޭނާ އަކީ ކާފަރެއްގެ ކަން ޔަޤީން ކަމާއެކު ޘާބިތު ނުވާނަމަ އޭނާ އަށް ކާފަރު ކަމުގެ ޙުކުމެއް ނުކުރެވޭނެ އެވެ. މި ޤަވާޢިދުގެ ދަލީލަކީ އަންނަނިވި އާޔަތެވެ.

މާތް الله ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވެ އެވެ.

"އެއުރެންކުރެ ގިނަމީހުން ހީއަކާ މެނުވީ تبع އެއް ނުވެތެވެ. ހަމަކަށަވަރުން، ހީއަކީ حق ގެ ބަދަލުގައި އެއްވެސްކަމެއް ފުއްދައިދޭނޭ އެއްޗެއްނޫނެވެ. ހަމަކަށަވަރުން، اللَّه އީ، އެއުރެން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ އެވެ."

އަލްއިމާމު މުޚާރީ އެކަލޭގެފާނުގެ ސަނަދުން عبّاد بن تميم ގެ އަރިހުން ރިވާ ކުރައްވާފައި ވެ އެވެ. މީހަކު ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ގެ އަރިހުގައި، ނަމާދަށް ހުންނައިރު އެމީހާގެ ހިތައް ފަޑުފާޑުގެ ވަސްވާސްތައް ވަންނާތީ އެކަމާއި ބެހޭގޮތުން ޝަކުވާ ކުރެއްވި އެވެ. ކީރިތި ރަސޫލާ އެމީހަށް ޙަދީޘް ކުރެއްވި އެވެ.

"އަޑެއް ނުވަތަ ވަހެއް ނުދުވާ ހާ ހިނދަކު (ނަމާދު) ދޫކޮށް ނުލާށެވެ. ނުވަތަ ނަމާދު މެދު ނުކަނޑާށެވެ."

ވަކި މީހަކު ކާފަރު ކުރާނަމަ، އެކަމާއި ބެހޭގޮތުން ޚާއްޞަ ނުޞޫޞުތައް އައިސްފައި ވެ އެވެ. އެއީ ކުރިން މިބަޔާން ކުރި ޤަވާޢިދާއި އެއްގޮތް ވާ ގޮތުގެ މަތިންނެވެ. އެ ޤަވާޢިދާއި އެއްގޮތަށް ކުރިއަށް ދާނަމަ، ކަނޑައެޅިގެން ޔަޤީން ނުވާހާ ހިނދަކު މުސްލިމަކަށް ކާފިރުކޮށް މިއްލަތުން ބޭރެއް ނުކުރެވޭނެ އެވެ.

جُنادة بن أبي أُميّة ގެ އަރިހުން ރިވާ ވެގެން ވެ އެވެ. އެކަލޭގެފާނު ވިދާޅުވި އެވެ.

"عبادة بن الصامت رضي الله عنه އާލާސްކަންފުޅާ ވަނިކޮށް ތިމަންމެން އެކަލޭގެފާނުގެ އަރިހަށް ޒިޔާރަތް ކުރީމެވެ. ތިމަން ދެންނެވީމެވެ. މާތް الله ތިބާގެ ޙާލު ރަނގަޅު ކުރައްވާށި އެވެ. މާތް الله ގެ ޙަޟްރަތުން ފައިދާ ލިބިގަތުމަށްޓަކައި ކީރިތި ރަސޫލާގެ އަރިހުން އަޑު އެއްސެވި ޙަދީޘެއް ކިޔައި ދެއްވާށެވެ. عبادة بن الصامت رضي الله عنه ވިދާޅުވި އެވެ.

"ކީރިތި ރަސޫލާ ދަޢްވަތު ދެއްވުމުން ތިމަންމެން އެކަލޭގެފާނުގެ އަތްޕުޅު މައްޗަށް ބައިޢަތު ހިފީމެވެ. އަހަރެމެން އެކަލޭގެފާނުގެ މައްޗަށް ބައިޢަތުހިފީ ދަތި ޙާލު ގައްޔާއި ފަސޭހަ ޙާލުގައި ވެސް އެކަލޭގެފާނަށް އަޑު އަހައި ކިޔަމަން ވުމަށެވެ. ކަމުގެ އަހުލުވެރިންގެ ކިބައިން ފައުޅުވެގެންވާ ކާފަރު ކަމެއް ނުފެންނާހާ ހިނދަކު އެމީހުންގެ ކިބައިން އެކަން ނިގުޅައި ނުގަތުމަށެވެ. އެއީ ތިޔަބައި މީހުންނަށް މާތް الله ގެ ޙަޟްރަތުގައި ޙުއްޖަތެއް އޮތުމަށްޓަކަ އެވެ،"

މިތަނުގައި ދެ ސިފައެއް އެކުލެވިގެން ވެ އެވެ. އެއީ ބަޔާންވެގެންވުމާއި، ފައުޅުކަން ބޮޑު ގޮތެއްގައި އެނގުމެވެ. މިއީ ޔަޤީން ކުރުމުގެ ދެ ވަޞީލަތެވެ. މުސްލިމަކަށް ކާފަރު ކަމުގެ ނަޢްރާ ކުރާ މީހާއަށް އެކަން ވާރުތަ ވެގެން ދެ އެވެ. އޭނަ އެކަމުން ސަލާމަތެއް ނުވެ އެވެ. أبي هريرة رضى الله عنه ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ގެ އަރިހުން ރިވާ ކުރައްވާފައިވެ އެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެ އެވެ.

"މީހަކު އޭނާގެ އަޚާ އަކީ ކާފަރަކޭ ބުނެފިނަމަ، އެދެ މީހުންކުރެ އެކަކު އެހަދަނީ ބުހުތާން ދޮގެކެވެ." މާނައަކީ ސިފަ ކުރެވުނު މީހާއަށް އެކަން ރައްދު ނުވާ ކަމުގައިވަނީ ނަމަ، އެކަން ރައްދުވާނީ އެ ސިފަ ކުރި މީހާއަށެވެ.

ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ، أسامة بن زيد ހަނގުރާމައިގައި މީހަކު ޝަހާދަތް ކިޔުމުން ވެސް އޭނާ ޤަތުލު ކުރެއްވުމުން އެ ޢަމަލު ކުށްވެރި ކުރެއްވި އެވެ. أسامة بن زيد ހީފުޅު ކުރެއްވި އެމީހާ ޝަހާދަތްކީ މަރުން ސަލާމަތް ވުމަށް ކަމަށެވެ. އީމާން ކަމުގެ ސަބަބުން ނޫން ކަމަށެވެ. ކީރިތި ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ވިދާޅުވަމުން ގެންދެވި ބަސްފުޅުގެ މާނައިގައިވެ އެވެ. "އޭނާ ޝަހާދަތް ކިޔުމުން ވެސް ކަލޭގެފާނު އޭނާ ޤަތުލުކޮށްލެއްވީތޯ އެވެ؟،"

"އެތެރެފުށާއި ބޭރުފުށް ވަނި ގުޅިލާމެހިގެންނެވެ" މިޤަވާޢިދުން ދަލީލުކޮށްދޭ ކަންތައްތަަކަށް ބަލާއިރު، ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެ އެވެ.

"ހަމަކަށަވަރުން ހަށިގަނޑުގައި ގުނަވަނެއް ވެ އެވެ. އެ ގުނަވަން ޞުލްޙަ ވެއްޖެނަމަ މުޅި ހަށިގަނޑު ޞުލްޙަ ވާނެ އެވެ. އަދި އެގުނަވަން ފަސާދަ ވެއްޖެނަމަ، މުޅި ހަށިގަނޑު ފަސާދަ ވެދާނެއެވެ. ދަންނާށެވެ. އެއީ ހިތެވެ،"

އިންސާނާ ވަނީ އޭނާގެ ފިޠުރަތުގެ ނުވަތަ ނަފުސުގެ ޙުކުމްތަކަށް ބޯލަނބާފަ އެވެ. އަދި ބޭރުފުށުގެ ނަފުސަށް އެކަމުން އަސަރު ކުރުވާފައެވެ. ސިކުނޑިން ނަފުސުގައިވާ ކަންތައްތައް އޭނާގެ ގުނަވަންތަކުން ހާމަކޮށްދެ އެވެ. މިއާ ޚިލާފަށް ތަޖުރިބާ އާއި ބުއްދިވެރިންގެ ބަސްތަކުން މިކަން ޘާބިތުވެ އެވެ. މިކަމަށް އިޝާރަތް ކުރައްވައި މާތް الله ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ.

"އަދި، ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް އެއުރެން ދައްކަވައިފީމުސްކަން ކަށަވަރެވެ. ފަހެ، އެއުރެންގެ نشان ތަކުން ކަލޭގެފާނަށް އެއުރެން އެނގިވަޑައިގަތީސްކަން ކަށަވަރެވެ. އަދި ބަސްބުނުމުގެ ރާގުން ކަލޭގެފާނަށް އެއުރެން އެނގިވަޑައިގަންނަވާނެކަން ކަށަވަރެވެ."

ކުރިން މިއިޝަރަތް ކުރި އާޔަތުން ކުފުރަކީ ބޭރުފުށުގެ ކަމެއް ކަން ހާމަވެ އެވެ. ބޭރުފުށުގެ ޢަމަލުތަކަކީ ދުލުން ބުނާ ބަސްތަކާއި، ގުނަވަންތަކުން ކުރާ ޢަމަލުތަކެވެ. އަދި އެކުރާ ކަންތައްތަކުގައި އަޞްލެއް އޮންނަން ވާނެ އެވެ. މިސާލަކަށް ހިތުގެ ޢަމަލަކީ ޖާހިލުކަމުން، މަޖުބޫރުވެގެން ނުވަތަ ތައުވީލުކޮށްގެން ބުނާ ބަހަކަށް ވެގެން ނުވާނެ އެވެ. عمّار بن ياسر ގެ ވާހަކަ އިން ހާމަވަނީ މިވާހަކަ އެވެ. މައްކާގެ މުޝްރިކުން އެކަލޭގެފާނަށް މަޖުބޫރުކޮށްގެން އެކަލޭގެފާނުގެ ދޫފުޅުން ކުފުރުގެ ބަހެއް ބުނުވ ިއެވެ. އަދި އެކަމާ ބެހޭގޮތުން ކީރިތި ސާހިބާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ގެ އަރިހުގައި އެކަލޭގެފާނު ޝަކުވާ ދެންނެވި އެވެ. ކީރިތި ސާހިބާ އެކަލޭގެފާނަށް ޙަދީޘް ކުރެއްވި ބަސްފުޅުގެ މާނަގައިވެ އެވެ.

"ތިބާގެ ހިތް ބުނަނީ ކީކޭ ހެއްޔެވެ؟ ވިދާޅުވި އެވެ. ތިމަންކަލޭގެފާނުގެ ހިތް ވަނީ އީމާންކަމަށް ތަނަވަސް ވެފައެވެ. ޙަދީޘް ކުރެއްވި އެވެ. އެމީހުން އެކަމަށް މަޖުބޫރުކޮށްފިނަމަ ކިޔަށެވެ."

ابن عبّاس ވިދާޅުވެފައިވަނީ، މާތް اللَّه ބަޔާން ކުރައްވާފައިވަނީ އީމާންވުމަށް ފަހު ކާފަރުވާ މީހަކަށް ބޮޑުވެގެންވާ ޢަޛަބު ހުރި ވާހަކަ އެވެ. އެހެން ނަމަވެސް އީމާންކަމަށް ހިތްތަނަވަސްވެ ހުރެމެ، ޢަދުއްވުންގެ ކިބައިން ސަލާމަތްވުމަށް، މަޖުބޫރުވެގެން ދުލުކުރިން އެފަދަ ވާހަކަ ދައްކާ މީހަަކަށް ގެއްލުމެއް ނެތެވެ. އެހެނެއްކަމަކު، قصد ކޮށްގެންކުރާ ދައްކާ ވާހަކަތަކަށް، އެކަލާނގެ ޖަޒާ ދެއްވާނެތެވެ."