Advertisement

މާތް الله ލޯބިވެވޮޑިގަންނަވާ އަމަލުތައް!

މީހަކު މިސްކިތެއްގައި ގުރުއާން ކިޔަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


މާތް الله ލޯބިވެވޮޑިގަންނަވާ އަމަލުތައް!

އޭ މީސްތަކުންނޭވެ! ތިޔަބައި މީހުން އީމާންވާށެވެ. ރުކޫއު ކުރާށެވެ. ސަޖިދަ ކުރާށެވެ. އަދި ތިޔަބައި މީހުންގެ ވެރި ރަސްކަލާނގެއަށް އަޅުކަން ކުރާށެވެ. އަދި ހެޔޮކަންކަން ކުރާށެވެ. އެއީ ތިޔަބައި މީހުން ކާމިޔާބު ލިބިގަތުމަށްޓަކަ އެވެ.

ކުރިން މިއިޝާރަތްކުރީ މާތް الله ލޯބިވެވޮޑިގަންނަވާ ބައެއް ހެޔޮ އަމަލުތަކުގެ ވާހަކައެވެ. މިކަންކަމުގެ ސަވާބާއި ދަރުމަ ވަރަށް ބޮޑެވެ. އެހެންކަމުން ތިމާއަށް ކެރި ކުޅަދާނަކަން ލިބިގެންވީ މިންވަރަކުން ހެއްދެވި ރަސްކަލާނގެ ރުހިވޮޑިގަތުން ދުނިޔެ އާއި އާހިރަތުގައި ހޯދުމަށް މަސައްކަތް ކުރަން ޖެހެ އެވެ. އީމާންކަން ފުރިހަމަ ވެއްޖެ މީހާ، އެކަލާނގެ ލޯބީގައި ހެޔޮ އަމަލުތައް ކުރާނެ އެވެ. އެއީ އެއްވެސް ހާލެއްގައި ސަވާބު ލިބުމަށް ލޯބި ކުރާތީ އެއް ނޫނެވެ. ނަމަވެސް އެއީ އިހުލާސްތެރިވުމާއި ކުއްތަން ވުމުގެ ގޮތުންނެވެ.

މިގޮތުން ބަލާއިރު، މާތް الله އެންމެ ލޯބިވެވޮޑިގަންނަވާ އެއް އަމަލަކީ އެކަލާނގެއަށް ޒިކުރު ކުރުމެވެ. އަދި މިއީ އެކަލާނގެ އާއި އެންމެ ކުއްތަން ކޮށްދޭ އެންމެ މުހިންމު އެއް އަމަލެވެ. ތިބާއަށް އެކަލާނގެއަށް ޒިކުރު ކުރުމުގެ ތައުފީގު ދެއްވައިފިނަމަ އެހެން ހުރިހާ އަމަލުތަކެއް ފަސޭހަކޮށް ދެއްވާނެ އެވެ. އެއީ ޒިކުރު ކުރުމުގައި ވަރަށް ބޮޑު ސިއްރެއް އެކަލާނގެ ހިމަނުއްވާފައި ވާތީ އެވެ. އެހެންކަމުން ވީ ކޮންމެ ތަނެއްގައި މާތް الله އަށް ޒިކުރުކުރަން އާދަ ކުރާށެވެ. އެކަލާނގެ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެ އެވެ. " އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ގިނަވެގެންވާ ހަނދުމަކުޅައުމަކުން اللَّه ހަނދުމަކުރާށެވެ!"

ގުދުސިއްޔާ ހަދީސްފުޅެއްގެ މާނައިގައިވެ އެވެ. "ތިމަން ރަސްކަލާނގެއަށް ޒިކުރު ކުރާ މީހަކާއި އެކު ތިމަން ރަސްކަލާނގެ ވޮޑިގެންވަމެވެ."

ކީރިތި މާތް ނަބިއްޔާ ސައްލަ اللَّه އަލައިހި ވަސައްލަމަގެ ބަސްފުޅެއްގެ މާނައިގައި ވެ އެވެ. "ތިޔަބައި މީހުންގެ އަމަލުތަކުގެ ތެރެއިން އެންމެ ހެޔޮ އަމަލަކީ އަދި، އެކަލާނގެ ހަޒްރަތުގައި އެންމެ ދަރަޖަ އުފުލިގެންވާ ކަމަކީ ކޮބައިކަން ތިމަން ކަލޭގެފާނު ބަޔާންކޮށް ދެއްވަން ހެއްޔެވެ؟ ސަހާބީން ދެންނެވި އެވެ. އާދޭހެވެ! ހަދީސް ކުރެއްވި އެވެ. މާތް اللَّه އަށް ޒިކުރު ކުރުމެވެ."

އަދި ވެސް އެކަލޭގެފާނުގެ ބަސްފުޅެއްގެ މާނައިގައި ވެ އެވެ. "ބަޔަކު މީހުން އެކަލާނގެ ގެތަކުގެ ތެރެއިން ގެއަކަށް ޖަމާވެ، އެކަލާނގެ ފޮތް ކިޔަވައި އެބައި މީހުންގެ މެދުގައި އެ ފޮތް މުދާރަސާ ކުރާ ކަމުގައި ވަނީނަމަ އެމީހުންގެ ތެރެއަށް ހަމަހިމޭން ކަން ބާވައިލައްވައެވެ. އަދި އެކަލާނގެ ރަހުމަތުގެ ތެރޭގައި އެ ބަޔަކު ހިމަނުއްވަ އެވެ. އަދި މަލާއިކަތުން އެބަޔަކު ރައްކާތެރި ކުރައްވަ އެވެ. އަދި އެކަލާނގެ އަރިހުގައިވާ ބައެއްގެ ގާތުގައި އެ ވާހަކަ ޒިކުރު ކުރައްވަ އެވެ."

ޒިކުރު ކުރާ މީހަށް ދުނިޔޭގައި ލިބިގެންދާ ފައިދާ އަށް ބަލާއިރު، އެމީހެއްގެ ބޭނުންތައް ފުއްދަވައި ދެއްވުމާއި، ބާއްޖަވެރިކަން ދެއްވުމާއި، ރޯދި ބަރަކާތް އިތުރު ކޮށް ދެއްވުމާއި، ކަންބޮޑުވުންތަކާއި ހިތާމަތައް ލުއިކޮށްދެއްވައި ދުއާ އިޖާބަ ކޮށް ދެއްވުން ހިމެނެވެ. އަދި އާހިރަތުގައި އެމީހަކަށް އެކަލާނގެ ލޯބި ލިބޭނެތެވެ. އަދި އެމީހަކަށް ނޫރެއް ދެއްވަ އެވެ. ސުވަރުގޭގެ އެންމެ މަތީ ދަރަޖައަށް ވަނުމުގެ ފުރުސަތު އެމީހަށް ފަހި ކޮށް ދެއްވަ އެވެ. އަދި އެކަލާނގެ ހަޒްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު މީހަކީ އެމީހާ ކަމުގައި ވެދެ އެވެ.

މާތް الله އެންމެ ލޯބިވެވޮޑިގަންނަވާ ދެވަނަ އަމަލެއްގެ ގޮތުގައި ހިމެނެނީ، ކޮންމެ ނަމާދެއް ވެސް އެ ނަމާދެއްގެ ވަގުތުގައި ކުރުމެވެ. އަދި ހާއްސަކޮށް މިސްކިތުގެ ޖަމާއަތުގައި ނަމާދު ކުރުމެވެ. މާތް الله ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެ އެވެ. "ތިޔަބައިމީހުން ނަމާދުތަކާއި، އަދި، މެދުނަމާދުގެ މައްޗަށް ރައްކާތެރިވާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް ކިޔަމަންތެރިވެ، މަޑުމައިތިރިކަމާއެކު (ނަމާދުގައި) قائم ވެ ތިބޭށެވެ!"

ކީރިތި މާތް ނަބިއްޔާ ސައްލަ اللَّه އަލައިހި ވަސައްލަމަގެ ބަސްފުޅެއްގެ މާނައިގައި ވެ އެވެ. "ތިޔަބައި މީހުންގެ މައްޗަށް އެކަލާނގެ ފަސްނަމާދު ފަރުޟު ކުރެއްވި އެވެ. ފުރިހަމައަށް ވުޟޫ ކުރުމަށް ފަހު އެ ނަމާދެއްގެ ވަގުތުގައި އެނަމާދެއްކޮށް، ރުކޫއާއި ސުޖޫދު ފުރިހަމަ ކުރާމީހަކަށް އެކަލާނގެ އަހުދެއްވެ އެވެ. އެއީ އެމީހެއްގެ ފާފަ ފުއްސަވައި ދެއްވުމެވެ."

މައިން ބަފައިންނަށް ހެޔޮ ގޮތުގައި މުއާމަލާތު ކުރުމަކީ ވެސް މާތް الله ލޯބިވެވޮޑިގަންނަވާ އަމަލެކެވެ. އަދި އެދެމީހުން ހިތުގައި ޖެހޭ، ރުޅި އަންނަ ފަދަކަމެއް ކުރުމަކީ އެކަލާނގެ ރުހިވޮޑިނުގަތުން ލިބިގެންދާނެ އަމަލެކެވެ. މައިންބަފައިންނަށް ހެޔޮ ގޮތުގައި މުއާމަލާތު ކުރުން ގުޅިގެންދަނީ އެކަލާނގެ ރުހިވޮޑިގަތުމާ އެވެ. މިކަމަށް އިޝާރަތް ކުރައްވައި ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެ އެވެ. "އިންސާނާއަށް، އޭނާގެ މައިންބަފައިންނަށް (ހެޔޮކޮށް ހިތުމަށް) ތިމަންރަސްކަލާނގެ وصية ކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލި ނިކަމެތިކަމުގެ މައްޗަށް، ބަލި ނިކަމެތި ކަމާއެކު މާބަނޑުގައި އޭނާ އުފުލި އެވެ. އަދި އޭނާ ކިރު ތުނބުން ވީއްލުންވަނީ، ދެއަހަރުގަ އެވެ. (ތިމަންރަސްކަލާނގެ أمر ކުރެއްވީމެވެ.) ތިމަންރަސްކަލާނގެއަށާއި، ތިބާގެ މައިންބަފައިންނަށް شكر ކުރާށެވެ! އެނބުރި رجوع ވުން ވަނީ، ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ."

ކީރިތި މާތް ނަބިއްޔާ ސައްލަ اللَّه އަލައިހި ވަސައްލަމަގެ ބަސްފުޅެއްގެ މާނައިގައި ވެ އެވެ. "ތިމާގެ މައިން ބަފައިންގެ ރުހުން ލިބިއްޖެ މީހާކަށް އެކަލާނގެ ރުހިވޮޑިގަތުން ލިބިގެންދާނެ އެވެ. ތިމާގެ މައިން ބަފައިންގެ ނުރުހުން ލިބޭ މީހަކަށް އެކަލާނގެ ރުހިވޮޑިނުގަތުން ލިބިގެންދާނެ އެވެ."

މައިން ބަފައިންނަށް ހެޔޮކޮށް ހިތުމުން ދުނިޔެ އާއި އާހިރަތުގައި ލިބިގެންދާނެ ފައިދާތަކަށް ބަލާއިރު ތިމާގެ އުމުރު ދިގުވުމާއި ރޯދި ބަރަކާތް އިތުރުވުން ހިމެނެ އެވެ. އަދި އާހިރަތުގައި ހިސާބު ބެއްލެވުމެއް ނެތި ސުވަރުގެ ވެއްދެވުން ވެސް ހިމެނެ އެވެ.

ކީރިތި ޤުރްއާނުގެ އާޔަތްތަކަށް ވިސްނާ ފިކުރު ކުރުމާއި އެ އާޔަތްތަކާއި އެއްގޮތަށް އަމަލު ކުރުމާއި، ކައުނުގައި އެކަލާނގެ ލައްވާފައިވާ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާ ފިކުރު ކުރުމަކީ ވެސް އެކަލާނގެ ރުހިވޮޑިގަތުން ލިބިގެންދާނެ އަމަލެކެވެ. ކީރިތި ގުރްއާން ކިޔެވުމާއި އުނގެނި އުނގަންނައި ދިނުމާއި، އުނގެނޭ އާޔަތްތަކާއި އެއްގޮތަށް އަމަލު ކުރުމާއި، ވިސްނައި ފިކުރު ކުރުމާއި، މާނާ ދެނެ ގަތުމާއި، އާޔަތުގައި ވާ މުއުޖިޒާތްތަކަށް ވިސްނުން މީގެ ތެރޭގައި ހިމެނެ އެވެ. މިކަމަށް އިޝާރަތް ކުރައްވައި ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެ އެވެ. "ހަމަކަށަވަރުން، އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި ރޭދުވާ ތަފާތުވުމުގައި، ބުއްދީގެ أهل ވެރިންނަށް ކަށަވަރުވެގެންހުރި ހެކިތަކެއް ވެ އެވެ. އެއުރެންނީ، ކޮޅަށް ތިބެގެންނާއި، އިށީނދެތިބެގެންނާއި، އޮށޯވެތިބެގެން، اللَّه ހަނދުމަކޮށް، އުޑުތަކާއި ބިން ހެއްދެވުމާމެދު، ފިކުރުކޮށް އުޅޭމީހުންނެވެ. (އެއުރެން ދަންނަވާނެތެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިތަކެތި ހައްދަވާފައިވަނީ، باطل ގޮތެއްގައެއް ނޫނެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! ފަހެ، ނަރަކައިގެ عذاب ން އަޅަމެން ދިންނަވާނދޭވެ!" ކީރިތި މާތް ނަބިއްޔާ ސައްލަ اللَّه ޢަލައިހި ވަސައްލަމަގެ ބަސްފުޅެއްގެ މާނައިގައި ވެ އެވެ. "ވިސްނާ ފިކުރު ކުރުމަށްޓަކައި އިނުން ހަތްދިހަ އަހަރު އަޅުކަން ކުރުމާއި އެއް ފަދަ އެވެ."

ދުނިޔެ އާއި އާހިރަތުގައި ލިބިގެންދާނެ ފައިދާތަކަށް ބަލާއިރު، އަބަދުވެސް މާތް اللَّه އާއި ގުޅިފައިވުމާއި، އިލްމާއި މައްރިފާ އިތުރުކޮށް ދެއްވުން ހިމެނެ އެވެ. ތިމާގެ ހިތުގައި އީމާންތެރިކަން އިތުރުވެ ޔަގީން ކަމުގެ އެންމެ މަތީ ދަރަޖައަށް ވާސިލުވެވި އެކަލާނގެ ލޯބި ލިބެ އެވެ. ހިތައް ބިރުވެރިކަން ވަދެ، ކަންކަމުގެ ހަގީގަތާއި ހަމަޔަށް ވާސިލުވުމަށް މަގު ފަހިވެ އެވެ. ހެޔޮކަންކަމާއި ނުބައިކަންކަމުގެ ދަރަޖަތައް އެނގިދެން ދެއެވެ. އާހިރަތުގައި ފާފަތައް ފުއްސަވައި ދެއްވައި އެތާނގެ ދަށުން ފެންކޯރުތައް ހިނގަމުންދާ ސުވަރުގެ އަށް އެމީހާ ވައްދެވެ އެވެ.

ރޭ އަޅުކަން ކުރުމަކީ ވެސް މާތް اللَّه ގެ ރުހިވޮޑިގަތުން ލިބޭނެ އަމަލެކެވެ. މިކަމަށް ހެކި ލިބޭ ކީރިތި ގުރްއާނުގެ އާޔަތްތާކާއި، ކީރިތި މާތް ނަބިއްޔާ ސައްލަ اللَّه އަލައިހި ވަސައްލަމަގެ ބަސްފުޅުތައް ވާރިދުވެފައި ވެ އެވެ. އެގޮތުން ކީރިތި ގުރްއާނުގައި ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެ އެވެ. " އެއުރެންގެ ވެރިރަސްކަލާނގެ حضرة އަށް ބިރުވެތިކަމާއި އުންމީދާއެކު دعاء ކުރާ حال، އެއުރެންގެ އަރިކަށިތައް (ރޭއަޅުކަންކުރުމަށްޓަކައި) ތަންމަތިތަކާ ފޭވެ އެވެ. އަދި ތިމަންރަސްކަލާނގެ، އެއުރެންނަށް ދެއްވި ތަކެތީން، އެއުރެން ހޭދަކުރެތެވެ."

ކީރިތި މާތް ނަބިއްޔާ ސައްލަ اللَّه އަލައިހި ވަސައްލަމަގެ އަރިހުން ވާރިދުވެފައިވާ ބަސްފުޅެއްގެ މާނަގައި ވެ އެވެ. "ސުވަރުގޭގައި ކޮޓަރިކޮޅެއް ވެ އެވެ. އެ ކޮޓަރިކޮޅުގެ އެތެރޭގައި ތިބޭ އިރު ބޭރު ފެންނާނެ އެވެ. އަދި ބޭރުގައި ތިބޭ އިރު އެކޮޓަރިކޮޅުގެ އެތެރެ ފެންނާނެ އެވެ. އެ ކޮޓަރިކޮޅު ތައްޔާރު ކުރައްވާފައިވަނީ މަޑުމައިތިރި ބަހުން ވާހަކަ ދައްކާ މީހުންނަށެވެ. އަދި ކާންބޯން ދޭ މީހުނަށެވެ. އަދި ގުޅިގެންދާ ގޮތަށް ރޯދަ ހިފަމުންދާ މިހުންނަށެވެ. އަދި މީސްތަކުން ނިދާފައިވަނިކޮށް (ތަން މަތިން ތެދުވެ) އަޅުކަން ކުރާ މީހުންނަށެވެ."

އަދިވެސް ހަދީސް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެ އެވެ. "ތިޔަބައި މީހުން ރޭ އަޅުކަން ކުރާށެވެ. އެއީ ހަމަކަށަވަރުން ސާލިހުންގެ މަތިވެރިކަމެވެ. (ހިތުގެ ހަމަޖެހުމެވެ.) މާތް اللَّه އާއި ކުއްތަން ކޮށްދޭ އަމަލެކެވެ. ފާފަތައް ފޮހެވިގެންދާ އަމަލެކެވެ. އަދި ހަމައެފަދައިން ފާފަތަކުގެ ކައްފާރާ އެކެވެ. އަދި ހަށިގަނޑުގައިވާ ބަލިމަޑުން ދުރުކޮށްދޭ ކަމެކެވެ."

ރޭ އަޅުކަންކުރުމަކީ އިންސާނާގެ މަތިވެރިކަމާއި އިއްޒަތެވެ. މޫނުގައި ނޫރެއް ލައްވާ ކަމެކެވެ. މީހާ މުއްސަދިކޮށްދެއްވާ ކަމެކެވެ. ހިތައް އުފާވެރިކަން ލިއްބައިދޭ ޢަމަލެކެވެ. ގިޔާމަތް ދުވަހު ނޫރެއް ލައްވައި ގިޔާމަތުގެ ދިގުކަން ކުރުކޮށްދެއްވާ ކަމެވެ. ވީމާ އެންމެ ކުޑަމިނުން ރެއަކު ރަކްއަތެއްގެ މިންވަރު ކުރެވޭތޯ ބަލާށެވެ!