Advertisement

"ފްރެންޑްސް ރީޔޫނިއަން" މިއަދު، ފޭނުންގެ އިންތިޒާރު ނިމުމަކަށް


"ފްރެންޑްސް ރީޔޫނިއަން" މިއަދު، ފޭނުންގެ އިންތިޒާރު ނިމުމަކަށް

ދުނިޔޭގެ އެންމެ މަޝްހޫރު އެއް ސިޓްކޮމް "ފްރެންޑްސް" ގެ ރީޔޫނިއަން އަކީ އެންމެ ގިނަ ބަޔަކު އިންތިޒާރުކުރި ރީޔޫނިއަން އެވެ. 10 ސީޒަން ހަމަކުރުމަށްފަހު 2004 ވަނަ އަހަރު ނިންމައިލި މި ޝޯގެ ފޭނުން އަދި ވެސް މަދެއް ނުވެ އެވެ.

"ފްރެންޑްސް" ގެ ހުރިހާ ކާސްޓުން އެއްތަނަކުން ބައްދަލުވެ، އެކީގައި ކުރި މަސައްކަތުގެ ތަޖުރިބާ އާއި ވާހަކަތައް ހިއްސާކުރުމަކީ އާއްމުކަމެއް ނޫނެވެ. އެ ޝޯގެ ކާސްޓުންނާއި ޝޯ އާ ނުގުޅޭ ކަމެއްގައި އިންޓަވިއު ކުރާއިރު ޝޯ އާ ބެހޭ ވާހަކަތަކުން ސުވާލު ނުކުރުމަށް ނޫސްވެރިންގެ ފަރާތުން މިދިޔަ އަހަރު ތަކުގައި އެކި ފަހަރު މަތިން އެދިފައި ވެސް ވެ އެވެ. އެހެންކަމުން، "އެޗްބީއޯ މެކްސް" އިން މިއަދު ދައްކަން ހަމަޖެހިފައިވާ އެއް ގަޑި އިރާއި 43 މިނިޓްގެ ރީޔޫނިއަން އެޕިސޯޑަކީ ފޭނުންނަށް މުހިއްމު އަދި ޝައުގުވެރި އެތައް ކަމެއް ހިނގާނެ އެޕިސޯޑަކަށް ވާނެ އެވެ.

ރާއްޖޭގައި ޝޯ ބަލާނީ ކިހިނެއް؟

ރާއްޖޭގައި އެޗްބީއޯ މެކްސް ނުދައްކަ އެވެ. ކޭބަލްޓީވީ ދޭ ކުންފުނިތަކުން ދޫކުރާ އެއްވެސް ޗެނަލަކުން އަދި އޮތީ މި ޝޯ ޕްރިމިއާ ކުރާ ގޮތަކަށް ނޫނެވެ. މީޑިއާ ނެޓުން ބުނީ، އެ ކުންފުނިން ދައްކާ ޗެނަލަކުން އެޕިސޯޑް ސްޓްރީމް ކުރާނަމަ ސޯޝަލްމީޑިއާގައި އެކަން ހާމަކުރާނެ ކަމަށެވެ.


އެހެންވީމަ ރިއަލް ޓައިމްގައި ރާއްޖޭގައި ޝޯ ބަލައިލެވޭކަށް އަދި ނެތެވެ. އެކަމަކު ޑައުންލޯޑް ކުރެވެން ހުންނަ ޗެނަލްތަކުން އެހާ ލަސް ނުވެ އެޕިސޯޑް ލިބެން ހުންނާނެ ކަމަށް ބެލެވެ އެވެ.

ރީޔޫނިއަން އެޕިސޯޑްގައި ވާނީ ކިހިނެއް؟

މިއަދު ދައްކާ އެޕިސޯޑަކީ ސްކްރިޕްޓެޑް އެޕިސޯޑެއް ނޫނެވެ. އެހެންކަމުން ކާސްޓުންގެ އެކި ވާހަކަތަކުގެ އިތުރުން ތަފާތު މަޖާ ގޭމްތަކާއި "ފްރެންޑްސް" ޝޯގެ ކުރިން ދައްކާފައި ހުރި ބައެއް އެޕިސޯޑްތަކުގެ ހެއްވާ މަޖާ ވާހަތަކާއި ޝޫޓިން ތެރޭގައި ހިނގާފައިވާ މަޖާ ކަންކަން ހަނދާންކުރުން ހިމެނޭނެ އެވެ.

މިރޭގެ ޝޯގައި ހިމަނާފައިވާ ގޭމެއްގެ މަންޒަރެއް


މީގެ އިތުރުން ފްރެންޑްސް ފޭނުންގެ ތެރޭގައި ހިމެނޭ ހޮލީވުޑްގެ އޭ ލިސްޓު ސެލެބްރިޓީންގެ ގޮތުގައި ފާހަގަކޮށްލެވޭ ލޭޑީ ގާގާ އާއި ޖަސްޓިން ބީބާ އަދި ރީސް ވިދަސްޕޫންގެ އިތުރުން މަޝްހޫރު ކޭ-ޕޮޕް ބޭންޑް ބީޓީއެސް އާއި ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމް އާއި މަލާލާ ޔޫސުފް ޒާއީގެ އިތުރުން ގޭމް އޮފް ތްރޯންސް ގެ ތަރި ކިޓް ހެރިންގްޓަން ފަދަ ތަރިން ޝޯގެ ގެސްޓުންގެ ގޮތުގައި ފެނިގެން ދާނެ އެވެ.

މި ހުރިހާ ކަމަކާއެކު މާދަމާ ސޯޝަލް ޕްލެޓްފޯމްތަކުގައި އެންމެ ގަދަވާނީ "ފްރެންޑްސް"ގެ އަޑެވެ. ޝޯ ބަލައިލަން ކެތްމަދުވެފައި ތިބި އެތައް ފޭނުންނެއް މި އެޕިސޯޑެއްގެ ޓްރެއިލާ އެޗްބީއޯ އިން އާންމު ކުރީއްސުރެ މި ނޫން ވާހަކައެއް ނުދައްކަ އެވެ. މިހާރު މި ވަގުތެއް މި އޮތީ ކުޑަތަންވެފަ އެވެ.

ރައްޓެހިންގެ ތެރޭގައި މިރޭގެ އެޕިސޯޑު ބަލަން ކެތް މަދުވެފައި މީހަކު ހުރި ނަމަ ނިކަން ޓެގުކޮށް ބަލާށެވެ.