Advertisement

އިސްލާމީ ޝަރީއަތުގެ މަތިވެރިކަން


އިސްލާމީ ޝަރީއަތުގެ މަތިވެރިކަން

އިސްލާމީ ޝަރީއަތާއި ވަޟުއީ ގާނޫނުގައި މައިގަނޑު ތިން ތަފާތެއް އެކުލެވިގެން ވެ އެވެ. ފުރަތަމަ ކަމަކީ ވަޟުއީ ގާނޫނަކީ އިންސާނުން އުފައްދާފައިވާ އެއްޗަކަށްވުމެވެ. ނަމަވެސް ޝަރީއަތަކީ މާތް الله ގެ ހަޒުރަތުން ބާވައިލައްވައިފައިވާ އެއްޗެކެވެ. ގާނޫނަކީ އިންސާނުން އުފައްދައިފައިވާ އެއްޗަކަށްވުމުން އެ ގާނޫނުން އިންސާނުންގެ ކިބައިގައިވާ އުނިކަން ހާމަވެ އެވެ. އެމީހުންގެ ނުކުޅެދުންތެރިކަމާއި، ބަލިކަށިކަމާއި، ވިސްނުން ކޮށިކަން ހާމަވެ އެވެ. ގާނޫނަށް ދަނީ ބަދަލު އަންނަމުންނެވެ. ގާނޫނަކީ އަބަދު ވެސް އުނިކަންކަން އެކުލެވޭ އެއްޗެކެވެ. އެންމެ ފުރިހަމަ ދަރަޖައަކަށް ގާނޫނު ވާސިލެއް ނުވެ އެވެ. އެއީ ކުރިން އިޝާރަތް ކުރިގޮތަށް ގާނޫނޫ އެކުލަވާލަނީ ފުރާ ފުރިހަމަވެފައިވާ ބަޔަކަށް ނުވާތީ އެވެ. އަދި ގާނޫނު އެކުލަވާލާ މީހުންނަށް މުސްތަގުބަލުގައި ހިނގައިފާނެ އެއްވެސްކަމެއް ނޭނގުމެވެ.

ނަމަވެސް ޝަރީއަތަކީ މާތް الله އެކަށައަޅުއްފާއިވާ އެއްޗެކެވެ. އެ ޝަރީއަތުން އެކަލާނގެ ކުޅަދުންވަންތަ ކަމާއި ފުރިހަމަކަމާއި މަތިވެރިކަން ޝާމިލުވެގެން ވެ އެވެ. ދިރިދެމިވޮޑިގެންވާ ފަރާތެއްކަން ހާމަކޮށްދެ އެވެ. އެ ޝަރީއަތް ބާވައިލެއްވީ ހަބީރުވަންތަ، މުސްތަގުބަލުގައި ވާނެކަންކަން ދެނެވޮޑިގެންވާ ފަރާތަކުންކަން ހާމަވެ އެވެ. އެކަލާނގެ ކުރައްވާ އަމުރުފުޅަކަށް އެއްވެސް ބަދަލެއް، އައުމެއް ނުވެ އެވެ. ވަހީކުރައްވައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ. "اللَّه ގެ كلمة ފުޅުތަކަށް ބަދަލުވުމެއް ނާންނަހުށްޓެވެ."

ނަމަވެސް ބައެއް މީހުންނަށް މިކަން ގަބޫލު ކުރުން ވަނީ އުނދަގޫކަމަކަށް ވެފަ އެވެ. ޝަރީއަތަކީ މާތް اللَّه ގެ ހަޒުރަތުން ބާވައިލެއްވި އެއްޗެއްކަމާ މެދު އީމާންވާ މީހަކަށް އެ ޝަރީއަތުގައި ކުރިން ބުނި ޝަރުތުތައް ފުރިހަމަވާކަމަށް ގަބޫލުކުރުމަކީ އުނދަގޫކަމެއް ނޫނެވެ. އެއީ މާއްދީ ދަލީލެއް ހުށަނޭޅިކަމުގައި ވިޔަސްމެ އެވެ. އުޑާއި ބިން ހެއްދެވީ މާތް اللَّه ކަމަށް އީމާންވާމީހާ، އިރާއި ހަނދާތައި ތަރިތައް ދައުރުވާގޮތް މެދުވެރި ކުރައްވައި، ފަރުބަދަތަކާއި ވައިފެން ލައްވައި، ގަސްތައް ފަޅުއްވައި، މައިމީހާގެ ބަނޑުގައި ދަރި ސޫރަކުރައްވާ ފަރާތަކީ އެކަލާނގެ ކަން ގަބޫލު ކުރާނެއެވެ. އަދި ހަމައެފަދައިން ދިރޭސޫފާސޫފި ތަކާއި، ޖާމާދާތުތައް ހައްދަވައި ވަކި ނިޒާމެއްގެ މަތިން އެއްވެސް ބަދަލެއް އައުމެއް ނުވާކަން ގޮތަށްކަން ގަބޫލު ކުރެއެވެ. މުސްލިމުން އީމާންވާން ޖެހެނީ މާތް اللَّه ތަބީއީ މި ގާނޫނު އެކުލަވާލައްވައިފައިވަނީ، އުފައްދަވައިފައިވާ ތަކެތީ ތަބީއަތާއި ހަރަކާތާއި ގުޅުންތަކުގެ މައްޗަށް ބެއްލެވުމަށްފަހު ކަމެވެ. މި ތަބީއީ ގާނޫނަކީ ސާބިތު އަދި އިންސާނާގެ ހިތަށް ތަސަވަރު ވެސް ނުކުރެވޭފަދަ ފުރިހަމަ ގޮތުގައި ކަމެވެ. އަފުރާދުންނާއި ޖަމާއަތްތަކާއި ދައުލަތްތަކަށް މިޝަރީއަތަށް އިލްތިޒާމުވެވޭގޮތުގަ އެވެ.

ދެ ވަނަ ކަމަކީ ގާނޫނަކީ މީހުންނާއި ޖަމާއަތްތަކުގެ ބޭނުންތައް ފުއްދުމަށްޓަކައި ވަގުތީގޮތުން އެކުލަވައިލެއްވިފައިވާ ގަވާއިދުތަކެވެ. ނުވަތަ އެ ގަވާއިދުތަކަކީ ފަރުދީ ފެންވަރުގައި އެކުލަވާލެވިފައިވާ އެއްޗެކެވެ. އަދި މާދަމާ އެހެން ޖަމާއަތަށް އެ ގަވާއިދުތައް ކަމުނުގޮސްފާނެ އެވެ.

ނަމަވެސް ޝަރީއަތަކީ މާތް الله ގެ އަފުރާދުންގެ ކަންކަން ދާއިމީ ގޮތެއްގައި އިންތިޒާމު ކުރުމަށްޓަކައި އެކުލަވާލައްވައިވާ ޝަރިއަތެކެވެ. އަދި މިތަނުގައި ފާހަގަ ކޮށްލަން ޖެހޭ ނުކުތާއަކީ ބައެއް ހާލަތްތަކުގައި ޝަރީއަތާއި ގާނޫނާއި އިއްތިފާގުވާކަންކަން ވެސް ހުންނަކަމެވެ. ނަމަވެސް ޝަރީއަތް ގާނޫނާއި ތަފާތުވަނީ، ޝަރީއަތަކީ އަބަދީ އެއްޗަށް ވާކަމެވެ. އެއްވެސް ބަދަލެއް އައުމެއް އެއްޗަކަށްވުމެވެ. ޝަރީއަތުގައިވާ މި ހާއްސަކަމަކީ މަންތިގީ ގޮތުންވެސް ގަބޫލުކުރެވޭ، ނޫސޫސްތަކަގައި މަޑުކަމާއި ފަހެލިކަން އެކުލެވިފައިވާކަމެވެ. ކިތަންމެ ގިނަދުވަސްތަކެއް ވޭތުވެގެން ދިޔަކަމުގައި ވިޔަސް ޖަމާއަތުގެ ބޭނުންތަކަށް ފެތިގެންދާ ކަމެވެ. އެއީ ބޭނުންތަކާއި ގޮތްބާވަތް ކިތަންމެ ތަފާތުވިޔަސް މެ އެވެ.

އިސްލާމީ ޝަރީއަތަށް ތޭރަ ގަރުނު ފާއިތުވެ ދިޔައީ އެވެ. މީހުންގެ ވިސްނުމާއި ފިކުރާއި ހިޔާލު ބަދަލުވެ ތަރައްގީވެ ތަހުޒީބުވަމުންދަނީ އެވެ. މިހުރިހާ ކަމާއެކުވެސް އިސްލާމީ ޝަރީއަތަކަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެ އެވެ. އިސްލާމީ ޝަރީއަތުގެ ނުސޫސުތައް އޮތީ ފަރުދުންގެ ވިސްނުމާއި ފިކުރަށްވުރެ މަތީ، މީސްތަކުންގެ ބޭނުންތަކާއި، އާމައްސަލަތަކަށް ހައްލު ހޯދައިދޭ ޝަރީއަތެއްގެ ގޮތުގަ އެވެ.

މިއީ ތާރީހުގެ ސަފުހާތައް އިސްލާމީ ޝަރީއަތުގެ ކުރިމަތީގައި އެންމެ ރިވެތި ގޮތުގައި ހެކިދޭ ގޮތެވެ. މީގެ އެންމެ ރިވެތި އެއް މިސާލަކީ އެ ޝަރީއަތުގެ ނުސޫސުތައް ބުނެދޭ ބުނުންތަކެވެ. މިސާލަކަށް އަންނަނިވި ބަސްފުޅު ހިފާށެވެ.

"އަދި އެއުރެންގެ ކަންތައްތައް، އެއުރެންގެ މެދުގައިވަނީ މަޝްވަރާގެ މަތިންނެވެ."

ނުވަތަ ކީރިތި ރަސޫލާގެ ބަސްފުޅު ގެ މާނައަށް ވިސްނާށެވެ.

"އިސްލާމްދީނުގައި އަނިޔާކުރުމެއްނެތެވެ. އަދި އަނިޔާ ދިނުމެއްނުވެ އެވެ."

ކީރިތި ގުރްއާނާއި ސުންނަތުގެ މި ނައްސުތަކުން، އިސްލާމީ ޝަރީއަތުގެ ފަހެލިކަމާއި ލުއިފަސޭކަން އެހެން އެއްވެސް ކަމަކުން ހަމާނުވާ މިވަރަށް ހާމަވެގެންދެ އެވެ. މިކަމުން ފަރުދުންނާއި ޖަމާއަތުގެ އާންމު މަސްލަހަތާ ފުށު ނާރައި، މީސްތަކުންގެ ބޭނުންތައް ފުރިހަމަ ގޮތުގައި ނިންމުމުގެ މަގުފަހިވެގެންދާނެ އެވެ. އެކަލާނގެ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ.

އަދި ފާފަވެރި އެއްވެސް نفس އެއް، އެހެން نفس އެއްގެ ފާފައެއް ނުއުފުލާނެތެވެ."

އަދިވެސް ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

"اللَّه، އެއްވެސް نفس އަކަށް، އެ نفس އަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ تكليف އެއް ނުޖައްސަވަ އެވެ."

ހަމަކަށަވަރުން، عدل ވެރިވުމަށާއި، إحسان ތެރިވުމަށާއި، ގާތްތިމާގެ މީހުންނަށް ހެޔޮފޯރުވުމަށް اللَّه އަމުރުކުރައްވަތެވެ. އަދި ހުތުރުކަން ބޮޑުވެގެންވާ ފާފަތަކާއި، منكرات ތަކާއި، އަނިޔާވެރިވެ އުޅުން، އެކަލާނގެ ނަހީކުރައްވަތެވެ. أمانة ތައް، އޭގެ أهل ވެރިންނަށް އަދާކުރުމަށް، اللَّه ތިޔަބައިމީހުންނަށް أمر ކުރައްވަތެވެ. އަދި، މީސްތަކުންގެ މެދުގައި ތިޔަބައިމީހުން حكم ކުރާނަމަ، عدل އަށް حكم ކުރުމަށްވެސް، أمر ކުރައްވަތެވެ."

އެންމެ ފުރަތަމަ ޖީލުގެ މުސްލިމުން މި ޝަރީއަތާއި އެއްގޮތަށް އަމަލު ކުރި އެވެ. އެންމެ ފުރަތަމަ އެއީ ބައިމަދު ބައެކެވެ. ބަލިކަށި ބައެކެވެ. މީސްތަކުން އެމީހުން ވަށައިލާފާނެތީ ބިރުގަތެވެ. ވިހި އަހަރުފަހުން އެމީހުންނަކީ ދުނިޔޭގެ ސާހިބުން ކަމުގައި ވިއެވެ. އިންސާނުންގެ ގާއިދުން ކަމުގައި ވި އެވެ. އެމީހުންގެ އަޑުނުން އަޑުތައް ނެތިގެން ދިޔަ އެވެ. އެމީހުންގެ އަޑުގެ މައްޗަށް އަޑުއުފުލާނެ ބަޔަކުނެތިގެން ދިޔަ އެވެ. މިކަމުގައި އެމީހުން ވާސިލުވެފައިވާ ދަރަޖައަކީ މުއުޖިޒާތަކަށް ވި އެވެ. ނަމަވެސް މިކަން ވެގެންދިޔައީ އިސްލާމީ ޝަރީއަތުގެ ހިޔަލުގަ އެވެ. އެޝަރީއަތް އެމީހުން އަދަބުވެރި ކުރުވި އެވެ. ނަފުސުތައް މަޑުކުރިވި އެވެ. ޝުއޫރުތައް ތަހުޒީބު ކުރިވި އެވެ. އެމީހުންގެ ކަރާމަތްތެރިކަމާއި އިއްޒަތްތެރިކަން އިހުސާސްކޮށްދިނެވެ. އެންމެ ފުރިހަމަ ގޮތުގައި ހަމަހަމަ ކަމުގެ އަތުގައިހިފި އެވެ. ފުރިހަމަ އަދުލުވެރިކަން ބަޔާންކޮށްދިނެވެ. އެމީހުންނަށް ތަގުވާވެރިކަމާއި ހެޔޮކަމުގައި އެހީތެރިކަން ފޯރުކޮށްދޭން ދަސްކޮށްދިނެވެ. އަނިޔާވެރިކަމާއި ދެކޮޅުވެރިކަން އެމީހުންނަށް ހަރާމް ކުރި އެވެ. އަދި އެމީހުންގެ ސިކުނޑިތައް ޖަހާލަތާއި ޝަހުވަތުން މިންޖުކުރި އެވެ. އަދި އެމީހުންނަކީ މީސްތަކުންގެ ތެރެއަށް ނެރެވުނު އެންމެ ހެޔޮ އުންމަތްކަމުގައި ގަބޫލުކުރުވި އެވެ. އެއީ ހެޔޮކަންތަކަށް އަމުރު ކުރުމާއި ނުބައިކަންތައް ނަހީކުރުމާއި، މާތް اللَّه އަށް އީމާންވުމުގެ ތެރެއިންނެވެ.

ނަމަވެސް މުސްލިމުން އެމީހުން އެޝަރީއަތް ދޫކޮށްލާ އެ ޝަރީއަތަށް އިހުމާލުވެ އަނިޔާވެރިކަމާއި ހަކުރުކަށި ކަމާއި އަޅުވެތިކަމަށް އެނބުރި ރުޖޫއަވި އެވެ. މަގުފުރެދުމުގެ ތެރޭގައި ތިބި މުސްލިމުންގެ ތެރެއިން ބަޔަކު މީހުންނަކަށް އިހުސާސް ކުރެވުނީ، ޔޫރަޕުގެ މީހުން ތަރައްގީވެ ކުރިއަރައިގެން ދިޔައީ އެމީހުންގެ ގާނޫނުތަކާއި ނިޒާމުތަކުގެ ސަބަބުން ކަމުގަ އެވެ. އެހެންކަމުން މިފަދަ މުސްލިމުން އެމީހުންގެ މަގުގައި ހިނގަން ފެށި އެވެ. އުސޫލުތަކަށް ތަބާވާން ފެށި އެވެ. ނަމަވެސް މިކަމުގެ ނަތީޖާއަކަށްވީ އަނދިރިކަމުގެ ވަޅުގަނޑަށް ވެއްޓިގެން ދިޔުމެވެ. ބަލިކަށިކަމުގެ މައްޗަށް ބަލިކަށިކަން ލިބިގެން ދިޔުމެވެ. މުސްލިމުންގެ ތާރީހުގައި މިކަމުގެ ހެކިތައް ލިބެން އެހެރީ އެވެ. އިބުރަތް ލިބޭނީ އެމީހެއްގެ ހިތެއް އޮތް މީހަކަށެވެ. އިސްލާމްދީން މުސްލިމުން ދުނިޔޭގެ ވެރިން ކަމުގައި ހެދި އެވެ. އަދި ހަމައެފަދައިން މުސްލިމުންގެ ކުރިއެރުމާއި ތަރައްގީ ބިނާވެފައިވާ އިސްލާމީ ޝަރީއަތުގެ މައްޗަށްކަން ބަޔާން ކޮށްދިނެވެ. މަތިވެރިކަން ބިނާވެފައިވާ އެ ޝަރީއަތުގެ މަތިވެރިކަމުގެ މައްޗަށެވެ. އެމީހުން ވުޖޫދުވުން ބިނާ ވެފައިވާ ޝަރީއަތް ދެތިއޮތުގެ މައްޗަށެވެ. އެމީހުންގެ ބާރުވެރިން ބިނާވެފައިވަނީ ޝަރީއަތުގެ ބާރުވެރިކަމުގެ މައްޗަށެވެ."