Advertisement

ޖޯޖީނިއޯގެ ވާހަކަތަކަށް ލަމްޕާޑް ރައްދުދީފި

20 މޭ 2021 - 11:26 0

ޗެލްސީގެ މެޗެއްގެ ތެރެއިން ލަމްޕާޑް (ކ) އާއި ޖޯޖީނިއޯ.


ޖޯޖީނިއޯގެ ވާހަކަތަކަށް ލަމްޕާޑް ރައްދުދީފި

20 މޭ 2021 - 11:26 0

ލަންޑަން (މެއި 20) - ޗެލްސީގެ ކޯޗުކަމާ ފްރޭންކް ލަމްޕާޑް ހަވާލުވީ މާ އަަވަހަށް ކަމަށް ބުނެ، އެ ޓީމުގެ މިޑްފީލްޑަރު ޖޯޖީނިއޯ ދެއްކި ވާހަކަތަކަށް ލަމްޕާޑް ރައްދުދީފި އެވެ.

މަގާމާ ހަވާލުވިތާ 18 މަސް ދުވަސް ފަހުން ޗެލްސީގެ ކޯޗުކަމުން އެ ކްލަބްގެ ކުރީގެ ކުޅުންތެރިޔާ ލަމްޕާޑް ވަކިކުރީ މިދިޔަ ޖެނުއަރީ މަހު 25 ވަނަ ދުވަހު އެވެ. ޗެލްސީ އަކީ ލަމްޕާޑްގެ ކޯޗިން ކެރިއަރުގައި އޭނާ ހަވާލުވި ދެ ވަނަ ޓީމެވެ. ލަމްޕާޑް ކޯޗިން ކެރިއަރު ފެށީ 2018 ވަނަ އަހަރު ޑާބީ ކައުންޓީންނެވެ.

މިދިޔަ މަހު ޖޯޖީނިއޯ އީއެސްޕީއެން ބްރެޒިލް އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ ދެކޭގޮތުގައި ލަމްޕާޑް ޗެލްސީއާ ހަވާލުވީ މާ އަވަހަށް ކަމަށާއި ލަމްޕާޑަކީ ޗެލްސީގެ ލެޖެންޑެއް ކަމުގައި ވިޔަސް ކޯޗިން ކެރިއަރުގައި ބޮޑު ކްލަބަކާ ހަވާލުވާން ޖެހޭނީ އެކަށީގެންވާ ވަރަށް ތައްޔާރުވެގެން ކަމަށެވެ.

ލަމްޕާޑް ކޯޗަކަށް ހުރިއިރު ޖޯޖީނިއޯ ޗެލްސީ ދޫކޮށްލާ ވާހަަކަތައް ވަރަށް ގަދަ އަށް މީޑިއާގައި ދެކެވުނެވެ. އެކަމަކު ޖޯޖީނިއޯ އަށް ޓީމުން މާ ބޮޑަށް ކުޅުމުގެ ފުރުސަތު ނުލިބުނު ނަމަވެސް އޭނާ ޗެލްސީގައި މަޑުކުރީ އެވެ.

ޗެލްސީގެ ކޯޗުކަމުން ވަކިވި ފަހުން މީޑިއާއާ ވާހަކަ ދެއްކި ދެ ވަނަ ފަހަރު ލަމްޕާޑް މި ވަނީ ޖޯޖީނިއޯ އަށް ރައްދުދީފަ އެވެ.

ޓެލެގްރާފް ނޫހަށް ލަމްޕާޑް ބުނީ ކޯޗަކު ޓީމެއް ދޫކޮށްލާއިރު ރަނގަޅު ވާހަކަ ދައްކާ ކުޅުންތެރިންނާއި އެ ކޯޗަކު ގޯސްކޮށްފައި ވާހަކަ ދައްކާ ކުޅުންތެރިން ތިބޭނެ ކަމަށެވެ.

"އެކަމުގައި އަހަރެންގެ އެއްވެސް މައްސަލައެއް ނެތް. ބައެއް މީހުން އެބަހުރި ބުނެފައި އަހަރެން ޗެލްސީ ކޯޗުކަމާ ހަވާލުވުމަކީ ހިތް އެދޭތީ ނިންމި ނިންމުމެއް ކަމަށް. އެކަމަކު އަހަރެން ޔަގީން ކޮށްދެން އަހަރެން ޕްރޮފެޝަނަލީ ނިންމާ ކޮންމެ ނިންމުމެއް ވެސް އަންނާނީ ވަރަށް ވިސްނާފައި. އެހެންވީމަ ކުޅުންތެރިއަކު ނޫނީ މީހަކު ބުނާ ހުރިހާ އެއްޗެއް ހަގީގަތަކަށް ނުވެދާނެ،" ލަމްޕާޑް ބުންޏެވެ.

ލަމްޕާޑް ބުނީ އެކި މީހުން އެކި ގޮތަށް ވާހަކަ ދެއްކި ކަމުގައި ވިޔަސް ޗެލްސީގައި އޭނާ ކުރި މަސައްކަތުން ވަރުގަދަ ފައުންޑޭޝަނެއް އެ ކްލަބްގައި އެބައޮތް ކަމަށާއި ކާމިޔާބު ހޯދަން މުސްތަގުބަލުގައި އެ ބޭނުންކުރެވޭނެ ކަމަށެވެ.

ދާދި ފަހުން ޗެލްސީގެ ކޯޗުކަމާ މި ވަގުތު ހަވާލުވެ ހުރި ތޯމަސް ޓުޗެލް ވަނީ ލަމްޕާޑް ކުރި މަސައްކަތަށް ތައުރީފްކޮށްފަ އެވެ. ޓުޗެލް ފާހަގަކުރި އެއް ކަމަކީ ލަމްޕާޑް އެކުލަވާލާފައިވާ ސްކޮޑު ވަރުގަދަވުމެވެ.

އަންނަ ސީޒަނަށް ލަންޑަނުގެ ކްލަބެއް ކަމަށްވާ ކްރިސްޓަލް ޕެލަސް އިން ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެ ޓީމާ ހަވާލުވާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ލަމްޕާޑް އެވެ. ކްރިސްޓަލް ޕެލަސް ކޯޗަކަށް ހުރި ރޯއީ ހޮޖްސަން މި ސީޒަނަށް ފަހު މަގާމުން ވަކިވާނެކަން ވަނީ އިއުލާނުކޮށްފަ އެވެ. ޕެލަސް އިން ވަނީ ލަމްޕާޑް އެ ޓީމުގެ ކޯޗަކަށް ގެންނަން މަޝްވަރާތަކެއް ބާއްވައިފަ އެވެ.