Advertisement

ކުރު ވާހަކަ: ބަދަލުވި ޙަޔާތް

14 މޭ 2021 - 11:18 0

މުހައްމަދު ގާސިމް

މުހައްމަދު ގާސިމް

އަދަދު އާޓްވޯކް: އަހުމަދު އިހުސާން (އަރަކަ އާޓްސް)


ކުރު ވާހަކަ: ބަދަލުވި ޙަޔާތް

14 މޭ 2021 - 11:18 0

ނިދަން ގެންދާން އުޅުމުން ވިޔަރިއަރާފައި، ރާދީ ކުޅެން ގެންގުޅުނު ބާބީ އެއްލީ އަހަންނާ ދިމާއަށެވެ. ދެ އަހަރު ނުފުރޭ އެ ކުޑަކުޑަ މަންޖެ، ތުން ދަމާލިގޮތުން އަހަރެންގެ ގާތަށް ހިނިއައެވެ. ހަތަރު އަހަރުގެ މާއިޝް ތަންކޮޅެއް ފަސޭހައިން މި ރޭ އޮށޯވެއްޖެއެވެ. ރާދީ މަސަލަސްކޮށްގެން ގެންގޮސް ބޭއްވުނީ ވިއްސަކަށް މިނެޓު ފަހުންނެވެ. އޭރު މާއިޝް އޮތީ ގަދަ ނިދީގައެވެ.

ރާދީ ގާތުގައި އަހަރެން ޖައްސައިލީމެވެ. އޭނާއަށް އެންމެ ފަސޭހައިން ނިދޭނީ، ކަންފަތު ފޫޅަށް މަޑުމަޑުން ފިތާން ފެށީމައެވެ. ފަސްވަރަކަށް މިނެޓުވީއިރު، އެ މަންޖެއަށް އޮތީ ނިދިފައެވެ. އަހަރެން ތެދުވެ، ރާދީގެ ގައިމަތީގައި ރަޖާ އަޅައިލުމަށްފަހު، އަހަންނަށް ޚާއްޞަކޮށްފައި ހުންނަ ކުޑަކުޑަ ކޮޓަރިއަށް ގޮސް ވަނީމެވެ. އޭރު ގަޑިން ނުވަގަޑި ބައިވަނީއެވެ.

ޕާނެއް ގަންނަން މެޑަމް ބުނެފައި އޮތީމާ، އަހަރެން އަލަމާރިއާ ދިމާއަށް ހިނގައިގަތީ، ފައިސާ ނަގާށެވެ. އެ ވަގުތު ލޮލުގައި އަޅައިގަތީ، އަހަރެން ގެންގުޅޭ ކުޑަކުޑަ ފޮޓޯ އަލްބަމު ތަޅުންގަނޑު މައްޗަށް ވެއްޓިފައި އޮތް ތަނެވެ. އަހަންނަށް އަވަސް އަވަހަށް ގޮސް އަލްބަމު ނަގައި، މޭގައި ޖައްސައިލެވުނެވެ. އަހަރެން ބަދިގޭގައި ކާން ހަދަން ހުއްޓާ، ރާދީއާއި މާއިޝް މި ރޭ މި ކޮޓަރިއަށް ވަނެވެ.

ފޮޓޯ އަލްބަމުގައި އެ ގޮތަށް ބައްދާލައިގެން އިރުކޮޅަކު އެހެން ހުރެފައި، އަހަންނަށް އަލްބަމު ހުޅުވައިލެވުނެވެ. އޭގައި އޮތް ހަމައެކަނި ފޮޓޯއަށް ބަލައިލީމެވެ. އެއީ އަހަރެންގެ އަމިއްލަ ނަފުސަށްވުރެ ވެސް އަގުބޮޑު ފޮޓޯއެކެވެ. އަހަރެންގެ ލޯބިވާ މަންމައާއި ބައްޕަގެ ފޮޓޯއެކެވެ. ބޮޑު ފެންގަނޑެއްގެ ކައިރީގައި ތިބެގެން ނަގާފައިވާ އެ ފޮޓޯގައި، މަންމަ އިނީ ބައްޕަގެ އުނގުގައެވެ. ދެ މީހުންގެ މޫނުމަތީން ވެސް ފެންނަނީ އުފާވެރިކަމެވެ. ތުންފަތުގައި ވަނީ، ހިނިތުންވުމެވެ.

އެއީ އަހަރެމެންގެ ގެއާ މާ ދުރުނޫން ހިސާބެއްގައި އޮންނަ ފެންގަނޑެކެވެ. އަހަރެން ކުޑައިރު އަވައްޓެރި ކުދިންނާއެކު އެ ފެންގަނޑު ކައިރީގައި ކުޅެން އުޅެމެވެ. އެއީ އުފާވެރި ދުވަސްތަކެކެވެ. އެހެންނަމަވެސް މިއަދު މި ވަނީ ހާލަތު ބަދަލުވެފައެވެ. އެ ފެންގަނޑު ކީއްކުރަން ހެއްޔެވެ؟ އަމިއްލަ ޤައުމު ވެސް މިއަދު ވަނީ އަހަންނާ މާ ދުރުގައެވެ.

އަހަރެންގެ އުމުރުން އޮނަވިހި އަހަރެވެ. މިހާރުވެސް މަންމަގެ އުނގުގައި ބޯ އަޅާލައިގެން އޮވެ ނިދާލާހިތް ވަރަށް ބޮޑަށް ވެއެވެ. މަންމައާއި ބައްޕަގެ ލޯބިވެތި ފިރުމުންތަކަށް ހިތް އެދެއެވެ. ދަރިފުޅާއޭ ކިޔާފައި ގޮވައިލާ އަޑު އަހައިލާ ހިތް ވެއެވެ. އެހެންނަމަވެސް ތަޤުދީރު މިއަދު އަހަންނަށް ކުރިމަތި ކުރީ، މުޅިން އެހެން ހާލަތެކެވެ.

މާޒީގެ އުފާވެރި ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. މެންދުރު ކުރީގެ ވަގުތެވެ. އާދައިގެ މަތިން އަހަރެން އުޅުނީ ގޭތެރޭގައި، މަންމައާއެކު ކޮންމެވެސް މަސައްކަތެއްގައެވެ. އިރުކޮޅަކުން ގެއަށް އައިސް ވަނީ ބައްޕައެވެ. ބައްޕަގެ މޫނުމަތީން އަހަންނަށް ފެނުނީ، އުފާވެރިކަމުގެ ކުލަތައް ވިދަވިދާ ހުރިތަނެވެ. ގެއަށް ވަންގޮތަށް އަހަރެންގެ ގައިގައި ބައްދާލުމަށްފަހު، ދިން ޚަބަރެއްގެ ސަބަބުން، އަހަރެންގެ ހިތް އުފަލުން ނަށާންފެށިއެވެ. އަހަރެން ދެކެމުން އައި ހުވަފެން ހަޤީޤަތަކަށް ވީތީއެވެ. އަހަރެން ހުރީ މަތީ ތަޢުލީމަށް ފެންބޮވައިގެންފައެވެ. އެ ފުރުސަތު އަހަންނަށް ތަނަވަސްވީއެވެ. ދެ ލޮލުން ކަރުނަ ހިލުނީ، ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ. އެ މަންޒަރު ފެނިފައި، މަންމައާއި ބައްޕަގެ ދެ ލޯ ވެސް ފެންކަޅިވިއެވެ.

އެއީ ބައްޕައާއި މަންމަ ވެސް ކުރަމުން ގެންދިޔަ ވަރަށް ފޮނި އުއްމީދެކެވެ. ދެކެމުން އައި ޒަމާންވީ ހުވަފެނެކެވެ. އަހަރެން ދުނިޔެއަށް އުފަންވި ދުވަހުން ފެށިގެން، ރެއާއި ދުވާލު ބައްޕަ މަސައްކަތް ކުރީ، އަހަރެންގެ ކުރިމަގަށް ޓަކައެވެ. މަންމައާއި ބައްޕަގެ އިތުރު ފުރާނައެއް ނެތުމުން، އެ ދެ މީހުން ލާ ކޮންމެ ނޭވާއަކީ އަހަންނަށް ޓަކައި ލާ ނޭވާއަކަށް ހެދިއެވެ. އެތައް ޤުރުބާނީއެއް ވެގެން، އެތައް ދަލެއް އޮހޮރައިގެން، އަހަރެންގެ މަތީ ތައުލީމަށް ބައްޕަ ފައިސާ ހަމަކުރީ، މީހަކަށް ނުދަރައެވެ. ކޮންމެއަކަސް ލިބުނު އުފަލާއެކު، އެ ރޭ އަހަރެމެން ނިދީ، މާދަމާއަށް ޓަކައި ފޮނި އުއްމީދުތަކެއް ކުރަމުންނެވެ.

އިންސާނުން ކަންކަން ތަދުބީރު ކުރަމުން އަންނައިރު، ތަޤުދީރުގެ އަތުން ކުރަހާ ކުރެހުމުގެ ކިއްސަރެއް، ކުލައެއް އިންސާނާއަކަށް ކުޑަކޮށް ވެސް ރޭކާނުލައެވެ. އަހަރެންގެ ޙަޔާތަކީ، އޭގެ ދިރިހުރި މިސާލެކެވެ. ޖެހިގެން އައި ދުވަހުގެ އިރު، ފެނުން ތޮޅިލީ، އުފާވެރިކަމުގެ ރަން ދޯދިތަކުން އަހަރެމެންގެ ހިތްތައް އަލިކުރަމުން އުޖާލާކުރަމުންނެވެ. އެހެންނަމަވެސް އެ އުފާވެރިކަން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި، ވަޅުޖަހައިފިއެވެ. ނާމާންކަމާއި ބިރުވެރިކަން އަހަރެމެން ވަށާލައިފިއެވެ. ނޭވާ ހާސްކޮށްލައިފިއެވެ. އޭޝިޔާގެ ގައުމުތައް ތަޅައި ސުންނާފަތިކުރި، ބިރުވެރި ސުނާމީގެ ނުރައްކާތެރި ހަމަލާގެ ޝިކާރައަކަށް، އަހަރެންގެ މަންމައާއި ބައްޕަ ވެގެންދިޔައީ، އަހަރެންގެ ހިތް ކަތިލާފައެވެ. އަތްފައި ކޮށައިގެން، އުމުރު ދުވަހު ބައްޕަ ކުރި މަސައްކަތުން އެޅި ގެގަނޑު، ފުނޑުފުނޑުވެ، ބިމާ ހަމަވީ އަހަރެން ބިކަކޮށްފައެވެ.

އިއްޔެއަކީ އަހަރެން އަޑުގެކޮޅަށް ހެމުން ގެންދިޔަ އުފާވެރި ދުވަހެކެވެ. މިއަދަކީ އަހަރެން ގިސްލައި ރޮމުން ގެންދާ ހިތާމައިގެ ދުވަހެކެވެ. އިންސާނެއްގެ ލޮލުން ކަރުނަ ހުސްވާނޭ ނަމަ، ކަރުނަ ހުސްވާ ވަރަށް އެ ދުވަހު އަހަރެންގެ ދެ ލޮލުން ކަރުނަ ފޭބިއެވެ. ރޮއިރޮއި ދެ ލޯ ފާރުވިއެވެ.

އެ ދުވަހަށްފަހު އަހަރެން ދުނިޔެއަށް ގިނަވެއްޖެއެވެ. މުސްތަގުބަލަށް ޓަކައި ކުރި ފޮނި އުއްމީދުތައް، އޮޔަށް ވަޔަށް ބެހިގެން ހިނގައްޖެއެވެ. ބައެއް ފަހަރު ހިތަށް އަރައެވެ. މަންމައާއި ބައްޕަ ގެންދެވި މަގުން، އަހަރެން ވެސް ގެންދެވި ނަމައެވެ. އެކަނިމާ އެކަނި މި އޮތް ބޮޑު ދުނިޔޭގައި އުޅޭނީ ކިހިނެއް ބާވައެވެ؟ އަމިއްލައަށް މަރުވުމަކީ ފާފައެކެވެ. ބޮޑުވެގެންވާ ފާފައެކެވެ. އަހަރެމެން މުސްލިމުންގެ މައްޗަށް، ﷲ ވަނީ އެކަން ހަރާން ކުރައްވާފައެވެ. އެހެންނޫންނަމަ، އެ ދުވަހު، އެ ޅަ އެތި އަހަންނަށް އެޅުނީސް ކަންނޭނގެއެވެ.

ލޯ މަރައިލާއިރަށް ހީވަނީ މަންމަގެ އޯގާވެރި މޫނު ފެންނަހެންނެވެ. ބައްޕަގެ ނިއަނެތި އަޑު އިވޭހެންނެވެ. ހީނލާފައި ގޮވައިލާ ހެންނެވެ. ލޯ ހުޅުވައިލުމާއެކު، އެ ހުރިހައި ކަމެއް އަވާމެންދުރަށް ވެދެއެވެ. މި ފަދަ ހާލެއްގައި "ރެފިއުޖީ"އެއްގެ ގޮތުގައި، ވަގުތީ ހިޔަލުގެ އުދާސް ދުނިޔޭގައި އުޅެނިކޮށް، ކޮންމެވެސް ގޮތަކުން ދިވެހިރާއްޖެއަށް އައުމުގެ ފުރުޞަތު އަހަންނަށް ލިބުނެވެ. ހެޔޮއެދޭ އަވައްޓެރިއެއްގެ މަސައްކަތުންނެވެ. ދިރިހުރުމުގެ އުއްމީދު ކޮންމެވެސް މިންވަރަކަށް އާވިއެވެ.

ދިވެހިރާއްޖެއަށް އަހަރެން އައީ، ގެއެއްގައި ގެންގުޅޭ ކުއްޖެއްގެ ގޮތުގައި ކަމަށް ވިޔަސް، ފޮނި އުއްމީދަކާއެކުގައެވެ. މުސާރައެއް ލިބޭނޭކަން އެނގޭތީއެވެ. ކިޔަވައިގެން މޮޅު މީހަކަށް ވުމަށް ދެކެމުން އަންނަ ހުވަފެން ޙަޤީޤަތަކަށް ހަދަން އަދިވެސް ބޭނުންވާތީއެވެ.

ދިވެހިރާއްޖޭގައި އަހަރެން ދިރިއުޅޭތާ ތިން އަހަރު ވަނީއެވެ. މި ގައުމުން އަހަންނަށް ފެނުނީ ވަރަށް ތަފާތު މަންޒަރެކެވެ. ކުރެވެމުން އަންނަނީ ތަފާތު ތަޖުރިބާއެކެވެ. މިއީ އަމާން ވެށްޓެކެވެ. ހިތްހެޔޮ ރައްޔިތެކެވެ. ރީތި ސާފު މާޙައުލެކެވެ. ދިރިއުޅުމުގެ ނަސީބު ލިބުނީ ނުހަނު ހިތްހެޔޮ އޯގާވެރި ދެމަފިރިންގެ ގާތުގައެވެ.

މާޒީގެ ހިތްދަތި ޞަފުޙާތަކުގައި ބިތްޖެހިފައި އިންދާ ކަންފަތުގައި ޖެހުނީ، ފޯނު ރަނގަބީލުވާންފެށި އަޑެވެ. އަހަރެން އަވަސްއަވަހަށް ފޯނު ނެގީމެވެ. އެ ކޮޅުން ވާހަކަ ދެއްކީ މެޑަމްއެވެ. އޭނާ އޮފީސް ނިންމާފައި ގެއަށް އަންނަނީއެވެ. ދަރީންކޮޅު ނިދީތޯ ސުވާލުކޮށްލިއެވެ. ނަސީބަކުން ޕާން ގަންނަން ދާކަށް މި ރެއަކު ނުޖެހުނެވެ. މެޑަމް އަންނަނީ ޕާނާއި ގެއަށް ބޭނުންވާ އެހެނިހެން ތަކެތި ވެސް ގަނެގެންނެވެ. (ނިމުނީ)