Advertisement

ހަލާލް ޓޫރިޒަމް ޕްރޮމޯޓްކުރަން "ހޭވް ހަލާލް، ވިލް ޓްރެވަލް"އާ ގުޅިގެން ކެމްޕެއިނެއް

22 މޭ 2021 - 17:08 0

އަމަން ހަލީމް

އަމަން ހަލީމް

މާލެ އަތޮޅުގައި އޮންނަ ޖުމެއިރާ ވިޓަވެލި ރިސޯޓް: މިއީ ހޭވް ހަލާލް، ވިލް ޓްރެވަލްއިން އެންޑޯސްކޮށްފައިވާ ރާއްޖޭގެ ރިސޯޓެއް -- ފޮޓޯ: ޖުމެއިރާ ވިޓަވެލި


ހަލާލް ޓޫރިޒަމް ޕްރޮމޯޓްކުރަން "ހޭވް ހަލާލް، ވިލް ޓްރެވަލް"އާ ގުޅިގެން ކެމްޕެއިނެއް

22 މޭ 2021 - 17:08 0

އެމްއެމްޕީއާރްސީން "ހޭވް ހަލާލް، ވިލް ޓްރެވަލް" އާ ގުޅިގެން ދެކުނުއިރުމަތީ އޭޝިއާގެ ގައުމުތަކުގައި ހަލާލް ޓޫރިޒަމަށް ފައްކާ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓް ކުރަން ޑިޖިޓަލް ކެމްޕެއިނެއް މިއަދު ފަށައިފި އެވެ.

"ހޭވް ހަލާލް، ވިލް ޓްރެވަލް" އަކީ އޭޝިއާގެ މުސްލިމް އާބާދީއަށް ހާއްސަ ޓްރެވަލް އެންޑް ލައިފްސްޓައިލް ޕްލެޓްފޯމެކެވެ. ދިހަ މިލިއަނާ ގާތްކުރާ އަދަދަކަށް ސޯޝަލް މީޑިއާގައި ފޮލޮވިން އޮންނަ މި ޕްލެޓްފޯމަކީ އޭޝިއާގައި އެންމެ ގިނަ އަދަދެއްގެ މުސްލިމުން ބޭނުންކުރާ ޓްރެވަލް ޕްލެޓްފޯމެވެ.

މި ޑިޖިޓަލް ކެމްޕެއިނާ ގުޅޭގޮތުން އެމްއެމްޕީއާރްސީން ބުނީ، މިއީ މުސްލިމް އާއިލާތަކާއި ބަޖެޓް ޓޫރިސްޓުންނަށް ރާއްޖޭގައި ހުރި ތަފާތު ޓޫރިޒަމް ޕްރޮޑަކްޓުތަކާއި ތަޖުރިބާތަކާއި ހާއްސަ އޮފާތައް ޕްރޮމޯޓް ކުރަން ފެށި ކެމްޕެއިނެއް ކަމަށެވެ.

މި ކެމްޕެއިނުގައި އެމްއެމްޕީއާރްސީއާ ބައިވެރިވާ "ހޭވް ހަލާލް، ވިލް ޓްރެވަލް" ޕްލެޓްފޯމާ ގުޅޭގޮތުން އެމްއެމްޕީއާރްސީން ބުނީ މިއީ ދެކުނުއިރުމަތީ އޭޝިއާގެ ފަތުރުވެރިން އިތުބާރުކުރާ ބްރޭންޑެއް ކަމަށެވެ. އަދި މި ކެމްޕެއިން އަމާޒުކުރާ މީހުންނާ ހަމައަށް ވާސިލުވެވޭނެ ގޮތުގެ އެންމެ ތަޖުރިބާ ހުރި ބަޔަކީ ވެސް އެއީ ކަމަށް ބުންޏެވެ.

މި ޑިޖިޓަލް ކެމްޕެއިނުގައި މުސްލިމް ޓޫރިސްޓުންނަށް ރާއްޖެ އިޝްތިހާރުކުރަނީ ދީނީ ގޮތުން ވެސް، އަދި ލިބޭ ހިދުމަތްތަކާއި ވަސީލަތުގެ ގޮތުން ވެސް މުސްލިމުންނާ ރައްޓެހި މަންޒިލެއްގެ ގޮތުގަ އެވެ.

މި ކެމްޕެއިން ކުރިޔަށް ދާނީ އިނގިރޭސިންނާއި ބަހަސާ އިންޑޮނޭޝިއާ ބަހުރުވައިންނެވެ. އަދި ޕްރޮމޯޝަނުގެ ތެރެއިން ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި ދަތުރުކުރާ އިރު ސަމާލުވާން ޖެހޭ ކަންކަމާއި ޓޫރިސްޓުންނަށް ހެޔޮ އަގުގައި ލިބެން ހުރި މަތީފަންތީގެ ހިދުމަތްތައް އިޝްތިހާރު ކުރާނެ އެވެ.

އޭގެ އިތުރުން، ރާއްޖޭގެ ގުދުރަތީ ރީތި ކަމާއި، ތަފާތު ތަޖުރިބާތަކާއި ހިދުމަތްތައް ދައްކުވައިދޭ ހާއްސަ ވީޑިއޯއެއް ހޭވް ހަލާލްގެ ވެބްސައިޓުގައި އިޝްތިހާރު ކުރާނެ އެވެ. އަދި ފޭސްބުކާއި އިންސްޓްގްރާމުން އިތުރަށް ޕްރޮމޯޓް ކުރާނެ އެވެ.

އެމްއެމްޕީއާރްސީން އުއްމީދު ކުރަނީ މި ކެމްޕެއިނުގެ ޒަރިއްޔާއިން ދެކުނުއިރުމަތީ އޭޝިއާގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުވެގެން ދާނެ ކަމަށެވެ. އަދި، ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން އެ މާކެޓުން ފަތުރުވެރިން އައުން މަޑުޖެހިލި ނަމަވެސް، ޕްރޮމޯޝަނާއި ގުޅިގެން ލުއި ލިބޭ އިރަށް ފަތުރުވެރިން އަންނަ އަދަދުތައް ރަނގަޅު ވާނެ ކަމަށެވެ.

ދެކުނުއިރުމަތީ އޭޝިއާގެ ގައުމުތަކުގައި ރާއްޖެ ޕްރޮމޯޓްކުރަން އެމްއެމްޕީއާރްސީން ޑިޖިޓަލް ކެމްޕެއިންތަކާއި ވާޗުއަލް ފެއާތަކުގައި ބައިވެރިވަމުންނެވެ. މުސްތަގުބަލަށް ރޭވިފައި ހުރި ކަންކަމުގެ ތެރޭގައި މީޑިއާ ފެމިލަރައިޒޭޝަން ޓްރިޕްތަކާއި، ޓްރޭޑް ފެއާތަކުގެ އިތުރުން ޓުއާ އޮޕަރޭޓަރުންނާއި ގުޅިގެން ހިންގާ ޕްރޮމޯޝަންތަކާއި އައުޓްޑޯ ކެމްޕެއިންތައް ހިމެނެ އެވެ.

ދެކުނުއިރުމަތީ އޭޝިއާގައި ބޮޑު މުސްލިމް އާބާދީއެއް ދިރިއުޅޭ ގައުމުތައް ގިނަ އެވެ. އޭގެ ތެރޭގައި ދުނިޔޭގެ އެންމެ މުސްލިމް އާބާދީ ބޮޑު އިންޑޮނޭޝިއާ އާއި މެލޭޝިއާ އަދި ސިންގަޕޫރާއި ފިލިޕީންސް ހިމެނެ އެވެ.