Advertisement

ނުނިމުނު އޭ ލެވެލް، ކުދިންނަށް ގެއްލުން ބޮޑު

ސީއެޗްއެސްއީގައި އޭލެވަލް ހަދަމުން އަންނަ ކުދިންތަކެއް: އޭ ލެވެލް ޓެސްޓް އަނެއްކާ ވެސް މިވަނީ ފަސްކޮށްފައި-- ފޮޓޯ: ހުސައިން ވަހީދު/އަދަދު


ނުނިމުނު އޭ ލެވެލް، ކުދިންނަށް ގެއްލުން ބޮޑު

ސިޔާސީ ކަންކަމާއި ހާރިޖީ ގުޅުންތަކަށް ޝައުގުވެރިކަން ހުންނަ އިބްރާހިމް އަބާން، 18، ގެ އަމާޒަކީ އެ ދާއިރާއިން މަތީ ތައުލީމް ހާސިލު ކުރުމެވެ. މީގެ ދެ އަހަރު ކުރިން އޭނާ ސީއެޗްއެސްސީން އޭ ލެވަލް ކިޔަވަން ފެށީ ވެސް އެ މަގުސަދުގަ އެވެ. ނަމަވެސް މިހާރު ގްރޭޑް 12ގައި ތައުލީމު ހާސިލު ކުރަމުން އަންނަ އަބާން އާއި އޭނާއާ އެކު ކިޔަވާ އެހެން ދަރިވަރުންނަށް ވެސް ކުރިމަތީ ގޮންޖެހުންތަކެކެވެ. ބާއްވަން ޖެހޭ މުއްދަތުގައި އިމްތިހާނު ނުބޭއްވީތީ ކުރިއަށް ދާން ވަގުތު ގެއްލެނީ އެވެ.

"އަޅުގަނޑާ އެކު އޯ ލެވެލް ހެދި ކުދިންގެ ތެރެއިން އޭ ލެވެލް ނުހެދި ކުދިން މިހާރު ފައުންޑޭޝަން ހަދާފައި ޑިގްރީގައި އެ އުޅެނީ. އަޅުގަނޑުމެން އަދި ވެސް އޭ ލެވެލްގައި. އަސްލު ވަރަށް ވަގުތު މިދިޔައީ،" އަބާންގެ ކަންބޮޑުވުން ހިއްސާ ކުރި އެވެ.

އަބާން އޭލެވެލް ފެށިއިރު ވެސް ނިންމައިގެން ހުރީ މި އަހަރު ޑިގްރީ ފެށުމަށެވެ. އެކަމަކު އިމްތިހާން މި އަހަރު ފަހުކޮޅަށް އަނެއްކާވެސް ލަސްވުމާ އެކު އެ ފުރުސަތު މި ވަނީ ގެއްލިފަ އެވެ.

ކެރިއާގައި ވަރަށް ގިނަ ވަގުތު މިދިޔައީ. އޯ ލެވެލްގައި ގްރޭޑް 8، 9، 10 ކިޔަވަން ތިން އަހަރު. މިހާރު 11، އާއި 12 ކިޔަވަން ތިން އަހަރު،-- އަބާން

ދަރިވަރުންތަކެއް އިމްތިހާން ހޯލުގައި: އެޑެސެލް އިމްތިހާން ދެން އޮންނާނީ ނޮވެމްބަރުގައި-- ފޮޓޯ: ހުސައިން ވަހީދު/އަދަދު


އޭ ލެވެލް ހަދާ ކުދިންގެ އިމްތިހާނު ލަސްވެ ގިނަ ގޮންޖެހުންތަކަކާ މިވަނީ ކުރިމަތިލާން ޖެހިފަ އެވެ. އުސޫލުގެ ތެރެއިން ކަންކަން ދިޔަ ނަމަ މިދިޔަ އަހަރު އޮކްޓޫބަރު/ނޮވެމްބަރުގައި އިމްތިހާނު ހަދައި އެ ކުދިން ކިޔަވައި ނިމޭނެ އެވެ. އެއަށް ފަހު، މި އަހަރު މަތީ ތައުލީމު ހާސިލު ކުރަން ފެށޭނެ އެވެ. ނަމަވެސް މިހާރު ކަން މިވީ ގޮތުން އެ މުއްދަތު އެއް އަހަރަށް މި ވަނީ ފަސްވެފަ އެވެ. އޭ ލެވެލްއަށް ފަހު ދެން އެ ކުދިންނަށް ޑިގްރީ ފެށޭނީ އަންނަ އަހަރު އެވެ.

މިހާރު ގްރޭޑް 12ގައި ކިޔަވަމުން އަންނަ ދަރިވަރުން އޭ ލެވެލް ހަދަން ފެށީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގަ އެވެ. ރަނގަޅަށް ކަންކަން ދިޔަ ނަމަ އެ ކުދިން މިދިޔަ އަހަރު އޭ ލެވެލް ނިމޭނެ އެވެ. މި ކުދިންނަށް ގްރޭޑް 11ގައި ހަދާ އެޑެކްސެލް އިމްތިހާން 2019 ވަނަ އަހަރު ވެސް ބޭއްވޭ ގޮތެއް ނުވި އެވެ. އޮކްޓޫބަރު މަހު ބާއްވަން ޖެހޭ އިމްތިހާނު ކުއްލި ގޮތަކަށް މިދިޔަ އަހަރުގެ މޭ މަހަށް އެޑިއުކޭޝަން މިނިސްޓްރީން ފަސް ކުރީ އިމްތިހާނަށް ތައްޔާރުވާން ކުދިންނަށް އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށް ބުނެ އެވެ. ކޮވިޑުގެ ބިރުވެރިކަން މުޅި ދުނިޔެ ވަށާލުމާ އެކު މޭ މަހު އެ އިމްތިހާން ބޭއްވޭ ގޮތެއް ނުވި އެވެ. އެހެންވެ އެ ޓެސްޓް ބޭއްވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގަ އެވެ.

"ސްކޫލަށް ނުގޮސް ގިނަ ދުވަހު ހުރެފައި އެ ޓެސްޓް ހަދަން ޖެހުނީ. އޮންލައިންކޮށް ކިޔަވައިގެން. މިދިޔަ އަހަރު 11 ގެ ޓެސްޓް ހަދަމުން 12 ގެ ސިލަބަސް ކިޔަވަމުން ދިޔައީ. އަސްލު އަޅުގަނޑުމެން ވަރަށް ސްޓަގަލް ކުރަން ޖެހުނު،" އަބާން ބުންޏެވެ.

އެހެން އަހަރުތަކުގައި ގްރޭޑް 12ގެ ދަރިވަރުންނަށް މޭ/ޖޫން ގައި ބާއްވާ އިމްތިހާނު މި އަހަރުގެ މޭ/ޖޫން ގައި ނުބޭއްވުމަށް ނިންމީ އެޑެކްސެލް އިންނެވެ. ނަމަވެސް ގިނަ ކުދިންތަކެއް އަވަހަށް އިމްތިހާނު ބާއްވަން އެދޭތީއާ އެކު އެޑިއުކޭޝަން މިނިސްޓްރީގެ އެދުމަކަށް އެ އިމްތިހާނު މި މަހާއި އަންނަ މަހު ބޭއްވުމަށް އެޑެކްސެލްއިން ނިންމި އެވެ.

އިމްތިހާން ކުއްލިއަކަށް ބާއްވަން އުޅުމުން ބައެއް ދަރިވަރުންނަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށް ބުނެ އެ ޝަކުވާތައް ހުށަހެޅި އެވެ. އެއާއެކު އެޑިއުކޭޝަނުން ކުދިންނަށް ދެ ޗޮއިސްއެއް ދިނެވެ. އެއީ މިމަހު ބާއްވާ އިމްތިހާން ހެދުން ނުވަތަ އޮކްޓޯބަރު/ނޮވެމްބަރުގައި އިމްތިހާނު ހެދުމަށެވެ. މިހާރު ވެސް ކިޔެވުމަށް ގިނަ މުއްދަތެއް ހޭދަވެފައިވާތީ އާއި އަވަހަށް ކެރިއާއިގެން ކުރިއަށްދާން ބޭނުންވާތީ ގިނަ ކުދިންތަކެއް ބޭނުންވީ މިމަހު ބާއްވާ އިމްތިހާނު ހެދުމަށެވެ.

މިމަހު އިމްތިހާން ބާއްވަން ފެށި ނަމަވެސް ކުއްލިއަކަށް ކުރިމަތިވީ މާ ދެރަކަމެވެ. އިމްތިހާނު ހަދަން ވަގުތު ކުޑަތަން ވެފައިވަނިކޮށް ބައިލޮޖީ ޕޭޕަރާއި ފިޒިކްސް ޕޭޕަރުގެ އިތުރުން ކެމެސްޓްރީ ޕޭޕަރު ރާއްޖޭން ބޭރުގައި ލީކް ކޮށްލީ އެވެ. ޓެސްޓް ހެދުމުގެ ކުރިން ކުދިންގެ އަތަށް ޕޭޕަރު އެރީ އެވެ. އެއާއެކު ޓެސްޓް ހަދަން ގިނަ ކުދިންނާއި ބެލެނިވެރިން ބޭނުމެއް ނުވި އެވެ. ކުދިންނާއި ބެލެނިވެރިން ވެސް އެދުނީ އިމްތިހާން ކެންސަލްކޮށް އާ އިމްތިހާނެއް ބޭއްވުމަށެވެ. އެކަމަށް ގޮވާލައި ބެލެނިވެރިން މުޒާހަރާ ވެސް ކުރި ފަހުން އެޑިއުކޭޝަންއިން ހޯމަ ނިންމީ އިމްތިހާން ކެންސަލް ކުރުމަށެވެ.

ސްކޮލާޝިޕް ބޭނުން ނަމަ ޖެހެނީ މަޑުކުރަން

އިމްތިހާން ކެންސަލް ކުރުމަށް ފަހު ވެސް އެޑިއުކޭޝަނުން ވަނީ ކުދިންނަށް ދެ ޗޮއިސްއެއް ދީފަ އެވެ. ފުރަތަމަ އޮޕްޝަނަކީ އޮކްޓޯބަރު/ނޮވެމްބަރު މަހަށް އިމްތިހާނު ފަސްކުރުމެވެ. އަނެއް އޮޕްޝަނަކީ އޭޕްރީލް/މެއި ގައި އިމްތިހާނު ނިންމަން ބޭނުންވާ ކުދިންނަށް "ޓީޗާ ބޭސްޑް އެސެސްމަންޓް" އެއް ގޮތުގައި އިމްތިހާނު ކުރިއަށް ގެންދިއުމެވެ. ޓީޗާ ބޭސްޑް އެސެސްމަންޓަކީ ރާއްޖޭގެ ޓީޗަރުން މާކްސް ދީ ކުދިން ވަޒަން ކުރުމެވެ.

ސީއެޗްއެސްސީގެ ދަރިވަރުންތަކެއް: އިމްތިހާން ލަސްވާތީ ދަރިވަރުން ކަންބޮޑުވޭ-- ފޮޓޯ: ހުސައިން ވަހީދު/އަދަދު


ޓީޗާ ބޭސްޑް އެސެސްމަންޓު ހިޔާރުކުރާ ދަރިވަރުންނަށް ރައީސް ދެއްވާ ސްކޮލާޝިޕް ނުލިބެ އެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވި ގޮތުގައި ރައީސްގެ ސްކޮލާޝިޕަކީ ގިނަ ކުދިން ވަރަށް ބުރަ މަސައްކަތްކޮށްގެން ހޯދާ ފުރުސަތަކަށް ވުމުން، ސްކޮލާޝިޕް ދިނުމަށް ބަލާނީ އެޑެކްސެލް އޮކްޓޯބަރު / ނޮވެމްބަރު ގައި އިމްތިހާނު ހަދާ ދަރިވަރުންނަށް ކަމަށެވެ.

އަޅުގަނޑުމެން ބޮޑަށް ޕްރިފާ ކުރަނީ ހުރިހާ ކުދިން ވެސް އޮކްޓޯބަރު ނޮވެމްބަރު އެގްޒާމް ހަދަން ދިއުމަށް --މިނިސްޓަރު

އޭ ލެވެލް ހަދާ ގިނަ ކުދިން މަތީ ތައުލީމްގެ އުއްމީދު ގުޅިފައި އޮންނަނީ ސްކޮލާޝިޕަކާ އެވެ. އެކައުންޓިން ދާއިރާއިން ކުރިއަށް ދާން ނިންމައިގެން ހުރި އަހުމަދު އަލާން، 18، އަށް މަތީ ތައުލީމު ހާސިލު ކުރަން ފުރުސަތު އޮތީ ސްކޮލާޝިޕް ލިބިގެންނެވެ. އެއީ އޭނާ ހަދަން ބޭނުންވާ އޭސީސީއޭ ކޯހުގެ ފީ އަގު ބޮޑުކަމުންނެވެ. އެހެންކަމުން ކިތަންމެ އަވަހަށް ނިންމަން ބޭނުން ވިޔަސް ޓީޗާސް އެސެސްމަންޓަކީ އަލާނަށް ޗޮއިސްއެއް ނޫނެވެ.

ކުރިން ވާހަކަ ދެއްކި އަބާން ބުނި ގޮތުގައި ތިން އަހަރު ކިޔެވުމަށް ފަހު ޓީޗާ ބޭސްޑް އެސެސްމަންޓަކުން ދަސްވެނިވާން ގިނަ ކުދިން ބޭނުމެއް ނޫނެވެ. އޭގެ ބަދަލުގައި ގިނަ ދަރިވަރުން ބޭނުން ވަނީ އެޑެކްސެލްއިން ބާއްވާ އިމްތިހާނަކަށް ފަހު ގްރެޖްއޭޓް ވުމަށް ކަމަށް އޭނާ ބުންޏެވެ.

"މިހާ ދުވަހު ކިޔެވީމަ ވެސް، ހަތަރު މަހު މަޑު ކުރަން ޖެހުނަސް އޮކްޓޫބާ/ނޮވެމްބާގެ އެގްޒާމް ހަދަން ގިނަ ކުދިން ބޭނުން ވަނީ. ތިން އަހަރު ކިޔަވާފައި ރަނގަޅު އެގްޒާމެއް ހަދަން ކުދިން ބޭނުން ވަނީ،" އަބާން ބުންޏެވެ.

ކެރިއާ ނުފެށި، ވަޒީފާއަށް ނުދެވި އެތައް ދުވަހެއް

ދެ އަހަރުގެ ތެރޭގައި ނިމެން އޮތް އޯ ލެވެލް ތިން އަހަރަށް ދިގު ދެމިގެން ދިއުމުން މަތީ ތައުލީމުގެ އިތުރުން ދެން ހުރަސް އެޅެނީ ވަޒީފާއަށް ދިއުމަށެވެ.

އުފަން ރަށް ބ. ކެންދޫން އޯ ލެވެލް ހެދުމަށް ފަހު އޭލަވަލް ހެދުމަށް މާލެ އައިސް ބޭބެއަކާ އެކު ކުއްޔަށް ދިރިއުޅޭ އަލާން ބުނި ގޮތުގައި އޭނާހެން ކިޔެވުމަށް މާލެ އައިސް ތިބި ކުދިންނަށް މާލީ ގޮތުން ދިމާވާ ދަތިތައް ވެސް މި ހާލަތުގައި އިތުރެވެ.

މެދުފަންތީގެ އާއިލާއަކަށް ނިސްބަވްތާ އަލާން ކުރިން ނިންމައިގެން ހުރީ އަންނަ މަހުގެ ތެރޭގައި އިމްތިހާނު ނިންމުމަށް ފަހު ވަޒީފާއަކަށް ދިއުމަށެވެ. ނަމަވެސް މިހާރު ކަންވީ ގޮތުން ދެން ވަޒީފާއަކަށް ދެވޭނީ ނޮވެމްބަރުގައި އިމްތިހާނު ނިންމައިފަ އެވެ.

"މައިންބަފައިންގެ އަތުން ބޮޑު ހަރަދެއް އެބަދޭ. އަޅުގަނޑު ވެސް ބޭބެ އަކާ އެކު ތަނެއް ކުއްޔަށް ހިފައިގެން މިހުންނަނީ. އަނެއްކާ ވެސް ކިޔެވުން މިވަނީ ފަސް ވެފައި. މިވީ ގޮތުން ވަރަށް އުނދަގޫވާނެ. ރަށުގައި އުޅޭ ބައްޕައަކީ ވެސް ބޮޑު މުސާރައެއް ލިބޭ މީހެއް ނޫން،" އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން އޭ ލެވެލް ހަދާ އަލާން ކަންބޮޑުވުންތައް ކިޔައިދިނެވެ.

ލީކްވި ޕޭޕަރަކަށް ވުރެން ފަސްވުން ވެސް ރަނގަޅު

ޕޭޕަރުތައް ލީކްވާން ފެށުމާ އެކު ވެސް ބެލެނިވެރިންގެ ފުރަތަމަ އެދުމަކަށްވީ އިމްތިހާން ކެންސަލް ކުރުމެވެ. އޯލެވެލް ކުއްޖެއްގެ މަންމަ، އަދި ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޑީން، މަރިޔަމް ފިޒާނާ ރަޝީދު، ވިދާޅުވި ގޮތުގައި ކުދިންގެ ހަޔާތުން އެއް އަހަރު ގެއްލުނު ނަމަވެސް އެ ކުދިން ލައްވައި ސައްހަ ނޫން ޓެސްޓެއް ހަދަން ބެލެނިވެރިން ބޭނުމެއް ނުވެ އެވެ.

"ލީކުވެފައި އޮތް އެގްޒާމެއް ހަދަން ޖެހޭނެ ކަމަށް ގަބޫލެއް ނުކުރަން. އެފަދަ އެގްޒާމެއް އެއްވެސް ތާކުން ގަބޫލެއް ނުކުރާނެ. ފުރަތަމަ ލީކްވާ ހިސާބުން ވެސް ހުއްޓާލަން ޖެހޭ. އެގްޒާމް ހުއްޓާލަން ނިންމިނިންމުން ރަނގަޅު،" ފިޒާނާ ވިދާޅުވި އެވެ.

އޭނާ ދެކޭ ގޮތުގައި ކުދިންނަށް ވެސް އަނެއްކާ މި ލިބުނީ ރަނގަޅު ނަތީޖާއެއް ހޯދަން ރަނގަޅު ފުރުސަތެކެވެ. އިމްތިހާނު ލަސްވުމުގެ ބޭނުން ހެޔޮގޮތުގައި ހިފައި ކިޔަވަންވީ އެވެ.

"މުސްތަގުބަލަށް ބަލާއިރު ސެޓްފިކެޓް ވެލިޑެއް ނުވާނެ ލީކްވި ޕޭޕަރަކުންނެއް. ކުދިންނަށް ވަގުތު މި ލިބެނީ އިތުރަށް ކިޔަވަން. އެހެން ކުދިންނަށް މި ވިސްނައި ދެނީ،" ފިޒާނާ ވިދާޅުވި އެވެ.

"އުމުރުން ދުވަހެއް ގެއްލުނަސް ރަނގަޅަށް ތައްޔާރުވާން މި ލިބުނީ ރަނގަޅު ފުރުސަތެއް. ކޮވިޑްގެ ތެރޭގައި އެންމެ ރަނގަޅަކަށް ނޫން ކިޔަވައި ދިނުން ވެސް އޮންލައިންކޮށް ވީމައި."

އަބާނާއި އަލާން ވެސް ކެތް މަދު ވެފައި ތިބީ އޯ ލެވެލް އަވަހަށް ނިންމައި މަތީ ތައުލީމް ހާސިލް ކުރަން ފަށާށެވެ. ނަމަވެސް ކަންކަން ދިމާވަނީ އުއްމީދު ކުރޮގޮތަކަށެއް ނޫނެވެ. މަތީ ތައުލީމާއި ކެރިއާ ނުފެށި އެތައް ހައްތަހާ ލަސްވަނީ އެވެ.