Advertisement

ހަމަހަމަކަމާ އެކު އިންސާނީ ހައްގުތައް ރައްކާތެރިކުރުން

މާލޭގައި މަސައްކަތްކުރާ ބިދޭސީން ރޯދަ މަހު މިސްކިތެއްގައި ރޯދަ ވީއްލަން ތައްޔާރުވެގެން. --ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


ހަމަހަމަކަމާ އެކު އިންސާނީ ހައްގުތައް ރައްކާތެރިކުރުން

އިސްލާމްދީނުގައި އިންސާނާގެ ދަތުރަކީ އެއްދަތުރެކެވެ. ބިނާވަގެންވަނީ އެއް އަސްލެއްގެ މައްޗަށެވެ. އުފެދިގެން އައި އަސްލަކީ އެއް އަސްލަކެވެ. އެކަލާނގެ ހަޒްރަތުގައި އިންސާނުންނަކީ ހަމަހަމަ ބައެކެވެ. ހަލްގު ކުރެއްވުމުގައި ހަމަހަމަ އެވެ. މަސްއޫލިއްޔަތުގައި ހަމަހަމަ އެވެ. ވަދާއުގެ ހުތުބާގައި ކީރިތި ރަސޫލާ ހަދީސް ކުރައްވާފައިވެ އެވެ.

"އޭ މީސްތަކުންނޭވެ! ތިޔަ ބައިމީހުންގެ ވެރި ރަސްކަލާނގެ އަކީ އެއްކައުވަންތަ ފަރާތެކެވެ. އަދި ތިޔަބައި މީހުން ގެ ބައްޕައަކީ އެކަކެވެ. އަދި ތިޔަބައި މީހުން ނިސްބަތްވަނީ އާދަމުގެފާނަށެވެ. އާދަމުގެފާނު ހައްދަވާފައިވަނީ މަށިންނެވެ. މާތް الله ގެ ހަޒްރަތުގައި އެންމެ މާތް މީހަކީ އެންމެ ތަގްވާވެރި މީހާ އެވެ. އަރަބިންގެ މީހަކަށް އަޖަމީންގެ މީހެއްގެ މައްޗަށް، އަދި އަޖަމީއަކަށް އަރަބިންގެ މީހެއްގެ މައްޗަކަށް މާތް ކަމެއް ނެތެވެ. އަދި ދޮން މީހަކަށް ކަޅު މީހެއްގެ މައްޗަށް ކަޅު މީހަކަށް ދޮން މީހެއްގެ މައްޗަށް ތަގްވާވެރިކަމުގެ ސަބަބުން ނޫނީ މާތް ކަމެއް ނެތެވެ. ތިމަންކަލޭގެފާނު މިބަސް އިއްވައިފިން ހެއްޔެވެ! ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާނކޮ! އިބަރަސްކަލާނގެ ހެކިވެވޮޑިގަންނަ ވާނދޭވެ! މިތަނުގައި ތިބި މީހުން، ހާޒިރުވެ ނެތް މީހުން މި ވާހަކަ އިއްވާށެވެ."

މިއީ ހައްގުތަކާއި ވާޖިބުތަކުގައި ހަމަހަމަ އާލަމީ ގޮވާލުމެކެވެ. ތަފާތު ކުރުމެއް ނެތެވެ. ވަންހަ ކަމެއްނެތެވެ. ދަރަޖަ ތަކެއް ނެތެވެ. ކުލައެއް ޖިންސެއް ނެތެވެ. ހަމައެކަނި އޮތީ މި އުންމަތަށް ނިސްބަތްވުމެވެ. ނުވަތަ އެ ކޮންޓިނެންޓަށް ނުވަތަ މި އިސްލާމްދީނަށް ނިސްބަތްވުމެވެ. އިންސާނީ އަގުން ބަލާއިރު އިންސާނުންނަކީ ހަމަހަމަ ބައެކެވެ. ހުރިހާ އެންމެން ނިސްބަތްވަނީ އާދަމުގެފާނަށެވެ. އާދަމުގެފާނު ހައްދަވާފައިވަނީ މަށިންނެވެ. ހުރިހާ އެންމެން ނިސްބަތްވަނީ އެއެއް ބައްޕައަކަށެވެ. އެއީ އާދަމުގެފާނެވެ.

ކީރިތި ގުރްއާނުގައި މާތް الله ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ.

"އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! އެކަލާނގެއީ، އެންމެ نفس އަކުން ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެ އެވެ. އަދި، އެ نفس ގެ ކިބައިން އޭގެ އަނެއް جنس ހެއްދެވި އެވެ. އަދި، އެ ދެކަނބަލުންގެ ކިބައިން، ގިނަ ފިރިހެނުންނާއި، ގިނަ އަންހެނުން ފެތުރުއްވި އެވެ."

އިންސާނީ ނަސްލުގެ އެއްބައިވަންތަކަން އިސްލާމްދީން ޔަގީން ކޮށްދީފައިވެ އެވެ. އެކަލާނގެ އަންހެނަކާއި ފިރިހެނެއްގެ ކިބައިން އިންސާނާ ހަލްގުކުރެއްވުމުގެ ހިކުމަތީ މިއީ އެވެ. އެއް ބަޔަކު އަނެއް ބަޔަކަށް ތައާރަފު ވުމަށްޓަކަ އެވެ. ގަބީލާތައް އެއް ބަޔަކު އަނެއް ބަޔަކާއި ވާހަކަ ދައްކާ މަސާލިހުތައް ބަދަލު ކުރުމަށެވެ. އެންމެ ރަނގަޅު މީހުންނަކީ އިމާންވެ ތަގްވާވެރި ހެޔޮލަފާ މީހުންނެވެ. އިންސާނުންގެ މަސްލަހަތަށް މަސައްކަތް ކުރާ މީހުންނެވެ. ކީރިތި ރަސޫލާ ހަދީސް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ.

"ހަލްގުތަކުންނަކީ މާތް اللَّه އިޔާލުންނެވެ. އަދި އެކަލާނގެ ހަޒްރަތުގައި އެންމެ ލޮބުވެތިކަން ބޮޑީ މީސްތަކުންނަށް އެންމެ ފައިދާކޮށްދޭ މީހާ އެވެ."

މާތް اللَّه ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ.

"އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި، އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: آدم ގެފާނާއި، حوّاء ގެފާނުގެ ކިބައިންނެވެ.) އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ތަފާތު قوم ތަކަށާއި، قبيلة ތަކަށް ލެއްވީ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް تعارف ވުމަށްޓަކަ އެވެ. ހަމަކަށަވަރުން، اللَّه ގެ حضرة ގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަން ބޮޑީ، ތިޔަބައިމީހުންކުރެ އެންމެ تقوى ވެރި މީހާ އެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، خبير ވަންތަ ރަސްކަލާނގެ އެވެ."

އިންސާނެއްގެ ހައިސިއްޔަތުން އިސްލާމްދީނުގައި އިންސާނާގެ ދަރަޖަ މަތިވެރި ކުރައްވާފައިވެ އެވެ. އެ ދަރަޖަ މަތިވެރި ކުރައްވާފައިވަނީ މަތިވެރި އަހްލާގީ ސިފަތަކުގެ ތެރެއިންނެވެ. އެހެން މީހުންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ތެރެއިންނެވެ. އިންސާނާގެ މަތިވެރި ކުރެއްވި ވާހަކަ ބަޔާން ކުރައްވައި ވަހީ ކުރައްވާފައިވާ ބަސްފުޅެއްގައިވެ އެވެ.

"ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آدم ގެދަރިން މާތްކުރެއްވީމެވެ. އަދި އެއުރެން އެއްގަމާއި ކަނޑުގައި، އުފުއްލެވީމެވެ. އަދި އެއުރެންނަށް ރަނގަޅު ތަކެތިން رزق ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ހެއްދެވި ތަކެތީގެ ތެރެއިން، ގިނަ ތަކެތީގެ މައްޗަށް އެއުރެން މަތިވެރި ދަރަޖައަކަށް މާތްކުރެއްވީމެވެ."

މާތް اللَّه އިންސާނާ މަތިވެރި ކުރައްވައި، އެންމެ ބޮޑު ނިއުމަތް ކަމުގައިވާ ސިކުނޑި ދެއްވި އެވެ. އެހެން ހަލްގު ތަކުންގެ މައްޗަށް ހާއްސަ މީޒާއެއް ދެއްވި އެވެ. އަދި ދިރިއުޅުމުގެ ހަޔާތުގައި އިންސާނާއަށް ބޭނުންވާނެ ހުރިހާ ކަމެއް ތަނަވަސްކޮށް ދެއްވި އެވެ. ސިކުނޑީގެ ޒަރިއްޔާއިން، އެކަލާނގެ ހަޒްރަތުގައި ކުރާ ހުރިހާ އަމަލުތަކަށް މަސްއޫލު ވާން ޖެހޭނެކަން އެންގެވި އެވެ. ތަކްލީފު ތަކުގެ މަނާޠަކީ ސިކުނޑި އެވެ. މިކަމަށް އިޝާރަތް ކުރައްވައި ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ. "ފަހެ، ذرّ އެއްގެ މިންވަރުވިޔަސް، ހެޔޮކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ. އަދި ذرّ އެއްގެ މިންވަރުވިޔަސް، ނުބައިކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ."

ކީރިތި ގުރްއާނުގައި މާތް اللَّه ވަނީ، އަސާސީ ދެ ގަވާއިދެއްގެ ބަޔާން ކުރައްވާފައިވެ އެވެ. ފުރަތަމަ ކަމަކީ ހައްގަކާއި ލައިގެން މެނުވީ އިންސާނާ ގަތުލު ކުރުން ހަރާމް ވުމެވެ.

"އަދި قصاص ހިފުމުގައި ތިޔަބައިމީހުންނަށް (ވަރަށް ބޮޑު) ދިރުމެއްވެއެވެ. އޭ ބުއްދީގެ أهل ވެރިންނޭވެ! (އެއީ) ތިޔަބައިމީހުން تقوى ވެރިވުމަށްޓަކަ އެވެ."

ދެވަނަ ކަމަކީ ގިސާސް ލައްވާފައިވަނީ މުޖުތައުގައި އުޅޭ ކޮންމެ މީހެއްގެ ނަފުސު ރައްކާތެރި ކުރެއްވުމެއް ކަމުގަ އެވެ. ސަބަބަކީ އަދުލުވެރިކަމާއި އެކު ޝަރިއަތް ތަންފީޒު ކުރުމަކީ މުޖުތަމައަށް އަމަން އަމާންކަމައި ހަމަޖެހުން ލިބިގެންދާނެ ކަމެއްކަމުގައިވާތީ އެވެ.

ހައްޖަތުލް ވަދާއުގެ ހުތުބާގައި ކީރިތި ސާހިބާ ވަނީ އިންސާނާގެ ހަޔާތުގެ ގުދުސިއްޔަތު ވަރަށް ފުރިހަމަ ގޮތެއްގައި ބަޔާން ކުރައްވައިފަ އެވެ. މީގެ ތެރޭގައި އިންސާނާގެ އަބުރާއި ޝަރަފު ވެސް ހިމެނިގެންދެ އެވެ. އަދި ހަމައެފަދައިން އިންސާނާއަށް މިލްކުވެގެންވާ މުދާވެރިކަން ވެސް ހިމެނެ އެވެ. އިތުރު އެކަލޭގެފާނު ހަދީސް ކުރައްވާފައިވާ ބަސްފުޅުގައި ވެ އެވެ.

"ހަމަކަށަވަރުން ތިޔަބައި މީހުންގެ ލެއާއި، މުދަލާއި، އަބުރަކީ ތިޔަބައި މީހންގެ މައްޗަށް ހުރުމަތްތެރި އެއްޗެކެވެ. އެއީ މިއަދުގެ ހުރުމަތްތެރިކަން ފަދައިންނެވެ. އަދި މި މަހުގެ ހުރުމަތްތެރިކަން ފަދައިންނެވެ."

މުދަލުގެ ހުރުމަތާއި، ލޭގެ ހުރުމަތާއި، އަބުރު ހުރުމަތް ލައްވާފައިވަނީ އަރަފާތް ދުވަހުގެ ހުރުމަތް ފަދައިންނެވެ. އަދި ޒުލްހިއްޖާ މަހުގެ ހުރުމަތް ފަދައިންނެވެ. އަދި ހަމައެފަދައިން މައްކާގެ ހުރުމަތްތެރިކަން ފަދައިންނެވެ.

އިސްލާމީ އެންމެ މުގައްދަސް އެއްތަން ކަމުގައިވާ މައްކަތުލް މުކައްރަމާގެ، މުގައްދަސްކަން ފަދަ މުގައްދަސްކަން އިންސާނާގެ މުދަލާއި، ލެއާއި އަބުރަށް ލިބިގެންވާކަން އަންގަވާފައިވެ އެވެ.

އދ. އިން އިންސާނީ ހައްގުތަކުގެ ވާހަކަ ދެއްކުމުގެ މާކުރިން އިސްލާމް ދީނުގައި އިންސާނީ ހައްގުތައް ވަނީ ކަށަވަރުކޮށް ދީފަ އެވެ. އެ ހައްގުތަކަކީ ދީނުގެ ބައިތަކުގެ ތެރެއިން ބައެއްކަމުގައި އެންގެވި އެވެ. އަދި އެކަންކަން ތަންފީޒު ކުރުމަކީ ޝަރްއީ ގޮތުން ވާޖިބު ކަމެއް ކަމުގައި އެންގެވި އެވެ. ޔޫރަޕްގެ މީހުންގެ ތެރޭގައި އިންސާނީ ހައްގު ތައާރަފް ވުމުގެ މާ ކުރިން، އިސްލާމްދީން އިންސާނާގެ ނަފުސު ރައްކާތެރި ކުރި އެވެ.

އިސްލާމް ދީނުގައި އިންސާނުން، އިންސާނުންގެ އަޅުވެތިކަމުން ސަލާމަތްކޮށް ދިނެވެ. އަދި ހުރިހާކަމެއްގެ ވެސް މީޒާނަކީ އަދުލުވެރިކަން ކަމުގައި ހަނދާން ކޮށްދިނެވެ. "ހަމަކަށަވަރުން، أمانة ތައް، އޭގެ أهل ވެރިންނަށް އަދާކުރުމަށް، اللَّه ތިޔަބައިމީހުންނަށް أمر ކުރައްވަތެވެ. އަދި، މީސްތަކުންގެ މެދުގައި ތިޔަބައިމީހުން حكم ކުރާނަމަ، عدل އަށް حكم ކުރުމަށްވެސް، أمر ކުރައްވަތެވެ. ހަމަކަށަވަރުން، اللَّه އެކަމަކާމެދު، ތިޔަބައި މީހުންނަށް وعظ އިއްވަވާކަމެއްގެ މޮޅުކަމާ އެވެ! ހަމަކަށަވަރުން، اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައިވެ އެވެ."

އިސްލާމްދީނުގައި އަދުލުވެރިކަމުގެ މީޒާނުގައި އެންމެން ހަމަ ހަމަ ކުރި އެވެ. ރައްޓެއްސެއް ބީރަށްޓެއްސެއް ތަފާތު ކުރުމެއްނެތި އެވެ. މުސްލިމެއް ކާފަރެއް ތަފާތު ކުރުމެއްނެތި އެވެ. މިކަން ބަޔާން ކުރައްވައި ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ.

"އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه އަށްޓަކައި އެކަލާނގެ حق ތައް ފުރިހަމަޔަށް قائم ކުރާ، އަދި عدل އަށް ހެކިދޭ ބަޔަކު ކަމުގައިވާށެވެ! އަދި ބަޔަކުމީހުން ދެކެ ތިޔަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިޔަބައިމީހުން عدل ވެރި ނުވުމުގެ މައްޗަށް ބާރުއަޅާކަމެއް ކަމުގައި ނަހަދާށެވެ! ތިޔަބައިމީހުން عدل ވެރިވާށެވެ! އެގޮތް تقوى ވެރިކަމާ ގާތްކަން ބޮޑެވެ. އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، ތިޔަބައި މީހުންކުރާ عمل ތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ އެވެ."