Advertisement

ކޮރަޕްޝަން ތުހުމަތުތަކާ އެކު ގްރެމީސް ގެ ގަވާއިދަށް ބަދަލު


ކޮރަޕްޝަން ތުހުމަތުތަކާ އެކު ގްރެމީސް ގެ ގަވާއިދަށް ބަދަލު

މިއުޒިކް ދާއިރާގެ ދުނިޔޭގެ ޝަރަފުވެރި ގްރެމީސް އެވޯޑަށް ބޮޑެތި ތަރިންގެ ނުފޫޒު އޮތް ކަމަށް ބުނެ ތުހުމަތުކުރާތީ އެވޯޑު ދޭ ގަވާއިދަށް ގްރެމީސް އިން އިއްޔެ ބަދަލު ގެނެސްފި އެވެ.

މިހާތަނަށް ގްރެމީސްގެ ވިނާސް ހޮވަނީ މިއުޒިކް އިންޑަސްޓްރީގެ ތަޖުރިބާކާރުންގެ 15-30 މީހުން ހިމެނޭ "ސިއްރު" ކޮމެޓީ އަކުންނެވެ. އަލަށް ބަދަލުކުރި ގަވާއިދުގެ ދަށުން، ދެން އެވޯޑުގެ ހައްގުވެރިން ހޮވާނީ ގްރެމީސްގެ 11000 އަށް ވުރެ ގިނަ މެންބަރުންގެ މެދުގައި ވޯޓެއް ނަގައިގެންނެވެ.

ގްރެމީސް އަށް އެންމެ ބޮޑު އެއް ފާޑުކިޔުމެއް މި ފަހުން އަމާޒުވީ، ކެނެޑާގެ ލަވަކިޔުންތެރިޔާ، ދަ ވީކެންޑް މިދިޔަ އަހަރު މާޗު މަހު ނެރުނު "ދަ އާފްޓާ އަވާސް" އަށް މިއުޒިކް ކްރިޓިކުންގެ ބޮޑު ތައުރީފެއް ލިބި އަދި 2020 ގައި އެންމެ ގަދައަށް ވިކުނު އެއް އަލްބަމަށް އެ އަލްބަމް ވެފައިވަނިކޮށް ގްރެމީސް ގައި އޭނާއަށް އެންމެ ނޮމިނޭޝަނެއް ވެސް ނުލިބުނީމަ އެވެ.

މިދިޔަ އަހަރުގެ ގްރެމީސް އެވޯޑު ބޭއްވި ފަހުން ދަ ވީކެންޑް ވެސް ވަނީ ޓުވީޓާ ގައި އެ އެކަޑެމީއަށް ފާޅުގައި ފާޑުކިޔާފަ އެވެ. އަމިއްލަ އެކައުންޓުން ކުރި ޓުވީޓެއްގައި އޭނާ ބުނީ، ގްރެމީސްގެ ތެރޭގައި ކޮރަޕްޝަން އެބައޮތް ކަމަށެވެ. އެކަޑެމީ އިން އޭނާ އަށާއި ފޭނުންނަށާއި މުޅި އިންޑަސްޓްރީގެ ނަޒާހަތްތެރިކަމަށް ދަރައި އޮތް ކަމަށް ވެސް ދަ ވީކެންޑްގެ ޓުވީޓުގައި ބުންޏެވެ.

ގްރެމީސް އެވޯޑަށް މީހުން ހޮވާ އުސޫލު ބަދަލުކުރިކަން ރަސްމީކޮށް އިއުލާން ކުރަމުން އެކެޑެމީ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އުސޫލަށް ބަދަލު ގެނައީ ގްރެމީސްގެ ނަޒާހަތްތެރިކަމާއި ހަމަހަމަކަން ޔަގީންކުރުމުގެ ގޮތުން ކަމަށެވެ.

ގްރެމީސްގެ ކޮރަޕްޓު ވެފައިވާ ކަމުގެ މައްސަލަތަކެއް 2019 ވަނަ އަހަރު އެ އެކަޑެމީގެ ކުރީގެ ޗީފް އެގްޒެކެޓިވް ޑެބޯރާ ޑޫގަން ވަނީ ކޯޓަށް ވެސް ގެންގޮސްފަ އެވެ. އޭނާ ކޮށްފައިވާ ތުހުމަތުތަކުގައި ވެސް ބުންފައިވަނީ އެކަޑެމީއާއި ގާތް ގުޅުން އޮންނަ ތަރިންނަށް އެވޯޑު ހޯދައިދޭން ތަނުގެ ތެރެއިން އެހީތެރިވެދޭ ކަމަށެވެ.

ގްރެމީސް އަށް މިފަދަ ތުހުމަތުތައް ދޭތެރެ ދޭތެރެއިން ކުރެވި އަޑުތައް ވެސް ގަދަވެ އެވެ.

މިދިޔަ މާޗު މަހު، "ވަން ޑައިރެކްޝަން" ގެ ކުރީގެ ލަވަކިޔުންތެރިޔާ ޒޭން މަލިކު ވެސް ވަނީ ގްރެމީސްގެ "ސިއްރު ކޮމިޓީ" އުސޫލު ބަދަލުކޮށްލަން ގޮވާލާފަ އެވެ.