Advertisement

އީމާންކަން ހަރުދަނާ ކުރުން

30 އޭޕްރީލް 2021 - 09:51 1

ޑރ. މޫސާ އަންވަރު ހަސަން

ޑރ. މޫސާ އަންވަރު ހަސަން

އިސްލާމީ މަރުކަޒުގައި މީހަކު ގުރުއާން ކިޔަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


އީމާންކަން ހަރުދަނާ ކުރުން

30 އޭޕްރީލް 2021 - 09:51 1

އީމާންކަމުގެ އަހުލުވެރިންގެ މައްޗަށް ވާޖިބުވެގެންވަނީ ގިނަގިނައިން އެކަލާނގެއަށް ހަމްދު ކުރުމެވެ. އީމާން ކަމުގެ މާނައަކީ އުއްމީދުކޮށް ނުވަތަ އެދުމެއް ނޫނެވެ. އީމާން ކަމުގެ މާނައަކީ ތިމާގެ ހިތުގައި އެކަން އަށަގަތުމެވެ. އަމަލުތަކުން އެކަން ހާމަވުމެވެ. އީމާން ކަމަކީ ސައްހަ ޢަޤީދާ އެވެ. ބިންވަޅު ކަނޑާ ނެނގިފައިވާ އީމާން ކަމެވެ. ނުވަތަ އީމާން ކަމުގެ މާނައަކީ ކީރިތި ޤުރްއާނާއި ސުންނަތުގައި އައިސްފައިވާ ގޮތަށް މާތް الله ވޮޑިގެންވާކަމާއި އެކަލާނގެ މަލާއިކަތުން ފޮނުއްވިކަމާއި ފޮތްތައް ބާވައިލެއްވިކަމާއި، ރަސޫލު ބޭކަލުން ފޮނުއްވިކަމާއި، އާޚިރަތް ދުވަހަކީ އަންނާނެ ދުވަހެއްކަމާއި ހެޔޮމިންވަރާއި ނުބައި މިންވަރަށް އީމާންވުމެވެ. ހުރިހާ އެއްޗެއްގެ ވެރި ފަރާތަކީ މާތް الله ކަމުގައި ޤަބޫލު ކުރުމާއި، އެކަލާނގެއަށް ޝަރީކަކު ބައިވެރިޔަކު ނުވާކަން ޤަބޫލު ކުރެމެވެ. ހުރިހާ އެއްޗެއްގެ ވެރިފަރާތޭ ބުނާ ބަހުގެ މާނައަކީ، ހެއްދެވުމާއި، މިލްކުވެގެންވުމާއި، ތަޞައްރަފު ކުރެއްވުމެވެ. ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ.

"ހެއްދެވުމާއި أمر ކުރެއްވުންވަނީ، އެކަލާނގެއަށް خاص ވެގެންނެވެ. عالم ތަކުގެ ވެރި اللَّه މަތިވެރިވެ ވޮޑިގެންފި އެވެ."

އަދިވެސް ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިއެވެ.

"އެކަލާނގެ يدقدرة ފުޅުގައި ވެރިކަންވާ ރަސްކަލާނގެ މަތިވެރިވެ ވޮޑިގެންފި އެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެ އެވެ."

ޙައްޤުވެގެންވާ އިލާހަކީ އެކަލާނގެ ކަން ޤަބޫލު ކުރުމާއި، ހަމައެކަނި އެކަލާނގެއަށް އަޅުކަން ކުރުމެވެ. ހުރިހާ ފުރިހަމަ ސިފަފުޅުތަކެއް އެކަލާނގެ އަށް ލިބިވޮޑިގެންވާކަމާއި، އުނިސިފަތަކުން އެކަލާނގެ ހުސްދުރުވެވޮޑިގެންވާކަމާއި، ކާއިނާތުގައިވާ ތަކެތީ މައްޗަށް އެކަލާނގެ އެއްކައުވަންތަ ވެވޮޑިގެންވާ ކަމަށް އީމާންވުމެވެ. މިކަން އެނގިގެންދަނީ އެކަލާނގެ ޒާތުފުޅަށް ޘާބިތު ކުރައްވާފައިވާ ކަންކަމާއި، ނަބިއްޔާ އެއްވެސް އުނި އިތުރު ކުރެއްއްވުމެއްނެތި އަންގަވައި ބަޔާން ކޮށްދެއްވާފައިވާ ކަންކަމުންނެވެ. އީމާންކަން ނަފީކުރާ ކަންކަމުގެ ތެރޭގައި އެކަލާނގެ އިސްމުފުޅެއް ނުވަތަ ސިފަފުޅުތަކުގެ ތެރެއިން ސިފަފުޅެއް އެކަލާނގެއަށް މިލްކުވެގެން ނުވާކަމަށް ބުނުމާއި، ސިފަފުޅެއް ނުވަތަ އިސްމުފުޅެއްގެ މާނަބަދަލު ކޮށްލުމާއި، އެކަލާނގެ ސިފަފުޅުތައް މަޚްލޫޤުންގެ ސިފަތަކާއި އެއްގޮތް ކުރުމެވެ.

ނުވަތަ އޭގެ އިދިކޮޅު ސިފަތައް އެކަލާނގެއަށް ނިސްބަތް ކުރުމެވެ. އެކަލާނގެ އަމިއްލަ ޒާތުފުޅު ސިފަ ނުކުރައްވާ ސިފަޔަކުން ސިފަކުރުމެވެ. ވަކިގޮތަކަށް އެކަލާނގެ ސިފަފުޅުތައް މާނަކުރުން ވެސް މީގެ ތެރޭގައި ހިމެނެ އެވެ. އެކަލާނގެ ޒާތަށް ހުތުރު ބަސްތައް ބުނުމާއި، ޞަރީހަ ބަހުން ނުވަތަ ސިއްރުންވެސް މަލާމާތް ކުރުމެވެ. އެކަލާނގެއަށް ފުރައްސާރަކުރުމާއި މަލާމާތް ކުރުން ނަޙީ ކުރައްވައި ވަޙީ ކުރައްވާ ބަސްފުޅެއްގެ މާނާގައިވެ އެވެ.

"ހަމަކަވަރުން، ކަލޭގެފާނު، އެއުރެންނާ سؤال ކުރައްވައިފި ނަމަ، އެއުރެން ދަންނަވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، ތިމަންމެން ހަމައެކަނި ވާހަކަދައްކާލައި، ކުޅިވަރު ކުޅޭކަމުގައި ވީމު އެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތިޔަ މަލާމާތްކޮށް އުޅުނީ، اللَّه އާއި، އެކަލާނގެ آية ތަކާއި، އެކަލާނގެ رسول އާއަށް ހެއްޔެވެ؟ ތިޔަބައިމީހުން عذر ނުދައްކާށެވެ! ތިޔަބައިމީހުން إيمان ވުމަށް ފަހު، ތިޔަބައިމީހުން ތިޔަތިބީ كافر ވެފައިކަން ކަށަވަރެވެ."

އިސްލާމީ މަރުކަޒުގައި މީހަކު ގުރުއާން ކިިޔަވަނީ. --ފޮޮޓޯ: ހުސެއިން ވަހީދު/ އަދަދު


އީމާންކަން ހަރުދަނާ ކުރުމަށްޓަކައި، އެކަލާނގެ ފިޔަވައި އެހެން ފަރާތަކުން ގެއްލުމާއި ފައިދާ އަށް އެދުމުން ދުރުހެލިވާން ޖެހެ އެވެ. މިސާލަކަށް ޞާލިޙު މީހަކު މަރުވުމުން އޭނާގެ ކިބައިން ކަންކަމަށް އެދުމެވެ. މިކަމަށް އިޝަރާތް ކުރައްވައި ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ.

"އަދި އެއުރެން ބުނޫ އެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ إله ންތައް ތިޔަބައިމީހުން ދޫނުކުރާހުށިކަމެވެ! އަދި ހަމަކަށަވަރުން، ތިޔަބައިމީހުން وَدّ އާއި، سُواع އާއި، يَغوث އާއި، يَعوق އާއި، نَسر އާއި (މިހުރިހާ ބުދުތައް) ދޫކޮށްނުލާހުށިކަމެވެ!" މީގެ އިތުރުން މާތް الله ފިޔަވައި އެހެން ފަރާތްތަކަކީ މާމަތިވެރި ފަރާތްތަކެއް ކަމުގައި ދުށުމެވެ. މާތް الله ފިޔަވައި ޒަބަޙަކުރުމާއި، ނަދުރުބުނުމާއި، އެހެން ފަރާތަކަށް ސަޖިދަކުރުމާއި، އެކަލާނގެ ފިޔަވައި އެހެން ފަރާތަކުން ރައްކާތެރިކަމަށް އެދުމެވެ. ރައްކާތެރިކަމަށް އެދުމުގެ މާނައަކީ، ބަލާޔާއި މުޞީބާތް ފިއްލެވުމަށް އެހެން ފާރަތަކުން އެދުމެވެ.

އީމާންކަން ހަރުދަނާ ކުރުމަށްޓަކައި، މަލާއިކަތުންނަށް އީމާން ވާން ޖެހެއެވެ. މަލާއިކަތުންނަކީ މާތް الله ނޫރުން ހައްދަވާފައިވާ ބައެކެވެ. އެބޭކަލުންނަށް އެތައް ބާރުތަކެއް ދެއްވާފައިވެ އެވެ. އަދި ކަންކަން ތަންފީޒު ކުރުމުގެ ބާރު ވެސް ދެއްވާފައިވެ އެވެ. އެބޭކަލުންގެ ޖިސްމުތަކާއި ބެހޭގޮތުން ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެ އެވެ.

"حمد ހުރީ اللَّه އަށެވެ. އެކަލާނގެއީ، އިސްވެދިޔަ مثال އަކާ ނުލައި އުޑުތަކާއި، ބިން އުފެއްދެވި ރަސްކަލާނގެ އެވެ. ދޭކުން، ތިނަކުން، ހަތަރަކުން ފިޔަފުޅުތަކެއް ލިބިވަޑައިގެންފައިވާ ملائكة ން އެއީ (އެކިއެކި ކަންކަމާއިގެން) ފޮނުއްވާ ބަޔަކުކަމުގައި ލެއްވި ރަސްކަލާނގެ އެވެ. ހެއްދެވުމުގައި އެކަލާނގެ އިރާދަކުރައްވާ ގޮތަކަށް އިތުރު ކުރައްވަތެވެ. ހަމަކަށަވަރުން اللَّه އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެ އެވެ."

މީގެ އިތުރުން މަލާއިކަތުންގެ ނަންފުޅުތަކުގެ ތެރެއިން އުނގަންނަވައިދެއްވި ނަންފުޅުތަކާއި އުގަންނަވައި ދެއްވާ ފައިނުވާ ނަންފުޅުތަކަށް އިޖުމާލީ ގޮތެއްގައި އީމާންވުމާއި، އުނގަންނަވައިދެއްވި ސިފަފުޅުތަކަށް ތަފްޞީލީ ގޮތެއްގައި އީމާންވުމެވެ. މަލާއިކަތުންގެ މަސައްކަތްޕުޅުތަކާއި ބެހޭގޮތުން އުގަންނަވައި ދެއްވާފައިވާކަތައްތަކަށް އީމާން ވުމެވެ. މާތް اللَّه ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެ އެވެ.

"رسول އާއަށް، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ބާވައިލެއްވި އެއްޗަކަށް (އެބަހީ: ކީރިތި قرآن އަށް) رسول އާއާއި مؤمن ން إيمان ވިއެވެ. އެ އެންމެންމެ اللَّه އާއި، އެކަލާނގެ ملائكة ންނާއި، އެކަލާނގެ (ބާވައިލެއްވި) ފޮތްތަކާއި، އެކަލާނގެ ފޮނުއްވި رسول ންނަށް إيمان ވި އެވެ. (އެއުރެން ބުނެތެވެ.) ތިމަންމެން، އެކަލާނގެ رسول ންގެ ތެރެއިން އެކަކާމެދު ވެސް ތަފާތެއް ނުކުރަމުއެވެ."

އީމާންކަން ހަރުދަނާ ކުރުމަށްޓަކައި މާތް ބާވައިލެއްވި ފޮތްތަކަށް އީމާން ވާން ޖެހެ އެވެ. ފޮތޭ ބުނެވޭ ބަހުގެ މާނައަކީ މާތް الله އެކަލާނގެ ރަސޫލުންނަށް ބާވައިލެއްވި ފޮތްތަކެވެ. ރަޙްމަތެއްގެ ގޮތުގައެވެ. އެއީ ހިދާޔަތައި ޙައްޤާއި ބާޠިލް ވަކިކޮށް، ދުނިޔެ އާއި އާޚިރަތުގެ ބާއްޖަވެރިކަން ހޯދައި ދެއްވުމަށްޓަކަ އެވެ. ޖުމްލަ ގޮތެއްގައި ޒިކުރު ކުރައްވާފައިވާ ފޮތްތަކަށް އީމާންވާން ޖެހޭނީ ޖުމްލަކޮށެވެ. ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ.

"މީސްތަކުން އެއް أمّة އެއްގެ ބަޔަކު ކަމުގައިވި އެވެ. ދެންފަހެ، اللَّه، އުފާވެރިކަމުގެ خبر ދޭ ބަޔެއްގެ ގޮތުގައްޔާއި އަދި إنذار ކުރަނިވި ބަޔެއްގެ ގޮތުގައި ނަބީބޭކަލުން ފޮނުއްވި އެވެ. އަދި މީސްތަކުން އެއުރެންގެ މެދުގައި خلاف ވި ކަންތައްތަކުގައި حكم ކުޅައުމަށް، އެބޭކަލުންނާ އެކުގައި حق ގޮތުގައި ފޮތް ބާވައިލެއްވި އެވެ."

ކީރިތި ޤުރްއާނުގެ އިތުރުން، ނަންތަކާއި އެކު ކީރިތި ޤުރްއާނުގައި ތަފްޞީލުކޮށް ގެންނަވާފައިވާ ފޮތްތަކަށް އީމާން ވާން ޖެހެ އެވެ. ފޮތްތަކާއި ބެހޭ ގޮތުން ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެ އެވެ.

"އަދި އެބޭކަލުންނާ ވިދިގެން ފަހަތުން مريم ގެފާނުންގެ ދަރިކަލުން عيسى ގެފާނު ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. އެކަލޭގެފާނުންގެ ކުރިން (ބާވައިލައްވާފައިވާ) توراة ގައިވާ ކަންތައް ތެދުކުރައްވަނިވި ބޭކަލެއްގެ ގޮތުގަ އެވެ. އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް إنجيل ދެއްވީމެވެ."

ފޮތްތަކަށް އީމާންވުމަކީ، ކީރިތި ޤުރްއާނާއި ސުންނަތުގެ ޒަރިއްޔާއިން އެފޮތްކުގައިވާ ޞައްޙާ ޚަބަރުތަކަށް އީމާންވުމެވެ. އަދި އެފޮތްތަކުގައިވާ ޙުކުމްތަކުގެ ތެރެއިން މަންސޫޚު ނުކުރައްވާ ޙުމްތަކަށް ޢަމަލު ކުރުމެވެ. މާތް اللَّه ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެ އެވެ.

"رسول އާއަށް، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ބާވައިލެއްވި އެއްޗަކަށް (އެބަހީ: ކީރިތި قرآن އަށް) رسول އާއާއި مؤمن ން إيمان ވިއެވެ. އެ އެންމެންމެ اللَّه އާއި، އެކަލާނގެ ملائكة ންނާއި، އެކަލާނގެ (ބާވައިލެއްވި) ފޮތްތަކާއި، އެކަލާނގެ ފޮނުއްވި رسول ންނަށް إيمان ވިއެވެ. (އެއުރެން ބުނެތެވެ.) ތިމަންމެން، އެކަލާނގެ رسول ންގެ ތެރެއިން އެކަކާމެދުވެސް ތަފާތެއް ނުކުރަމު އެވެ."

އީމާންކަން ހަރުދަނާ ކުރުމަށްޓަކައި މާތް الله ނަބީބޭކަލުންނާއި ރަސޫލު ބޭކަލުން ފޮނުއްވިކަމަށް އީމާން ވާން ޖެހެ އެވެ. ނަބީބޭކަލުންނާއި ރަސޫލު ބޭކަލުންގެ ޖުމްލަ ޢަދަދު ކަނޑައެޅިގެން ބަޔާން ކުރައްވާފައެއް ނުވެ އެވެ. ނަމަވެސް ކޮންމެ އުންމަތަކަށް ވެސް މާތް الله އެއުންމަތަކަށް އިންޒާރު ކުރައްވާނެ ބޭކަލަކު ފޮނުއްވި އެވެ. ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެ އެވެ.

"ހަމަކަށަވަރުން، ތިމަންރަސްކަލާނގެ حق ދީނާއިގެން ކަލޭގެފާނު ފޮނުއްވީ، އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި، ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގަ އެވެ. އަދި އެ أمّة އަކަށް إنذار ކުރައްވާ ބޭކަލަކު، އިސްވެގޮސްފައި ނުވާ އެއްވެސް أمّة އެއް ނުވެތެވެ."

ރަސޫލު ބޭކަލުންގެ ދަޢުވަތުގައި ހިމެނެނީ ދީނުގެ އުޞޫލުތަކެވެ. އެއީ ޢަޤީދާއާއި، ޢިބާދާތާއި، މުޢާމަލާތާއި، ތައުޙީދާއި، ފަރުޟު ފަސް ނަމާދާއި، ހެޔޮކަންތައް ކުރުމާއި، ނުބައިކަންތައް ކުރުމެވެ. ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެ އެވެ.

"ތިޔަބައިމީހުންނަށްޓަކައި، އެކަލާނގެ شرع ކުރެއްވި دين އަކީ، އެކަލާނގެ نوح ގެފާނަށް وصية ކުރެއްވި دين އެވެ. އަދި ތިމަންރަސްކަލާނގެ ކަލޭގެފާނަށް وحى ކުރެއްވި دين އެވެ. އަދި إبراهيم ގެފާނަށާއި، موسى ގެފާނަށާއި، عيسى ގެފާނަށް وصية ކުރެއްވި دين އެވެ. (އެ وصية އަކީ) ތިޔަބައިމީހުން دين قائم ކުރާށެވެ! އަދި އޭގައި ތިޔަބައިމީހުން ބައިބައިނުވާހުށިކަމެވެ! ތިޔަބައިމީހުން އެކަމަކަށް ތިޔަގޮވައިލާ ކަންތައް، مشرك ންގެ މައްޗަށް ބޮޑުކަމަކަށްވިއެވެ. اللَّه، އެކަލާނގެ އިރާދަކުރައްވާ އަޅަކު خيار ކުރައްވަތެވެ. އަދި އެކަލާނގެއަށް توبة ވެ، رجوع ވާމީހާއަށް ތެދުމަގު ދައްކަވަތެވެ."

އީމާންކަން ހަރުދަނާ ކުރުމަށްޓަކައި ޙިސާބު ބައްލަވައި ޖަޒާ ދެއްވުމަށްޓަކައި މީސްތަކުން އެއްކުރައްވާ ދުވަހަށް އީމާން ވާންޖެހެ އެވެ. ޙިސާބު ބައްލަވާނެކަމަށް އީމާންވުމާއި، ސުވަރުގެ އާއި ނަރަކައަށް އީމާންވުމާއި، ޤަބުރުގެ ފިތުނަ އާއި ޢަޒާބައި ނިޢުމަތްތަކަށް އީމާންވުން ހިމެނެ އެވެ. ކީރިތި ޤުރްއާނުގެ ވަރަށް ގިނަ އާޔަތްތަކުގައި މިޙަޤީޤަތް ވަނީ ބަޔާން ކުރައްވާފަ އެވެ. ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެ އެވެ.

"ކޮންމެ نفس އަކީވެސް، މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި، (ތިޔަބައިމީހުން ކުޅަ عمل ތަކަށް) ތިޔަބައިމީހުންނަށް ފުރިހަމަޔަށް ޖަޒާ ދެއްވާނެކަން ކަށަވަރީ، قيامة ދުވަހުންނެވެ. ފަހެ، ނަރަކައިން އެއްކިބާކުރައްވައި، ސުވަރުގެޔަށް ވެއްދެވި މީހާ (ދަންނާށެވެ!) ފަހެ، އެމީހަކު نصيب ލިބިގެންފިކަން ކަށަވަރެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެއްޗެއްކަމުގައި މެނުވީ، ދުނިޔޭގެ ދިރިއުޅުން ނުވެ އެވެ."

އިސްލާމީ މަރުކަޒުގައި ހުކުުރުކުުރަނީ. --ފޮޮޓޯ: ހުސެއިން ވަހީދު/ އަދަދު


މީގެ އިތުރުން ޤަޟާޤަދަރަށް އީމާން ހަރުދަނާ ވުމުގެ ވަރަށް މުހިންމު އަސާސެކެވެ. ޤަޟާ ޤަދަރުގެ މާނައަކީ މިންވަރު ނުވަތަ ތަދުބީރު ނުވަތަ ކަނޑައަޅުއްވާފައިވާ ގޮތެވެ. އިޞްޠިލާޙީ މާނައަކީ ޢަޒަލުގައި މާތް الله ކަނޑައަޅުއްވާފައިވާ ގޮތެވެ. ފެންނަ ތަކެއްޗާއި ނުފެންނަ ތަކެތީގައި ވެސް މާތް اللهގެ ކުޅަދުންވަންތަކަމާއި ޢިލްމުވެރިކަން ޝާމިލުވެ އެވެ. ވަންހަނާ ވެފައިވާ ކަންތައްތަކާއި އަޅާގެ ހިތުގައި ހިނގާ ވަސްވާސްތައް ވެސް އެކަލާނގެ ދެނެވޮޑިގެންވެ އެވެ. އަދި ވެގޮސްފައިވާ ކަންތައްތަކާއި ވަމުންދާ ކަންތައްތަކާއި ވާނޭކަންތައްތައްވެސް އެކަލާނގެ ދެނެވޮޑިގެންވެ އެވެ. މާތް اللهގެ ޢިލްމުފުޅާއި ލައިގެން މެނުވީ އެއްވެސް ކަމެއް ނުހިނގައެވެ. މާތް الله ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެ އެވެ.

"އަދި غيبގެ ތަޅުދަނޑިތައްވަނީ، އެކަލާނގެ حضرة ގަ އެވެ. އެކަލާނގެ މެނުވީ، އެކަންތައްތައް ދެނެވޮޑިގެންނުވެތެވެ. އެއްގަމާއި، ކަނޑުގައިވާ ކަންތައްތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އެކަލާނގެ ދެނެވޮޑިގެން މެނުވީ ގަހެއްގެ ފަތެއް ވެސް ނުވެއްޓެ އެވެ. އަދި ބިމުގެ އަނދިރިކަމުގެ ތެރޭގައިވާ އޮށްޓަރެއްވިޔަސް، އަދި ރޯއެއްޗެއް ވިޔަސް، ހިކިއެއްޗެއް ވިޔަސް، ބަޔާންވެގެންވާ ފޮތެއްގައި (ލިޔުއްވާފައި) މެނުވީ ނުވެތެވެ."

މިންވަރަށް އީމާންވާ މީހަކު އޭނާގެ ޙަޔާތް ހޭދަކުރަމުންދާނީ ހިތްހަމަޖެހުމާއި އެކުގަ އެވެ. ފިތުނައިގެ ސަބަބުން އެފަދަ މީހަކު ގުޑުގުޑުއަޅައިގެން ނުދާނެ އެވެ. ދަތި އުނދަގޫކަމެއް ދިމާވުމުން އެފަދަ މީހަކު ބަލިކަށިވެގެން ނުދާނެ އެވެ.

މާތް الله މިކައުނުގައި ލައްވާފައިވާ ހުރިހާކަމެއް ލައްވާފައިވަނީ އަޅުތަކުންގެ މަޞްލަޙަތަށްޓަކަ އެވެ. އެކަން މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެ އެވެ. އެކަލާނގެ ހައްދަވާފައިވާ ތަކެއްޗާއި އެތަކެއްޗަށް މިންވަރު ކުރައްވާފައިވާ ގޮތް ދެނެވޮޑިގެންވަނީ ހަމަ އެކަލާނގެ އެވެ. އެކަލާނގެއީ ހުރިހާ އުނިސިފަތަކަކުން ހުސްދުރުވެ ވޮޑިގެންވާ ރަސްކަލާނގެ އެވެ.