Advertisement

ކޮވިޑް-19 ޖެހޭ މީހުން އެނދުމަތި ކުރާ އަދަދު ވަރަށް ބޮޑަށް އިތުރުވަނީ

26 އޭޕްރީލް 2021 - 16:52 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ދަރުމަވަންތަ ހޮސްޕިޓަލުން ބޭރުން ނަގާފައިވާ ފޮޓޯއެއް: މިހާރު ވެސް ކޮވިޑު ޖެހިފައިވާ 123 މީހަކު އެނދުމަތިކޮށްގެން އެބަ ފަރުވާ ދޭ -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު


ކޮވިޑް-19 ޖެހޭ މީހުން އެނދުމަތި ކުރާ އަދަދު ވަރަށް ބޮޑަށް އިތުރުވަނީ

26 އޭޕްރީލް 2021 - 16:52 0

ކޮވިޑް-19 ޖެހިގެން އެނދުމަތިކޮށް ހޮސްޕިޓަލުގައި ފަރުވާދޭންޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ހިސާބުތަކުން ދައްކައިފި އެވެ.

އެޗްޕީއޭ އިން އިއްޔެ އާންމު ކުރި ހިސާބުތަކަށް ބަލާއިރު ކޮވިޑް-19 ޖެހިފައިވާ 123 މީހަކަށް މިވަގުތު ވެސް ފަރުވާ ދެނީ އެނދުމަތިކޮށްގެނެވެ. މީގެ 10 ދުވަހުގެ ކުރީގެ ހިސާބުތަކަށް ބަލާއިރު މި މަހުގެ 16 ވަނަ ދުވަހު އެނދުމަތިކޮށްގެން ފަރުވާ ދީފައި ވަނީ 53 މީހަކަށެވެ.

އެހެންކަމުން އެންމެ 10 ދުވަހުގެ ތެރޭގައި، ކޮވިޑްޖެހޭ މީހުންގެ ތެރެއިން އެނދުމަތިކޮށްގެން ފަރުވާ ދޭންޖެހޭ މީހުން 123 އިންސައްތަ އިތުރުވީ އެވެ. މިދިޔަ 10 ދުވަހުގެ ހިސާބުތަކަށް ބަލާއިރު އެނދުމަތިކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު ދިޔައީ ކޮންމެ ދުވަހަކު ވެސް އިތުރުވަމުންނެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓުގެ ތަސްލީމާ އުސްމާން ވިދާޅުވީ ބަލިޖެހޭ މީހުންގެ އަދަދު އިތުރުވާ މިންވަރަކުން އެނދުމަތި ކުރަންޖެހޭ މީހުން ވެސް އިތުރުވާނެ ކަމަށާއި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ބަލީގެ ސަބަބުން ބޮޑުވަރުވުން މަދު ކުރެވޭނެ ކަމަށެވެ.

"އެޑްމިޓް ކުރަންޖެހޭވަރު އިތުރުވުމުގެ އެއް ސަބަބު އެއީ އިނީޝަލް ސިމްޓަމްސް ފެންނަން ފެށުމުން ފަރުވާ ނުހޯދުން. އެކަމަކު ކުރިން ފަރުވާ ހޯދާ ނަމަ ބަލީގަ ބޮޑުވަރުވާ މީހުން މަދުވާނެ،" އޭނާ ވިދާޅުވި އެވެ.

މާލޭ ސަރަހައްދުގައި 254 މީހުން އެނދުމަތިކޮށް ފަރުވާ ދިނުމުގެ ގާބިލްކަން އެ އެޖެންސީއަށް ލިބިފައިވާކަން ފާހަގަ ކުރައްވަމުން ތަސްލީމާ ވިދާޅުވީ ބަލިޖެހި ބޮޑުވަރުވާ މީހުން އިތުރުވަމުންދިޔަ ނަމަވެސް އެނދުތައް ފުރުމުގެ ބިރެއް އަދި ނެތް ކަމަށެވެ.

ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން އެނދުމަތިކުރާ މީހުންގެ އަދަދު ގިނަވެފައި މި ވަނީ ބަލިޖެހޭ މީހުން ރެކޯޑު މިންވަރަކަށް އިތުރުވެފައި ވަނިކޮށެވެ. އިއްޔެ އެކަނި ވެސް 253 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ކުރިން މިދިޔަ ހުކުރު ދުވަހު 319 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.

މިހާރު އެންމެ ގިނައިން ދުނިޔޭގައި ކޮވިޑް-19 ފެތުރެނީ އިންޑިއާގަ އެވެ. އެކަމަކު އާބާދީގެ އިންސައްތައަށް ބަލާއިރު ކޮވިޑް-19 ޖެހޭ މިންވަރު އިންޑިއާއަށް ވުރެ ވެސް ރާއްޖޭގައި ގިނަ އެވެ.

އިންޑިއާއިން މިދިޔަ ހޮނިހިރު ދުވަހު ދުނިޔޭގެ ވެސް ރިކޯޑު މިންވަރަކަށް، 346,786 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އެހެންކަމުން 346,786 މީހުން ޕޮޒިޓިވްވުމުގެ މާނައަކީ 1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާގެ 0.025 ޕަސެންޓު މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވުމެވެ.

ރާއްޖޭގައި މިދިޔަ ހުކުރު ދުވަހު 319 މީހުން ޕޮޒިޓިވްވިއިރު އެއީ ގާތްގަނޑަކަށް 530,953 މީހުންގެ އާބާދީ އޮންނަ މި ގައުމުގެ 0.060 މީހުންނެވެ.

ދިވެހިރާއްޖޭގައި މިހާރު ޖުމްލަ 27,874 މީހުންނަށް ކޮވިޑް-19 ޖެހިފައިވެ އެވެ. އެއީ އާބާދީގެ ފަސް ޕަސެންޓު މީހުންނެވެ. ބަލިޖެހިގެން 71 މީހަކު މިހާތަނަށް ވަނީ މަރުވެފަ އެވެ. އަދި 3494 މީހުން ބައްޔާއެކު އެބަ އުޅެމުންދެ އެވެ.

ރާއްޖޭގައި މިހާތަނަށް 291،227 މީހުންގެ ގަޔަށް ކޮވިޑް-19 ވެކްސިން ޖަހައިފި އެވެ. އޭގެ ތެރެއިން 76،923 މީހުން ވަނީ ވެކްސިނުގެ ދެ ޑޯޒު ފުރިހަމަކޮށްފަ އެވެ.