Advertisement

ލަމްޕާޑް ޗެލްސީއާ ހަވާލުވީ މާ އަވަހަށް: ޖޯޖީނިއޯ

24 އޭޕްރީލް 2021 - 10:10 0

ޗެލްސީގެ މެޗެއްގެ ތެރެއިން ލަމްޕާޑް (ކ) އާއި ޖޯޖީނިއޯ.-- ފޮޓޯ: އޭއެފްޕީ


ލަމްޕާޑް ޗެލްސީއާ ހަވާލުވީ މާ އަވަހަށް: ޖޯޖީނިއޯ

24 އޭޕްރީލް 2021 - 10:10 0

ލަންޑަން (އޭޕްރީލް 24) - މިދިޔަ ޖެނުއަރީ މަހު ޗެލްސީގެ ކޯޗުކަމުން ވަކިކުރި ފްރޭންކް ލަމްޕާޑް އެ ޓީމާ ހަވާލުވީ މާ އަވަހަށް ކަމަށް ޗެލްސީ އަށް ކުޅޭ އިޓަލީގެ މިޑްފީލްޑަރު ޖޯޖީނިއޯ ބުނެފި އެވެ.

ޗެލްސީ ކޯޗުގެ މަގާމު އެ ކްލަބްގެ ލެޖެންޑް ލަމްޕާޑަށް އަދާކުރެވުނީ 18 މަސް ދުވަހު އެވެ. އޭނާ ވަކިކުރީ މި އަހަރުގެ ޖެނުއަރީ މަހުގަ އެވެ. ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ލަމްޕާޑް ޗެލްސީގެ ކޯޗުކަމާ ހަވާލުވީ 2019 ވަނަ އަހަރުގެ ޖުލައި މަހުގަ އެވެ. ލަމްޕާޑަކީ 2003 ވަނަ އަހަރު އަބްރަމޮވިޗް ޗެލްސީ ގަތް ފަހުން އެ ޓީމުން ވަކިކުރި 12 ވަނަ ކޯޗެވެ.

އީއެސްޕީއެން އަށް ޖޯޖީނިއޯ ދިން އިންޓަވިއުއެއްގައި ބުނީ ފެންނަން އޮތް ހަގީގަތަކީ ލަމްޕާޑަށް ޗެލްސީގެ ޒިންމާ މާ ބޮޑުވުމުގެ އުނދަގޫތަކެއް ކުރިމަތިވިކަން ކަމަށެވެ.

ޗެލްސީގެ މިޑްފީލްޑަރު ޖޯޖީނިއޯ: ލަމްޕާޑް ޗެލްސީއާ ހަވާލުވި ވަގުތު އެންމެ ރަނގަޅު ނޫން ކަމަށް ބުނެފައިވޭ.


"އަހަރެން ލަމްޕާޑާ ބެހޭގޮތުން ވަރަށް ތެދުވެރިކޮށް ވާހަކަ ދައްކާނީ. އަހަރެން ގަބޫލުކުރަން އޭނަ އަކީ މި ކްލަބްގެ ލެޖެންޑެއް. އަހަރެންގެ ނަޒަރުގައި ލަމްޕާޑް ވަރަށް މުހިއްމު ކަންތައްތަކެއް ފުރިހަމަނުކޮށް ޗެލްސީގެ ކޯޗުކަން ކަހަލަ ވަޒީފާ އަކަށް ކުރިމަތިލީ،" ޖޯޖީނިއޯ ބުންޏެވެ.

އުމުރުން 42 އަހަރުގެ ލަމްޕާޑް ކޯޗިން ކެރިއަރު ފެށީ 2018 ވަނަ އަހަރު ޑާބީ ކައުންޓީންނެވެ. ދެން ހަވާލުވީ ޗެލްސީއާ އެވެ. ޖޯޖީނިއޯ ބުނީ ރަނގަޅު ކޯޗިން ތަޖުރިބާތަކެއް އެެހެން ޓީމުތަކެއްގައި ކޮށްފައި އައި ނަމަ ލަމްޕާޑަށް ޗެލްސީގައި ފަސޭހަވާނެ ކަމަށެެވެ.

"އޭނަ އައިސް ހަވާލުވީ އޭނަ ލެޖެންޑަކަށް ހުރި ކްލަބަކާ. މާ ބޮޑު ތަޖުރިބާއެއް ލިބިފައި ނެތް ޓީމު މެނޭޖްކުރުމުގެ. މި ލެވަލްގެ ޓީމަކާ ހަވާލުވާން އޭނާ ނިންމީ މާ އަވަހަށް،" ޖޯޖީނިއޯ ބުންޏެވެ.

އިޓަލީ ގައުމީ ޓީމަށް ވެސް ކުޅޭ ޖޯޖީނިއޯ 2018 ވަނަ އަހަރު ޗެލްސީ އަށް ސޮއިކުރީ މައުރީސިއޯ ސާރީގެ ކޯޗުކަމުގަ އެވެ. ސާރީގެ ޕްލޭނުގައި މުހިއްމު ދައުރެއް އަދާކުރި ޖޯޖީނިއޯ އަށް ލަމްޕާޑް އެ ޓީމުގެ ކޯޗަކަށް ހުރިއިރު، ޓީމުގެ ފުރަތަމަ އެގާރައިން ގިނަ މެޗުތަކަކުން ޖާގަ ގެއްލުނެވެ. އެކަމަކު ޖެނުއަރީ މަހު ފަހުކޮޅު ޗެލްސީގެ ކޯޗަކަށް ގެނައި ތޯމަސް ޓުޗެލް އަންނަނީ ޖޯޖީނިއޯ އަށް ގިނަ މެޗުތަކެއްގައި ފުރުސަތު ދެމުންނެެވެ.