Advertisement

ޒުވާނުން ތަރުބިޔަތު ކުރުމުގައި އިސްލާމްދީނުގެ މަންހަޖު

23 އޭޕްރީލް 2021 - 10:00 1

ޑރ. މޫސާ އަންވަރު ހަސަން

ޑރ. މޫސާ އަންވަރު ހަސަން

އިސްލާމީ މަރުކަޒުގައި ހުކުރު ހުތުބާ އަޑުއަހަނީ. --ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


ޒުވާނުން ތަރުބިޔަތު ކުރުމުގައި އިސްލާމްދީނުގެ މަންހަޖު

23 އޭޕްރީލް 2021 - 10:00 1

އިސްލާމްދީނަކީ ފުރިހަމަ ޝާމިލު ދީނެވެ. އާލަމްތަކުގެ ވެރި ރަސްކަލާނގެ ރުހިވޮޑިގެންވާ ދީނެވެ. މިދީނަކީ އިންސާނުންގެ ދިރުއުޅުމުގެ ހަޔާތުގެ މަންހަޖެވެ.

"ތިމަންރަސްކަލާނގެ نعمة، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި إسلام دين ތިޔަބައިމީހުންނަށް دين އެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ. ހަމަކަށަވަރުން، اللَّه ގެ حضرة ގައި، دين އަކީ، إسلام دين އެވެ. دين އެއްގެ ގޮތުގައި إسلام دين ނޫން دين އެއް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން (އެކަން) قبول އެއް ނުކުރައްވާ ހުށްޓެވެ. އަދި، آخرة ގައި އޭނާ ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ."

ކީރިތި ޤުރްއާން ބާވައިލެއްވީ މީސްތަކުން އެ ފޮތުން ތެދުމަގު ލިބިގަތުމަށްޓަކަ އެވެ. ކުރާ ހުރިހާ ކަމެއްގައި އެ ފޮތުގެ ނާރެހަށް ތަބާވުމަށެވެ.

"މާތް اللَّه އެކަލާނގެ ނަބިޔާ ލައްވާފައިވަނީ ހުރިހާ ކަމެއްގައި މުއުމިނުންނަށް ނަމޫނާއެއް ކަމުގަ އެވެ. رسول އާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި، ފަހެ، ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން، ފަހެ، ތިޔަބައިމީހުން ދުރުވެގަންނާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، عقوبات ގަދަފަދަވެގެންވާ ރަސްކަލާނގެ އެވެ."

އިސްލާމްދީން ހުރިހާ ހެޔޮކަމަކަށް މަގުދައްކާ އަދި ހެޔޮކަންތައް ކުރުމަށް ބާރު އެޅި އެވެ. އަދި ހުރިހާ ވައްތަރެއްގެ ނުބައިކަމަކުން ރައްކަތެރިވެ، އަހްލާގީ ރިވެތި ސިފަތަކުގައި ހިފުމަށް ބާރު އެޅި އެވެ. އަދި ހުރިހާ ހުތުރު ސިފަތަކަކުން ދުރުހެލިވެ، ނުބައިކަންކަމުން ރައްކާތެރިވެގަންނަ މީހާކަށް ފަލާހާއި ކާމިޔާބު ހުރިކަން ބަޔާން ކުރެއްވި އެވެ. އަދި އެނޫން މީހުންނަކީ އުއްމީދު ގެއްލިފައިވާ އަބާއްޖަވެރިކަން އެންގެވި އެވެ.

"އެ نفس طاهر ކޮށްފިމީހާ، ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އަދި އެ نفس އަށް އުނިކަން ދީފިމީހާ، ނާކާމިޔާބުވެއްޖެކަން ކަށަވަރެވެ." މި ތަޒްކިޔާ އަކީ ކީރިތި ޤުރްއާނުގެ ގިނަ އާޔަތްތަކުގައި އިޝާރަތް ކުރައްވާފައިވާ ތަރުބިޔަތެވެ.

"ތިޔަބައިމީހުންގެ އަމިއްލަ نفس ތަކާއި، ތިޔަބައިމީހުންގެ أهل ވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލަ އެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ ملائكة ންވެއެވެ. اللَّه، އެބޭކަލުންނަށް ކުރައްވާ أمر އަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް أمر ކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ."

ޢަލީގެފާނު ވިދާޅުވެފައިވަނީ މީގެ މާނައަކީ އެމީހުން އަދަބުވެރި ކުރުވާށެވެ. އުނގަންނައި ދޭށެވެ. އިބުނު ޢައްބާސް ވިދާޅުވެފައިވަނީ އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރަން ދަސްކޮށްދޭށެވެ. އެކަލާނގެ ނަހީ ކުރައްވާފައިވާ ފާފަތަކުން ދުރުހެލިވާށެވެ. ތިޔަބައި މީހުންގެ އަހުލުވެރިންނަށް ޒިކުރު ކުރަން އަމުރު ކުރާށެވެ. އެކަމުގެ ސަބަބުން އެކަލާނގެ ތިޔަބައި މީހުން ނަރަކައި މިންޖުކޮށް ދެއްވާނެ އެވެ. މުޖާހިދު ވިދާޅުވެފައިވަނީ މާތް اللَّه އަށް ތަގްވާވެރި ވާށެވެ. އަދި ތިޔަބައި މީހުންގެ އަހުލުވެރިންނަށް ތަގްވާވެރިވުމަށް ވަސިއްޔަތް ކުރާށެވެ.

އިމާމު ޣަޒާލީ އިޙްޔާ ޢުލޫމުއްދީން ގައި ބަޔާން ކުރައްވާފައިވެ އެވެ.

"ކުޑަކުއްޖާ އަކީ މައިންބަފައިންގެ ބޮލުގައި އެޅިފައިވާ އަމާނަތެކެވެ. އެކުއްޖާގެ ހިތަކީ ސާފު ހިތެކެވެ. އެއްވެސް ވައްތަރެއްގެ ކޫރުމެއް އެހިތުގައި އެޅިފައި ނުވެ އެވެ. އެ ހިތުގައި ބޭނުން ކޮންމެ ވައްތަރެއްގެ ރޮނގެއް ދަމާލެވިދާނެ އެވެ. ހެޔޮކަމުގެ ރޮނގެއް ދަމާލެވިއްޖެނަމަ އެގޮތުގައި އެ ކުއްޖާ ހެދިބޮޑުވާނެ އެވެ. ދުނިޔެ އާއި އާހިރަތުގައި ބާއްޖަވެރިކަން ލިބޭނެ އެވެ. މައިން ބަފައިންނަށް އެކަމުގެ ދަރުމަ އާއި ސަވާބު ލިބޭނެއެވެ. ނުބައިކަމަށް އާދަކުރުވާ އިހުމާލު ވެއްޖެނަމަ، އެކުއްޖާގެ އަހުލުވެރިންނަށް އަބާއްޖަވެރިކަން ލިބިގެންދާނެ އެވެ. އެކަމުގެ ނުބައިކަން ލިބިގެންދާނީ އެ ކުއްޖާ އަށް އެކަމަށް މަގުފަހި ކުރުވި ބަޔަކަށެވެ."

އިސްލާމްދީނުގައި ޒުވާނުންގެ ތަރުބިޔަތަށް ވަރަށް ބޮޑު ސަމާލުކަމެއް ދިނެވެ. ޒުވާނުން ރައްކާތެރިކުރުމާއި، ފަސާދަ އާއި ނުބައިކަމުން ހިމާޔަތް ކުރުމަށް ބާރު އެޅިއެވެ. ހެޔޮލަފާ ސާލިހު ޒުވާނުންގެ މިސާލުތަކެއް ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތުގައި ބަޔާންކުރައްވައި، ދަރިން ތަރުބިޔަތު ކުރިމަކީ މަސްއޫލިއްޔަތެއް ކަމުގައި އަންގަވާފައިވެ އެވެ. މިގޮތުން ޔޫސުފުގެފާނާއި ހޮހަޅާގައި ތިބި ޒުވާނުންގެ ވާހަކައިގެ އިތުރުން، ލުޤުމާނުގެފާނު ދަރިކަލުންނަށް ދެއްވި ނަސީހަތުގެ ވާހަކަ ބަޔާން ކުރައްވާފައިވެ އެވެ.

އިމާމު އަޙްމަދު، އަބީ އުމާމަގެ އަރިހުން ރިވާ ކުރައްވާފައިވާ ހަދީސެއްގައި ވެ އެވެ. ޒުވާނަކު ކީރިތި ރަސޫލާގެ އަރިހަށް އައެވެ. އޭނާ އައިސް ކީރިތި ރަސޫލާ އާއި މުހާތަބުކޮށް ދެންނެވި އެވެ. އަޅުގަނޑަށް ޒިނޭ ކުރުމުގެ ހުއްދަ ދެއްވާށެވެ. ކީރިތި ރަސޫލާގެ އަރިހުގައި ތިބި މީހުން އެޒުވާނާ އާއި ދިމާޔަށް އެއްޗެތި ގޮވުމަށް އަންނަށް ފެށުމުން ކީރިތި ރަސޫލާ އެމީހުންނާއި މުހާތަބު ކުރައްވައި ހަދީސް ކުރެއްވި އެވެ. މަޑުޖެހޭށެވެ. މަޑުޖެހޭށެވެ. ދެން ހަދީސް ކުރެއްވި އެވެ. އެ ޒުވާނާ ތިމަން ކަލޭގެފާނުގެ ކައިރިއަށް ގެންނާށެވެ. އެ ޒުވާނާ ކީރިތި ރަސޫލާގެ ކައިރިއަށް އައުމުން ހަދީސް ކުރެއްވިއެވެ. ތިމަން ކަލޭގެފާނުގެ އަރިހުގައި އިށީންނާށެވެ. ހަދީސް ކުރެއްވި އެވެ. ތިބާގެ މަންމައަށް ތިބާ އެކަމަށް ލޯބި ކުރާނަން ހެއްޔެވެ؟

އެ ޒުވާނާ މާތް اللَّه ގަންދީ ދެންނެވި އެވެ. އޭ މާތް اللَّه ރަސޫލާ އެވެ. އަޅުގަނޑުގެ މަންމަ އާއި ބައްޕަ ކަލޭގެފާނަށް ފިދާ އެވެ. އަޅުގަނޑު އެކަމަށް ނުރުހޭނަމެވެ. ހަދީސް ކުރެއްވި އެވެ. އެހެން މީހުން އެމީހުންގެ މައިންނަކަށް އެފަދަކަމަކަށް ނުރުހޭނެ އެވެ. ދެން ހަދީސް ކުރެއްވި އެވެ. ތިބާ ދަރިޔަކަށް އެކަމަށް ލޯބި ކުރާނަމު ހެއްޔެވެ؟ އޭނާ ދެންނެވިއެވެ. މާތް اللَّه ގަންދީ ދަންނަވަމެވެ. އޭ މާތް اللَّه ރަސޫލާ އެވެ. އަޅުގަނޑުގެ މަންމަ އާއި ބައްޕަ ކަލޭގެފާނަށް ފިދާ އެވެ. އަޅުގަނޑު އެކަމަކަށް ނުރުހޭނަމެވެ. އަޅުގަނޑުގެ ދަރިޔަކަށް އެފަދަކަމަކަށް އަޅުގަނޑު ނުރުހޭނަމެވެ. ހަދީސް ކުރެއްވި އެވެ. ތިބާގެ އުޚުތަކަށް ތިބާގެ ބޮޑުދައިތައަށް އަކަށް ވެސް އެފަދަ ކަމަކަށް ނުރުހޭނެ އެވެ. މިސުވާލު ކުރެއްވުމަށް ފަހު އެ ޒުވާނާގެ މޭމަތީގައި ފިރުމާލައްވައި ހަދީސް ކުރެއްވި އެވެ. ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާނކޮ! އޭނާގެ ފާފަ ފުއްސަވައިދެއްވާނދޭވެ! އަދި އޭނާގެ ލަދުވެތި ގުނަވަން ރައްކާތެރިކޮށްދެއްވާނދޭވެ!"

ކީރިތި ރަސޫލާ އަބޫ ޛައްރަށް ނަސޭހަތް ދެއްވަމުން ހަދީސް ކުރެއްވި ބަސްފުޅެއްގެ މާނާގައިވެ އެވެ.

"ތިބާވީ ކޮންމެ ތަނެއްގައި މާތް اللَّه އަށް ތަގްވާވެރިވާށެވެ. ނުބައިކަމަކަށްފަހު ހެޔޮކަމެއް ކުރެވޭތޯ ބަލާށެވެ. އެކަމުން ތިބާއަށް ކުރެވުނު ފާފަ ފޮހެވިގެންދާނެ އެވެ. އަހްލާގީ ރިވެތި ސިފަތަކުން މީސްތަކުންނާއި މުއާމަލާތު ކުރާށެވެ.

ކުރިން މިއިޝާރަތް ކުރި ކީރިތި ރަސޫލާ ޒުވާނުން ތަރުބިޔަތު ކުރެއްވުމަށް ނަމޫނާއެއް ކަމުގައި ހިޔާރު ކުރެއްވި މަންހަޖެވެ. އިސްލާމީ ތަރުބިޔަތަކީ ވަޒަން ހަމަ ފުރިހަމަ ތަރުބިޔަތެކެވެ. ލަނޑުދަނޑިތައް ފުރިހަމަ ތަރުބިޔަތެކެވެ. އެތަރުބިޔަތަކީ ފަހެލިކަން އެކުލެވިފައިވާ ތަރުބިޔަތެކެވެ.