Advertisement

"އެންމެން ކައިގެން": ކާއެއްޗެހި އުކާނުލާ ހަދިޔާކޮށްލާ!

22 އޭޕްރީލް 2021 - 12:18 0

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް


"އެންމެން ކައިގެން": ކާއެއްޗެހި އުކާނުލާ ހަދިޔާކޮށްލާ!

22 އޭޕްރީލް 2021 - 12:18 0

"ރޯދަ ވީއްލާ ވަގުތަށް ހަދާ ކާއެއްޗެހި ގިނަވެއްޖެ ނަމަ އުކާލުމުގެ ބަދަލުގައި މިހާރު ހަދިޔާ ކޮށްލެވޭނެ،"

ޝައްމަ އަބްދުލް ގައްޔޫމް އާއި އިސްމާއިލް ޝިހާބު، އިއްޔެ ފެށި "އެންމެން ކައިގެން" މޫވްމެންޓަކީ މިވަގުތު ފޮލޯކުރަން އެންމެ ސަޅި އެއް ހަރަކާތެވެ. އެމީހުން ދެނީ، ރޯދަމަހު ހާރު ކާނެ ގޮތް ނެތިފައި ތިބި މީހުންނަށް ކާއެއްޗެހި ޑޮނޭޓް ކުރުމުގެ ފުރުސަތެވެ. ރޯދަ ވީއްލާ ވަގުތަށް ހަދާ ކާއެއްޗެހިން ބާކީވާ އެތިކޮޅަށް ވިޔަސް، ނުވަތަ ސަދަގާތެއްގެ ގޮތުން ބަޔަކަށް ކާއެއްޗެހި ހަދިޔާކުރުުން ކަމަށް ވިޔަސް މައްސަލައެއް ނެތެވެ.

"އަސްލު މި ހަރަކާތުގެ އެންމެ ބޮޑު ބޭނުމަކަށް ވީ ރޯދަ މަހު ކުރާ ކާއެއްޗެހީގެ އިސްރާފު ކުޑަކުރުން. އޭރުން ގޭގައި އެކްސެސް ވާ ކާއެއްޗެހި އުކާލަން ނުޖެހި، ކޮންމެވެސް ބަޔަކަށް އެއިން ބަނޑުހައިހޫނުކަން ފިލުވޭނެ،" ޝައްމަ ބުންޏެވެ.

މި ދެ ޒުވާނުންގެ ހަރަކާތަށް ކުރިން ހީވެސް ނުކުރާ ވަރުގެ ތަރުހީބެއް ދަނީ ލިބެމުންނެވެ. ރޭ އެކަނި ވެސް 100 އަށްވުރެ ގިނަ ފޫޑް ޕެކޭޖް ލިބި އެ ތަކެތި، ބޭނުންޖެހިފައި ތިބި މީހުންނަށް ޑެލިވަރީ ކުރި އެވެ.

ޑޮނޭޓް ކުރަން ހަދާނީ ކިހިނެއް؟

ކާ އެއްޗެހި ޑޮނޭޓް ކުރަން ބޭނުންވާ މީހުން، އެމީހުންގެ ކާއެއްޗެހި ރައްކާތެރި ގޮތަކަށް ޕެކު ކޮށްގެން ގެނެސް ހަދިޔާކޮށްލަންޖެހޭނީ މާލޭގައި ޝައްމަ މެން އެކަމަށް ހާއްސަކޮށްގެން، ހެންވޭރު މުނިއުފާ ޔޫތު ސެންޓަރުގައި ކޮންމެ ރެއަކު ބަހައްޓާ "ޑްރޮޕް އޮފް" ސްޓޭންޑަށެވެ.

1384906747056463886


ކޮންމެ ރެއަކު 9:30 އިން 12:00 އަށް ޑޮނޭޓް ކުރާ ކާއެއްޗެހި ބަލައިގަންނާނެ އެވެ.

"އެންމެން ކައިގެން" ހަރަކާތާ ގުޅޭ ހުރިހާ މައުލޫމާތެއް، ހަމަ މި ނަމުގައި ޓުވިޓާ، ފޭސްބުކް އަދި އިންސްޓަގްރާމުގައި ހިންގާ ޕޭޖުތަކުން ލިބޭނެ އެވެ.

އެންމެން ކައިގެން ހަރަކާތަށް ރޭ ލިބުނު ޕެކޭޖްތައް ޑެލިވަރީކުރަން ރެޑީ ކުރަނީ: ޑެލިވަރީތަކަށް ވޮލަންޓިއަރުން ބޭނުންވޭ


ކާ އެއްޗެހި ލިބޭނީ ކޮން ބަޔަކަށް؟

"މީގައި އެބަ ހިމެނޭ އެކި މީހުން. ބިދޭސީ މަސައްކަތު މީހުން ގިނައިން ހިމެނެނީ. ޝައްމަ މެން މީހުން ހޯދަން ކޯޑިނޭޓް ކުރަމުން މިދަނީ އެހީ އަށް ބޭނުންވާ މީހުންނާ ހަމައަށް ދެވޭނެ އެކި އެންޖީއޯ ތަކާއި މީހުން މެދުވެރިކޮށް،" ޝައްމަ ބުންޏެވެ.

އޭނާ ބުނީ، އަހަރެމެންނަށް ނޭނގުނަސް، ވަރަށް ހާލުގައި އުޅޭ މީހުން އެބަތިބި ކަމަށެވެ. އެހެންކަމުން ކިތަންމެ ކުޑަ މިންވަރެއް ނަމަވެސް އެ އެތިކޮޅު އުކާ ނުލައި ރައްކާތެރިކަމާއެކު ޑޮނޭޓްކުރުމަކީ މި ރޯދަ މަހު ކުރަން އެންމެ ރަނގަޅު އެއްކަންތަކަށް ވާނެ ކަމަށެވެ.

ކާއެއްޗެހި ޕެކް ކުރުމުގައި ސާފުތާހިރު ކަމަށް އިސްކަން ދިނުން!

ކާއެއްޗެހި ޕެކު ކޮށްގެން ގެންދާއިރު ވީހާ ވެސް ރައްކާތެރި ގޮތަކަށް ޕެކް ކޮށްގެން ގެންދަން ސަމާލުކަން ދޭން ވާނެ އެވެ. އެތެރެއަށް ވައި ނުވަންނަ ގޮތަށް ތައްޓެއްގައި ނުވަތަ ކާއެއްޗެހި ޕެކު ކުރާ ޕާރުސަލެއްގައި ނަމަވެސް ޕެކް ކުރުމަށްފަހު ޑްރޮޕް ސްޓޭންޑާ ހަވާލުކުރަން ވާނީ ސާފު ކޮތަޅެއްގަ އެވެ.

ފުރަތަމަ ރޭ ލިބުނު ބޮޑު ތަރުހީބާއެކު ޝައްމަ މެން ތިބީ އެމީހުންގެ ކުޑަ ކުޑަ ހަރަކާތުން ބޮޑު ބަދަލެއް ގެނެވިދާނެ ކަމުގެ އުންމީދުގަ އެވެ. މި ހަރަކާތާއެކު، މި ރޯދަ މަހު އެއްވެސް ބަޔަކު ބަނޑުހައިވެގެން ތިބެން ނުޖެހި "އެންމެން ކައިގެން" ރޯދަމަސް ނިންމާލެވިދާނެ އެވެ. އެހެންވީމާ ކާއެއްޗެހި އުކާނުލައި ޑޮނޭޓް ކުރަންވީ އެވެ.