22 އޭޕްރީލް 2021 - 11:06 12
ހަސަން މުހައްމަދު
މިހާރުގެ ރައީސް ސޯލިހު (ކ-3) އާއި ކުރީގެ ރައީސުން ކަމަށްވާ ރައީސް ވަހީދު (ކ)، ރައީސް ޔާމީން (ކ-2) އަދި ރައީސް ނަޝީދު. --އަދަދު އާޓްވޯކް: އަހުމަދު އިހުސާން (އަރަކަ އާޓްސް)
22 އޭޕްރީލް 2021 - 11:06 12
ފާތިމަތު ޝެހެނާޒުގެ ކޮއްކޮ، ނޫސްވެރިޔާ އަހުމަދު ރިލުވާން ދުނިޔޭގެ ހުރިކަމެއް ނުވަތަ މަރުވެފައިވާކަމެއް އޭނާއަކަށް ނޭނގެ އެވެ. އެކަމަކު ވަރަށް ގިނައިން ކޮއްކޮ "ފެނެ އެވެ." ދުރުގައި ހުރެގެން އޭނާ، ޝެހެނާޒަށް ގޮވާ ހަދަ އެވެ. އަވާމެންދުރެއް ފަދައިންނެވެ.
"ކޮބާހޭ ރިލްވާން؟ ކިހިނެއްހޭ ރިލްވާނަށް ހެދީ؟ އެ ސުވާލުތަކުގެ ޖަވާބެއް އަދިވެސް ނުލިބޭ އަޅުގަނޑުމެންނަކަށް. [މަރުތައް ތަހުގީގު ކުރާ] ކޮމިޝަނަކުން ވެސް އެ ސުވާލުތަކުގެ ޖަވާބު ހާމައެއްނުކޮށްދޭ މިހާތަނަށް. މިހާރު ހަތް އަހަރުވާން މި އަންނަނީ،" ޝެހެނާޒް ބުންޏެވެ.
ކޮއްކޮ އަށް އިންސާފު ލިބުމަށް އޮތް މަގަކީ، ޝެހެނާޒު ގަބޫލުކުރާ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ، ގެއްލުވާލާފައިވާ މީހުންނާއި މަރުތައް ތަހުގީގު ކުރުމުގެ ކޮމިޝަނެވެ.
އެކަމަކު މިހާތަނަށް ވެސް މަރު ކޮމިޝަނުގެ މަގްސަދު ހާސިލެއް ނުވެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމާ، ރައީސް ސޯލިހު ހަވާލުވެވަޑައިގެންނެވި ދުވަހު، ނޮވެމްބަރު 17، 2018، ގައި އުފެއްދެވި އެ ކޮމިޝަނުން ވަނީ ރިލްވާން މައްސަލައިގެ ރިޕޯޓެއް ނެރެފަ އެވެ. އެކަމަކު ރިޕޯޓުވެފައިވަނީ ބުނި ބުންޏަށް ލިޔެފައިވާ ވާހަކަގަނޑެއް ފަދަ އެއްޗަކަށެވެ. އެ ރިޕޯޓުގެ މައްޗަށް ބިނާކޮށް މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލިދާނެ ކަމުގެ އުއްމީދެއް ވެސް ނެތެވެ.
"އެވަރަކުން ނުފުދޭ ނޫންތޯ؟ އެވަރުން ފުދޭ ނަމަ އަޅުގަނޑުމެން އަދިވެސް ހިތާމަ ކުރާކަށް ނުޖެހޭނެ! އެއަކުން އެއްވެސް އެއްޗެއް އަޅުގަނޑުމެންނަށް އޮޅުމެއް ނުފިލި. އިތުރަށް ހާސްކަމުގެ ތެރޭގައި މި ތިބީ އެ ރިޕޯޓެއް ނެރުނު ފަހުން،" އާއިލާގެ އިހުސާސްތައް ޝެހެނާޒް ބަންޑުންކޮށްލި އެވެ.
"އެއަކުން އެއްވެސް ހިތްހަމަޖެހުމެއް ނުލިބޭ. ކުށްވެރިން އަދިވެސް އެ ތިބީ މިނިވަންކަންމަތީ، އަޅުގަނޑުމެން އަދިވެސް ހިތާމައިގައި."
ގިނަ ޕާޓީތައް އެކުލެވޭ އިންތިހާބެއް ރާއްޖޭގައި 2008 ވަނަ އަހަރު ބޭއްވި ފަހުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގެންނެވި ހަތަރު ބޭފުޅުން ވެސް ގާނޫނުއަސާސީން ލިބިދޭ ބޭނުން ކުރައްވައި ރިޔާސީ ކޮމިޝަންތަކެއް ހެއްދެވި އެވެ. މިއަދާ ހަމައަށް ޖުމްލަ ހަތް ކޮމިޝަނެއް ހަދާފައިވާއިރު އެއިން އެއްވެސް ކޮމިޝަނެއްގެ މަގުސަދު ހާސިލުވެފައެއްނުވެ އެވެ. ރައްޔިތުން އަތުން ނެގޭ ޓެކްސްގެ ފައިސާއިން ބަޔަކަށް މުސާރަ ދިނުން ނޫން ކަމެއް ނުވެ އެވެ.
ރިޔާސީ ކޮމިޝަންތަކުގެ މަގުސަދު ހާސިލުނުވުމުގެ ދެ ތިން ސަބަބެއް ދާއިރާގެ މާހިރުން ދައްކަވަ އެވެ. ފުރަތަމަ ކަމަކީ، އެ ކޮމިޝަނުގެ މަސައްކަތް ކުރާނެ އެހެން މުއައްސަސާތަކެއް މިހާރު ވެސް ހުރުމެވެ.
"ކޮމިޝަންތަކުގެ މައްސަލަތައް ލަސްވުން އަދި އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭ ކަމަށް މީހުންނަށް ހީވުމުގެ ވަރަށް ބޮޑު ސަބަބެއް ކަމަށް އަޅުގަނޑަށް ފެންނަނީ ތަފާތު ކޮމިޝަންތައް ކުރަންޖެހޭ މަސައްކަތްތައް ފުށުއެރުމާ ހެދި ލަސްވުން،" ތަޖުރިބާކާރު ގާނޫނީ ވަކީލު ޝަހުދީ އަންވަރު ވިދާޅުވި އެވެ.
ޝަހުދީ އެ ވިދާޅުވާ ވާހަކައަކީ އެންޓި ކޮރަޕްޝަން ކޮމިޝަނެއް އޮއްވައި، ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީއެއް ވުޖޫދަށް ގެނައުމެވެ. އޭގެ ނަތީޖާއަކީ ދެ މުއައްސަސާއަކަށް އެއް ޒިންމާތަކެއް މަތިވެފައި އޮތުމެވެ. މިހެންވުމުން އެހެން މައްސަލައެއް ވެސް ދިމާވެ އެވެ. އެއީ ކާކު ބަލާނީ ކޮން މައްސަލައެއްތޯ އުފެދޭ ސުވާލެވެ.
"ގާނޫނު އަސާސީ އާއި ގާނޫނުތަކުން އޭސީސީ ބާރުވެރިކުރުވާފައި މި އޮންނަނީ ކޮރަޕްޝަންގެ މައްސަލަތައް ބަލަން. އެހެންވީމަ އެކަން ކުރަން އެހެން ކޮމިޝަނެއް އޮތީމަ ޖުރިސްޑިކްޝަން ދިމާނުވާތީ ކާކުތޯ އެކަން ކުރާނީ ވެސް ސުވާލު އުފެދޭ އަދި އެކަހަލަ ކަންތައްތަކާ ހެދި ލަސްވެ، ނަތީޖާ ނުނެރެވި، ހަރަދު ބޮޑުވެގެންދޭ،" ޝަހުދީ ވިދާޅުވި އެވެ.
ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ރިޔާސީ ކޮމިޝަނެއް އުފެއްދެވި ފަހުން މިހާތަނަށް ހަތަރު ރައީސަކު ވަނީ ހަތް ރިޔާސީ ކޮމިޝަން އުފައްދަވައިފަ އެވެ. މި ރިޕޯޓަށް "އަދަދު" އިން ހޯދާފައިވާ މައުލޫމާތުތަކަށް ބަލާއިރު ރިޔާސީ ކޮމިޝަންތަކަށް ރައްޔިތުންގެ ޖީބުން ވަނީ މިހާތަނަށް 123،566،159ރ. ހަރަދުކޮށްފަ އެވެ.
މީގެ ތެރެއިން ބޮޑު ބަޔަކީ ނަޝީދު އުފެއްދެވި ކޮމިޝަނުން، އިނގިރޭސިވިލާތުގެ އޮޑިޓް ފާމެއް ކަމަށްވާ ގްރާންޓް އެންޑް ތޯންޓަނާއެކު ހަދާފައިވާ އެއްބަސްވުން ބާތިލް ކުރުމުން ދޭންޖެހުނު ފައިސާ އެވެ. އޭގެ އިތުރުން ކޮމިޝަންގެ މެންބަރުންނާ މުވައްޒަފުންނަށް ދޭންޖެހުނު މުސާރައިގެ ފައިސާއާ އެބޭފުޅުންގެ ދަތުރުފުޅުތަކުގެ ހަރަދާއެކު ޖުމްލަ 102 މިލިއަން ރުފިޔާ އެ ކޮމިޝަނުން ވަނީ ހޭދަކޮށްފަ އެވެ.
ސުވާލަކީ 123 މިލިއަން ރުފިޔާ ހަރަދުކޮށްގެން ނަތީޖާއެއް ނެރެވުނުތޯ އެވެ؟
ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒުއާ އެ ސުވާލު ދެންނެވުމުން، ދެއްވީ ވަރަށް ކުރު ނަމަވެސް ފުން ޖަވާބެކެވެ.
"ރިޔާސީ ކޮމިޝަންތައް އުފެއްދުމަކީ މާ ބޮޑު ވިސްނުންތެރިކަމެއް ހުރެގެން ކޮށްފައިވާ ކަމެއް ކަމަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" މުއިއްޒުގެ 31 އަހަރުގެ ގާނޫނީ ދާއިރާގެ ތަޖުރިބާއާއެކު އޭނާ ވިދާޅުވި އެވެ.
މި ރިޕޯޓަށް ކުރިން ވާހަކަ ދެއްކެވި ޝަހުދީ އަންވަރު ވެސް ގަބޫލު ކުރައްވަނީ ކޮމިޝަންތަކަށް ކުރާ ހަރަދު ބޮޑު ކަމަށެވެ.
"އަޅުގަނޑުމެން އެހާ ތަނަވަސް ބަޖެޓެއް އޮވެގެނެއް ނޫން މި އުޅެނީ. އެހެންވީމަ އެއް ކަމެއް ކުރުމަށް ދެ ތަނެއް ހަދާފައި ދެ ތަނަށް ފައިނޭންސް ކުރުމަކީ ވެސް އަޅުގަނޑަށް ހީވަނީ ރައްޔިތުންގެ ކުރިމަތީގައި އެހާ ޕޮޕިއުލާ ކަމަކަށް ނޫންހެން ވަނީ،" އޭނާ ވިދާޅުވި އެވެ.
ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގެން ފަސް މަސް ދުވަހުގެ ތެރޭގައި ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވައިފަ އެވެ. އެ ކޮމިޝަނުގެ މަގްސަދަކީ އެމަނިކުފާނުގެ ކުރިން ވެރިކަން ކުރެއްވި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހިންގި އަނިޔާތަކާއި ކޮރަޕްޝަންތައް ބެލުމެވެ.
އެ ރިޔާސީ ކޮމިޝަނުގެ މުސާރަ އާއި އިނާޔަތްތަކާއި ތަހުގީގުތައް ކުރުމަށް 36 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އަދި އިނގިރޭސި ވިލާތުގެ އޮޑިޓް ކުންފުންޏެއް ކަމަށް ގުރާންޓު ތޯންޓަނާއެކު ވެފައިވާ އެއްބަސްވުމެއް ބާތިލް ކުރުމަށް 66 މިލިއަން ރުފިޔާ ހަރަދު ކުރި އެވެ.
އެހެންކަމުން، އެއްވެސް ނަތީޖާއެއް ނުނެރެވި ނަޝީދު އުފެއްދެވި ރިޔާސީ ކޮމިޝަނުން ޖުމްލަ 102 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
ރިޔާސީ ކޮމިޝަނަށް ކުރި ހަރަދު އެނގޭ ގުރާފެއް: ބޮޑަށް ހަރަދުވެފައި ވަނީ ގެއްލުމުގެ ބަދަލަށް -- އިލުސްޓްރޭޝަން: އަހުމަދު އިހްސާން/އަދަދު
މިއީ، ފުލުހުންނާއި ސިފައިންނާ ހިންގި ދެކޮޅުވެރިކަމެއްގެ ތެރެއިން އިސްތިއުފާ ދެއްވި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ހޯދުމަށް، ފަހުން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު އުފެއްދެވި ކޮމިޝަނެކެވެ.
އެ ކޮމިޝަނުގެ އެއްވެސް ނިންމުމެއް އެއީ ރައްޔިތުންނަށް ހިތްހަމަޖެހޭވަރުގެ ނިންމުމަކަށް ނުވި އެވެ. އެ ނިންމުތައް އިދިކޮޅު ޕާޓީ އެމްޑީޕީން ބަލައިގަނެފައެއްނުވެ އެވެ. މި ކޮމިޝަނަށް އެއް އަހަރު ދުވަހުގެ ތެރޭގައި 1.5 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ހަރަދުކޮށްފަ އެވެ.
ރައީސް ވަހީދުގެ ކޮމިޝަނަށް ކޮށްފައިވާ ހަރަދު: މި ކޮމިޝަނުން އޮތީ އެންމެ އަހަރަކު -- އިލުސްޓްރޭޝަން: އަހުމަދު އިހްސާން/އަދަދު
މިއީ ރައީސް ނަޝީދުގެ ވެރިކަމުގައި ހިންގާފައިވާ ކަމަށް ބުނާ ކޮރަޕްޝަންތައް ތަހުގީގު ކުރުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސެޕްޓެމްބަރު 29، 2015، ގައި އުފެއްދެވި ރިޔާސީ ކޮމިޝަނެކެވެ. ރައީސް ޔާމީންގެ ދައުރު ނިމުމާއެކު މި ކޮމިޝަން ވަނީ އުވިފަ އެވެ. ކޮށްފައިވާ އެއްވެސް މަސައްކަތެއް މި ކޮމިޝަނުން ނުފެނެ އެވެ. އަދި އެއްވެސް ފައިސާއެއް ވެސް މި ކޮމިޝަނަށް ހަރަދުކޮށްފައެއްނުވެ އެވެ.
މި ކޮމިޝަނަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ގެއްލިފައިވާ ދައުލަތުގެ މުދާ ހޯދުމަށް ހެދި ކޮމިޝަނެކެވެ. ގާތްގަނޑަކަށް ދެ އަހަރު ދުވަސް ހިންގުމަށްފަހު އަދި ހަ ލައްކަ ރުފިޔާ ހަރަދުކޮށްގެން ވެސް މި ކޮމިޝަނަށް ދައުލަތުގެ އެއްވެސް އެސެޓެއް ހޯދިފައެއްނުވެ އެވެ.
ރައީސް ޔާމީން އުފެއްދެވި ކޮރަޕްޝަން ކޮމިޝަނުން ކޮށްފައިވާ ހަރަދުތައް: މި ކޮމޝަނުގެ މަސައްކަތެއް ނުފެނޭ-- އިލުސްޓްރޭޝަން: އަހުމަދު އިހްސާން/އަދަދު
އެއްވެސް ޝައްކެއް ނެތި މިއީ މި ގައުމުގައި ރައީސަކު އުފެއްދެވި އެންމެ މުހިންމު ކޮމިޝަނެވެ. އެތައް ބައެއްގެ ހިތްހަމަޖެހުމާއި އިންސާފު އޮތީ މި ކޮމިޝަނުން ކުރާ މަސައްކަތްތަކަށް ބިނާވެފަ އެވެ. ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހު ރައީސް ސޯލިހު އުފެއްދެވި އެ ކޮމިޝަނުގެ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. އެކަމަކު މިހާތަނަށް އެ ކޮމިޝަނަށް ސަރުކާރުން 4.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ސީރިއަސް ތަހުގީގުތަކެއް ކޮށްފައިވާ ކަމާމެދު ސުވާލު އުފެދެ އެވެ.
މަރު ކޮމިޝަނަށް ކޮށްފައިވާ ހަރަދު: އާންމުން މި ކޮމިޝަނާ މެދު ހިތްހަމައެއްނުޖެހޭ -- އިލުސްޓްރޭޝަން: އަހުމަދު އިހްސާން/އަދަދު
މިއީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ވަގަށް ނެގި ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހޯދުމަށް ރައީސް ސޯލިހު އުފެއްދެވި ކޮމިޝަނެކެވެ. ރިސޯޓުން ހަދަން ރަށްރަށާއި ގިރި، ފަޅު ކުއްޔަށް ދިނުމުގައި ރައީސް ޔާމީންގެ ސަރުކާރުގައި ހިންގި ވައްކަންތައް ވެސް ބަލަމުންދާ ކަމަށް ކޮމިޝަނުން ބުނެ އެވެ. އެކަމަކު ދައުލަތަށް އެއްޗެއް ނުލިބި މި ކޮމިޝަނުން ވެސް އަނެއްކާ 7.7 މިލިއަން ރުފިޔާ ހަރަދު ކުރީ އެވެ.
ކޮރަޕްޝަން ކޮމިޝަނަށް ކޮށްފައިވާ ހަރަދުތައް: ވަރަށް ބޮޑު އަދަދެއް މި ކޮމިޝަން މެންބަރުންގެ މުސާރައަށް ވަނީ ގޮސްފަ -- އިލުސްޓްރޭޝަން: އަހުމަދު އިހްސާން/އަދަދު
މިއީ ކުޑަކުދިންނަށް ކުރާ އެކި ކަހަލަ އަނިޔާތައް ތަހުގީގު ކުރުމަށް ކަމަށް ވިދާޅުވެ ރައީސް ސޯލިހު އުފެއްދެވި ކޮމިޝަނެކެވެ. އެންމެ އަހަރެއްވީ މި ކޮމިޝަނަށް ދައުލަތުން މިހާރު ވެސް ފަސް ލައްކައަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި އެވެ. ކުރި އެއްވެސް މަސައްކަތެއް މިހާތަނަށް ފެނިފައެއްނުވެ އެވެ.
ކުޑަކުދިންގެ ކޮމިޝަނަށް ކޮށްފައިވާ ހަރަދު: މި ކޮމިޝަން ހިންގާތާ މި ވަނީ 14 މަސް ދުވަސް -- އިލުސްޓްރޭޝަން: އަހުމަދު އިހްސާން/އަދަދު
ކޮންމެ ރައީސަކު ރިޔާސީ ކޮމިޝަނެއް އުފައްދަވަނީ މުހިންމު މަގުސަދަކަށެވެ. ވައްކަންތަކެއް ބެލުމަށެވެ. ހިޔާނާތްތަކެއް ހޯދުމަށެވެ. މަރުތަކެއް ތަހުގީގު ކުރުމަށެވެ. ހިތްތަކަށް ތަސައްލީއެއް ގެނައުމަށެވެ. ފާތިމަތު ޝެހެނާޒް ފަދަ އެތައް ބަޔަކަށް ރޭގަނޑުގެ ނިދި ހޯދައިދިނުމަށެވެ. ޔާމީން ރަޝީދުގެ މަރަށް އިންސާފު ހޯދައިދިނުމަށެވެ. އެކަމަކު މަގްސަދު ހާސިލުނުވެ، ފައިސާތަކެއް ހަރަދުވާ ނަމަ، އެކަން ވާނީ ރިހޭ ފައި މައްޗަށް ފޮއި ވެއްޓުމަށެވެ. އެއްކޮޅުން ދައުލަތުގައި ފައިސާ ނެތިގެން ނުކުރެވި ހުރި އެތައް ކަމެއްގެ ވާހަކައިން އާންމު ރައްޔިތުމީހާއަށް ހިތާމައާއި ތަކުލީފެވެ. އަނެއްކޮޅުން މަގުސަދު ހާސިލުނުވާ ކޮމިޝަންތަކެއް އުފަންކޮށް މެންބަރުންނަށް ބޮޑެތި މުސާރައިގެ އުފާވެރިކަމެވެ.
ރިޔާސީ ކޮމިޝަންތައް އުފެއްދިއްޖެއެވެ. އިންސާފު ހޯދުމުގެ ނަމުގައި ރައްޔިތުންގެ ފައިސާއިން ހަރަދުވެސް ކުރެވިއްޖެއެވެ. ނަތީޖާއެއް ނުފެނުނެވެ. ނަތީޖާއެއް ފެންނާނޭކަމުގެ ޔަގީންކަން ދޭން ކެރޭނޭ ދައުލަތުގެ ވެރިޔަކުވެސް ނެތެވެ. ރިޔާސީ ކޮމިޝަންތައް އެކުލަވާލި މަގުސަދާ އެއްގޮތަށް އެ ކޮމިޝަނެއްގެ މަސައްކަތުގެ ދާއިރާއިން ނަތީޖާއެއް ނެރެން އެބަޖެހެ އެވެ. އެހެން އެކަން ނުވާނަމަ، އެ ކޮމިޝަންތަކަށް ހޭދަކުރެވޭ ފައިސާ ރައްޔިތުންގެ ތަކުލީފުތައް ދުރުކޮށްދޭނޭ އެހެންކަމަށް ބޭނުންކުރުން މާ ރަނގަޅެވެ.
Comment