Advertisement

ރޯދަމަހު ދުވުމާއި ކަސްރަތުކުރުން: ރަނގަޅު ގޮތަކީ ކޮބާ؟

18 އޭޕްރީލް 2021 - 13:32 0

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް


ރޯދަމަހު ދުވުމާއި ކަސްރަތުކުރުން: ރަނގަޅު ގޮތަކީ ކޮބާ؟

18 އޭޕްރީލް 2021 - 13:32 0

ރޯދައަށް ހުރެ ދުވުމާއި ކަސްރަތު ކުރުން ދިވެހިންގެ ލައިފްސްޓައިލް ތެރޭގައި ހިމެނިތާ އަދި މާގިނަ ދުވަހެއް ނުވެ އެވެ. މިއާ ބެހޭ ގިނަ މައުލޫމާތު ނޭނގުމާއި، ރޯދަމަހު ކަސްރަތު ކުރުމާ ގުޅިގެން މީހުން ގަބޫލުކުރާ ތެދާއި ދޮގު އޮޅުން ނުފިލައި އޮންނަ އެއް ސަބަބަކީ ވެސް މިއީ އެވެ.

އެހެންވީމަ، މި މައުލޫއެއް ފެށުމުގެ ކުރިން ކޮންމެހެން އެނގެންޖެހޭ "ބޭސިކް ފެކްޓް" އެއް ކިޔައިދޭނަމެވެ. ރަނގަޅު ކެއުމުގެ އާދައެއް ގެންގުޅުމާ އެކު ހަށިގަނޑަށް ގެއްލުން ނުވާ ގޮތަށް ރޯދަމަހު ގަވާއިދުން ކަސްރަތުކޮށް، ދުވުމަކީ ހަމަ އެންމެ ފައިދާހުރި ގޮތެކެވެ.

ރޯދަ އަކީ ފިޓްނެސް ޓެރެންޑެއް

ދީނީ ގޮތުން ނޫން ގޮތްތަކަށް ރޯދަ ހިފުމަކީ ހުޅަނގުގައި މިހާރު މަގުބޫލުވަމުން އަންނަ ޓްރެންޑެކެވެ. ސިއްހަތާއި ކަސްރަތު ދުނިޔޭގައިި "ޑްރައި ފާސްޓިން" އޭ ކިޔަ އެވެ.

ޑްރައި ފާސްޓިން އަކީ, ހަށިގަނޑުގައި ހުންނަ ޓޮކްސިން ނުވަތަ ވިހަ މާއްދާތަކުން ހަކަތަ ހޯދުމުގެ ގޮތުން ވަކި ގަޑިއިރު ތަކެއް ވަންދެން ކާނާ އާއި ފެން ބުއިމުން ދުރުވުމެވެ. އެހެންވީމަ، ރޯދަ އަކީ އޭގެ ޒާތުގައި ދުޅަހެޔޮކަމާއި ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗެކެވެ.

ކަސްރަތު އިންސްޓްރަކްޓަރު ހުސައިން ޒިނާން ގެ ނަޒަރުގައި ތަފާތު ސަބަބުތަކާ ހެދި ރޯދަ މަހު ރޯދައަށް ހުރެ ކަސްރަތު ކުރުމަކީ ފައިދާ ހުރި ކަމެކެވެ. އެކަމަކު ރޯދައަށް ހުރެ ކަސްރަތު ކުރާއިރު ބަލަންޖެހޭ ކަންތައްތަކެއް ހުރެ އެވެ.

ރޯދަ އަށް ހުރެ ކަސްރަތު ކުރަންވީ ކިހާ ވަރަކަށް؟

ރޯދަ ހިފައިގެން ހުރެ ކަސްރަތު ކުރާ އިރު، ހަށިގަނޑަށް ބުރަވާ ވަރަށް ކަސްރަތު ކުރާނަމަ ކަސްރަތަށް ހޭދަކުރާ ވަގުތު ކުރު ކުރަން ޒިނާނު އިރުޝާދު ދެ އެވެ. ވަގުތު ގާތްގަނޑަކަށް 15 މިނިޓަށް ހަދާލެވިދާނެ އެވެ.

"ހަށިގަނޑަށް ބުރަ މި މާނަ ކުރަނީ، ކަސްރަތު ކުރުމުގެ ސަބަބުން މާނޭވާލެވި، ވަރަށް ބޮޑަށް ދާހިއްލާ ވަރުބަލިވުން، އެހެންވީމަ އެގޮތަށް ނުވެ ކަސްރަތު ކުރާ ކަމަށް ވާނަމަ އެއް ގަޑި އިރު ވެސް ނުވަތަ އެއްގަޑި އިރާ 15 މިނިޓް ވެސް ރަނގަޅު،" ޒިނާން ބުންޏެވެ.

ރޯދަ މަހު ދުވަން އެންމެ ރަނގަޅު ވަގުތު ކަނޑައަޅާނީ ކިހިނެއް؟

ޒިނާން ގެ ނަޒަރުގައި ދުވަން އެންމެ ރަނގަޅު ވަގުތު ކަނޑައަޅާނީ ކަސްރަތު ކުރާ މާހައުލަށް ވިސްނުމަށް ފަހު އެވެ. މިސާލަކަށް މެންދުރުގެ ހޫނު ގަދަ ވަގުތުގައި ދުވުމަކީ ރޯދައަށް ހުރެ އެކަން ކުރާނަމަ، މީހާ ވަރުބަލިވެގެން ގޮސް ގެއްލުން ވެސް ވެދާނެ ކަމެކެވެ. އޭގެ ބަދަލުގައި ރޯދަ އަށް ހުރެ ދުވަން ގަސްދު ކުރާނަމަ، އެންމެ ރަނގަޅު ވާނީ ރޯދަ މަހުގެ ހަވީރު ރޯދަ ވީއްލާ ވަގުތާއި ވީހާވެސް ކައިރި ކޮށްފައި ދުވުން ކަމަށް އޭނާ ބުންޏެވެ.

އެކަމަކު ދުވާލުގެ ހޫނުގައި ދުވަންވީ ކުރު ދުވުން ދުވާ ނަމަ އެވެ. - ކުރު ދުވުމަކީ 10 ކިލޯމީޓަރަށްވުރެ ކުރުކޮށް ދުވުމެވެ. އެއަށް ވުރެ ދިގުކޮށް ދުވާނަމަ އެންމެ ރަނގަޅު ގޮތަކީ ރޭގަނޑު ގަޑީގައި ދުވުމެވެ.

ސަމާލުކަން ދޭންވީ ކެއުމާއި ދިޔާ އެއްޗެހި ގިނައިން ބޭނުންކުރަން

ރޯދަ މަސް ނޫނަސް، ކެއުމުގައި ދުޅަހެޔޮ ގޮތްތައް ގެންގުޅެން އާދަކުރުމަކީ މުހިއްމު ކަމެކެވެ. ހާއްސަކޮށް ރޯދަމަހަކީ ހަމަ އެކަނި ރޭގަނޑު ކެއުމަށް ފުރުދސަތު ލިބޭ މަހަކަށް ވާތީ، އެކަށީގެންވާ ވަރަށް ދުޅަހެޔޮކޮށް ކާން މުހިއްމު ކަމެއް ދޭން ވާނެ އެވެ.

ކާން އެއްޗެހި ތައްޔާރުކުރާ އިރު ވީހާވެސް ލޮނު މަދުކޮށް، ހަކުރު ނުހިމަނައި ތެޔޮ ނުހިމަނައި ތައްޔާރުކުރުމުން ފުދޭނެ އެވެ. މި ތިން ކަންތައް ހަނދާނުގައި ބަހައްޓައިގެން، ރޯދަ ވީއްލާ ވަގުތާއި ތަރާވީސް ވަގުތާއި ހާރު ވަގުތު ފުދޭ މިންވަރަކަށް ގަވާއިދުން ކެއުން މުހިއްމެވެ.

ރޯދަ މަހަކީ، ފެނާއި ހަކުރު ނުހުންނަ ދިޔާ އެއްޗެހި ގިނައިން ބޭނުންކުރާ މަހަކަށް ހަދަން އިސްކަމެއް ދިނުން ވެސް މުހިއްމެވެ. ހާއްސަކޮށް ކަސްރަތު ކުރާނަމަ މިކަންކަމަށް ބޮޑަށް ސަމާލުކަން ދޭން ވާނެ އެވެ.

ރޯދަ މަހު ކަސްރަތު ކުރާ ނަމަ އުންމީދުކުރެވިދާނެ ބައެއް ބަދަލުތައް

- ދުޅަހެޔޮކޮށް ކެއުން ބަހައްޓާ މީހަކު ގަވާއިދުން ކަސްރަތު ނުކުރި ނަމަވެސް ރޯދަމަސް ނިމޭއިރު ކޮންމެވެސް ވަރަކަށް ބަރުދަން ލުއިވާނެ އެވެ. އަންހެނެއް ނަމަ، އާންމުކޮށް ތިން ކިލޯ ވަރު ލުއި ވާނެ އެވެ. ފިރިހެނެެއް ނަމަ 4 ކިލޯ އެވެ.

- ރޯދަމަހު ކަސްރަތުކުރަން ފަށާ ފުރަތަމަ 14 ދުވަހަކީ މީހާގެ ހަށިގަނޑު ރޫޓިން އަށް އެޑްޖަސްޓް ވާން ނަގާ ދުވަސްކޮޅެވެ. މި ދުވަސްކޮޅުގައި އާންމުކޮށް ނުފެންނަ ބަދަލެއް ހަށިގަނޑުން ފާހަގަކުރެވުން އެކަށީގެން ވެ އެވެ. އެކަމަކު މަތީގައި ބުނެފައިވާ ގޮތަށް ބަލައިގެން، ދުޅަހެޔޮކޮށް ކެއުމުގެ އާދަތައް ބަހައްޓައިގެން ގަވާއިދުން ކަސްރަތު ކުރާނަމަ އެއަކުން ހަށިގަނޑަށް ގެއްލުމެއް ނުވާނެ އެވެ.

އެހެންވީމާ ރޯދަމަހު ކަސްރަތު ކުރުމަކީ މީގެ އިތުރަށް ހަށިގަނޑު ފިޓުކޮށްލުމަށް ލިބޭނެ ރަނގަޅު ފުރުސަތެކެވެ.