Advertisement

ބާޒާރުމަތީގައި މޭވާ އާއި ތަރުކާރީ ތިޔާގިވެ އަގުތައް ދަށަށް

19 އޭޕްރީލް 2021 - 13:52 0

އަމަން ހަލީމް

އަމަން ހަލީމް

ދަތުރުވެރިންގެ މާރުކޭޓު: ރާއްޖޭގައި ހައްދާ ގިނަ ބާވަތްތަކުން މާރުކޭޓް އޮތީ ތިޔާގިވެފައި. -- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


ބާޒާރުމަތީގައި މޭވާ އާއި ތަރުކާރީ ތިޔާގިވެ އަގުތައް ދަށަށް

19 އޭޕްރީލް 2021 - 13:52 0

ރޯދަމަހަށް ހާއްސަކޮށްގެން ރަށްރަށުން މާލެ ގެނައި މޭވާ އާއި ތަރުކާރީގެ ބާވަތްތަކުން މާރުކޭޓު ފުރާލައި އަގުތައް ދަށްވާން ފަށައިފި އެވެ.

ދަނޑުވެރި ރަށްތަކުގެ ބާވަތްތަކުން މާރުކޭޓުގެ ގޮޅިތައް ވަރަށް ތިޔާގި އެވެ. އާއްމުކޮށް ބޭނުންވާ މޭވާ އާއި ތަރުކާރީގެ ހުރިހާ ބާވަތެއް ވެސް މާރުކޭޓުން ލިބެން އެބަހުއްޓެވެ. ރޯދަ މަހާ ދިމާކޮށް އާއްމުކޮށް ތަކެތީގެ އަގު ބޮޑުވިޔަސް މާރުކޭޓުގެ އަގުތައް އިއްޔެ ހުރީ ދަށްވެފަ އެވެ.

މާރުކޭޓުގެ ގޮޅިއެއް ހިންގާ މީހަކު ބުނީ އަގުތައް ދަސްވީ ރޯދައަށް ފައްކާކުރި ބާވަތްތައް ބާޒާރަށް ލިބުމުން ކަމަށެވެ. އެހެން ރޯދަމަސްތަކާ ހިލާފަށް އއ. ތޮއްޑު އާއި ތ. ކަނޑޫދު އާއި ބ. ގޮއިދު އާއި ކާށިދޫ ފަދަ ރަށްތަކުން ތަރުކާރީ އާއި މޭވާގެ ގިނަ ބާވަތްތަކެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިން ތަކެތީގެ އަގު ބޮޑުވަނީ، އޭނާ ބުނިގޮތުގައި، ރޯދައަށް ހާއްސަކޮށްގެން ރަށްރަށުން މާލެ ގެންނަން ޖެހޭ މުދާ ލިބުން ލަސްވުމުންނެވެ.

މާރުކޭޓު ގޮޅިއެއްގައި މިރުސް ވިއްކަން ބަހައްޓާފައި: މިރުގެ އަގު އާދަޔާހިލާފަށް ވަނީ ހެޔޮވެފައި.


ބާޒާރުގައި އިއްޔެ އެންމެ އަގު ހެޔޮ އެއް ބާވަތަކީ އަގު ބޮޑުކަމުން ކުރިން 100 ގްރާމުން ފުއްދާލާ ކަނޑޫދޫ މިރުހެވެ. ކުރިން ކިލޯއެއްގެ އަގު 450ރ. އަށް ވުރެން ވެސް މަތިވި އެވެ. އެކަމަކު މިރުގެ އަގު ވެއްޓި ބައެއް ގޮޅިތަކުގައި މިރުސް ކިލޯއެއް 75ރ. އަށް ވެސް ލިބެން ހުއްޓެވެ. އާއްމުކޮށް އުޅެނީ ކިލޯއެއް 100ރ. އިން ދަށުގަ އެވެ.

މީގެ އިތުރުން އަގު ހެޔޮ ބާވަތްތަކުގެ ތެރޭގައި، ފަނި ގިރަން ބޭނުންކުރާ ކަރާ، ޕެޝަންފުރުޓް، ހިމެނެ އެވެ. ފަޅޮލާއި ދޮންކޭލުގެ އަގު ވެސް ވަނީ ތިރިވެފަ އެވެ.

މާރުކޭޓުގެ އިއްޔެ ބައެއް އަގުތައް

  • ގިތެޔޮ މިރުސް ކިލޯއެއް 100ރ އިން ދަށުގައި. - ކުރިން 450ރ.
  • ކުރުނބާ (ވަކިން) 30ރ. - ކުރިން 35ރ.
  • ޕެޝަން ފުރުޓް ކިލޯއެއް 60ރ. - ކުރިން 65ރ.
  • ފަޅޯ ކިލޯއެއް 40ރ. - ކުރިން 55ރ.

މިއީ ގޮޅިތަކުގެ އެންމެ ހެޔޮ އަގެވެ.

ބައެއް ބާވަތްތަކުން އަގު ހެޔޮވީ ނަމަވެސް، އަދިވެސް ބާޒާރު މަތީގައި ބައެއް ތަކެތީގެ އަގުތައް ހުރީ ވަރަށް މަތީގަ އެވެ. އޭގެ ތެރޭގައި އަނބާއި ކިއުކަމްބާ ހިމެނެ އެވެ.

ބަޒާރުމަތީގައި އަނބު ކިލޯއެއް 160ރ. އަށް ހުރި ނަމަވެސް ގިނަ ގޮޅިތަކުން ވިއްކަނީ ހަ އަނބު ނުވަތަ ހަތް އަނބު 100ރ. މަގުންނެވެ. ކިލޯ އިން ވެސް ނުވިއްކަ އެވެ.

މާރުކޭޓް ގޮޅިއެއްގައި ވިއްކަން ބަހައްޓާފައި ހުރި ތަރުކާރީ އާއި މޭވާ: ގިނަ ބާވަތްތަކުގެ އަގުތައް ވަނީ އެއްވަރެއްގައި ވަނީ ހިފެހެއްޓިފައި.


ވިޔަފާރިވެރިއަކު ބުނީ އަނބު ސަޕްލައި ދަށްވެގެން އުޅެނީ ސީޒަން ނިމެން ކައިރިވެފައި އޮތުމުން ކަމަށެވެ. އަދި ބާޒާރުމަތީގައި ބޭރު އަނބު ލިބެން ހުއްޓަސް ދިވެހި އަނބަށް ޑިމާންޑު އޮންނަ ވަރަށް ނޯންނަ ކަމަށް އޭނާ ބުންޏެވެ.

އެހެނިހެން ބައެއް ބާވަތްތަކަށް ބަލާއިރު ސަޓަނި ހަދަން ބޭނުންކުރާ އެކި ބާވަތްތަކުގެ ފަތާއި ފަލަމަޑީގެ ބާވަތްތަކުގެ އަގުތަކަށް މާ ބޮޑު ބަދަލެއް ނާދެ އެވެ. އަދި ކާއްޓާއި ގަބުޅި ފަދަ ތަކެތީގެ އަގަށް ވެސް ބަދަލެއް ނައިސް، ހުރީ އެއް ވަރެއްގައި ހިފެހެއްޓިފަ އެވެ.

ގިނަ ވިޔަފާރިވެރިން ބުނީ މިހާރު ލިބިފައިވާ ސަޕްލައި އަދި އަންނަން ހުރި ސަޕްލައިއަށް ބަލާއިރު ރޯދަ މަހުގެ ނިޔަލަށް އަގު ހިފެހެއްޓޭނެ ކަމަށް ބެލެވޭ ކަމަށެވެ.