Advertisement

މާދަމާ ރެއަށް ޗައިނީޒް ރޯސްޓެޑް ޗިކަން!

3 އޭޕްރީލް 2021 - 09:42 0

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް


މާދަމާ ރެއަށް ޗައިނީޒް ރޯސްޓެޑް ޗިކަން!

3 އޭޕްރީލް 2021 - 09:42 0

ޗައިނާގައި އަހަރު ދުވަހު ކިޔަވަން ހުރި އިރު އެންމެ ގިނައިން ކެވުނު އެއްޗަކީ މިއެވެ. އެކަމަކު ކައި ކައި ފޫހި ނުވި ކެއުމަކީ ވެސް މިއީ އެވެ. އެ ގައުމުގެ އެންމެ ޒަމާންވީ މި ކުކުޅު ރެސިޕީ އަކީ ޗައިނީޒް ފޫޑަށް ލޯބިކުރާ މީހުން ޓްރައިކޮށްލަން މީރު ކެއުމަކަށް ވާނެ އެވެ.

ޗައިނީޒް ރޯސްޓެޑް ޗިކެން އަކީ މާ ދިގު، ފޮލޯކުރަން އުނދަގޫ ރެސިޕީއެއް ނޫނެވެ. އެކަމަކު މި ކުކުޅު ހާއްސަވެފައި މީރު ވަނީ، ކުކުޅު ރޯސްޓު ކުރުމުގައި އެމީހުން ގެންގުޅޭ ހާއްސަ އުކުޅެއްގެ ސަބަބުން ކުކުޅުގެ މަސްގަނޑު ވަރަށް މަޑުވެފައި، އޭގެ ވަށައިގެން ހުންނަ ހަންގަނޑު ތުނިކޮށް މީރު ވަރަކަށް މުރަނަ ކޮށް ހުންނާތީ އެވެ.

ޗައިނީޒް ރޯސްޓެޑް ޗިކަން ރެސިޕީ

ބޭނުންވާ ތަކެތި:

- 1000 ގ ގެ އެއް ކުކުޅު

- ވައިޓް ވިނިގާ

- ތެޅި މިރުސް ޕައުޑާ

މެރިނޭޑް ކުރަން ބޭނުންވާ ސާމާނު:

- 4 ލޮނުމެދު (ހެޔޮވަރު ވަރަކަށް ކޮށާފައި)

- އިންޗިއެއް ވަރުގެ ރޯ އިނގުރުކޮޅެއް (ފޮތިކޮށްފައި)

- 3 ގްރީން އޮނިއަން (ހިމުންކޮށް ކޮށާފައި)

- 1 މޭޒުމަތީ ސަމްސާ ރައިސް ވިނިގާ

- 1/2 ޖޯޑު ލައިޓް ސޯޔާ ސޯސް

- 1 ސަމްސާ ހަކުރު

- 1/2 ފައިވް ސްޕައިސް ފައުޑާ

- ކުޑަ ކުޑަ ލޮނުކޮޅެއް (އޮޕްޝަނަލް)

ހަދާނެ ގޮތް:

ސްޓެޕް 1- ކުކުޅު ރަނގަޅަށް އައިސް ފިލުމުން ރީތި ފެނުން ރަނގަޅަށް ދޮވެލާށެވެ. އެއަށްފަހު ވައިޓް ވިނިގާ އިން ކުކުޅު ރަނގަޅަށް ރެންމާފައި މަސާޖް ކޮށްފައި 10 ވަރަކަށް މިނެޓް ބާއްވާލާށެވެ. އެއަށްފަހު ޓިޝޫ ނުވަތަ ކަރުދާސް ބޭނުންކޮށްގެން ކުކުޅުރަނގަޅަށް ހިއްކާލާށެވެ. އަދި ފަތާ ތައްޓަކަށް ތެޅި މިރުސް ކޮޅެއް އަޅާލުމަށްފަހު ކުކުޅުގެ ބޭރުގައި ހިކިކޮށް ހުރި މިރުސް ފައުޑާ އުނގުޅާށެވެ.

ސްޓެޕް 2- މެރިނޭޑް ކުރަން އެއްކުރި ހުރިހާ ބާވަތްތައް އެއްކޮށް ތައްޓަކަށް އަޅާފައި މިކްސް ކޮށްލާށެވެ. ދެން މިރުސް އުނގުޅާފައި އޮތް ކުކުޅު ސާފު ޕްލާސްޓިކް ކޮތަޅެއްގެ ތެރޭގައި ރީތިކޮށް ބާއްވާލުމަށްފަހު އެއްކޮށްފައި ހުރި މެރިނޭޑް މިކްސް، ކޮތަޅުގެ ތެރެއަށް އަޅާލުމަށްފަހު ވައި ބޭރު ނުވާ ގޮތަށް ބަނދެލާށެވެ. އަދި ކުކުޅުގައި ރަނގަޅަށް ހާކާލަން މަޑުމަޑުން ކޮތަޅު ތަޅުވާލާށެވެ. އެއަށްފަހު ބޭގު ރަނގަޅަށް ވައި ބަންދުވެފައި ހުރި ތޯ ބެލުމަށްފަހު އެއް ދުވަސް ވަންދެން ފްރިޖުގެ ފިކުރާ ބައިގައި ބާއްވާނީ އެވެ. ދޭތެރެއަކުން ކޮތަޅު ފުށުން ޖަހައިލަން ވާނެ އެވެ. --ބައެއް މީހުން، ކުކުޅު ދެ ދުވަސް ވަންދެން ވެސް ބާއްވަ އެވެ.--

ސްޓެޕް 3- ކޮތަޅު ތެރެއިން ކުކުޅު އެކަނި ނެގުމަށްފަހު އަވަނުގެ ބޭކިން ޝީޓު މަތީގައި ބާއްވާލާށެވެ. ފުރަތަމަ ބާއްވާނީ ބުރަކަނޑި ތިރިއަށް ވާ ގޮތަށެވެ. އެހެން ބާއްވާފައި އިހަށް އަވަން ނުޖައްސައި އިރުކޮޅަކު އެއާ ޑްރައި ކުރަން ބާއްވާނީ އެވެ. 1-4 ދެމެދުގެ އިރަކަށް އެގޮތަށް ބާއްވާލުމަށްފަހު 200 ޑިގްރީއަށް އަވަން ހޫނުކުރަން ޖައްސާށެވެ. އަވަން ރަނގަޅަށް ހޫނުވެލުމުން އެތެރެއަށް ކުކުޅު ލާފައި ތިރީހަކަށް މިނެޓު ވަންދެން ފިހާށެވެ. އެއަށްފަހު 120 ޑިގްރީ އަށް ހޫނުމިން ދަށް ކުރުމަށްފަހު އިތުރު ވިއްސަކަށް މިނެޓު ފިހާށެވެ. ބޭނުން ނަމަ ކުކުޅު ފުށުން ޖެހިޔަސް ރަނގަޅުވާނެ އެވެ.

ކާން ފެށުމުގެ ކުރިން ކުކުޅު ހިހޫވެލަން ދެން 15 ވަރަކަށް މިނެޓު މަޑުކޮށްލާށެވެ. އެންމެ މީރު ވާނީ ކުޅި ސޯސްއަކާއެކު އެވެ. ބަތް ނުވަތަ ރޮއްޓާ އެކު ކާން ވެސް ރަނގަޅުވާނެ އެވެ.