Advertisement

ޕްރޮޖެކްޓުތައް ބޮޑު ރަށްތަކަށް، ސަރުކާރުން ބޭނުން ވަނީ ކުދި ރަށްރަށުގެ މީހުން ހިޖުރަކުރަން

12 އޭޕްރީލް 2024 - 16:43 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ޑރ. މުހައްމަދު މުއިއްޒު ލ. ގަމުގައި ވާހަކަދައްކަވަނީ: ކުދި ރަށްތަކުގެ މީހުން ހިޖުރަކުރުމަކީ ސަރުކާރުގެ ވިސްނުން ކަމަށް އެމަނިކުފާނު ވިދާޅުވި - ފޮޓޯ: ރައީސް އޮފީސް


ޕްރޮޖެކްޓުތައް ބޮޑު ރަށްތަކަށް، ސަރުކާރުން ބޭނުން ވަނީ ކުދި ރަށްރަށުގެ މީހުން ހިޖުރަކުރަން

12 އޭޕްރީލް 2024 - 16:43 0

ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އާބާދީ އަދި ބިން ބޮޑެތި ރަށްތަކުގައި ހިންގުމަށް އިސްކަންދިނުމުގެ ބޭނުމަކީ ކުދި ރަށްތަކުގެ މީހުން އެ ރަށްރަށަށް ހިޖުރަކުރަން ބާރުއެޅުމުގެ ބޭނުމުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރަސްމީ ދަތުރެއްގެ ނަމުގައި ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ކެމްޕޭން ކުރެއްވުމަށް ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ގަމުގައި ހުންނަވާ ރައީސް މިއަދު ވިދާޅުވީ، ތަރައްގީގައި ހުރިހާ ރައްޔިތުންނަށް ވެސް އެންމެ މުހިންމު ކަމަކީ ގެދޮރުވެރިކަން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން މިފަދަ މަޝްރޫއުތައް ހިންގާނީ އާބާދީ ބޮޑު ރަށްރަށުގައި ކަމަށެވެ.

"އެންމެ އާބާދީ ބޮޑު އެންމެ ބިން ބޮޑު ތަނަކަށް އެކަމުގެ އިސްކަން ދޭން ޖެހޭނީ، އޭގެ ނަތީޖާއަކަށް ވެގެންދާނީ ދެން އެހެން ރަށްރަށުގެ ރައްޔިތުން ވެސް އެއްފަސްކުރުމުގެ ބޭނުމުގަ އެ ރަށަށް ހިޖުރަވެސް ކުރާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

އާބާދީ ބޮޑު ރަށްރަށަށް އިސްކަން ދިނުމުގެ ސިޔާސަތުގެ ދަށުން ގަމުގައި މިހާރު ފެށިފައިވާ 100 ހައުސިން ޔުނިޓުގެ މަޝްރޫއު ފުޅާކުރަން ރައީސް ވަނީ ނިންމަވާފަ އެވެ. އެގޮތުން އެ މަޝްރޫއިން ނުފުދޭނެ ކަމަށާއި އެ ރަށުގައި އިތުރު ގެތަށް އަޅާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މި ހައުސިން މަޝްރޫއު ވެގެންދާނީ ރާއްޖޭގައި އެންމެ ގިނަ ގެދޮރު އެޅިގެންދާނެ މަޝްރޫއަށް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރިޔާސީ ކެމްޕޭނާއި ވެރިކަމަށް ވަޑައިގެންނެވި ފަހުންވެސް ރައީސް ވަނީ އެކި ފަހަރުމަތިން އެމަނިކުފާނުގެ އެއްފަސް ކުރުމުގެ ސިޔާސަތު ހާމަކުރައްވާފަ އެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ސިޔާސީ ޕާޓީތަކާއި އާންމުންގެ ފާޑުކިޔުން އަމާޒުވުމާއެކު ކުދި ރަށްރަށް ތަފާތު ނުކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެ އެވެ.

އެގޮތުން މިދިޔަ މަހު ދ. ކުޑަހުވަދޫގައި ހުންނަވާ ރައީސް ވަނީ ރާއްޖެ ތަރައްގީ ކުރެވޭނީ އެއްފަސްކޮށްގެން ކަމަށާއި ރިޔާސީ އިންތިހާބުގައި ކެމްޕެއިނުކުރީ އަދި ރައްޔިތުން ވޯޓުދިނީ އެ ސިޔާތައް ކަމަށް ވިދާޅުވެފަ އެވެ.

"މެނިފެސްޓޯ އިއުލާނުކުރި ރޭ، އަޅުގަނޑު ދެންނެވިން ރާއްޖެ ތަރައްގީ ކުރެވޭނީ އެކި ސަރަހައްދުތައް އެކި ޒޯންތައް ތަރައްގީކޮށްގެނޭ، އެއްފަސްކުރުމުގެ، ތަރައްގީ އެއްފަސްކުރުމުގެ ސިޔާސަތަކުންނޭ ރާއްޖެ ތަރައްގީ ކުރެވޭނީ ދެމެހެއްޓެނިވި ގޮތެއްގަ،" ރައީސް އެ ދުވަހު ވިދާޅުވި އެވެ