Advertisement

އެފްޓީއޭ ތަންފީޒުކޮށް، ކަނޑުމަސް އެކްސްޕޯޓް ކުރުމުގެ ޝައުގުވެރިކަން ޗައިނާއިން ފާޅުކޮށްފި

3 މޭ 2024 - 18:32 0

ނިމާ ހަސަން

ނިމާ ހަސަން

ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް


އެފްޓީއޭ ތަންފީޒުކޮށް، ކަނޑުމަސް އެކްސްޕޯޓް ކުރުމުގެ ޝައުގުވެރިކަން ޗައިނާއިން ފާޅުކޮށްފި

3 މޭ 2024 - 18:32 0

ޗައިނާ އާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ތަންފީޒުކޮށް، ރާއްޖޭގެ ކަނޑުމަސް އެކްސްޕޯޓް ކުރުމުގެ ޝައުގުވެރިކަން ޗައިނާއިން ފާޅުކޮށްފި އެވެ.

އެ ޝައުގުވެރިކަން ފާޅުކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަންގް ލިޒިން އެވެ. ދުނިޔޭގެ ކަނޑުމަހުގެ ދުވަހުގެ މުނާސަބާގައި ރާއްޖޭގެ ފިޝަރީޒް މިނިސްޓްރީން ކުރި ޕޯސްޓެއް ޝެއާ ކުރައްވާ ސަފީރު ވިދާޅުވީ, އެފްޓީއޭ އަވަހަށް ތަސްދީގުކޮށް, ދިވެހި ކަނޑުމަސް ޗައިނާގެ މާކެޓަށް ފަސޭހައިން ވަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ޗައިނާ ސަފީރު މިހެން ވިދާޅުވިއިރު, މިދިޔަ ޖެނުއަރީ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ, އެފްޓީއޭގެ ދަށުން ޗައިނާއަށް މަސް ބޭރު ކުރުމަކީ އެމަނިކުފާނުގެ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ, ފްރީ ޓްރޭޑް އެގްރިމެންޓަކީ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ވިޔަފާރީގެ ގާތް ގުޅުން ރަމްޒުކޮށްދޭ އެއްބަސްވުމެއް ކަމަށެވެ. އަދި އެ އެއްބަސްވުން ތަންފީޒު ކުރުމަށް ސަރުކާރުން އޮތީ ތައްޔާރަށް ކަމަށާއި އެ އެގްރިމެންޓުގެ ދަށުން ޗައިނާއަށް މަސް ބޭރު ކުރުމަށް އިސްކަންދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މިއީ ސައުތު އޭޝިއާގެ ގައުމަކާއެކު ޗައިނާއިން ހަދާފައިވާ އެންމެ ފުރިހަމަ އަދި ފުރަތަމަ ފްރީ ޓްރޭޑް އެގްރިމެންޓް. މި އެއްބަސްވުމުގެ ބޭނުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުމާއި އިންވެސްޓްމަންޓުތައް އިތުރުކުރުން،" ޗައިނާއިން ބާއްވާ އިންވެސްޓް މޯލްޑިވްސް ފޯރަމްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި އެވެ.

ރާއްޖެ އާއި ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި އެ ގައުމުން ސޮއިކުރީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި ޑިސެމްބަރު 18، 2014 ގަ އެވެ. އެ އެއްބަސްވުން ކުރިއަށް ގެންދަން އޭރު ސަރުކާރުގެ މެޖޯރިޓޯ އޮތް މަޖިލީހުން 2017, ނޮވެމްބަރު 29 ގައި ފާސް ކުރި އެވެ.

އެހެން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެން އެ އެއްބަސްވުން ތަންފީޒު ކުރުން އޮތީ މަޑުޖައްސާލާފަ އެވެ.