ރާއްޖޭގައި ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޒޯންތަކެއް ގާއިމުކޮށް، އެ ސަރަހައްދުތަކުން ބިދޭސީންނަށް ބިމާއި އިމާރާތް މިލްކުކުރެވޭނެ މަގު ފަހިކޮށްދިނުމަށް ގާނޫނުއަސާސީއަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ކެބިނެޓުން މިދިޔަ އަހަރު ފާސްކޮށްފައިވާކަން އަދަދު އަށް ޔަގީންވެއްޖެ އެވެ.
ސެޕްޓެމްބަރު، 2025، ގައި ބޭއްވި ކެބިނެޓު ބައްދަލުވުމެއްގައި ބިދޭސީންނަށް ބިމާއި ޕްރޮޕަޓީ މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީ އާއި ގާނޫނުތައް ބަދަލުކުރަން ނިންމާފައިވީ ނަމަވެސް، މިއަދާ ހަމައަށްވެސް މިކަމަށް އަމަލުކުރުން އޮތީ ފަސްކުރެވިފަ އެވެ.
ބޭރު މީހުންނަށް ބިމާއި ޕްރޮޕަޓީ މިލްކު ކުރެވޭ ގޮތަށް ފާސްކުރަން ކެބިނެޓުން ނިންމި ނިންމުމާއި އެ ނިންމުމާ އެއްގޮތަށް ގާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވާ ގޮތުގެ ޑްރާފްޓް ޑޮކިއުމެންޓެއްގެ ކޮޕީ މި ނޫހަށް ވަނީ ލިބިފަ އެވެ.
އެ ދެ ޑޮކިއުމެންޓުގެ ސައްހަކަން މި ނޫހުން ވާނީ އެއް މަސްދަރަށް ވުރެ ގިނަ މަސްދަރުން ޔަގީންކޮށްފަ އެވެ. މިކަމާ ގުޅޭ ގޮތުން ކޮމެންޓެއް ހޯދަން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) އަށް ގުޅުމުން އޭނާ ފޯނު ނުނަންގަވާތީ ރައީސް އޮފީހުގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.
ބިދޭސީންނަށް ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީ ބަދަލު ކުރަން ކެބިނެޓުން ނިންމި ނަމަވެސް މި ސިޔާސަތު ތަންފީޒުކުރުން ލަސްވެގެން ދިޔައީ ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުން ސަރުކާރު ބަލިވުމުގެ އިތުރުން، މި ނޫހުން ހެދި "އައިޝާ" ޑޮކިއުމެންޓަރީއާ ގުޅިގެން ރައީސް މުހައްމަދު މުއިއްޒަށް ކުރިމަތިލައްވަން ޖެހިވަޑައިގަތް އުނދަގޫ ސިޔާސީ ހާލަތުގެ ސަބަބުން ކަމަށް މަސްދަރުތަކުން ބުނެ އެވެ.

ބިދޭސީންނަށް ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރުމަކީ ރައްޔިތުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިދާނެ ނިންމުމެއް ކަމަށް ސަރުކާރަށް ގަބޫލު ކުރެވޭތީ އެ ސިޔާސަތު ތަންފީޒުކުރާއިރު ފުރިހަމަ ޕަބްލިކް ރިލޭޝަންސް ސްޓްރެޓެޖީއެއް ރާވައި ހިންގުމަށް ވެސް ކެބިނެޓުން މިދިޔަ އަހަރު ފާސްކުރި އެވެ.
ކެބިނެޓުގެ ނިންމުންތައް ބައެއް ފަހަރު ރައީސް އޮފީހުން އާންމު ކުރި ނަމަވެސް ބިން މިލްކު ކުރެވޭ ގޮތަށް މިފަދަ ނިންމުންތަކެއް ނިންމިކަން ހާމަކޮށްފައެއް ނުވެ އެވެ.
ގާނޫނުއަސާސީގައި މިހާރު ބުނަނީ ކީކޭ؟
ގާނޫނުއަސާސީގެ 251 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް، ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށެއް ނުދެވޭނެ އެވެ. އަދި އެ މާއްދާގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އެއްވެސް ބައެއް ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް ކުއްޔަށް ނުވަތަ އެނޫންގޮތަކަށްވެސް ދެވޭނީ އެންމެ ދިގުވެގެން 99 އަހަރުގެ މުއްދަތަށް ކަމަށެވެ.
ކެބިނެޓުގެ ނިންމުން
ކައުންސިލް އިންތިހާބުގެ ބޮޑު ނާކާމިޔާބީގެ ކުރިން، ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތޮލިބު ކެބިނެޓަށް ހުށަހެޅުއްވި ގޮތަށް، ބޭރުގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް އިތުރުކުރުމަށްޓަކައި ގާނޫނީ އަދި އިދާރީ އޮނިގަނޑެއް އެކުލަވާލުމަށް ކެބިނެޓުން ސެޕްޓެމްބަރު 2025 ގައި ނިންމާފައިވާ މައިގަނޑު ކަންތައްތަކަކީ؛
- ގާނޫނުއަސާސީއަށް އިސްލާހު ގެނައުން
- ބިދޭސީންނަށް ރިއަލް އެސްޓޭޓް ޕްރޮޕަޓީ މިލްކުކުރެވޭ ގާނޫނެއް އެކުލަވާލުން
- ރިއަލް އެސްޓޭޓް ތަރައްގީކުރުމުގެ ގާނޫނުނެއް އެކުލަވާލުން
- ޕްރޮޕަޓީ މައްސަލަތައް ހައްލުކުރާނެ ނިޒާމެއް (ޑިސްޕިއުޓް ރިޒޮލިއުޝަން) ގާއިމުކުރުން
- އިންވެސްޓްކުރާ މިންވަރަށް ބަލައި ހާއްސަ ރެސިޑެންޝަލް ވިސާ ދޫކުރުމަށް އިމިގްރޭޝަން ގާނޫނަށް ބަދަލުގެނައުން
- ރަޖިސްޓްރާ އޮފް ޕްރޮޕަޓީޒް އައްޔަނުކުރުން
- ޕްރޮޕަޓީ ރެގިއުލޭޓަރީ އޮތޯރިޓީ އޮފް މޯލްޑިވްސްގެ ނަމުގައި އައު އިދާރާއެއް އުފެއްދުން
ގާނޫނުއަސާސީއަށް ގެންނަން ނިންމި މުހިންމު ބަދަލުތައް
ގާނޫނުއަސާސީގެ 251 މާއްދާ އޮތް ގޮތުން ބިން މިލްކު ނުކުރެވޭނެތީ، އެ މާއްދާގެ ދަށަށް މާއްދާތަކެއް އިތުރު ކުރުމަށް ކެބިނެޓުގައި މަޝްވަރާކުރި ބިލުގައި އޮވެ އެވެ.
މުއްތޮލިބު ހުށަހެޅުއްވި މި ކަރުދާހުގައި އޮތް ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކަނޑައަޅާ ވަކި ހާއްސަ ސަރަހައްދުތަކެއް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޒޯންގެ ގޮތުގައި ތަރައްގީ ކުރެވިދާނެ އެވެ. މިގޮތަށް ކަނޑައެޅޭ ސަރަހައްދުތަކުން ނުވަތަ އެ ތަންތަނުގައި ތަރައްގީކުރާ އިމާރާތްތަކުން ބިދޭސީންނަށް މިލްކުވެރިކަން ލިބިދެވޭނެ އެވެ.
ނަމަވެސް، މިފަދަ ސަރަހައްދުތަކުގެ މައްޗަށް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ފުރިހަމައަށް ހިނގާނެ ކަމަށާއި، ދިވެހިރާއްޖޭގެ ގާނޫނުތަކުން އިސްތިސްނާ ނުކުރާ ހުރިހާ ގާނޫނެއް އެ ސަރަހައްދުތަކަށް ހިނގާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

ބިދޭސީންނަށް ބިމުގެ މިލްކުވެރިކަން ދިން ނަމަވެސް، އެއީ އެ ފަރާތްތަކަށް ދިވެހި ރައްޔިތަކަށް ވުމުގެ ހައްގު ނުވަތަ ސިޔާސީ ޕާޓީ އުފެއްދުމާއި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ލިބޭނެ ކަމެއް ނޫންކަން ބިލުގައި ސާފުކޮށްދީފައިވެ އެވެ. އަދި މިފަދަ ޒޯނެއްގެ ހައިސިއްޔަތު ފަހުން ބަދަލުވި ނަމަވެސް، އެ ތަނެއްގައި އިންވެސްޓްކޮށްފައިވާ ފަރާތްތަކުގެ ހައްގުތައް ގާނޫނުގައިވާ ގޮތުގެ މަތިން ދެމިއޮންނާނެކަމަށް ވެސް އެ ބިލުގައި އޮވެ އެވެ.
ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޒޯނެއްގެ ގޮތުގައި ކަނޑައެޅޭ ތަންތަނުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، އެއީ މީހުން ދިރިއުޅޭ ރަށްރަށާ ވަކިން އޮންނަ ތަނަކަށް އެތަނެއް ވުން ހިމެނެ އެވެ. އަދި އެ މަޝްރޫއެއް ހިންގާ މާސްޓަ ޑިވެލޮޕަރަކީ މަދުވެގެން އެއް ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރާ ފަރާތަކަށް ވާން ޖެހެ އެވެ. ބިން ހިއްކައިގެން ތަރައްގީކުރާ ތަނެއްނަމަ، އެ ސަރަހައްދުގެ 70 ޕަސެންޓު ބިމަކީ އަލަށް ހިއްކާފައިވާ ބިމަކަށް ވާންޖެހޭނެ ކަމަށް ވެސް ބިލުގައި ވެ އެވެ.
އެ ބިލުގައިވާ ގޮތުން "ރިއަލް ޕްރޮޕަޓީ އޯނަޝިޕް" ލިބޭ ފަރާތްތަކަށް އެ މުދަލެއް ގަނެ ވިއްކުމާއި، އެހެން ފަރާތަކަށް ނަގުލުކުރުމާއި، ތަރިކައިގެ ގޮތުގައި ނުވަތަ ހަދިޔާގެ ގޮތުގައި ދިނުމުގެ ފުރިހަމަ ހައްގު ލިބިގެންވެ އެވެ. އަދި މިފަދަ މިލްކުވެރިކަމެއްގެ ދަށުން އުފެދޭ "ސާނަވީ ހައްގުތައް" ކަމަށްވާ ކުއްޔަށް ދިނުމާއި ރަހުނުކުރުން ފަދަ މުއާމަލާތްތައް ވެސް އެ ގާނޫނުގެ ދަށުން ކުރެވޭނެ އެވެ. މީގެ އިތުރުން، މިލްކުވެރިއެއްގެ ހުއްދަނެތި ދައުލަތަށް އެ މުދަލެއް ނެގޭނީ ހަމައެކަނި ކޯޓުގެ ހުކުމަކުން ނުވަތަ ގާނޫނުގައިވާ ގޮތުގެ މަތިން އިންސާފުވެރި ބަދަލެއް ދިނުމަށްފަހުގައި ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.
މި ބިލުގައި ގާނޫނުއަސާސީގެ 270 ވަނަ މާއްދާއަށް ބައެއް މާނަކުރުންތައް ވެސް ވަނީ އިތުރުކޮށްފަ އެވެ. އޭގެ ތެރޭގައި ފްރީހޯލްޑް އުސޫލުން ބިން މިލްކުވުމާއި، ދިގު މުއްދަތަށް ކުއްޔަށް ދިނުން ފަދަ ކަންކަން ހިމެނެ އެވެ.
"ރިއަލް ޕްރޮޕަރިޓީ އޯނަޝިޕް" ކަމަށް ބުނެފައި އެވަނީ، ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޒޯން ކަމަށް ކަނޑައަޅާފައިވާ ސަރަހައްދުގައިވާ ބިމާއި، އިމާރާތްތަކާއި، އިމާރާތްތަކުގެ ބައިތަކާ ގުޅޭގޮތުން ފްރީހޯލްޑް އުސޫލުން ލިބޭ މިލްކުވެރިކަމުގެ ހައްގަށް، ނުވަތަ އެއްބަސްވުމެއްގެ ދަށުން ކޮންމެ މުއްދަތަކަށް ނަމަވެސް ކުއްޔަށް ދޫކުރާ ދޫކުރުމަށެވެ.
ދިވެހިންނަށް ބޯހިޔާވަހިކަން ކަށަވަރުކުރަން އިއުލާނުކުރި މުއިއްޒުގެ އެންމެ ބޮޑު މަޝްރޫއުކަމުގައިވާ ރަސްމާލެ ހިއްކުމުގެ މަސައްކަތް މުޅިން ނުނިމެނިސް އެތަނުގެ 500 ހެކްޓަރު ބީލަމަކަށް ނުލައި، އަދި އެކްއިޒިޝަން ފީއެއް ނުނަގައި ދޫކޮށްލަން ނިންމާފައިވާއިރު، އެކަމާ ދެކޮޅަށް އިދިކޮޅު އެމްޑީޕީ އާއި ޕީއެންއެފްގެ މެންބަރުން ދަނީ އަޑުއުފުލަމުންނެވެ. އަދި އެ ކުންފުނީގެ ވެރިޔާ މުހައްމަދު އަލައްބާރަކީ އިޒްރޭލަށް ވާގިވެރިވާ މީހެއް ކަމަށް ވާތީ ދީނީ އިލްމުވެރިންގެ ތެރެއިން ގިނަ ބަޔަކު ވަނީ މި ރަސްމާލެ އީގަލް ހިލްސްއަށް ވިއްކާނުލާން ގޮވާލައިފަ އެވެ.
ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމަކީ ސަރުކާރުގެ ދީނީ ވާޖިބެއް ކަމަށް އިލްމުވެރިންގެ ގުޅުމުގެ ދިރާސާގައި ބުނެފި
"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.
ރަސްމާލެ ވިއްކާލުމާ ދެކޮޅަށް މަސައްކަތްކުރުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިސްކޮށް ހުންނަވައި، "ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ހަރަކާތެއް ވަނީ ފަށްޓަވައިފަ އެވެ.
ރަސްމާލެ ވިއްކާލުމާ ދެކޮޅު އަޑު ގަދަވާން ފެށުމުން، ބިދޭސީންނަށް ބިން މިލްކުކޮށްދޭން ނޫޅޭ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. ނަމަވެސް ރަސްމާލެ "ވިއްކާލުމަށް" އީގަލް ހިލްސްއާއެކު ޑުބާއީގައި ސޮއިކުރި އެއްބަސްވުމަށް ފަހު އެ ކުންފުނިން ނެރުނު ބަޔާނުގައި ވެސް އޮތީ "ހުސްނުވާ" 99 އަހަރަށް ޕްރޮޕަޓީ ގަނެވޭނެ ކަމަށެވެ. ފާޑުކިޔުން އަމާޒުވުމުން ފަހުން އެ އިބާރާތް އުނިކުރި އެވެ.
ސަރުކާރުން މިހާރު ބުނަމުން ދަނީ ރަސްމާލެ ދޫކުރަނީ 99 އަހަރަށް ކަމަށާއި އެތަނުން ޕްރޮޕަޓީ ގަނެވޭނީ ސަރުކާރުން ހުއްދަ ދޭ ބަޔަކަށް ކަމަށެވެ.
ރަސްމާލެ މަޝްރޫއުގައި ސޮއިކުރުމަށް ފަހު ސަރުކާރުން ވަނީ "މިހާރު" ނޫހުގެ ނޫސްވެރިން މިސްރަށް ގެންގޮސް، އަލައްބާރު އެ ގައުމުގައި ކުރިއަށް ގެންދާ މަރާސީ ޕްރޮޖެކްޓު ދައްކާލާފަ އެވެ. އަދި އިތުރު ނޫސްވެރިން ވެސް ވަރަށް އަވަހަށް ޑުބާއީ އަށް ގެންދިޔުމަށް ނިންމާފައިވާކަން އެނގިފައިވެ އެވެ.
އެ ޕްރޮޖެކްޓުގެ ރަސްމީ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އީގަލް ހިލްސްއިން ވަނީ ރަސްމާލޭގެ ވިލާތަކާއި އެޕާޓްމެންޓުތައް ގަންނަން ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވާލާފަ އެވެ. ރަސްމާލެއިން ތަންތަން ގަންނަން މިހާރު ވެސް 2000 އަށް ވުރެ ގިނަ މީހުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.












