ފީފާ ރިޒާވް ފަންޑުން ކޮންމެ ގައުމަކަށް އިތުރު ބަޖެޓެއް ދޭން އިންފަންޓީނޯ ތައްޔާރު

Sep 29, 2026, 2:06 PM
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ.

ޒިއުރިކް، ސްވިޒަލެންޑް (ސެޕްޓެމްބަރު 29) - ޔޫރަޕްގެ ފުޓްބޯޅަ އިދާރާ، ޔުއެފާ އާއި އުތުރު އެމެރިކާ އާއި ކެރީބިއަން އައިލެންޑްސްގެ ގައުމުތައް ތަމްސީލްކުރާ ފުޓްބޯޅަ ޖަމިއްޔާ، ކޮންކަކަޕް އިން ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާ އަށް ޑިމާންޑެއް ކޮށްފައިވަނިކޮށް، ފީފާ ރިޒާވް ފަންޑުން ކޮންމެ މެމްބަރު ގައުމަކަށް އިތުރު ބަޖެޓެއް ދެވޭނެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ. 

ޔުއެފާގެ ރައީސް، އަލެކްސަންޑަ ކެފެރިން އާއި ކޮންކަކަފްގެ ރައީސް، ވިކްޓަ މޮންޓަގްލިއާނީ ސޮއިކުރައްވައި، ފީފާގެ ރައީސް، އިންފަންޓީނޯ އަށް އެޑްރެސްކުރައްވައި، ފޮނުއްވި ސިޓީގައިވާ ގޮތުން، ފީފާގެ ރިޒާވް ފަންޑުގައި މި ވަގުުތު އޮތް ބަޖެޓަށް ބަލައި، ފީފާގައި އޮތް 211 މެމްބަރު ކޮންމެ ގައުމަކަށް 10 މިލިއަން ޑޮލަރު ދޭން ވަނީ ގޮވާލައިފަ އެވެ. 

އެ ސިޓީގައި ހިމަނާފައިވާ ގޮތުން، ފީފާގެ ރިޒާވް ބަޖެޓުގައި މި ވަގުތުގައި ވެސް ގައުމުތަކުގެ އިންފްރާސްޓްރަކްޗާ އާއި ޑިވެލޮޕްމަންޓަށް ސަޕޯޓް ދިނުމަށްޓަކައި، ހާއްސަކޮށްފައިވާ، 2.1 ބިލިއަން ޑޮލަރު އެބަހުއްޓެވެ. 

ކޮންމެ ގައުމަކަށް 10 މިލިއަން ޑޮލަރު ދޭން ފީފާ އަށް ޔުއެފާ އާއި ކޮންކަކަފް އިން ގޮވާލައިފި

ފީފާގެ ރިޒާވް ފަންޑުގައި ހުރި ފައިސާއަށް ބަލައި، އެ އިދާރާގެ ކޮންމެ މެންބަރު ގައުމަކަށް 10 މިލިއަން ޑޮލަރު ދިނުމަށް ޔުއެފާ އާއި ކޮންކަކަފް އިން ވަނީ ގޮވާލާފައި. މިގޮތަށް އެދިފައިވަނީ ގައުމުތަކުގެ ފުޓްބޯޅަ އިންފްރާސްޓްރަކްޗާ އާއި ތަރައްގީއަށް އެހީތެރިވުމުގެ ގޮތުން ކަމަށާއި، މިއީ ފީފާއަށް މާލީ ބުރައަކަށް ނުވާނެ ކަމަށް އެ ފެޑެރޭޝަންތަކުން ބުނޭ

ފީފާ އިން އަންނަނީ، ކޮންމެ ގައުމަކަށް 8.1 މިލިއަން ޑޮލަރުގެ ބަޖެޓް ސަޕޯޓެއް ދިނުމަށް މަޝްވަރާ ކުރަމުންނެވެ. މި ބަޖެޓް ސަޕޯޓަކީ 2027-2030 އާ ދެމެެދު އެކި ޕޭމަންޓްތަކެއްގެ ސިފައިގައި ބަހާލައިގެން، ގައުމުތަކަށް  ދޭން ނިންމާފައިވާ ބަޖެޓެއް ކަމަށްވާއިރު، އޭގެއިން ހަރަދުކުރަން ހަމަޖެހިފައިވަނީ، އިންފްރާސްޓްރަކްޗާ އާއި ކޯޗިން އެޑިއުކޭޝަން އާއި ގައުމީ ޓީމުތަކާއި ގްރާސް ރޫޓަށެވެ. 

ފީފާ އިން 2022 އިން 2026 ގެ ވޯލްޑް ކަޕުގެ އެކި ކަންކަމުގައި ކުރި މަސައްކަތުން ފައިދާގެ ގޮތުގައި ލިބޭ އާމްދަނީ، ހަ ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އިންފަންޓީނޯ މީގެ ކުރިން ހާމަކުރައްވާފައިވާކަން، ފީފާގެ ނައިބު ރައީސުންގެ ގޮތުގައި ތިއްބެވި، ކެފެރިން އާއި މޮންޓަގްލިއާނީ ވަނީ ސިޓީގައި ފާހަގަކުރައްވައިފަ އެވެ. 

އެހެން ކަމުން، މި ވަގުތު ފީފާގެ ރިޒާވް ފަންޑްގައި ހުރި ފައިސާ އަށް ބަލާއިރު، ކޮންމެ މެމްބަރު ގައުމަކަށް 10 މިލިއަން ޑޮލަރު ދިނުމަކީ ފީފާ އަށް އެއްވެސް މާލީ ބުރައެއް އަންނާނެ ކަމެއްގެ ގޮތުގައި ނުބެލެވޭ ކަމަށް ކެފެރިން އާއި މޮންޓަގްލިއާނީ ވަނީ ވިދާޅުވެފަ އެވެ. 

އެ އަށް އިޝާރާތް ކުރައްވައި، އިންފަންޓީނޯ ވިދާޅުވީ، ދޭނެ ސީދާ މިންވަރެއް ކުރިން ހާމަކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. 

"މިއީ، އަހަރެންގެ އަމިއްލަ ނިންމުމެއް ނޫނީ ފީފާ ލީޑަޝިޕުން އަމިއްލަ އަށް ނިންމަން ޖެހޭ ކަމެއް ނޫން. ފުރަތަމަ ހުށަހެޅޭ އަގަކާ މެދު މަޝްވަރާކުރަންވީ. އެކަމަކު، އެއީ އެކަން ނިންމަން ޖެހޭ ގޮތް ކަމަށް ނުވާނެ. ފުޅާދާއިރާއެއްގައި ބަލަންޖެހޭ،" ފީފާގެ މެމްބަރު ގައުމުތަކަށް އިންފަންޓީނޯ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ. 

ކޮންކަކަފް އާއި ޔުއެފާ އިން އިންފަންޓީނޯގެ ލީޑަޝިޕަށް އެކި ގޮތްގޮތުން އަންނަނީ ޕްރެޝަރު ބޮޑު ކުރަމުންނެވެ. 

ފީފާ ފޯވާޑް އެންޓަޕްރައިސް (އެފްއެފްއީ)ގެ ނަމުގައި، ޕްރައިވެޓް އިންވެސްޓަރުންނަށް ފީފާ ވޯލްޑް ކަޕް ހިމެނޭހެން، ފީފާ މުބާރާތްތަކުގެ، 21 ޕަސެންޓް ހިއްސާ، 20 ބިލިއަން ޑޮލަރަށް އަގު އަރާ ޑީލެއްގައި ވިއްކާލަން ކުރި މަސައްކަތާ  ހެދި ދުނިޔޭގެ ފުޓްބޯޅައިގެ ޕޮލިޓިކްްސްގެ ތެރޭގައި ފީފާގެ ރައީސް، އިންފަންޓީނޯ އަށް ދުވަހުން ދުވަހަށް އެކި ކަހަލަ ގޮންޖެހުންތައް އަންނަނީ ކުރިމަތިވަމުންނެވެ. 

ހަތަރު ވަނަ ދައުރަކަށް ފީފާގެ ރައީސަކަށް ހުންނެވުމަށް އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާނުކުރައްވާފައިވާ އިންފަންޓީނޯ އިސްވެ ހުންނަވައި ފަށަން އުޅުނު އެފްއެފްއީ ޑީލަކީ، އެތައް ބިލިއަން ޑޮލަރުގެ ފައިދާއެއް އެކުލެވޭ އިންވެސްޓްމަންޓެއް ކަމަށް ވިދާޅުވެ، އިސްތިހާރުތަކެއް ކުރެއްވި ނަމަވެސް ފަހުން، ގައުމުުތަކުގެ ޕްރެޝަރާ ހެދި އެ ޑީލް އަނބުރާ ގެންގޮސް ފީފާ ލީޑަޝިޕުން މާފަށް އެދުނެވެ. 

ފީފާ އަށް ދާދި ފަހުން، އިނގިރޭސި އެފްއޭގެ ޗެއާމަން، ޑެބީ ހެވިޓް ފޮނުއްވި ސިޓީގައި ވަނީ، އަންނަ މަހު 15 ގައި އޮންނަ ފީފާ ކައުންސިލް ބައްދަލުވުމުގެ ކުރިން، އެފްއެފްއީ އާއި އެ ނޫން ވެސް ފީފާގެ މުހިންމު ލިޔެކިޔުންތައް އާންމުކުރަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެެވެ. އެ ސިޓީގައި ހެވިޓް ވަނީ، ފީފާގައި މިހާރު އޮތް ކަންކަން ސިއްރު ކުރުމުގެ ސަގާފަތް ނައްތާލައި، މެމްބަރުންނަށް ދެފުށްފެންނަ ގޮތަށް އެ ފެޑެރޭޝަން ހިންގަން ޖެހޭ ކަމަށް ވެސް ވިދާޅުވެފަ އެވެ. 

ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ، ޔުއެފާ އިން ވެސް އަންނަނީ އެފްއެފްއީ ޑީލުގެ މައްސަލައިގައި އިންފަންޓީނޯއާ ދެކޮޅަށް އެމެރިކާގެ ތިން ކޯޓެއްގައި މައްސަލަ ކުރިއަށްގެންދަމުންނެވެ. އެ އަށް ރައްދުދީ ފީފާ އިން ބުނެފައިވަނީ، ޔުއެފާ އިން އިސްވެ މަސައްކަތް ފަށާފައިވަނީ، އިންފަންޓީނޯ އާއި ފީފާގެ ލީޑަޝިޕްގެ އަގުވައްޓާލުމަށް ކަމަށެވެ.

އިންފަންޓީނޯ ވަނީ، ޔުއެފާ އިން ފީފާ ލީޑަޝިޕްގެ އަގު ވައްޓާލުމަށް ނުރަނގަޅު މައުލޫމާތު މީޑިއާތަކަށް ފޯރުކޮށްދިނުމުގެ ކެމްޕެއިނެއް ކުރިއަށްގެންދާ ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި، އެއީ، ފީފާގެ ރައީސްގެ ގޮތުގައި އިންފަންޓީނޯ ކުރިއަށްދިޔަ ނުދޭން ހިންގާ ކަމެއްގެ ގޮތުގައި ވެސް ވަނީ ސިފަކުރައްވައިފަ އެވެ. 

އަންނަ އަހަރުގެ މާޗް މަހު ފީފާގެ އާ އިންތިހާބު އޮތްއިރު، ރަސްމީކޮށް ކެންޑިޑެސީ އިއުލާނުކުރެއްވީ، 2016 ވަނަ އަހަރުން ފެށިގެން ފީފާގެ ރައީސްގެ މަގާމު ފުރުއްވަމުން އަންނަ އިންފަންޓީނޯ އެކަންޏެވެ. ނޮވެމްބަަރު މަހު، 18 ވަނަ ދުވަހު އިންްތިހާބަށް ކުރިމަަތިލުމުގެ މުއްދަތް ހަމަވާނެ އެވެ. 

ފީފާގެ ރައީސްގެ މަގާމު ލިބޭނީ، ފީފާ މެމްބަރު، 211 ގައުމުގެ ތެރެއިން، މަދުވެގެން 106 ގައުމުގެ ތާއީދު ހޯދައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox