ނާސާގެ އާޓެމިސް 2 މިޝަންގެ އެސްޓްރޮނޯޓުން، ހަނދު ވަށައިގެން ބުރުޖަހައި ތާރީހީ ދަތުރެއް ނިންމުމަށްފަހު ރައްކާތެރިކަމާއެކު ބިމަށް އެނބުރި އަތުވެއްޖެއެވެ.
މިޝަންގެ ހަތަރު އެސްޓްރޮނޯޓުން ދަތުރުކުރި އޮރިއޯން ކެޕްސޫލް ޕެސިފިކް ކަނޑަށް ޖައްސާފައިވަނީ ހުކުރު ދުވަހުގެ ހަވީރު 5:07 (ޖީ.އެމް.ޓީ އިން 00:07) ގައެވެ. ކެލިފޯނިއާގެ އައްސޭރިފަށުގައި ތިބި ރެސްކިއު ޓީމުތަކުން ގޮސް އެސްޓްރޮނޯޓުން އެއްގަމަށް ގެނައެވެ.
ފްލޮރިޑާގެ ކެނެޑީ ސްޕޭސް ސެންޓަރުން މިދިޔަ ހަފުތާގައި ފެށި މި 10 ދުވަހުގެ ދަތުރުގައި ބައިވެރިވީ މިޝަން ކޮމާންޑަރު ރީޑް ވައިޒްމަން، ވިކްޓަރ ގްލޯވާ، ކްރިސްޓީނާ ކޮކް އަދި ކެނެޑާގެ އެސްޓްރޮނޯޓް ޖެރެމީ ހެންސަންއެވެ.

މި ދަތުރުގައި އެސްޓްރޮނޯޓުން ވަނީ މީގެ ކުރިން އިންސާނަކު ދަތުރުނުކުރާހާ ދުރަށް ގޮސް، ހަނދުގެ އަނދިރި ފަރާތް ވަށައިލާފައެވެ.
މި މިޝަންއަކީ ގިނަ ގޮތްގޮތުން ތާރީހީ މިޝަންއެކެވެ. ވިކްޓަ ގްލޯވާ ވެފައިވަނީ ހަނދަށް ދަތުރުކުރި ފުރަތަމަ ކަޅު ނަސްލުގެ މީހާ އަށެވެ. ކްރިސްޓީނާ ކޮކް އަކީ ހަނދަށް ދަތުރުކުރި ފުރަތަމަ އަންހެން އެސްޓްރޮނޯޓެވެ. އަދި ޖެރެމީ ހެންސަން އަކީ ހަނދަށް ދަތުރުކުރި ފުރަތަމަ އެމެރިކާ ނޫން، އެހެން ގައުމެއްގެ ފުރަތަމަ މީހާ އެވެ.
ދަތުރު ނިންމާލުމަށްފަހު އެނބުރި ދުނިޔޭގެ ޖައްވަށް ވަނުމުގެ ތެރޭގައި، އުޅަނދުގެ ވަށައިގެން އުފެދުނު ގަދަ ހޫނުގެ ސަބަބުން ކުޑަ ވަގުތުކޮޅަކަށް މުއާސަލާތީ ގުޅުން މެދުކެނޑުނު ނަމަވެސް، ހުރިހާ ސިސްޓަމްތަކެއް ވަނީ ފުރިހަމައަށް މަސައްކަތް ކޮށްފައެވެ. އިންޖިނޭރުން ދެން މަސައްކަތް ކުރާނީ އުޅަނދުގެ ހީޓް ޝީލްޑާއި، ނެވިގޭޝަން އަދި ލައިފް-ސަޕޯޓް ސިސްޓަމްތަކުން ލިބުނު މައުލޫމާތުތައް ދިރާސާކުރުމަށެވެ.
މިޝަންގެ ކޮމާންޑަރު ވައިޒްމަން ވިދާޅުވީ، މި ދަތުރުގެ އުންމީދަކީ ދުނިޔެއަކީ ކިހާ ރީތި އަދި ކިހާ ހާއްސަ ތަނެއްކަން މުޅި ދުނިޔެއަށް ހަނދާންކޮށްދިނުން ކަމަށެވެ.
"އަހަރެމެންނަށް ލިބިފައިވާ މި ނިއުމަތުގެ އަގު އަހަރެމެން އެންމެން ވަޒަންކުރަންޖެހޭ،" އޭނާ ވިދާޅުވިއެވެ.
މިއީ 1972 ވަނަ އަހަރުގެ އެޕޯލޯ 17 މިޝަންއަށްފަހު ހަނދަށް ކުރި ފުރަތަމަ ދަތުރެވެ. މި މިޝަންގެ ކާމިޔާބީއާއެކު، ނާސާގެ އަމާޒަކީ އާޓެމިސް 4 މިޝަންގައި އަލުން އިންސާނުން ހަނދުގެ ސަތަހައަށް ބޭލުމެވެ.

