ރިވައިވަަލަށް ވީއައިޕީ މަރުހަބާ ނުކީ ކްލަބެއްގެ ކާމިޔާބީއަށް ވާތީ: މިނިސްޓްރީ

ރިވައިވަަލަށް ވީއައިޕީ މަރުހަބާ ނުކީ ކްލަބެއްގެ ކާމިޔާބީއަށް ވާތީ: މިނިސްޓްރީ

ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ރުހުންދީފައިވާ މުބާރާތަކުން ރިވައިވަލް ސްޕޯޓްސްގެ ކުޅުންތެރިން، ރަން ކާމިޔާބީ ހޯދައިގެން އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީއިން މަރުޙަބާ ކިޔާފައިނުވަނީ، އެ މުބާރާތުގައި ބައިވެރިވެފައިވަނީ ކުލަބުން ކަމަށް ވާތީ ކަމަށް ސްޕޯޓްސް މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން މި ގޮތަށް ބުނެފައިވަނީ، ޒެމްބިއާ މުބާރާތާއި ބޮޓްސްވާނާ މުބާރާތުން ޖުމްލަ އެކު، ރިވައިވަލް އިން ރާއްޖެ އަށް އަށް މެޑަލް ހޯދައިފައި، މީގެ އެއް ދުވަސް ކުރިން، އެނބުރި ގައުމަށް އައިއިރު، ރަސްމީ އެއްވެސް ސިފައެއްގައި މަރުހަބާ ކިޔައިފައިނުވާތީ، އެ ހަަބަރު ގެނެސްދިނުމާ ގުޅިގެންނެވެ.

ހަބަރު ގެނެސްދިނުމުގެ ކުރިން މިނިސްޓްރީން ޖަވާބެއް ދީފައިނުވާއިރު، ހަބަރު ގެނެސްދިން ފަހުން، މިއަދު މިނިސްޓްރީން ފޮނުވި ޖަވާބުގައި ބުނެފައިވަނީ، "އާންމު އުސޫލުން ވިއައިޕީ މަރުހަބާ ކިޔަނީ ގައުމީ ޓީމުތަކަށް" ކަމަށެވެ.

"ގައުމީ ޓީމްގެ ކުޅުންތެރިން ކުޅުނު ކަމުގައިވިޔަސް މުބާރާތުގައި ވާދަކުރީ އެސޯސިއޭޝަންގެ ފަރާތުން ދިޔަ ޤައުމީ ޓީމެއް ނޫން. އާންމު އުސޫލުން ބަލާއިރު، ވީއައިޕީއިން މަރުޙަބާ ކިޔުން އޮންނަނީ ޤައުމީ ޓީމްތަކުން ހޯދާ ކާމިޔާބީތައް ފާހަގަކުރުމަށް،" މިނިސްޓްރީގެ ވަޓްސްއެޕް ގްރޫޕްގައި ފޮނުވި ޖަވާބުގައިވެ އެވެ.

"އެކަމަކު ރިވައިވަލް ސްޕޯޓްސްގެ ކުޅުންތެރިން ޤައުމަށާއި، ދިވެހި ކުޅިވަރަށް، ވަކިން ޚާއްސަކޮށް ބެޑްމިންޓަންއަށް ހޯދަދިނީ ފަޚުރުވެރި ނަމަކާއި ޝަރަފެއް. އެކަން ދިވެހި ސަރުކާރުން ވެސް، ކުޅިވަރު ވުޒާރާއިން ވެސް ފާހަގަކުރަން،"

ޒެމްބިއާ މުބާރާތާއި ބޮޓްސްވާނާ މުބާރާތުން ޖުމްލަ އެކު، ރިވައިވަލް އިން ވަނީ ރާއްޖެ އަށް އަށް މެޑަލް ހޯދައިފަ އެވެ. ޒެމްބިއާ މުބާރާތުން އަންހެން ޑަބަލްސް އިން ފާތިމަތު ނަބާހާ (ނަބާ) އާއި އައިމިނަތު ނަބީހާ (ނަބީ)ގެ ޕެއާ އިން ރަން މެޑަލް ހޯދިއިރު، މިކްސް ޑަބަލްސް އިން ޒަޔާން ޒަކީ އާއި ނަބާގެ ޕެއާ އިން ލޯ މެޑަލް އަދި އަންހެން ސިންގަލްސް އިން ނަބާ ވަނީ ލޯ މެޑަލް ހޯދައިފަ އެވެ.

ބޮޓްސްވާނާ މުބާރާތުގެ އަންހެން ސިންގަލްސް އިން ނަބާގެ ރަން މެޑަލާއި ނަބީގެ ރިހި މެޑަލްގެ އިތުރުން، މިކްސް ޑަބަލްސް އިން ޒަޔާން އާއި ނަބާގެ ރިހި މެޑަލާއި ފިރިހެން ޑަބަލްސް އިން ޒަޔާން ޒަކީ އާއި ނިބާލް އަހުމަދުގެ ޕެއާގެ ލޯ މެޑަލްގެ އިތުރުުން އަންހެން ޑަބަލްސްގައި ފާތިމަތު ނަބާހާ (ނަބާ) އާއި އައިމިނަތު ނަބީހާ (ނަބީ)ގެ ޕެއާ އިން ހޯދި ލޯ މެޑަލް އެވެ.

މީގެ ތެރެއިން، ބޮޓްސްވާނާ މުބާރާތުގައި ހޯދި ސިންގަލްސް ރަން މެޑަލާއި ސިންގަލްސް ރިހި މެޑަލަކީ، ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން، ބީޑަބްލިއުއެފް ރުހުން ދީފައިވާ މި ލެވަލްގެ މުބާރާތަކުން ރާއްޖެ އަށް ލިބުނު ސިންގަލްސް އިވެންޓްގެ ފުރަތަމަ މެޑަލްތަކެވެ.

މިނިސްޓްރީން މިއަދު ބުނީ، ރިވައިވަލް އިން އެ ކާމިޔާބު ހޯދިއިރު، ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ހުންނެވި ރާއްޖޭން ބޭރުގައި ކަމަށެވެ. އަދި މިނިސްޓަރު އެނބުރި ރާއްޖެ ވަޑައިގަތުމާ އެކު، ރިވައިވަލްގެ ކުޅުންތެރިންނާ ބައްދަލުކުރަން ހަަމަޖެހިފައިވާ ކަމަށާއި އެ ބައްދަލުވުމުގައި، ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެެވެ.

ރިވައިވަލް ސްޕޯޓްސް އިން ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިން ހިމެނޭ ގޮތަށް، ގައުމު ތަމްސީލްކޮށް، ދުނިޔޭގެ ޖަމިއްޔާ އަކުން ބަލައިގެންފައިވާ ދެ މުބާރާތަކުން ހޯދައިިދިން ރަން ކާމިޔާބަށް، ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު އާއި ނައިބު ރައީސް، ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ވަނީ ސޯޝަލް މީޑިއާގައި، މުހިންމު އަދި ބޮޑު ކަމެއްގެ ގޮތުގައި ފާހަގަކުރައްވައި، މަރުހަބާ ދަންނަވައިފަ އެވެ.

މި ސަރުކާރުން ވަނީ އިންޓަނޭޝަނަލް ލެވަލްގައި ކުޅިވަރުން ހޯދަމުން އަންނަ ކާމިޔާބީތައް ފާހަގަކުރަން ވީއައިޕީން މަރުހަބާ ކިޔުމުގެ ކަންކަން ވަރަށް ފުރިހަމަ އަށް ކޮށްފަ އެވެ. އެ ގޮތުން، މީގެ ކުރިން ވަނީ، ކްރިކެޓް ވެޓެރަންސް ޓީމާއި ފުޓްބޯޅަ ވެޓެރަންސް ޓީމުތަކަށް ވެސް ވީއައިޕީ މަރުހަބާ ކިޔައިފަ އެވެ.

ވެޓަރަންސް ޓީމުތަކަށް މަރުހަބާ ކިއުމާ ގުޅޭގޮތުން ސުވާލުކުރުމުން، މިނިސްޓްރީން ބުނީ، ގައުމީ ޓީމުތަކުގެ ކުރީގެ ކުޅުންތެރިންނާއި، ވެޓްރަންސް ކުޅުންތެރިންގެ އަގު ވަޒަންކުރުމަކީ ކުޅިވަރު ވުޒާރާއިން ވެސް އަދި ސަރުކާރުން ވެސް މުހިންމު އިސްކަމެއްދޭ ކަމެއް ކަމަށެވެ.

"މިކަން ހާމަވާ އެއް ކަމަކީ ހަފްތާ 14 ގައި ހިމަނައިގެން ވެޓްރަންސް އެމްބެސެޑާސް ދަފްތަރެއް އެކުލަވާލުން. އަދި މީގެ އިތުރުން ކުޅިވަރު އެސޯސިއޭޝަންތަކުން ހިންގާ ހަރަކާތްތަކުގައި ވެޓްރަންސް ކުޅުންތެރިން ނުވަތަ ކުރީގެ ލެޖެންޑުންނަށް އިސްކަމެއްދީގެން ފުރުސަތު ދިނުމަށް ކުޅިވަރު ވުޒާރާއިން ވާނީ އިލްތިމާސްކޮށްފައި. ކުރީގެ ކްރިކެޓް ކުޅުންތެރިންގެ ވެޓްރަންސް ޓީމް ހޯދި ކާމިޔާބީ އެގޮތަށް ފާހަގަކޮށްފައިވަނީ މި ދެންނެވުނު ކަންކަމަށް ރިޢާޔަތްކޮށް،" މިނިސްޓްރީން ބުނެފައިވެ އެވެ.

ރިވައިވަލް ސްޕޯޓްސް އިން ކުޅުންތެރިންގެ ޒިންމާ ނަގައިގެން، ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރަނީ، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ އެހީގައި އެންޓްރީ ހަދައި، ރާއްޖޭގެ ކުޅުންތެރިންގެ ގޮތުގަ އެވެ. ތަމްސީލްކުރަނީ، 100 ޕަސެންޓް ގައުމުގެ ނަމެވެ. އެހެންކަމުން، މިއީ، ކްލަބެއް ތަމްސީލްކުރުމެއް ނޫނެވެ. އަނެއްކޮޅުން، ރިވައިވަލް ސްޕޯޓްސް ކްލަބާ އެކު މި މުބާރާތްތަކުގައި ކާމިޔާބު ހޯދި ދެ ކުޅުންތެރިން ކަމަށްވާ، އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ) އަކީ ގައުމީ ޓީމުގެ ކުޅުންތެރިންނެވެ. އެ ކުޅުންތެރިން ރިވައިވަލްއާ އެކު، މި މުބާރާތުގައި ވާދަކުރީ ގައުމީ ޓީމުގެ ހަރަކާތެއް މި ދަނޑިވަޅުގައި ކުރިއަށްނުދާތީ، އެސޯސިއޭޝަންގެ ހުއްދައާ އެކު އެވެ.

ބޮޓްސްވާނާ އާއި ޒެމްބިއާ މުބާރާތުގައި ވާދަކުރި ހަތަރު ކުޅުންތެރިން ކަމަށްވާ، ޒަޔާން، ނިބާލް، ނަބާ އަދި ނަބީ އަކީ، ސަރުކާރުން ކުރިއަށްގެންދާ "އަރުތަ" ސްކޮލަޝިޕް ވެސް ލިބިފައިވާ އެތުލީޓުންނެވެ. މި އެތުލީޓުންގެ ކެރިއަަރު ބިނާކުރަން ނޫނީ ކާމިޔާބީ ހޯދުމުގެ މަގުގައި ކުރިއަށްދާން ދައުލަތުން ހަރަދުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox