ގައުމަށް ރިވައިވަލް އިން ހޯދައިދިން ރަން ކާމިޔާބަށް "ރަސްމީ މަރުހަބާއެއް" ނެތް!

ގައުމަށް ރިވައިވަލް އިން ހޯދައިދިން ރަން ކާމިޔާބަށް "ރަސްމީ މަރުހަބާއެއް" ނެތް!

ރިވައިވަލް ސްޕޯޓްސް ކްލަބުން ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިން ހިމެނޭ ގޮތަށް، ގައުމު ތަމްސީލްކޮށް، ދުނިޔޭގެ ޖަމިއްޔާ އަކުން ބަލައިގެންފައިވާ ދެ މުބާރާތަކުން ހޯދައިިދިން ރަން ކާމިޔާބަށް، ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު އާއި ނައިބު ރައީސް، ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ވަނީ ސޯޝަލް މީޑިއާގައި، މުހިންމު އަދި ބޮޑު ކަމެއްގެ ގޮތުގައި ފާހަގަކުރައްވައި، މަރުހަބާ ދަންނަވައިފަ އެވެ.

ޒެމްބިއާ މުބާރާތާއި ބޮޓްސްވާނާ މުބާރާތުން ޖުމްލަ އެކު، ރިވައިވަލް އިން ވަނީ ރާއްޖެ އަށް އަށް މެޑަލް ހޯދައިފަ އެވެ. ޒެމްބިއާ މުބާރާތުން އަންހެން ޑަބަލްސް އިން ފާތިމަތު ނަބާހާ (ނަބާ) އާއި އައިމިނަތު ނަބީހާ (ނަބީ)ގެ ޕެއާ އިން ރަން މެޑަލް ހޯދިއިރު، މިކްސް ޑަބަލްސް އިން ޒަޔާން ޒަކީ އާއި ނަބާގެ ޕެއާ އިން ލޯ މެޑަލް އަދި އަންހެން ސިންގަލްސް އިން ނަބާ ވަނީ ލޯ މެޑަލް ހޯދައިފަ އެވެ.

ބޮޓްސްވާނާ މުބާރާތުގެ އަންހެން ސިންގަލްސް އިން ނަބާގެ ރަން މެޑަލާއި ނަބީގެ ރިހި މެޑަލްގެ އިތުރުން، މިކްސް ޑަބަލްސް އިން ޒަޔާން އާއި ނަބާގެ ރިހި މެޑަލާއި ފިރިހެން ޑަބަލްސް އިން ޒަޔާން ޒަކީ އާއި ނިބާލް އަހުމަދުގެ ޕެއާގެ ލޯ މެޑަލްގެ އިތުރުުން އަންހެން ޑަބަލްސްގައި ފާތިމަތު ނަބާހާ (ނަބާ) އާއި އައިމިނަތު ނަބީހާ (ނަބީ)ގެ ޕެއާ އިން ހޯދި ލޯ މެޑަލް އެވެ.

މީގެ ތެރެއިން، ބޮޓްސްވާނާ މުބާރާތުގައި ހޯދި ސިންގަލްސް ރަން މެޑަލާއި ސިންގަލްސް ރިހި މެޑަލަކީ، ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން، ބީޑަބްލިއުއެފް ރުހުން ދީފައިވާ މި ލެވަލްގެ މުބާރާތަކުން ރާއްޖެ އަށް ލިބުނު ސިންގަލްސް އިވެންޓްގެ ފުރަތަމަ މެޑަލްތަކެވެ.

ގައުމަށް ހޯދައިދިން ތާރީހީ ކާމިޔާބީ، ދައުލަތުގެ އެންމެ އިސް ވެރިން (ރައީސް އާއި ނައިބު ރައީސް) އަމިއްލަފުޅު ސޯޝަލް މީޑިއާގައި އެ ގޮތަށް ފާހަަގަކުރުމަކީ، މި ކާމިޔާބީ ލިބުނު ގައުމީ ތަރިންނަށް ލިބުނު ބޮޑު ފަހުރެކެވެ. ކުޅުންތެރިން އަމިއްލަ ސޯޝަލް މީޑިއާގައި، އަދި ރައީސް އާއި ނައިބު ރައީސްގެ އެ ޕޯސްޓަށް ކޮމެންޓްކޮށް، ޝުކުރު ވެސް އަދާކޮށްފައިވެ އެވެ.

އެކަމަކު، އެތައް ހާސް މޭލެއް ދުރުގައި އޮތް ދެ ގައުމެއްގައި، ކުރިއަށްދިޔަ ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން، ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ ދެ މުބާރާތުން ރާއްޖެ އަށް ހޯދައިދިން އަށް މެޑަލާ އެކު، ރިވައިވަލް ކުޅުންތެރިން، މީގެ އެއް ދުވަސް ކުރިން، އެނބުރި ގައުމަށް، އުފަން ފަސްގަނޑަށް އައުމުން، ލިބުނީ "ފިނި ތަރުހީބެ" ކެވެ. ހާސިލްކުރި ބޮޑު ކާމިޔާބާ ގާތަށް ވެސް ގައުމުން އަގުވަޒަންކުރިކަމުގެ އަމަލެއް ނުފެނެ އެވެ.

ކުޅުންތެރިންނަށް މަރުހަބާ ކިޔުމަށް ދިޔައީ، ރިވައިވަލްގެ މެނޭޖްމަންޓާއި ކުޅުންތެރިންގެ އާއިލާ އިންނެވެ.

މި ސަރުކާރު އައި ފަހުން، ގައުމީ ޓީމުތަކުންނާއި ރާއްޖެ ތަމްސީލް ކުރާ ކުޅުންތެރިންނާއި ފަރާތްތަކުގެ ކާމިޔާބީ ފާހަގަކޮށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ވީއައިޕީން މަރުހަބާ ކިޔުމުގެ ކަންކަން، ސްޕޯޓްސް މިނިސްޓްރީން އައީ ކުރިއަށް ގެންދަމުންނެވެ. ނުހަނު ފޯރީގަ އެވެ. ގައުމީ ޓީމުތަކުގެ އިތުރުން ވެޓަރަންސް ޓީމުތަކަށް ވެސް ހަމަ "ވީއައިޕީ" މަރުހަބާ ކިޔާފައިވެ އެވެ. މީޑިއާތަކަށް ވެސް މަންޒަރުތައް ކަވަރުކުރަން ވަރަށް ފަހި ފުރުސަތެއް އޮންނަ ގޮތަށެވެ.

އެކަމަކު، ގައުމު ތަމްސީލްކޮށް، ޝަރަފްވެރި އަދި ތާރީހީ މެޑަލްތައް ހިފައިގެން އައި، ބެޑްމިންޓަން އެތުލީޓުންނަށް "ރަސްމީ މަރުހަބާ" އެއް ކިޔުމަށް ސަލާމްކޮށްލަން އަންނާނެ އިސް ފަރާތެއް ވެސް އެ ދުވަަހު ނުވި އެވެ.

ރިވައިވަލް ސްޕޯޓްސް އިން ކުޅުންތެރިންގެ ޒިންމާ ނަގައިގެން، ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރަނީ، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ އެހީގައި އެންޓްރީ ހަދައި، ރާއްޖޭގެ ކުޅުންތެރިންގެ ގޮތުގަ އެވެ. ތަމްސީލްކުރަނީ، 100 ޕަސެންޓް ގައުމުގެ ނަމެވެ. އެހެންކަމުން، މިއީ، ކްލަބެއް ތަމްސީލްކުރުމެކޭ ބުނެ، ފަރުޖައްސާލެވޭނެ ކަމެއްގެ ގޮތުގައި ދެކެވޭކަށް ނެތެވެ.

އަމުދުން، ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ކޮންޓްރޯލް މި ވަގުތު ނަގައިގެން ތިބި، ހިންގާ ކޮމީޓީ އަކީ ސަރުކާރުގެ އެންގުންތަކަށް ބޯނުލަނބާ ފަރާތްތަކެއްގެ ގޮތުގައި ސާފުކޮށް ފެންނަން އޮތްއިރު، އެ އެސޯސިއޭޝަނުން ޖަވާބެއް ލިބެންދެން، ކުޅުންތެރިންނާ ގުޅޭ މި ފަދަ މުހިންމު ހާއްސަ ކަމެއް ނުކޮށް، ސްޕޯޓްސް މިނިސްޓްރީން ހުންނަން ޖެހޭ ސަބަބެއް ނެތެވެ.

ކުޅުންތެރިންގެ އާއިލާ އާއި އެ ތަނަށް ދިޔަ ގާތް މީހުންގެ އުދާސްތައް ބަންޑުންކޮށްލީ، މިއީ ރަސްމީ އިދާރާތަކުން ކުޅިވަރުގެ ތަފާތުކުރުން ގެންގުޅެނީތޯ އެވެ. ނޫނީ ބައެއްގެ އިހުމާލަކުންވެފައި އޮތް ކަމެއްތޯ އެވެ.

ބެޑްމިންޓަން ކުޅުންތެރިންނަށް މަރުހަަބާ ކިޔުމުގައި ސްޕޯޓްސް މިނިސްޓްރީގެ އެއްވެސް ހަރަކާތެއް ނެތުމާ ގުޅިގެން، ސްޕޯޓްސް މިނިސްޓްރީގެ ޖަވާބަކަށް މިނިސްޓްރީގެ ވަޓްސްއެޕް ގްރޫޕްގައި، "އަދަދު" އިން ހިމެނޭ ގޮތަށް ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުން އޭގެއިން އެއްވެސް މެސެޖަކަށް މިނިސްޓްރީގެ ޖަވާބެއް ނެތެވެ. ފަހަރުގައި މި ހަބަރާ ގުޅިގެން ޖަވާބެއް ލިބުމަކީ ވެސް މި ކާމިޔާބީ ހޯދި އެތުލީޓުންނަށް ލިބޭނެ ހިތްހަަމަޖެހުމަކަށްވާނެ އެވެ.

ބޮޓްސްވާނާ އާއި ޒެމްބިއާ މުބާރާތުގައި ވާދަކުރި ހަތަރު ކުޅުންތެރިން ކަމަށްވާ، ޒަޔާން، ނިބާލް، ނަބާ އަދި ނަބީ އަކީ، ސަރުކާރުން ކުރިއަށްގެންދާ "އަރުތަ" ސްކޮލަޝިޕް ވެސް ލިބިފައިވާ އެތުލީޓުންނެވެ. މި އެތުލީޓުންގެ ކެރިއަަރު ބިނާކުރަން ނޫނީ ކާމިޔާބީ ހޯދުމުގެ މަގުގައި ކުރިއަށްދާން ދައުލަތުން ހަރަދުކުރެ އެވެ. އެކަމަކު، ކާމިޔާބީ ހޯދައިގެން އައުމުން، "ތަފާތުކުރުން ގެންގުޅޭ" ކަމަށް ބެލެވޭ އުސޫލުން ކަންކަން ހަމަޖެހިފައި ހުރުމަކީ މީގެ ސަބަބުން ކުޅުންތެރިންނަށް ވެސް އޭގެ އަސަރުކުރާނެ ކަމެކެވެ.

ޔަގީނުން ވެސް، މެޑަލްތައް ހިފައިގެން އައި އެތުލީޓުންނަށް ފެނުނީ ކުޅިވަރުގައި ރާއްޖެ އަށް ޝަރަފްވެރި ކާމިޔާބީ ހޯދައިގެން އަންނަ އެތުލީޓުންގެ އަގުވަޒަންކުރަންޖެހޭ މިންވަރާ މުޅިންހެން ނުބައްދަލު ދެރަ މަންޒަރެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox